އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސް: އައިއެސް ބަލިކޮށްލާނެ ގޮތުގެ ޕްލޭނެއް ވަނީ ވައިޓް ހައުސް އަށް ހުށަހަޅުއްވާފައި.
28 ފެބުރުއަރީ 2017 - 12:07
ވޮޝިންޓަން (ފެބްރުއަރީ 28) - އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލުމަށްޓަކައި ޕެންޓަގަން އިން ތައްޔާރުކުރި ޕްލޭން ދިފާއީ ވަޒީރު ޖިމް މަޓިސް ވައިޓްހައުސް އަށް ހުށަހަޅުއްވައިފި އެވެ.
ޑިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާން ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ ޕެންޓަނުގެ ޕްލޭން ސަރުކާރުގެ އިސް އޮފިޝަލުންނާ އިއްޔެ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އައިއެސް ބަލިކޮށްލުމުގެ ޕްލޭން ތައްޔާރުކޮށްފައި ވަނީ ސީރިއާ އާއި އިރާގުގައި ތިބި އައިއެސްގެ ހަނގުރާމަވެރިން ނައްތާލަން އެކަނި ނޫން ކަމަށާއި އެއީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ހަރަކާތްތެރިވާ އައިއެސް ޖަމާއަތަކުގެ މެންބަރުންނަށް އަމާޒުކޮށްފައިވާ ފްރޭމްވޯކެއް ކަމަށެވެ.
ޑޭވިސް ވިދާޅުވީ މި ޕްލޭނާ ގުޅޭ ގޮތުން ކެބިނެޓް ލެވެލްގައި ދިފާއީ ވަޒީރު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދޭ އެއް ކަމަކީ އައިއެސް ޖަމާއަތް ބަލިކޮށްލުމަށް ވިދާޅުވެފަ އެވެ.
އިރާގުގައި ހަރަކާތްތެރިވާ އެމެރިކާގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ސްޓެފަން ޓައުސެންޑް ވިދާޅުވެފައި ވަނީ އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް މޫސަލް އާއި ސީރިއާގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ރައްގާ ކުރިއަށް އޮތް މަސްތަކުގައި ހިފާނެ ކަމަށެވެ. އިރާގު ސިފައިން މިހާރު ވަނީ މޫސަލްގެ ހުޅަނގުގެ ހިސާބުތައް ހިފުމުގެ އޮޕަރޭޝަން ފަށައިފަ އެވެ.
ސީރިއާގައި އައިއެސް ބަލިކޮށްލުމަށް ކުރުދީ ވައިޕީޖީ ހަނގުރާމަވެރިންނަށް ހަތިޔާރު ދިނުމާ މެދު އެމެރިކާ އިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ. ތުރުކީން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ތުރުކީން ބުނެފައި ވަނީ ވައިޕީޖީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަހޭ
01 March 2017
ބަޔަކު އަރާ ތަން ފަތަޙަ ކޮށްފާނެކަމަށް ހީވީ ، މޮޅުރޭވުމެއްރާވާ މަވެގަތީ ދޯ
އަލީ
28 February 2017
ތިއީ ކޮންމެހެން އައިއެސްއަށް ހަމަލާދޭން ރާވާ ރޭވުމެއް ނޫން ތިޔައީ މުސްލިމުން ނެތިކޮށްލަން ރާވާރޭވުން ތިޔަކަމެއް ޕެންޓަގަނަކަށް ނުވާނެ، އެހެނީ އައިއެސްއަކީ އިޒްރޭލާއި އެމެރިކާގެ އެއްޗެއް
އިބޫ
28 February 2017
ވަރަށް ނުކައްކާތެރި ހަގުރާމައެއް ކަމަށް ބެލެވޭ. ހަމައެއްލަމައެއް ނޯންނާނެ