އިލާން، މާޒިޔާ އަށް ސޮއި ކުރުމަށް ފަހު އެ ކްލަބްގެ ޖޯޒީގައި --- ފޮޓޯ: މާޒިޔާ
01 ސެޕްޓެމްބަރ 2024 - 10:52
މިދިޔަ އަހަރު ވެލެންސިއާއިން ސީނިއާ ކެރިއަރު ފެށި އުއްމީދީ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން މާޒިޔާ އަށް ސޮއިކޮށްފި އެވެ.
މާޒިޔާ އަށް ސޮއި ކުރުމުގެ ވެސް ކުރިން އޭނާ ވަނީ މިދިޔަ ސީޒަނުގެ ވަކި ހިސާބަކުން މާޒިޔާގެ ސީނިއާ ޓީމުގެ ޓްރޭނިންތަކުގައި ބައިވެރިވެފަ އެވެ. އާ ކުޅުންތެރިން ގެނައުމުގެ ދޮރު، ވެލެންސިއާ އަށް ފީފާއިން ބަންދުކުރުމުން މިދިޔަ ސީޒަނުގައި އެ ޓީމު ކުޅުނީ ޔޫތު ޓީމުގެ ގިނަ ކުޅުންތެރިން ސީނިއާ ޓީމަށް ޕްރޮމޯޓްކޮށްގެންނެވެ. އޭގެ ތެރޭގައި އޭރު ވެލެންސިއާގެ ޔޫތު ޓީމަށް ކުޅުނު އިލާން ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު އިލާން ވަނީ ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވެފަ އެވެ. މާޒިޔާގެ އެކަޑަމީން ވެސް ބައެއް ޒުވާން ކުޅުންތެރިންލައްވައި އެ ކްލަބުން ވަނީ ސީނިއާ ޓީމަށް ސޮއި ކުރުވާފަ އެވެ. އަދި ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ކުޅުނު އަހްމަދު އައިހަމް ވެސް ވަނީ މާޒިޔާ އަށް ސޮއި ކުރުވާފަ އެވެ. އެ ކްލަބުން ތައްޔާރުވަމުން ދަނީ އަންނަ މަހު ފަހުކޮޅުގައި ފަށާ އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓްޖް މެޗުތަކަށެވެ. އެ މުބާރަތަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން ވަނީ ކުރިން ބަންގްލަދޭޝްގެ ލީގާއި އިންޑޮނޭޝިއާގެ ލީގުގައި ވެސް މަސައްކަތް ކުރި ޑްރެގަން ޑުކަނޮވިޗް ކޯޗުކަމަށް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy