އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތަށް އެ ގައުމަށް ވަޑައިގެން ރައީސް މުއިއްޒު، މޯދީއާ އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
10 އޯގަސްޓް 2024 - 13:14
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.
އިންޑިއާ އިން ވަނީ ދަރަނީގެ ގޮތުގައި އެ ގައުމަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފަ އެވެ.
މި ލުއިތަކަށް ރައީސް ޝުކުރު އަދާކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެހީގައި 28 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމައި ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ.
ރައީސް ޑރ. މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަކީ ދެ ގައުމުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ. މި މަޝްރޫއުތަކުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާތަކެއް ލިބެމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ލައިން އޮފް ކްރެޑިޓް ފެސިލިޓީ އާއި މި ސްކީމް އަލުން އެކުލަވާލުމުގައި ދެއްކި ލުއި ފަސޭހަކަމަށްޓަކައި އަޅުގަނޑުމެން ޝުކުރުވެރިވަން،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ.
މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ 100 މިލިއަން ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން ދެ ވަނަ ޓީބިލް މިދިޔަ މޭ މަހު ދައްކަން ޖެހިފައި އޮއްވައި އިންޑިއާއިން ވަނީ އެ ފައިސާ ދެއްކުން އެއް އަހަރަށް ފަސްކޮށްދީފަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައި ޝަންކަރުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރައީސް ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރެ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްޕުޅަށާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނަވާތީ ރައީސް ވަނީ ޖައިޝަންކަރަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅަށްޓަކައި އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރަށް ވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިރޫޒްް
11 August 2024
ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވަން ނިންމި ވަރަށް ރަނގަޅު ނިންމުމެއް. މިވަގުތަށް އެންމެ ފައިދާހުރި ގޮތަކީ މީ. ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނުހޯދާ ބޮޑު މާސިންގާ ލޯނުތައް ކުރީ ސަރުކާރުން ނެގީމަ އެތައް ބުރައެއް މިހާރު މިސަރުކާރަށް މިވަނީ ޖެހިފަ
ރާމިޒްް
11 August 2024
މީ ހަރުދަނާ ހާރިޖީ ސިޔާސަތެއް އޮތް ކަމުގެ ސާފު ނިޝާނެއް. ދެން ވީ މިފައިސާ ހޯދާ ގައުމު ކޮޅަށް ޖަހަން ފަށަން.
ހަމްދީ
11 August 2024
ޔާމީން ސަރުކާރުން ނުވެގެން އުޅުނު ކަންތައް ރީތި އުސޫލުގެ ތެރެއިން މި ކުރަމުންދަނީ. މިގައުމަށް އިންޑިއާ ގުޅިގެން ތަރައްގީ ގެންނާނީ ރައީސް މުއިއްޒު. އަދި ކޮންމެހެން އެމްޑީޕީ އިން ކުރިގޮތައް އިންޑިއާ ބޭނުން ކޮންމެ އެއްޗެއް ހަދަން ފުރުސަތު ނުދީވެސް އިންޑިއާ ރަނގަޅު ގުޅުމެއް ބޭވިދާނެ ކަން މިދައްކާދެނީ
ސުފްޔާން
11 August 2024
މިއަދު އެމްޑީޕީ މީހުންނަށް ހަޖަމް ނުވިޔަސް އިންޑިއާ އިން ރައީސް މުއިއްޒުގެ ސަރުކާރު ބަލާއިގެންފި. އެމްޑީޕީ މީހުން ހީކުރީ އިންޑިއާއިން ހަމަ އެކަނި އެހީވާނީ އެމްޑީޕީ ސަރުކާރެއް އޮތީމަ ކަމަށް
ގަސަމް
11 August 2024
ގައުމުގެ މިނިވަންކަން ގެއްލެމުން ދަނިކޮށް ގައުމުގެ ވެރިކަމާ ހަވާލުމިވީ ވަރުގަދަ ލީޑަރަކާ.. އަހަރުމެން ދިވެހިން ދިން ވޯޓް ބޭކާރެއްނުވި. އެމްޑީޕީ ވެރިކަން ނިންމަން ދިން ވޯޓް މިވީ ފައިދާ ކުރުވަނި ވޯޓް އަކަށް.
ނިއުޝާޒް
11 August 2024
ޝުކުރިއްޔާ އިންޑިއާ ސަރުކާރު. މުއިއްޒު އަށް ޔާމީންގެ ގުއި ރޯނުގަ ނުޖެހި އިންޑިއާ ރަނގަޅު ގުޅުން ބޭވުން އެއީ ކުރި އެންމެ ރަނގަޅު އެއްކަންތައް. މުއިއްޒު މީ ހަރުދަނާ ލީޑަރަކޭ ބުނެވެނީ މިހެންވެ
ސުފްޔާން
11 August 2024
މިއުޅޭ ޔާމީންމެން އިންޑިއާ މާބޮޑަށް ޒާތީވެގެން އުޅުނަސް ކޮންމެހެން މި ސަރުކާރުން ނުޖެހޭ ޒާތީވާކަށް. އޭރުން އަހަރުމެން މި ބޭނުންވާ ތަރައްގީ އަހަރުމެންނަށް ލިބިގެންދާނީ
އަފްޝީން
10 August 2024
މީގެ ހަގީގީ ކްރެޑިޓް ހައްގު ވަނީ މުއިއްްޒް ގެ ހާރިޖީ ސިޔާސަތަށް. އެހެން ނޫނީ ނުވާނެ ކަންކަން މިއީ
މަހްމޫދު ރާޒީ
10 August 2024
އަސްލުވެސް. އެއީ އިންޑިޔާ އިން ދިން ބޮޑު ލުޔެއް.
ބުލީ
10 August 2024
މިހާރު ކުޑަ ގައުމު ބުލީ ކުރުން ކިހާ ހިސާބަކަށް ގޮސްފިތޯ.