25 އޯގަސްޓް 2024 - 05:57
(ބުދަ ދުވަހާ ގުޅޭ)
އެހެން ބުނެފައި، ތިން މީހުން އެކުގައި ފަހަތް ބަލައިލީމެވެ. އަހަރުމެންނަށް ފެނުނީ ދެ ހަނދެވެ. ނުވަތަ ހަނދާއި ހަނދަށް ވުރެ ގަދަ އަލިގަނޑެކެވެ. އެ އަލިގަނޑު ހަނދަށް ވުރެ ކުޑަޔަސް އަލި ގަދައެވެ. މަޑު ނޫކުލައެއް ހުރިހެން ވެސް ހީވިއެވެ. އެހައި އަލި ގަދަ، އެ ފަދަ އެއްޗެއް ކުރިޔަކުން އަހަންނެއް ނުދެކެމެވެ. ބަލަބަލައި ތިއްބައި އެ އަލިގުޅަ އައިސް، އަަހަރުމެންގެ ބޯމަތިން ހުރަސް ކުރިއެވެ. އަލިގަނޑު ދިޔަ ދިމާއަށް އަހަރެން ދުއްވައިގަތީމެވެ. ކެމެރާ އޮތްކަން އޭރު ހަނދާނެއް ނެތެވެ. ހަނދާން ހުރީ އަހަރެން އަބަދު ވެސް ދެކޭ ހުވަފެނެވެ. އެ ފަދަ އެއްޗެއް ހަމަލޮލުން ބަލައިލުމެވެ. ހިތަށް އެރިއެވެ. މި ފަހަރު އެ މަގުސަދު ހާސިލުވާނެއެވެ.
"ސަހަރާޔާ ދިމާއަށް ދޯ އެ ދަނީ؟" އަހަރެން އެހީމެވެ.
އެކަކު ވެސް ޖަވާބު ނުދީގެން ބަލައިލި އިރު އެކަކު ވެސް ނެތެވެ. އެ މީހުން ފިލައި ރައްކާ ވެއްޖެއެވެ. އަހަރެން އަޅައެއް ނުލަމެވެ. ނުހުއްޓި ކުރިޔަށް ދުވީއެވެ. އަލިގުޅަ ހުލިވަމުން، ތިރިވީ ގަބުރުސްތާނާ ދިމާއަށެވެ. ސީދާ ގަބުރުސްތާނު ތެރެއަށް ހެނެއް ހިޔެއް ނުވެއެވެ. އަލިގުޅަ ހުލިވުމުން ސަހަރާ ތެރެ އޮތީ އަނދިރިވެފައެވެ. ވަށައިގެން ހުރި ރުއްގަސްތައް ހުރި ގޮތުން ތަނެއްދޮރެއް ވަތްކެއް ނުވެއެވެ. އަހަރެން އަތަކު ބައްތިއެއް ނެތެވެ.
"ބާރީ!" އަހަރެން މަގަށް ނުކުމެ، ނިކަން ބާރަށް ގޮވައިލީމެވެ. "ޓޯޗު ގެނެސްބަލަ! ހަލީމު!"
އެކެއްގެ ވެސް ޚަބަރެއް ނުވިއެވެ. ތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އަހަރެން މަޑުމަޑުން ސަހަރާއަށް ވަނީމެވެ. އެހެން ގޮތެއް ނެތެވެ. އެ ވަގުތު ކެމެރާ އޮތްކަން ހަނދާންވިއެވެ. ފްލޭޝްއެއް ނެތެވެ. ހިތަށް އެރިއެވެ. އަލިގަނޑު އައި ވަގުތު ފޮޓޯއެއް ނެގުނު ނަމައެވެ. އެއީ ހަމަ އެކަނި ނަމައެކެވެ. ވަގުތު ފާއިތުވެއްޖެއެވެ. ސަހަރާ ތެެރެއަކު ބަލާނެ އެއްޗެއް ނެތެވެ. އަހަރެން ވަރަށް މަޑުމަޑުން ހިނގީމެވެ. މުރަނަ ފަތްތަކާއި ހޯލިތައް ފައިދަށުވެ މުގުރެމުން ދިޔައެވެ. ކުއްލިއަކަށް، ތުންބުންފުމެލި އަޑު ކަހަލަ އަޑެއް އިވުނުހެން ހީވިއެވެ. ހަމަ ސީދާ އަހަރެންގެ މޫނަށް އަލިވިއެވެ.
"ހިނގާ ގެއަށް ދަމާ!" ބައްތި ހިފައިގެން ހުރި ހަލީމުގެ އަޑުއިވުނެވެ.
