މާޒިޔާގެ އާ ކޯޗު ޑުކަނޮވިޗް: އޭނާ ވަނީ ކުރިން އިންޑޮނެޝިއާގެ ލީގާއި ބަންގްލަދޭޝްގެ ލީގުގައި މަސައްކަތް ކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
28 އޯގަސްޓް 2024 - 13:04
ބަންގްލަދޭޝް އާއި އިންޑޮނޭޝިއާގެ ލީގުގައި ކުރިން ކޯޗުކޮށްދިން ސާބިއާގެ ޑްރެގަން ޑުކަނޮވިޗް މާޒިޔާގެ ކޯޗުކަމަށް ހަމަޖައްސައިފި އެވެ.
އުމުރުން 54 ގެ ޑުކޮނަވިޗް އެންމެ ފަހުން މަސައްކަތް ކުރީ ގްރީސްގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް އިގަލެއޯގަ އެވެ. މިދިޔަ އަހަރު، އެ ކްލަބްގައި އޭނާ މަސައްކަތް ކުރި އެވެ.
ޔޫރަޕްގެ ބާލްކަން ސަރަހަދަށް ނިސްބަވާ ކޯޗުން ގެނައުމުގައި އިސްކަންދޭ މާޒިޔާއާ މިއަދު ހަވާލުވި ޑުކަނޮވިޗަކީ އެ ކްލަބްގައި މަސައްކަތް ކުރާ ހަ ވަނަ ބިދޭސީ ކޯޗެވެ. އަދި އޭނާ އަކީ އެ ކްލަބާ ހަވާލުވި ސާބިއާގެ ފަސް ވަނަ ކޯޗެވެ.
މާޒިޔާގެ ކޯޗުކަމާ އެންމެ ފުރަތަމަ ހަވާލުވި ބިދޭސީ ކޯޗަކީ 2017 ގައި އެ ކްލަބަށް އިރުޝާދު ދިން މަރްޔާން ސެކްލޮސްކީ އެވެ. އޭނާ ނިސްބަތް ވަނީ ބަލަކަން ސަރަހައްދުގެ އުތުރު މެސަޑޯނިއާ އަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައިވާ ވަގުތު، އެ ޓީމާ ހަވާލުވި ޑުކަނޮވިޗަށް އެންމެ ފުރަތަމަ އޮތީ އޮކްޓޯބަރު މަހު ފަށާ އޭއެފްސީ ޗެލެންޖް ލީގެވެ.
އެ މުބާރާތުގައި މާޒިޔާ ލައްވާލީ ކުވައިތުގެ އަލް އަރަބީ އާއި ތުރުކްމެނިސްތާނުގެ އަރްކާޑެގް އަދި ކިގިސްތާނުގެ އަބްދީޝްއަޓާއާ އެކު ގުރޫޕް ބީގަ އެވެ. އެ ގުރޫޕްގެ މެޗުތައް އޮންނާނީ އޮކްޓޯބަރު 26 ން ނޮވެމްބަރު އެކަކަށެވެ. މާޒިޔާގެ ފުރަތަމަ މެޗުގައި ނުކުންނާނީ އާކާޑެގްއާ ދެކޮޅަށެވެ. ގުރޫޕް ސްޓޭޖް އޮންނާނީ ކުވައިތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމޯ
28 August 2024
މުސާރަނުދީ ފޮނުވާލާ ،