ކުޅިވަރު / ބަންގްލަދޭޝް

ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ފީފާ އިން ބަންގްލަދޭޝް ލީގުގެ ޓްރާންސްފާ މުއްދަތު އިތުރު ކޮށްދީފި

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ފީފާގެ ރައީސް އިންފަންޓީނޯއާ އެކު ބައްދަލުވުމަކަށް ފަހު.--

17 އޯގަސްޓް 2024 - 18:31

ބަންގްލަދޭޝްގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ފީފާ އިން ބަންގްލަދޭޝް ލީގުގެ ޓްރާންސްފާ މުއްދަތު އިތުރު ކޮށްދޭން ނިންމައިފި އެވެ.

"ޓްރާންސްފާގެ މުއްދަތު ހަމަވާ ދުވަހަކީ 19 އޮގަސްޓް ވާ ހޯމަ ދުވަސް. ފީފާ އިން އިތުރު ކޮށްދިނީ ތިން ދުވަސް. މިހާރު މުއްދަތު މި އޮތީ އޮގަސްޓް 22 އާ ހަމައަށް. ކްލަބްތަކަށް ވެސް ވާނީ އަންގައިފައި،" ބަންގްލަދޭޝް ފެޑެރޭޝަންގެ ކޮމްޕެޓިޝަން މެނޭޖަރު ޖެބާ ބިން ތާހާ އަންސާރީ، އެގައުމުގެ މީޑީއާ އަށް މައުލޫމާތު ދިނެވެ.

ބަންގްލަދޭޝް އިން ވަނީ މި މަހުގެ 10 ވަނަ ދުވަހު، ދެ ހަފްތާ އަށް މުއްދަތު އިތުރު ކޮށްދޭން އެދިފަ އެވެ. ނަމަވެސް ފީފާ އިން އެގޮތް ބަލައެއް ނުގަތެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާ މި މަހު މަގާމުން އިސްތިއުފާ ދެއްވައި ފިއްލެވުމާ އެކު އެ ގައުމަށް ކުރިމަތިވެފައިވާ ހަލަބޮލިކަމުގެ ތެރޭގައި، ބަންގްލަދޭޝް ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އަބަހާނީ ލިމިޓެޑް ޑާކާގެ ޓްރޮފީ ކެބިނެޓު ވެސް ވަނީ ލޫޓުވާލައިފަ އެވެ.

އަބަހާނީ ލިމިޓެޑްގެ އޮފީހުގެ އިތުރުން، ޝެއިޚް ޖަމާލް ދަންމޮންޑީ ކްލަބް ލިމިޓެޑް ފުޓްބޯޅަ ކްލަބްގެ އޮފީހަށް ވެސް ހަމަނުޖެހުންތަކުގައި ވަނީ ގެއްލުން ދީފަ އެވެ. ދެ ކުލަބަކީ ވެސް ހަސީނާގެ އާއިލާގެ ބޭފުޅުންނަށް ނިސްބަތްވާ ކުލަބުތަކެވެ.

ބަންގްލަދޭޝްގައި 20 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ޝެއިޚް ހަސީނާ.

ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތައް ހިންގަނީ ޝެއިޚް ހަސީނާ ނިސްބަތްވާ ސިޔާސީ ޕާޓީ ކަމަށްވާ އަވާނީ ލީގުގެ އިސްވެރިންނެވެ. މިއާ ގުޅިގެން އެ ކްލަބްތަކަށް ވެސް އަންނަނީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

މިހާރު ކުރިއަށް ދަނީ ބަންގްލަދޭޝް ފުޓްބޯޅަ ސީޒަންގެ ފުރަތަމަ ޓްރާންސްފާ ބާޒާރުގެ މުއްދަތެވެ. އެ ގައުމުގެ ފެޑެރޭޝަނުން އަންނަނީ އަންނަ މަހު ލީގު ފަށަން މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ސީޒަން ފެށޭނެ ދުވަހެއް ނޭނގޭ

އުނދަގޫތަކަކަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ކްލަބް ފުޓްބޯޅަ ސީޒަން ނިންމާލައި، އާ ސީޒަން ފަށާނެ ކަމަށް ފީފާގެ ކަލަންޑަރުގައި އޮތީ މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ފަހުން ފަސް މަސް ފާއިތުވެގެން ދިޔައިރު ވެސް ރާއްޖޭގެ ސީޒަން ފެށޭގޮތް ވަނީ ނުވެފަ އެވެ.

ފީފާގެ ކަލަންޑަރުގައި ވާގޮތުން ރާއްޖޭގެ ޕްރިމިއާ ލީގުގެ ކްލަބްތަކަށް 2024/2025 ސީޒަންގެ ފަހު ޓްރާންސްފާގެ މުއްދަތު އޮތީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 1-29 އަށެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ އިންތިހާބު ނުބޭއްވި، ހިންގާ ކޮމިޓީގެ ދައުރު މިދިޔަ މަހު ހަމަވެގެން، އެފްއޭއެމް ހިންގަން ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމަށް އެކުލަވާލެވުނު ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި 31 ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތަކަށް މަސައްކަތް ނުނިމޭ ނަމަ ފީފާ އިން ދައުރު އިތުރުކޮށްދޭނެ އެވެ.

ކޮމިޓީގެ މެމްބަރުންގެ ނަންތައް ފީފާ އިން އަދި ހާމަ ކޮށްފައި ނުވި ނަމަވެސް، ޗެއާމަންކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސާގޮތަށް ނިންމާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454