ޑިވަލޮޕްމެންޓް ބޭންކަށް އައްޔަނު ކުރި ދިވެހި ބޯޑު މެންބަރު އަހުމަދު އަލީ --
22 އޯގަސްޓް 2024 - 10:01
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުންނަށް ތިން ބޭފުޅުން ކަނޑައަޅައިފި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބޭރު ދެ މީހުންނެވެ. އެއީ އަހުމަދު އަލީ އާއި ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދާއި އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓް އެވެ.
އަހުމަދު އަލީ ވަނީ އެކައުންޓިން ދާއިރާ އާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިފަ އެވެ. އޭނާ 2011 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް މީރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވި އެވެ. އެންމެ ފަހުން މީރާގައި އަދާކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލްގެ މަގާމެވެ. މިހާރު އޭނާ އަކީ ލޯ ފާމް، އެސް އެންޑް ޕީގެ ސީނިއާ ޕާޓްނަރެކެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އެވެ.
އެ ބޭންކު ހިންގުމަށް ބޭނުންވާ ލައިސެންސަށް އެދުނީ މިދިޔަ ޖުލައި މަހު އެވެ.
އެއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާނެ ކުންފުންޏެކެވެ.
އެ ކުންފުނި އުފެއްދީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވި އެވެ. އޭގެ ޝައުގުވެރިކަން މިހާރު ވެސް ބޭރުގެ ބައެއް އިންވެސްޓަރުން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
22 August 2024
ސަރުކާރުން މިކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި ދޭނީ ކިހާ ފައިސާއެއްބާ؟ ފައިސާއެއް ނެތި 100% ސަރުކާރު ކުންފުންޏެއް އުފެއްދީމާ ތޮށިގަނޑެއްނޫން އެއްޗެއް އޮންނާނެބާ؟