މިއަދު ލުބްނާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ރޮކެޓެއް އިންޓަސެޕްޓްކުރުމަށް ލުބްނާންގެ އުތުރުގައި އިޒްރޭލުގެ ޖެޓަކުން ހަމަލާދެނީ. -- ފޮޓޯ: އޭއެފްޕީ
25 އޯގަސްޓް 2024 - 09:32
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާ ކަމަށް ބުނެ އިޒްރޭލުން ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި އެވެ. އެއާ އެކު ހިޒްބުﷲ އިން ވެސް ރައްދުގައި މިހާރު ވަނީ ހަމަލާ ދޭން ފަށައިފަ އެވެ.
އިޒްރޭލުން އިސްވެ ހަމަލާ ދޭން ފެށުމަށް ފަހު މިހާރު ވަނީ މުޅި އިޒްރޭލުގައި 48 ގަޑިއިރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
އިޒްރޭލުން ހަމަލާދޭން ފެށި ފަހުން ހިޒްބުﷲ އިން ވަނީ އިޒްރޭލަށް އަމާޒުކޮށް 320 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ.
"މިހާތަނަށް ލޯންޗްކުރި ކަޓްޔުޝާ ރޮކެޓްގެ އަދަދު 320 އަށް ވުރެ ގިނަ... ހަމަލާ ދީފައިވަނީ ދުޝްމަނުންގެ މަރުކަޒުތަކާ ދިމާލަށް،" ހިޒްބުﷲ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އިޒްރޭލުގެ 11 މަގާމަކަށް ހަމަލާ ދިން ކަމަށާއި ފުރަތަމަ ފޮނުވާލި ހަމަލާތައް ކާމިޔާބު ކަމަށް ހިޒްބުﷲ އިން ބުންޏެވެ.
ލުބްނާނަށް އިޒްރޭލުން ހަމަލާދޭން ފެށުމާ އެކު ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތައް އިންޓަސެޕްޓްކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިޒްރޭލުން އިސްވެ ހަމަލާ ދިނުމަށް ފަހު ބުނީ އެގޮތަށް ކަންތައް ކުރަން ޖެހުނީ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދިނުމަށް، އީރާނުން ގެނެސްފައިވާ މިސައިލްތައް ތައްޔާރުކުރަން ފެށުމުން ކަމަށެވެ. އަދި މިއީ ބޮޑު ހަމަލާއެއްގެ ބިރު ކުޑަކުރުމަށް ދޭންޖެހުނު ހަމަލާތަކެއްގެ ގޮތުގައި ސިފަކުރި އެވެ.
މި ހަމަލާތަކާ އެކު، މިއަދު ހެނދުނު 6:00 އިން 48 ގަޑިއިރަށް އިޒްރޭލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ހިޒްބުﷲ އިން އިޒްރޭލުގެ އާންމުން އުޅޭ ސަރަހައްދުތަކަށް ހަމަލާ ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ ކަމަށް ވެސް ބުންޏެވެ.
އެމެރިކާއިން ވަނީ އިޒްރޭލު ދިފާއުކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެ މި ހަމަލާތަކާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަސް
25 August 2024
ދެކޮޅުގަވެސް ހައްދުފަހަނަ އެޅި މުއްލާއިން. ހުރިހާ ދެރައެއް ރައްޔިތުންނަށް.
މާހިރު
25 August 2024
ކުރާނެކަމެއްނެތެވެ؟ އިސްލާމީޤައުމުތަކެއްގެ މެދުގައިއޮވެ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންހާގޮތެއް ހަދަމުންދާއިރު އަރަބިއިސްލާމީ ޤައުމުތަކުން އިސްރާއީލާދެކޮޅަށް ކަމެއްކުރަން ނުކެރުމަކީ ހިތާމަހުރިކަމެކެވެ. ދިވެހިރާއްޖޭންވެސް ފަލަސްޠީނާއެކު ތިބިކަމަށް ބުނާއިރު، އެންމެ ކުޑަމިނުން އިސްރާއީލް ޕާސްޕޯރޓް މަނާކޮށްލަން ނުކެރުމަކީ ވަރަށް ދެފުށްދެގޮތް ސިޔާސަތެކެވެ. މިފަދަސިޔާސަތުތައް ބަދަލުކޮށް މުސްލިމުންގުޅިގެން އިސްރާއީލް ބަލިކުރަންޖެހެއެވެ.
ބުރަދަރ.
25 August 2024
މުޅިދުނިޔެ މިޔޮތީ ޑޮލަރުގެ ރަންމަޅީގަ ޖެހިފަ. އޭގައި ނުޖެހެނީ ރަސިއާ ޗައިނާ އިރާނު އުތުރުކޮރެއާ ވެނެޒުއެލާ ކިއުބާ. އިރާނުފިއަވާ ހުރިހާ މުސްލިމުންގެ ކަރުގަ އޮތީ މި ރަންމަޅި އަޅުވާފަ. ވާންކޮށްލާއިރަށް ނޭވާ ހާސްވޭ. އެހެންވެ ހުރިހާ ޢަރަބިން ވެސް މުސްލިމުން ވެސް މުސްލިމު ނޫން މީހުން ވެސް މިތިބީ ގޮތެއް ނުހެދިފަ. ޝައިތާނާ މިވަނީ އިންސާނީ ދަރިފަސްކޮޅު ހައިޖެކުކޮށްފަ. ސަލާމަތްވޭތޯ ދުޢާކުރޭ.