އެ މީހުން އަލުން އައީއެވެ. އަހަރެން ހީކުރީ އަހަންނަށް އިވުނީ ހަލީމު ތުނބުންފުމެލި އަޑު ކަމަށެވެ.
"ކަލޭމެން ހާދަހާ ފިނޑިއޭ ދޯ؟ ވަދެބަލަ އެތެރެއަށް،" އަހަރެން ބުނީމެވެ. "ފަހަރެއްގަ ހިލަކޮޅެއް ކަހަލަ އެއްޗެއް ވެއްޓިފަ އޮވެދާނެއްނު."
"ވެއްޓުނު އެއްޗެއް މޫދަކަށްނު ވެއްޓޭނީ،" ބާރީ ބުނި އަޑު އިވުނެވެ. "އެއީ ގިނިހިލައެއް ނޫންތަ؟"
"ދެން ކީއްވެ ކަލޭމެން ބެޗީ؟ ވަދެބަލަ އެތެރެއަށް،" އަނެއްކާ ވެސް އަހަރެން ބުނީމެވެ. "ރަނގަޅަށް ބަލާފަ ދާން ވާނީ. ދެން ހިޔެއް ނުވޭ މި ކަހަލަ ޗާންސެއް ލިބޭނެހެނެއް. ތި ޓޯޗުގަނޑު ދީބަލަ!"
އެ ދެ މީހުން އެތެރެއަށް ވަނެވެ. ބާރީ ހުންނަނީ ތަންކޮޅެއް ފަހަތުގައެވެ. ހީވާ ކަހަލައެވެ. އަންނަ ފުރޭތައެއް އަންނާނީ ކުރިމަތިންނެވެ. ފަހަތަކުން ނޫނެވެ. ބައްތިން އަލިކޮށްގެން އަހަރުމެން މުޅި ސަހަރާ ބެލީމެވެ. އާދަޔާ ހިލާފު އެއްވެސް އެއްޗެއް ނުފެނުނެވެ. އަނެއްކާ ވެސް ތުނބުންފުމެލި އަޑު ކަހަލަ އަޑެއް އަޑުއިވުނެވެ. އަހަރުމެންގެ ސަމާލުކަން އެ ދިމާއަށް އެނބުރުނެވެ.
"އެއީ ކާކު؟" ބާރީ ބުންޏެވެ.
އެއީ ތުނބުންފުމެލާ އަޑާ ވަރަށް ވައްތަރު އަޑެކެވެ. ހޯދަމުން ދިޔަ އިރު ކުޑަކުޑަ ކޮވެއްޔެއް ބަނޑުޖަހާލައިގެން އޮތެވެ. މުޅި ގައިގަ އޮތީ ކިލައެވެ. ދެލޯ ހީވަނީ ރަތް އަލިފާންކޮޅެއް ހެންނެވެ. އޭތި އޮތީ ލެއްގި ގަބުރު ވަޅުލި ދިމާގައެވެ. އަހަންނަކީ ދޫންޏަށް ނިކަން ވަރު ހުންނަ މީހެކެވެ. ވަގުތުން އެ ކޮވެލި ނެގީމެވެ.
"އޭ! ތި ވެދާނެ އޭއްޗަށް!" ބާރީ ނިކަން ބާރަށް ބުންޏެވެ. "ތީގަ އަތްނުލާ!"
"އޭއްޗަށް ވެއްޖެއްޔާ މާ ސަޅިއެއްނު!" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. "ހިނގާ ގެއަށް ދަމާ!"
ދޫނި ގޮވައިލިއެވެ. އެއީ ދޫނި ގޮވާ އަޑުކަން ކަށަވަރުވީ އެ ފަހަރުއެވެ.
"ތި ހިފައިގެން؟" ދެލޯ ބޮޑުކޮށްލައިފައި ހަލީމު އެހިއެވެ. "މި ގަޑީގަ، ގަބުރުސްތާނު ތެރެއިން ތި ކަހަލަ އެއްޗެއްގަ އަތްލަން ވެސް ހެޔޮނުވާނެ. ތި ނޭނގެއެއްނު ކޯޗެއްކަމެއް."
އަހަރެން ނިކަން ރަނގަޅަށް ދޫންޏަށް ބަލައިލީމެވެ. އޭތި އަހަރެން އަތުން ފުންމައިލިއެވެ. އެކަމަކު ނުއެއް ދެއެވެ. އަހަރެން އަނެއްކާ ވެސް ދޫނި ނެގީމެވެ.
