އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު: އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ތަޖުރިބާކާރަކު ކޮމިޓީގައި ނެތުން ނޯމަލައިޒޭޝަންގެ މަސައްކަތަށް ގޮންޖެހުމަކަށް ނުވާނެ ކަމަށް .--- ފައިލް ފޮޓޯ: މިހާރު
22 އޯގަސްޓް 2024 - 11:32
އެފްއޭއެމް ހިންގަން ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގައި ފުޓްބޯޅައިގެ ތަޖުރިބާ ނެތުމަކީ އެ މަސައްކަތުގައި ގޮންޖެހުން ކުރިމަތިވާނެ ސަބަބެއް ނޫން ކަމަށް، ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ފީފާއިން ވަނީ، އެފްއޭއެމް ހިންގަން ފަސް މެންބަރުންގެ ކޮމިޓީއާ ހަވާލުކޮށްފަ އެވެ.
ކޮމިޓީގައި ތިއްބެވީ ގާނޫނީ ދާއިރާ އާއި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުންނެވެ. ކުރިން ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި ޒުހޫރު ނޫނީ އަމަލީގޮތުން ކުޅިވަރުގެ ދާއިރާގައި އުޅުއްވި ބޭފުޅަކު ނެތެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ ކޮމިޓީގެ މެންބަރުންގެ ކިބައިގައި ފުޓްބޯޅައިގެ ތަޖުރިބާ ނެތުން އެއީ ކުރިމަތި ވާނެ މައްސަލެއް ނޫން ކަމަށެވެ.
"އެކަން ލެކް ނުވާނެ އެނގޭތޯ. އެއީ މި މަސައްކަތަކީ އަޅުގަނޑުމެން ކޮމިޓީގެ ފަސް މެންބަރުން އެކަނި ކުރާނެ މަސައްކަތެއް ނޫން،" ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވި އެވެ.
"މި މަސައްކަތުގައި ކުރިއަށްދާއިރު އަޅުގަނޑުމެން ހޯދާނަން ފުޓްބޯޅައިގެ އެކްސްޕާޓުން. އެ އެކްސްޕަޓީޒްއާ އެކު ފުޓްބޯޅައިގެ ކަންކަން ކުރިއަށް ގެންދާނީ."
އެކައުންޓިން އާއި ފައިނޭންސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވި، ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ މަސައްކަތުގައި މި ވަގުތު އެންމެ އިސްކަން ދޭންޖެހޭ މަސައްކަތަކީ މާލީގޮތުން ފުނޑުފުނޑުވެފައިވާ އެސޯސިއޭޝަން އާންމު ހާލަތަކަށް ގެނައުން ކަމަށެވެ.
ޒުހޫރު: އޭނާ ވިދާޅުވީ މި ވަގުތު އެންމެ މުހިންމު ކަމަކީ މާލީ ގޮންޖެހުންތަކުން އެފްއޭއެމް ނެގުން ކަމަށް --- ފައިލް ފޮޓޯ: މިހާރު
"ފީފާއިން އަޅުގަނޑުމެންނާ ހިއްސާކުރި މައުލޫމާތުތަކުން އެބަ އެނގޭ ފައިނޭންޝިއަލީ މުޅި ތަން އޮތީ ޑެތުގައިކަން. އަނެއްކާ ފީފާއިން ވެސް އެންމެ ފުރަތަމަ އިސްކަންދޭ ކަމަކީ ފައިނޭންޝިއަލް ރިކަވަރީ އަށް. އަދި އެޑްމިނިސްޓްރޭޓިވްލީ ތަން ރަން ކުރެވޭނެ ސިސްޓަމަކަށް ގެނައުމަށް."
މި ވަގުތު އޮސްޓްރޭލިއާގައި ހުންނެވި ޒުހޫރު ވިދާޅުވީ ރާއްޖެ އަންނަން މާދަމާ ފުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އެފްއޭއެމުން ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ނޯމަލައިޒޭޝަން ކޮމިޓީ އަށް https://t.co/PPPu3cOYjA
— Mihaaru (@Mihaarunews) August 21, 2024
އަންނަ ހޯމަ ދުވަހު ފީފާގެ ފައިނޭންޝިއަލް ކޮންސަލްޓަންޓުންނާ އެކު އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ އެފްއޭއެމް ހިންގަން ފަށައި ގަނެވޭ ހާލަތަށް ގެނައުމަށް ފަހު ހުއްޓިފައިވާ ފުޓްބޯޅައިގެ ހަރަކާތްތައް ވެސް ފަށާނެ ކަމަށެވެ.
