މެންޗެސްޓާ ޔުނައިޓެޑުގެ ޒާކްޒޭ (ކ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
17 އޯގަސްޓް 2024 - 06:20
އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން، ޖޯޝުއާ ޒާކްޒޭ ފަހު ވަގުތު ވައްދާލި ލަނޑުން ފުލަމް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
އިޓަލީގެ ބޮލޯނިއާ އިން 47 މިލިއަން ޑޮލަރަށް ޔުނައިޓެޑުން ގަތް ނެދަލެންޑްސް ފޯވާޑްގެ މެޗު ފިޓްނަސް ދަށްވުމުން އޭނާ އެރުވީ ފަހު ހާފުގަ އެވެ.
ނަމަވެސް އެއްވަރުވާން ދިޔަ މެޗުގެ 87 ވަނަ މިނެޓުގައި އާޖެންޓީނާގެ އަލެހަންދްރޯ ގަނާޗޯ ނެގި ހުރަހެއް ހިތްގައިމުުކޮށް ގޯލަށް ވައްދާލައި ޒާކްޒޭ ޔުނައިޓެޑް ސަޕޯޓަރުންގެ ލޯބި ފުރަތަމަ މެޗުން ހޯދި އެވެ.
"ފުރަތަމަ މެޗުން މޮޅުވެ، އަދި ގޯލެއް ކާމިޔާބުކުރުމަށް ވުރެ ރަނގަޅު ފެށުމެއް ހީނުވޭ ލިބޭނެހެން،" އޭނާ ބުންޏެވެ.
"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ."
ބަޔާން މިއުނިކުގެ ޔޫތު ޓީމުން ތަމްރީންވި ޒާކްޒޭ އަށް އެ ކްލަބުގެ ސީނިއާ ޓީމުގައި އެކަށީގެންވާ ފުރުސަތުތަކެއް ނެތުމުން މިދިޔަ އަހަރުތަކުގައި ލޯން އުސޫލުން ކުޅުނީ އެކި ޓީމުތަކަށެވެ. އޭނާ ވިދާލީ ތިއާގޯ މޮޓާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ބޮލޯނިއާއާ އެވެ. އޭގެ ސަބަބުން ވަރަށް ގިނަ ޓީމުތަކުން އޭނާ ހޯދަން މަސައްކަތްކުރި އެވެ.
މިދިޔަ ސީޒަނުގައި ލީގުގެ 8 ވަނައިގައި ނިންމާލުމުން މަގާމު ގެއްލުމާ ދާދި ގާތުގައި އޭރު ހުރި ޔުނައިޓެޑް ކޯޗު އެރިކް ޓެން ހަގް ބުނީ ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ފެނުނު ކަމަށެވެ. އޭނާ ވަނީ މުހިއްމު ބައެއް ކުޅުންތެރިންގެ މެޗު ފިޓްނަސް ނެތުމުންނާއި، އަނިޔާގެ މައްސަލަތައް ހުރުމުން، ސީޒަނަށް އަދި ތައްޔާރު ނޫން ކަމަށް މެޗުގެ ކުރިން ބުނެފަ އެވެ.
"އެ ހުރިހާ ކަމަކާ އެކު ވެސް އަހަރެމެން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިން. އަވަހަށް ގޯލެއް ޖެހެން ޖެހޭ އަސްލު. އެއީ ޓީމަށް އޮތް ހަމައެކަނި ފާޑުކިއުމަކީ."
ރަސްމުސް ހުޖްލަންޑް ނެތުމުން ރޭގެ މެޗުގައި ސެންޓާ ފޯވާޑަކަށް ކުޅުނީ ބްރޫނޯ ފެނާންޑޭޒް އެވެ. މި ހަފުތާގައި ބަޔާން މިއުނިކުން ޔުނައިޓެޑަށް ބަދަލުވި ޑިފެންޑަރު ނުސައިރް މަޒްރާވީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނެވެ.
ލީގުގައި މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގައި ލިވަޕޫލް ރަށުން ބޭރުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭނެ އެވެ. އެންމެ ފަހުގެ ރަނަރަޕް އާސެނަލް އަމިއްލަ ދަނޑުގައި 7 ޖަހާއިރު ބައްދަލުކުރާނީ ވުލްވްސްއާ އެވެ. ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް އޮތީ މާދަމާ ރޭ ރަށުން ބޭރުގައި 8:30 ގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެރިކް ޓެން ހަގް
17 August 2024
ދެން ލީގު ނިންމާލަ އިތުރަށް އެންމެ މެޗެއްވެސް ކުޅޭނެކަމެއްނެތް
ހޮއިބެ
17 August 2024
ރަސްމުސް ހުޖްލަންޑޭ؟ ސާބަސް އެކަމަކު ކުޅިވަރުގެ ހަބަރު ލިޔާމީހަކަށް ކުޅުންތެރިންގެ ނަން ރަނގަޅަށް ކިޔަން އެނގެންޖެހޭނެ ދޯ؟
ޓެން ހަގް
17 August 2024
ޒާކްޒޭ އެއް ނޫން ޒިރިކްޒީ އެސޮރަށް ކިޔަނީ