"މީ ކޮވެއްޔެކޭ!" އަހަރެން ވަރަށް އެނގިފައި ބުނީމެވެ. "ކަލޭ ތިހިރީ އަލިކޮށްގެން. ރަނގަޅަށް ބަލާބަލަ! ވެދާނެ ކޮންމެވެސް ހާއްޔަކުން ވެއްޓިފަ ކަމަށް. މީތި މަރުވާން ދޫކޮށްލާފަ ގެއަށް ދާންވީ؟ ނުވާނެ ތި ކަމެއް. އަހަރެން ބޭނުން މި ކޮވެލި މާލެ ގެންދަން. ބޮޑުވީމަ ނިކަން ސަޅިކޮށް ގޮވާނެ."
އެ ތަނަށް ކޮވެލި ވެއްޓިދާނެ ކަހަލަ ގަހެއް އެ ދިމާއަކު ނެތެވެ. އަހަރުމެން ތިން މީހުންނަށް ވެސް އެ ކަން އެނގެއެވެ.
"އަހަންނަކަށް ހިޔެއްނުވޭ ތީ ކޮވެއްޔެއް ހެނެއް. ކޮވެއްޔަކަށް ވިޔަސް، މިހާރު އިހަށް ބާއްވާ!" ނަސޭހަތުގެ ރާގުގައި ބާރީ އެދުނެވެ. "ހެނދުނު އައިސް ބަލާ އިރު އޮތިއްޔާ ގެންދާނީ."
"ހީވޭތަ އޮންނާނެހެން؟" އަހަރެން ބުނީމެވެ. "މިހާރު ވެސް ފެންބޮވައިގަނެގެން އަނގަ ހުޅުވިފަ އެ އޮންނަނީ. ހިނގާބަލަ ގެއަށް ދަމާ! އަހަންނެއްނު މި ހިފައިގެން މިހިރީ. ކަލޭމެން ކޮން ހާހެއްވާކަށް؟"
އެ މީހުން އެއްބަހެއް ނުވިއެވެ. ތިބި ފިޔަވަޅު މަތިން ގުޑައި ވެސް ނުލިއެވެ.
"ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ،" ހަލީމު ވަރަށް ކަންބޮޑުވެފައި ބުންޏެވެ. "އެ އޮތީ ލެއްގި ގަބުރު. އަލިގުޅާ އައީ މި ދިމާއަށް. ބުންޏޭ ބުންޏޭ ކިޔާނެ ކަމެއް ނެތް. މި ފަހަރު އަހަރުމެން ތިން މީހުންނަށް ފެނުނު. ހެޔޮނުވާނެ ތި ބާއްވާ!"
"އަހަންނަށް އެބަ ހީވޭ ތި ގޮލާ ތަންކޮޅެއް ބޮޑުވެއްޖެހެން ވެސް." ފަހަތަށް ޖެހިލަމުން ބާރީ ބުންޏެވެ.
އަހަރެން ކޮވެއްޔަށް ބަލައިލީމެވެ. އެ ސޮރު ގޮވައިލައިފައި އަހަރެންގެ މޫނަށް ބަލައިލިއެވެ. އެއްވެސް ވަރަކަށް ބޮޑުވިހެނެއް އަހަންނަކަށް ހިޔެއް ނުވިއެވެ. އަހަރެން ހިނގައިގަތީމެވެ.
"ކަލޭމެން ތިބެންޏާ ތިބޭ!" އަހަރެން ބުނީމެވެ. "މަ މި ނައްޓާލީ!"
ބޮޑާހާކަމުން، ޝަކުވާ ކުރަމުން ދެ މީހުން ހިނގައިގަތެވެ.
"ކަލެއަށް ކަމެއް ވިޔަސް އަހަރުމެން ޒިންމާއެއް ނުވާނަން އިނގޭ!" ބާރީ ހަނދާން ކޮށްދިނެވެ. "އަހަރެން ދުވަހަކު ވެސް ނުދެކެން ތިހެން ގޮވާ ކޮވެއްޔެއް. ކޮވެލީގެ ފައި ތިހެނެއް ނުވެސް ހުންނާނެ."
"ކަލޭމެން ނުޖެހޭނެ ޒިންމާވާކަށް،" އަހަރެން ޖަވާބު ދިނީމެވެ. "އެކަމަކު އަހަންނަށް ފޮށިގަނޑެއް ހޯދައިދޭތި!"
އަހަރެންނާ އެއްކޮށް ގެއާ ހަމައަށް އައިސްފައި އެ މީހުން ދިޔައީ އެ މީހުންގެ ގެއަށެވެ. އަހަރެން ގެއަށް ވަނީމެވެ. ކޮޓަރީގައި ދޫނި ބޭންދީމެވެ. އޭތި ދާކަށް ނުވަތަ ގަދަހަދާކަށް ވެސް ނޫޅެއެވެ. ކާންދޭނެ މޭވައެއް ކަހަލަ އެއްޗެއް އަހަރެންގެ އަތަކު ނުޖެހުނެވެ. ވީމާ، ތަށްޓަކަށް ފެން އަޅައިފައި ދޫނި ކައިރީގައި ބެހެއްޓީމެވެ. އެ އެތި ވަގުތުން ފެންބޯން ފެށިއެވެ. ދޭތެރެއަކުން ގޮވައިލައެވެ. އެ އަޑު އެންމެ ވައްތަރީ މީހަކު ތުނބުންފުމެލާ އަޑާއެވެ. އަހަރެން ހިތަށް އެރިއެވެ. އެއީ ބައެއް ޅަކޮވެލި ގޮވާ އަޑުކަމަށް ވެދާނެއެވެ. ކޮވެލި މާލެ ނުގެންދާނެ ގޮތެއް އެއީ ނެތް ގޮތެކެވެ.
ކޮވެލި ލިބުނު ފަހުން ހަފުތާއެއް ވަންދެން ރަށުގައި މަޑުކުރީމެވެ. ބައެއް ރޭރޭ ދަންވަރު އަހަރެން ހޭލާ އިރު ކޮވެލި އިންނަނީ އެނދުމަތީގައެވެ. އަހަރެންގެ މޫނު ކައިރީގައެވެ. އެކަމަކު އޭތި އުދުހޭ ތަނެއް ދުވަހަކު ވެސް އަހަރެން ނުދެކެމެވެ. މުޅީން ވެސް އުޅެނީ ހިނގައިފައެވެ. އެނދަށް އަރަނީ ކިހިނެއްބާއޭ ހިތަށްއަރައެވެ. އެ ކަމާ، ކުޑަކޮށް ވެސް ކަންބޮޑެއް ނުވެއެވެ.
ބައެއް ދުވަސްދުވަހު، ގަސްތަކު ތެރެއަށް ދޫނި ދޫކޮށްލައިގެން ވެސް އަހަރެން އުޅެމެވެ. އެހެން އުޅޭ އިރު، ބައެއް ފަހަރު އަހަރެންގެ ލޯމަތިން ކޮވެލި ގެއްލެއެވެ. އަހަރެން ތުނބުންފުމެލަނީއެވެ. ހަމަ ފުމެލާ އިރަށް، ކޮންމެވެސް ދިމާއަކުން ބޯދިއްކޮށްލައެވެ. އަތޮޅުގޭގައި އުޅުނު މީހުން ވެސް ބުނި ގޮތުގައި، އެއީ އެ މީހުން ނުދެކޭ ވައްތަރެއްގެ ކޮވެއްޔެކެވެ.
ކޮވެލި ގޮވައިގެން އަހަރެން މާލެ ދާން ފުރީމެވެ. ކަނޑުގަދަ ދުވަހެއްގައެވެ. އެހެނަސް ސަލާމަތުން މާލެ އައީމެވެ. ގެއަށް ވެސް ދޫނި ގެންދިޔައީމެވެ. އަހަރެންގެ ގެއަކީ ކުޑަކުދިން ގިނަ ގެއެކެވެ. ހުރިހައި ކުދިން ވެސް އެ ކޮވެއްޔާ ވަރަށް ގަޔާވިއެވެ. ގެއަށް ގެނެސް ފެންވެރުވުމުން ދޫނީގެ ކުލަ ވަރަށް ބޮޑަށް އަލިވިއެވެ. ފަތްތަކުން އޮފު އެރިއެވެ. އެހެންވީ ދޫނީގެ ގައިގައި ހުރި ކިލާތައް ދޮވެވުމުންނެވެ. އަހަރެން ނިންމީ އެ ގޮތަށެވެ. އެކަމަކު މަންމަ ވަރަށް ހައިރާން ވެގެން އުޅުނެވެ. ދޫނީގެ ފަތްތަކުން، ކުރިން ނާރާ ދަޅައެއް އަރާތީއެވެ.
ކޮޓަރީގެ ކަނެއްގައި ދޫންޏަށް ޖާގައެއް ހެދީމެވެ. ބައްޕަ ލައްވައި ކޮށްޓެއް ހެދީމެވެ. ކޮށީގެ ދޮރު ބަހައްޓަނީ ހުޅުވައިފައެވެ. ދޫނި އަމިއްލައަށް ވަދެނުކުމެ ހަދައެވެ. ދޭތެރެއަކުން، މަޑުމަޑުން ގޮވައިލައެވެ. ބައެއް ފަހަރު، އަހަރެން ބުނާ އެއްޗެހި ދޫންޏަށް އެނގޭ ކަހަލައެވެ. އަންނަން ބުނުމުން އާދެއެވެ. ވަންނަން ބުނުމުން ކޮށްޓަށް ވަދެއެވެ. ހީވަނީ އެ ދޫންޏަށް އުދުހެވޭނެހެންނެވެ. އެހެނަސް ނުއުދުހެއެވެ.
އެއްދުވަހަކު ހެނދުނު އަހަރެން ހޭލި އިރު ދޫންޏެއް ނެތެވެ. އަހަރެންގެ ކޮޓަރިއަކީ ތަޅުލާ ކޮޓަރިއެއް ނޫނެވެ. އެ ކޮޓަރީގައި އެހެން ކޮއްކޮއެއް ވެސް ނިދައެވެ. އަހަރުމެން ނިދަނީ އެކީގައެވެ. އެ ދުވަހު ފުރަތަމަ ހޭލީ ކޮއްކޮއެވެ. އަހަންނަށް ހޭލެވުނީ ކޮއްކޮ ގޮވީމައެވެ. ކޮއްކޮ ބުނި ގޮތުގައި، ހެނދުނު ހޭލި އިރު ވެސް ދޫންޏެއް ނެތެވެ. ކޮށީގެ ދޮރު ހުރީ ލައްޕައިފައެވެ. އެއީ ދުވަހަކު ވެސް އަހަރުމެން ކުރި ކަމެއް ނޫނެވެ. މުޅި ގެ ހޯދީމެވެ. އެއްވެސް ތަނަކުން "ކޮވެއްޔެއް" ނުފެނުނެވެ.
އަދި އަދަށް ދާންދެން ވެސް އެ ދޫންޏަށް ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެއީ ހަމަ އަޖައިބެކެވެ. ބައެއް ދުވަސްދުވަހު، އިރުއޮއްސޭ ވަގުތު އެ ކޮވެލި ގޮވައިލާ އަޑު، ވަރަށް ކައިރިން އިވޭހެން އަހަންނަށް ހީވެއެވެ. އެހެން ހީވާނީ އަހަންނަށް އެކަންޏެވެ. އެއްވެސް މީހެއް ގާތަކު އަހަރެން އެ ވާހަކައެއް ނުބުނަމެވެ. މިއީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. (ނިމުނީ)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކކކކ
25 August 2024
ކޮންމެ ގޮތަކަށް ނިމުނަސް ވަރަށް ކިޔާ ހިތުން ކިޔާ ނިންމާލީ..
އެއްކަލަ މަންޖެ
25 August 2024
ބިންމާބެ ބުރޭކެއް ނަގަންވވީނު؟
ހުނަރުކުޑަބެ
25 August 2024
ބިރުވެރިވާން ލައްކަ މަސައްކަތް ކޮށްފީމެވެ. ދުންގަނޑެއް އަރާފައި އިފުރީތަކަށް ވާންވެސް ލައްކަ މަސައްކަތް ކުރީމެވެ. ގައިން އޮފު އަރުވަން ކުރެވުނު މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބު ވިއެވެ. އެހެން ނަމަވެސް އެކަމުން ވީ ކޮން ބިރުވެރިއެއް ހެއްޔެވެ. ބިރުވެރި ނުވެވުނު ކަމަކަށް އެމީހުން ނިދާ ތިއްބާ ފުރާނަ އަތްމައްޗަށް ލައިގެން ކުޑަދޮރުން ފުންމާލައި ބިމުގައި ޖެހުނު ވަގުތު ބަޑި ފެޅިގެން އަހަރެން މި ފަނާކުރަނި ދުނިޔެއާ ވަކިވީމެވެ. -ފަޖުރު ކޮވެލި-
ބޯހަލާކި
25 August 2024
ތިދެން ވާހަަކައެއް ލިޔަންޖެހޭ ވަރުގެ ހަދިސާއެއްވެސް ނޫން ކަންނޭނގޭ ބޯ ހަލާކު
ސަސި.
25 August 2024
ބިރުކުޑަ އަލީ ނުވާނެ ހުވަދަކަަށްވެސް
2024
25 August 2024
ޔޭ މަ ☝️ބޮއިހަލަކި 8.34
ގުރާ
25 August 2024
ވާހަކައިގެ މި ބައި ކިޔާނިމުމުން ހިތަށް އެރީ ޙަޔާތުން ބޭކާރުކޮއްލެވުނު މިންވަރަކަށް މިނެޓޭ!