ޕީޕަލްސް ޕާޓީ (ޕީޕީ) ގެ ލީޑަރު ނައްތަފޮންގް ރުއެންގްޕަންޔަވުޓް. -- ފޮޓޯ: އޭއެފްޕީ
29 އޯގަސްޓް 2024 - 06:02
ތައިލޭންޑުގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް، އެންމެ މަގުބޫލު ޕާޓީ އުވާލަން ކޯޓުން ކުރި ހުކުމްތަކަކީ ޖުޑީޝަރީން ގެނައި ބަޣާވާތެއް ކަމަށް، އެ ގައުމުގެ އިދިކޮޅު ލީޑަރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް މޫވް ފޯވާޑް ޕާޓީ (އެމްއެފްޕީ) އުވާލައި، އެ ޕާޓީގެ ލީޑަރުން ސިޔާސީ ކަންކަމުގައި އުޅުން މަނާކޮށް، މި މަހު ވަނީ ބޮޑުވަޒީރު ސްރެތާ ތަވިސިން މަގާމުން ދުރުކޮށްފަ އެވެ. އެއީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރި ގާނޫނީ ވަކީލެއް ކެބިނެޓުގައި ހިމެނުމުން އެއީ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށް ކަނޑައަޅައިފަ އެވެ.
މިދިޔަ އަހަރުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބުކުރި އެމްއެފްޕީ މަނާކުރުމުން، ޕީޕަލްސް ޕާޓީ (ޕީޕީ) ގެ ނަމުގައި އަލުން މިހާރު ވަނީ ހިންގަން ފަށައިފަ އެވެ. އަދި އެ ޕާޓީގެ އާ ލީޑަރަކަށް ނައްތަފޮންގް ރުއެންގްޕަންޔަވުޓް ވަނީ ހޮވައިފަ އެވެ.
އޭއެފްޕީއަށް ދެއްވި އިންޓަވިއުގައެއްގައި އޭނާ ވިދާޅުވީ ތައިލެންޑުގެ ކުރިއެރުވުމަށްޓަކައި އިސްލާހު ތަކެއް ގެންނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ދުސްތޫރީ ކޯޓުން ބޮޑުވަޒީރު މަގާމުން ދުރުކޮށް، އެމްއެފްޕީގެ ކުރީގެ ވެރިން ވެސް މަގާމުން ދުރުކޮށްފައިވާ ކަމަށެވެ.
"ރައްޔިތުންނަށް ޖަވާބުދާރީ ނުވާ ބާރަކުން ރައްޔިތުން އިންތިހާބުކުރާ އެގްޒެކެޓިވް ބްރާންޗާއި ލެޖިސްލޭޓިވް ބްރާންޗް ބާތިލްކުރީ. މިއީ ތައިލެންޑަކީ ފުރިހަމަ ޑިމޮކްރަސީއެއް ނޫންކަމުގެ ނިޝާނެއް،" އޭނާ ވިދާޅުވި އެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތައިލެންޑްގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ހަލަބޮލި ވެފަ އެވެ. ޕޮޕިއުލިސްޓް ޕްރޮގްރެސިވް ޕާޓީތަކާއި އަސްކަރިއްޔާއަށް ތާއީދުކުރާ ޕާޓީތަކާއި ރޯޔަލިސްޓް އެލީޓުންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.
އެމްއެފްޕީގެ މަގުބޫލު ލީޑަރު ޕިޓާ ލިމްޖަރޮއެންރަތު ވަނީ ތައިލެންޑުގެ ރަސްކަމުގެ ދިފާއުގައި ހަދާފައިވާ ހަރުކަށި ގާނޫނުތައް އިސްލާހުކޮށް، އަސްކަރީ ނުފޫޒު ކުޑަކޮށް، ބާރުގަދަ ވިޔަފާރީގެ މޮނޮޕޮލީތަކާ ކުރިމަތިލާނެ ކަމަށް ވައުދުވެފަ އެވެ. އެއާ އެކު މިދިޔަ އަހަރުގެ އިންތިހާބުގައި އެ ޕާޓީ އަށް އެއް ވަނަ ލިބި އެންމެން ހައިރާންކޮށްލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy