05 އޯގަސްޓް 2024 - 12:59
އުތުރު ކެރޮލީނާ، އެމެރިކާ (އޯގަސްޓް 5) – ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ފޯނު ނުނަގައިގެން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ރުޅި އަތުވެއްޖެ އެވެ.
އެމެރިކާގައި ޕްރީ ސީޒަންގެ ކޭމްޕް ކުރިއަށްގެންދާ ރެއާލްގެ ދަތުރުގައި ބެލިންހަމް ބައިވެރި ނުވެ އެވެ. އެއީ ޔޫރޯ އާއި ކޮޕާ އެމެރިކާގެ ސެމީ ފައިނަލާއި ފައިނަލް މެޗުތައް ކުޅުނު ކުޅުންތެރިންނަށް އަރާމުކުރަން އިތުރު ވަގުތު ދިނުމަށް ރެއާލުން ނިންމާފައި ވުމުންނެވެ.
އެކަމަކު އަންޗެލޮޓީ ބުނީ ބެލިންހަމް އަށް ގުޅަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދޭކަމަށް ކުޅުންތެރިން މެނޭޖް ކުރުމުގައި ވެސް ތަޖުރިބާކާރު ކޯޗު ބުންޏެވެ.
"ކުޅުންތެރިންނާ އަހަރެންނާ ގުޅޭ. އެކަމަކު އިއްޔެ އަހަރެން ބެލިންހަމް ދެކެ ރުޅި އައި. ސަބަބަކީ އޭނާ އަހަރެން ގުޅީމަ ފޯނު ނުނެގުމުން. އަހަރެން ވިނީޝިއުސް ކައިރީ ބުނިން އޭނާ އަށް ގުޅާށޭ. ވިނީޝިއުސް ގުޅުމުން ވަގުތުން ފޯނު ނެގި. ވިނީޝިއުސްގެ ފޯނުން އަހަރެން އޭނާއާ ވާހަކަ ދެއްކީ،" ލޯކަލް މީޑިއާތަކަށް ދިން އިންޓަވިއުގައި އަންޗެލޮޓީ ބުންޏެވެ.
ކޮޕާ އެމެރިކާ އައި ޔޫރޯގެ ސެމީ ފައިނަލާއި ފައިނަލުގައި ކުޅެފައި ވުމުން އެމެރިކާގެ ރެއާލުން ކުރިއަށްގެންދާ ކޭމްޕްގައި ބައިވެރި ނުވަނީ އިންގްލެންޑްގެ ބެލިންހަމްގެ އިތުރުން އުރުގުއޭގެ ފެޑެރިކޯ ވަލްވާޑޭ ފްރާންސް ފާލޮންޑް މެންޑީ، އައުރޭލިއަން ޗުއަމެނީ އެޑްއާޑޯ ކަމަވިންގާ އަދި ކިލިޔަން އެމްބާޕޭ އާއި ސްޕެއިންގެ ޑެނީ ކާވަހާލް އެވެ.
އެ ކުޅުންތެރިން ރެއާލްގެ ޓްރޭނިން އަށް ރިޕޯޓް ކުރަން ޖެހޭނީ އަންނަ ބުދަ ދުވަހު މެޑްރިޑްގެ ޓްރޭނިން ސެންޓަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy