މ. ރަބީއުވިލާ: އެ ގެ މިހާރު ވަނީ އެއްކޮށް ތަޅާލާފައި
31 އޯގަސްޓް 2024 - 21:40
މާލޭގައި ފަޅަށް ހުރި އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މ. ރަބީއުވިލާ، 14 ދުވަހުގެ ތެރޭގައި އެއްކޮށް ތަޅާލައިފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ އުޅޭ އެ ގެ ތަޅާލާފައިވަނީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިންނެވެ. އެތަން ތަޅާލުމުގެ މަސައްކަތްކުރީ ލޯކަލް ގަވަނެންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީންނެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައި ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ މަސައްކަތުގައި އުޅުނު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.
"ބިމާ ހަމަކޮށްލެވިފައި މިއޮތީ 14 ދުވަހުގެ ތެރޭގައި. އެއީ މިކަހަލަ މަސައްކަތަކަށް ބަލާއިރު ވަރަށް ބާރު ސްޕީޑު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ތަން ތަޅާލުމުގެ މަސައްކަތް ކުރިއިރު، ޖެހިގެން ހުރި ގޭގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ގެއެއްގެ އޭސީ އައުޓް ޑޯ ޔުނިޓަށް ގެއްލުންވި އެވެ.
"ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ގޭގެ ބަދަލު ދިނުމުގެ މަސައްކަތް ނިންމާފައި އޮންނާނީ. ދެން އޭސީ އައުޓްޑޯ ޔުނިޓަށް މައްސަލަ ދިމާވި، އެކަން ވެސް މިހާރު ވާނީ ހައްލުކޮށްދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ގިނަ ދުވަސްވުމުގެ ސަބަބުން ބާވެ، ވަރަށް ބޮޑަށް ރެނދުލާފައި އޮތް ތަބީއުވިލާ ތަޅާލުމުގެ މަަސައްކަތް ފެށީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ވެދާނެ ކަމަށް ރައީސަށް ފެނިވަޑައިގަތުމުން ކަމަށް ކުރިން އާދަމް ޝަރީފް ވިދާޅުވި އެވެ.
ފަސް ބުރީގެ އެ ގެއަކީ ވަރަށް ގިނަ ދުވަސްވީ ބާ އިމާރާތެކެވެ. މިދިޔަ އޭޕްރީލް މަހު އެ ގޭގެ ހަތަރުވަނަ ފްލޯގައި ރޯވެ، ގެއަށް ގެއްލުން ލިބުނެވެ. އެ ގޭގެ ތެރޭގައި މީހުން ގާނޫނާ ހިލާފު ކަންކަން ކުރާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ކުރި އެވެ.
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވެސް މިދިޔަ މެއި މަހު ރަބީއުވިލާ އިން ފެނުނެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ފުލުހުން ހޯދަމުން ދަނިކޮށެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އޭނާ މަރުވީ ޑްރަގް އޯވަޑޯސް ވެގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ހަމްމާދު
01 September 2024
ރައްޔިތުން ޝަކުވާ ކޮށްގެން ތިތަން ތަޅާލީ. ކޮންމެހެން ތިތާ ބޮޑު މީހާއަށް ފަސޭހަ ކޮށްދޭކަށް ނޫން. އޭނަ އާ ތަނެއް އަޅަން ފުރުސަތު ދެނީކީ ނޫން. އަދި މިސާލަކަށް އެޅިޔަސް ތަނަކީ ސީދާ ބިމާ ހަމަ ކުރަން ޖެހޭ ތަނެއް. އަހަރުންނަކަށްނު އިނގޭނީ މި ސިކު ކުދިންތައް އެތަންތާ ތެރެއަށް ވަދެ ޖަހާ ސަކަރާތް. އަގައެއް އިނިއްޔާ ވާހަކަ ދައްކަން ވާނެ ކަންކަން ނޭގެނީސް
ގަފޫރްް
01 September 2024
މިއީ އެމްޑީޕީ ވެރިކަމެއް ނަމަ މިތަން މި ހުރިގޮތަށް ހުންނާނެ މިފަސް އަހަރު ނިމެންދެން. ދެން ނިމޭ އަތަށް އަޅާލީމާ މިތަން ތަޅާލާފަ ބުނާނެ ރައްޔިތުންނަށް ތިމަންނާމެން ހިދުމަތެއް ކޮށްފީމޭ.
ލަބާން
01 September 2024
5 އަހަރު ކީއްކުރަން. ވިހި އަހަރު ދިނަސް ޗޯރަކަށް ނުވާނެ އެއްކަމެއްވެސް. އެހެންނޫން އިންތިހާބު ކައިރިކޮށްފަ ފެނަކަ ކަހަލަ ތަނަކުން ވަޒީފާއެއް ދީފާނެ. އެނޫން ވަރެއް ނުވާނެ
މަސްއޫދްް
01 September 2024
ވަރަށް ބޮޑު ތަކުލީފަކުން މި ސަލާމަތްވެގެން މިދިޔައީ. މި ގޯޅީގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ސަރުކާރުން މިހާ އިސްކަމެއްދީގެން މިކަން ފަރުވާތެރިކަމާއެކު ނިންމާލުން އެއީ ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއް.
އޮނަރަބްލް އަފީފު ދީދީ
01 September 2024
ސަރުކާރުން މިހަލަ ކަންތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން. މީކީ ކުޑަ ޚަރަދެއްނޫން. މާލޭމީހާ ގެތަކުން ނަގަނީ ވަރަށްބޮޑު ކުއްޔެ. ޢިމާރާތް ބާވެ ތަޅާލަން ސަރުކާރާ ޙަވާލުކުރުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން. މާދަމާ ފެންނާނީ ބަހާރުވިލާ ތަޅާލަން ސަރުކާރުން ނުކުންނަ މަންޒަރުނޫންކަމެއްވެސް ނޭނގެ. މިފަދަ ޚަރަދުތައްކުރަންވެއްޖެނަމަ ސަރުކާރާމެދު ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އިތުރުވަމުންދާނެ. ތިގޭގެ ވެރިފަރާތުން މިކަމުގެ އަގު ހޯދެންވާނެ
މާލޭސިޓީ
01 September 2024
ތީދެން މާ މޮޅުގޮތެއް. ގެ ބާވީމާ ތަން ތަޅާލާ ބިން ސާފުކުރަން ސަރުކާރަށް. އެތަނުން ބޮޑުކުލި ނަގައިގެން އުޅުނު ގޭގެވެރިންނަށް އެކަން ކުރެވޭގޮތެއްނެތް. މަގޭ ގެ ބާވީމާ މަވެސް ހަދާނީ ތިހެން. ސަރުކާރުން ބިން ސާފުކޮށްދިނީމާ ބަޔަކު ލައްވާ ގެ ހަދާނީ
އައުފް ހަމީދްް
01 September 2024
ރައީސް މުއިއްޒު ސިޓީ ކައުންސިލާ ބައްދަލުކުރިދުވަހު މޭޔަރ އާޒިމް ވަނީ މިކަމުގެ ވާހަކަ ދައްކާފައި. އަދި ހަމައެޔާއެކު ރައީސް ދެންނެވީ މިކަން ހައްލުކުރަން ވަރަށް މަސައްކަތްކުރައްވާނެކަމަށް. އެޔަށްފަހު މާ ގިނަ ދުވަހެއްނުވެ ރައީސްވަނީ މިކަން ކޮށްނިންމާފައި، މިއީ ސަރުކާރުން އެއްބާރުލުން ދިނުމުގެ ނަމޫނާއަކީ. މިޔަދު ދިވެހި ރައްޔިތުން ހެކިވާނެ ރައީސް މުއިއްޒުގެ އިހްލާސްތެރިކަން.
އާރަން
01 September 2024
ތަން ނިމިގެން އެ ދިޔައީ އަސްލުވެސް ވަރަށް ފާސްޓް ކޮށް. ތިހެން ތަޅަމުން ތަޅަމުން ގޮސް ތިބާވަތުގެ ހުރިހާ ތަންތަން ބިމާ ހަމަ ކޮށްލަން ފެނޭ
ނިހާލްް
01 September 2024
ހުރިހާ އައްޑާތައް ފުނޑާލަންވީ ހަމަ. ސާބަހޭ މުއިއްޒު
ވަރަށް ކާމިޔާބު މަސައްކަތެއް
01 September 2024
ސަރުކާރުން ތިތަން ތަޅާލަން ހޭދަވި ޚަރަދު ލިބެންދެން ސަރުކާރުގެ ބެލެހެއްޓުމުގެ ދަށުން އެގްރީމެންޓް ކުރެވޭ ވަކިމުއްދަތަކަށް ދައުލަތަށް ތިޔަ ގޯތިން ލިބޭ އާމްދަނީ ލިބޭގޮތަށް ނިމެންޖެހޭނެ. އެހެން ނޫނީ އަބަދުވެސް އެންމެނަށް ވެސް ތިގޮތް އޮންނާންވާނެ.
ވިސްނަންޖެހޭނެ
01 September 2024
މި މަސައްކަތަށް ދިޔަ ޚަރަދު ގޭގެ ވެރިފަރާތުން ސަރުކާރަށް ދައްކަންޖެހޭނެ.
ނަރު
01 September 2024
ފަހުންވެސް ދޭކަށް ނުޖެހޭނެ. ހިންދާލައިގެން ތިބޭ.
ޏަނާ
01 September 2024
ދައުލަތުގެ މުދާ “ވަކި ބަޔަކަށް” ހޭދަކުރުމުގެ ޘަޤާފަތެއް އޮތް ގައުމެއްގައި މިކަހަލަ ކަންކަމަކީ އާދައިގެ ކަންތައްތަކެއް!