"މި ވަގުތު އެންމެ މުހިންމުކަމަކީ ފައިނޭންޝިއަލް ރިކަވަރީ. އެކަމުގައި ފުޓްބޯޅައިގެ ސްޓޭކްހޯލްޑަރުންނާއި ސަރުކާރާ އަދި ސްޕޮންސަ ދޭން ތިބި ފަރާތްތަކާ އެކު ވެސް. އަޅުގަނޑުމެން މަޝްވަރާ ކުރާނަން،" ޒުހޫރު ވިދާޅުވި އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން؛ ކޮމިޓީގެ މެންބަރު އަހްމަދު މުއިއްޒު، ޗެއާމަން އަހްމަދު ޒުހޫރު، ކޮމިޓީގެ މެންބަރު ފަރީހާ ޝަރީފް، ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން، ކޮމިޓީގެ މެންބަރު އަހްމަދު އަލީ
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަންހެން މެންބަރު ފަރީހާ ޝަރީފަކީ އެކައުންޓިން އާއި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރެކެވެ. ބީއެމްއެލްގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ފަރީހާއަކީ ރާއްޖޭގެ ޗާޓެޑް އެކައުންޓެންޓްސްގެ އިންސްޓްޓިޔުޓްގެ އެއް ފައުންޑަރެވެ.
ކޮމިޓީގެ މެންބަރުކަށް، ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ވެސް ފީފާއިން ވަނީ އައްޔަންކޮށްފަ އެވެ.
ކޮމިޓީގެ މެންބަރު އަހްމަދު އަލީ ވަނީ ކުރިން މީރާގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލްގެ މަގާމު އަދާކޮށްފަ އެވެ. އަދި ގާނޫނީ ދާއިރާއިން ވެސް ކިޔެވާވިދާޅުވި އަހްމަދަކީ, އެސް އެންޑް އޭ ލޯޔާސްގެ ޓެކްސް ޕާޓްނާ އެވެ.
ކޮމިޓީ އަށް ޑެން އައްޔަން ކުރި އިސްމާއީލް ސިމަން އަކީ ލޯޔަރެކެވެ. އަދި އޭނާ އަކީ ފައިނޭންސް ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
ކޮމިޓީގެ ޗެއާމަން ޒުހޫރު ވަނީ ބިޒްނަސްމެނޭޖްމެންޓް ދާއިރާގެ އިތުރުން އެކައުންޓިން އާއި ފައިނޭންސް ދާއިރާއިން ކިޔަވާވިދާޅުވެފަ އެވެ.
މި ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި 31 ގަ އެވެ. އެ މުއްދަތަށް މަސައްކަތް ނުނިމޭނަމަ، އިތުރު މުއްދަތު ދޭނެ ކަމަށް ބެލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަދީމް 5566
24 August 2024
ތިޔަ ކޮމިޓީގައި ކޮންޕޮޒިޝަންދެން ވަރަށް ރަގަޅެވެ. އެންމެ މުހުންމު ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ފަރާތްތަކަށް ނުފޫޒު ނުފޯރުވޭނެ ގޮތަށް އަސާސީ ގަވާއިދު އިޞްލާޙުކުރުމެވެ. މީގެ އިތުރުން، މުޅި ދިވެހިރާއްޖެއަށް ފައިދާހުރި އަދި ރައްޔިތުންގެ ހިތްހަމަޖެހުން ލިބޭނެ ގޮތަކަށް އަސާސީ ގަވާއިދު އިޞްލާޙުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަޅި އަލީ
23 August 2024
ތަޖުރިބަ ހުރި ކުރިން ކުޅުން ކުޅުންތެރިންނީލީމާ ވާގޮތަކީ ތަން ދަވާލައިގެން ތިބެނީ!
ކީކޭ ބުނާނީ!
23 August 2024
ބޯޅައިގެ މާހިރުންނާވެސް މަޝްވަރާ ކުރަންޖެހޭ ކަމަށް ވަންޏާ އެމީހުން ކޮމިޓީއަށް ނުލީކަމީ ބޭނުންވާ ދުރުވިސްނުން ނެތުމުގެ ހެކި.
ތުނޑުހަސަނު
23 August 2024
ފީފާއަކީ ފުޓުބޯޅައިގެ ދުރުވިސްނުން ނެތްތަނެކޭތޯ ތިބުނަނީ. ކޮމިޓީ އެކުލަވާލީ ފީފާއިން. ޒުހޫރެއްނޫން.
ޖަވިޔަނި
22 August 2024
ތިޔަ ކޮމިޓީގައި ކޮންޕޮޒިޝަން އަކީ ސަރުކާރުން ކޮމިޝަންތަކާއި، ކޮމިޓީތަކާއި އަދި ބޯޑުތަކަށް މީހުން ނަގަންވީ ގޮތުގެ ނަމޫނާއެކެވެ. ފީފާ އަކީ އެހާ ވަރުގަދަ ގަވަނަންސް އުސޫލްތައް ހުރި ބައެއްކަން މިއަދު ހާމަވެއްޖެއެވެ. އިރާދުކުރެއްވިއްޔާމުން ފުޓުބޯޅަ ދެން ހަމަމަގަށް އެޅިގެން ދާނެއެވެ.