13 އޯގަސްޓް 2024 - 18:36
މޫސުން ގޯސްވުމާ ގުޅިގެން މި ހަފްތާ ތެރޭގައި ފްލައިޓުތަކެއް ޑިލޭ ވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި ހަފްތާ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވާތީ ޑިލޭތަކެއް ވެދާނެ ކަމަށާއި އެއާޕޯޓަށް އަންނަ އިރު އެކަމަށް ސަމާލުވެ ރަނގަޅަށް ތައްޔާރު ވާން އެދޭ ކަމަށެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މާލޭގައި ވެސް މިއަދު ހެނދުން ފެށިގެން ހުއްޓާ ނުލައި ވާރޭ ވެހުމާ ގުޅިގެން އޮތީ ފެން ބޮޑުވެ ގިނަ ހިދުމަތްތަކަށް ދަތިވެފަ އެވެ.
މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.
އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަ
14 August 2024
އެހެން ނޫނީ ފްލައިޓް ޑިލޭ ނުވޭ؟؟؟ ހަހަހަހަ