މ. ވޭވަށުގެ ފަރަށް ސަފާރީއެއް އަރައިފައި.-- ފޮޓޯ: ރަންނަމާރި | ޓުވިޓާ
26 ޖުލައި 2024 - 19:57
ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ސަފާރީއެއް މ. ވޭވަށު ފަރަށް ރޭ ދަންވަރު އަރައިފި އެވެ.
"މައިނާ އެކެއް" ކިޔާ އެ ސަފާރީގައި 18 ޓޫރިސްޓަކާއި 9 ފަޅުވެރިން ތިއްބެވެ. އެ އެންމެން ވެސް ވަނީ ސަލާމަތްކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ވޭވަށު ކައުންސިލްގެ ރައީސް މަހްމޫދު ވަހީދު މިރޭ "މިހާރު" އަށް ވިދާޅުވީ އެ ރަށުގެ ހުޅަނގު ފަރާތު ފަރުމައްޗަށް އެ ސަފާރީ އެރިކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން، ރޭ ދަންވަރު 12 ޖެހި ފަހުން ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު ސަފާރީ ކައިރިއަށް ގޮސް އޭގައި ތިބި މީހުން ސަލާމަތްކޮށްގެން އެއްގަމަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.
"އެ ގަޑީގައި ކަނޑު ވެސް ވަރަށް ގަދަ. އަޅުގަނޑުމެން ދިޔައިރު އެންމެން ތިބީ މޫދުގައި. ރަށުން ދިޔަ ދެ ޑިންގީ އާއި ލޯންޗާއި ސަފާރީގެ ޑިންގީގައި މީހުން އެއްގަމަށް ގެނައީ،" އޭނާ ވިދާޅުވި އެވެ.
"ސަފާރީ އޮތީ ވަރަށް ބޮޑަށް އަރިވެފައި. ބޮޑުބައި އަޑީގައި."
އޭނާ ވިދާޅުވި ގޮތުގައި، އެ ރަށުގެ ފަޅުތެރޭގައި އަޅާފައި އޮތް އެ ސަފާރީ ފަރަށް އެރި ކަމަށް ބެލެވެނީ ރޭ އައި ބާރު ވިލާގަނޑެއްގައި ސަފާރީގެ ނަގިލި ކަހާލައިގެންނެވެ.
އަދިވެސް އެ ސަފާރީ ފުން ނުކުރެވެ އެވެ. އެމްއެންޑީއެފްގެ ކޯސްޓް ގާޑު ވެސް މިހާރު އެ ސަރަހައްދުގައި އެބައޮތެވެ.
މަހްމޫދު ވިދާޅުވީ ސަފާރީން ދަތުރުކުރި ޓޫރިސްޓުން މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، އެ ސަފާރީގެ ފަޅުވެރިން އަދިވެސް އެ ރަށުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއަލިޓީއަކީ
28 July 2024
މަޖިލިސްގެ އިއްޒަތްތެެރި މެމްބަރުކަން ކޮއްލާއިރަށް އެބަދަލެވުނީ ސަފާރީއެއް. އެކަމަކު މުސާރަ ކުޑަކަމުން ތިންއިރު ކާލާވަރުވެސް ނުވޭ. މީއަރަތެއްނު
ލުބްލާ2024
28 July 2024
ފަރަށް ލިބުނު ގެއްލުން އީޕީއޭއިން އެސެސްކޮށް ތި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރަންޖެހޭނެ (ސަރުކާރު މެންބަރަކަށް ވިޔަސް)
ސޯބެ
27 July 2024
ކައްޕީން ފަރުވާ ކުޑަކަމުން ލިބޭ ގެއްލުން، ދެރަކަމެއް