ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިއްޔެ ޓީވީން ބަޔާނެއް ދެއްވާއިރު ބަޔަކު އަޑު އަހަނީ: އޭނާ ވިދާޅުވީ ހަމަލާ ނާކާމިޔާބުކޮށްލި ވާހަކަ އަކީ ދޮގެއް ކަމަށެވެ. -- ފޮޓޯ: އޭއެފްޕީ
26 އޯގަސްޓް 2024 - 06:22
އިޒްރޭލުން އިސްވެ އިއްޔެ ލުބްނާންގެ ހިޒްބުﷲގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ އެކު ހިޒްބުﷲ އިން ރައްދުގައި ފޮނުވާލި ރޮކެޓްތައް ގޮއްވާލައި ހަމަލާ ނާކާމިޔާބުކޮށްލި ކަމަށް ބުނާ ވާހަކަ އެ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ދޮގުކުރައްވައިފި އެވެ.
އިޒްރޭލުން ބުނެފައިވަނީ ހަމަލާ ދިނީ ހިޒްބުﷲ އިން އެތައް ހާސް ރޮކެޓެއް ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާ ދޭން ތައްޔާރުވާން ފެށުމުން ކަމަށާއި ހިޒްބުﷲ އިން ފޮނުވާލި އެއްވެސް ރޮކެޓަކުން އިޒްރޭލަށް ގެއްލުމެއް ނުވާ ކަމަށެވެ. އެ ރޮކެޓްތައް އަމާޒަށް ވާސިލް ނުވާ ކަމަށް ވެސް ބުންޏެވެ.
އެކަމަކު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ނަސްރުﷲ ވިދާޅުވީ ހަމަލާގެ މައިގަނޑު އަމާޒަކީ އިޒްރޭލުގެ މައި ޖާސޫސީ އިދާރާ މޮސާޑްގެ އޮފީސް ހުންނަ އަސްކަރީ މަރުކަޒު ކަމަށެވެ. އެއީ ބޯޑަރުން ފެށިގެން 100 ވަރަކަށް ކިލޯމީޓަރު އެތެރެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޮސާޑުގެ އޮފީސް ހުންނަ ކަމަށްބުނާ މަރުކަޒުގައި އެތަން ހުންނަ ކަމެއް އިޒްރޭލުން ދުވަހަކު ވެސް ބުނެފައެއް ނުވެ އެވެ. އެ އިދާރާގެ އެޑްރެހަކީ ބޮޑު ސިއްރެކެވެ.
މިތަނަށް ހިޒްބުﷲގެ އެއްވެސް ހަމަލާއެއް އަމާޒުނުވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ނަސްރުﷲ ވިދާޅުވި ގޮތުގައި ހިޒްބުﷲ އިން އުޅުނީ އެތައް ހާސް ރޮކެޓަކުން ހަމަލާދޭން ކަމަށް ބުނާ ވާހަކަ އަކީ ދޮގެކެވެ. އޭނާ ވިދާޅުވީ ބޭނުންކޮށްފައި ވާނީ ބާރަ ވަރަކަށް ރޮކެޓް ލޯންޗާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލަށް ހަމަލާ ދިނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ އުތުރާއި ގޯލާންގެ އަސްކަރީ މަގާމުތަކަށް 340 ރޮކެޓް ފޮނުވާލި ކަމަށާއި ދެ ވަނަ މަރުހަލާގައި ޑްރޯންތައް އިޒްރޭލުގެ ވަރަށް އެތެރެއަށް ވަދެ ހަމަލާ ދިން ކަމަށް ވިދާޅުވި އެވެ. މިއީ އިޒްރޭލުގެ މިހާ އެތެރެއިން މިފަދަ ހަމަލާތަކެއް ދިން ފުރަތަމަ ފަހަރު ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.
ދެ ވަނަ މަރުހަލާގެ ހަމަލާގެ އަމާޒަކީ ވެސް އަސްކަރީ މަރުކަޒެއް ކަމަށާއި އަމާޒަށް ހަމަލާތައް ވާސިލްވި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެކަމާ ބެހޭ ގޮތުން "ދުޝްމަނުން ތިބީ ހިމޭންވެފަ" އެވެ.
ބަދަލުކުރި މި ހަމަލާތަކަށް ފަހު އިޒްރޭލާއި ހިޒްބުﷲ އިން ވެސް ބުނެފައިވަނީ ހަނގުރާމައެއް ފަށަން ބޭނުން ނުވާ ކަމަށާއި އެކަމަކު ތިބީ ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy