ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދު.
02 ސެޕްޓެމްބަރ 2024 - 15:34
ކ. ހުވަފެންފުށި ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން "މިހާރު" އަށް މިއަދު ވިދާޅުވީ ތުހުމަތު ކުރެވޭ ސީރިއަސް ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
"ފުލުހުން މިހާރު ވެސް އޭނާ ހޯދުމަށް ބޮޑު ސަރަހައްދެެއް ބަލައިފި،" ޝިފާން ވިދާޅުވި އެވެ.
ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަށް ތަސްލީމާ އެކު 15 މީހުން ދިޔަ ކަމަށް ވެ އެވެ. އެކަމަކު، އަދި އެއްވެސް މީހަކާ ފުލުހުން ރަސްމީކޮށް ސުވާލެއް ނުކުރެ އެވެ.
އުމުރުން 43 އަހަރުގެ ތަސްލީމް ގެއްލިގެން ހޯދަަން ފެށިކަން ފުލުހުން އިއުލާނުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު އެވެ. އޭނާ ގެއްލުނީ އޭގެ 24 ގަޑިއިރު ކުރިންނެވެ.
އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި، ދަތުރު ދިޔަ ފަހުން ތަސްލީމް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުން ދިނުމާ އެކު، ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި އެންއެންޑީއެފުން ބައިވެރިވެ ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން ވަނީ ބަލައިފަ އެވެ. އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ބެލި އެވެ.
ދަތުރުދިޔަ ކަމަށް ބުނާ ތަނަކީ ހިއްކާފައި އޮތް އަދި ރުއްގަސް ނެތް ތަނެކެވެ. އެއީ މާލެއާ 14 ވަރަކަށް މޭލު ދުރުގައި އޮންނަ ތަނެކެވެ.
އެކަމަކު މީހާ ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންވެ މެރިޓައިމް ސާޗް އެންޑް ރެސްކިއު ކޭސްއެއްގެ ގޮތުގައި މި ހާދިސާ އަދި ކަނޑައަޅާފައި ނުވާ ކަމަށް އެމްއެންޑީއެފުން އޭރު ބުންޏެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، ތަސްލީމް ގެއްލުނު ކަމަށް ބުނަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ތަސްލީމް އެންމެ ފަހުން ފެނުނީ އޭނާއާ އެކު ދަތުރު ދިޔަ މީހުންނަށް އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް ދަތުރުދިޔަ ބަޔަކު އުޅޭ ނަމަ، އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި އެކަމުގެ މައުލޫމާތު ދިނުމަށް އެދިފަ އެވެ.
ތަސްލީމަކީ މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ މުވައްޒަފަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯލު
03 September 2024
އަދި އަލަށް މި އަޑުއެހީ ފިނޮޅަށް ފަސްގަނޑު ކިޔާތީ
ނާޑުވާ
03 September 2024
އަދި ކިރިޔާ ރަނގަޅު މިސްރާބަށް ފުލުހުން އެ ޖެހީ. އެންމެ ފުރަތަމަ ޚަބަރު ލިބުނު ވަގުތުން ފެށިގެންވެސް ސުވާލު އުފެދޭ އެތަށް ކަމެއް ފާހަގަވި.
ގުދުގުދާބެއްޔާ
02 September 2024
80 މިލިޔަން ޑޮލަރ ދީފަ ތުރުކީން ގެނައި ޑްރޯން ގެ ބޭނުން ނުކުރޭބާ؟
ފަހި
02 September 2024
ދަތުރުދިޔަމީހުން ތިކަމުގާ ޒިއްމާކުރުވާ ރަނގަޅު ތަހުގީގެއް ހިނގަންޖެހޭނެ
އިހްސާސް
02 September 2024
މަބުނީ ޝިފާނުއަށް އެނގޭތޯ މިއަދުމީ 02 ސެޕްޓެމްބަރ 2024 ކަން؟ ގެއްލުނު ސޮރު ގެއްލިގެން ރިޕޯޓު ކުރީ ކާކު؟ އެންމެފަހުން އޭނާ ފެނުނީ ފިނޮޅުންތަ؟ 15 މީހުންނާ ރަސްމީ ސުވާލު ނުކޮށް ކިތައްދުވަސް؟ ތިޔަބުނާ ފިނޮޅު ފަސްގަނޑަކީ ފުވަމުލަކުހާ ބޮޑު ބިމެއްތަ؟ އެއްކޮޅުން އަނެއްކޮޅު ނުފެންނަ.
ޒަންޖަބީލު
02 September 2024
ސުވާލުއުފެދޭ އެތައްކަމެކޭ؟ އެހެންވެއްޖެއްޔާ ހަނދާންނައްތާލާ! މިގައުމުގައި ސުވާލު އުފެދޭ އެތަކެއް ހިގަިއިފި. ދުވަހަކުވެސް އެއިންކަމަކަށް ފުރިހަމަ ޖަވާބުލިބުނުތަ؟ ނޫނީ އެއްވެސް ކޭސްއެއް ނިމިގެން ދިޔަގޮތެއް ރައްޔަތުންނަކަށް އެގޭތަ؟ އަޑީގައިތިބީ ކޮންބައެއް ކަމެއް، ކާކު ނޫނީ ކޮންބައެއް ހޭ ފައިނެންސްކުރީ. މިގައުމުގައި ހިގާފައި ހުރި ބިރުވެރި ގޮތްނޭގޭ ކަންތަކަށް ބަލާއިރު ކިތަންމެ ކުޑައަކަސް މީ ބިރުން ފުރިގެންވާ މިސްޓީރިއަސް ގައުމެއް!
ނަށީދު
02 September 2024
ސުވާލު އުފެދޭ އެތެއް ކަމެއް ނެތް! އޮތީ އެންމެ ކަމެއް ސުވާލު އުފެދޭ! އެއީ ފުލުހުންގެ އިހުމާލު!
މައިދަރީ
02 September 2024
ކ. ހުވަފެންފުއްޓޭ ބުނީމަ އެއީ ރަނގަޅުގޮތެއް ނޫން.. ހުވަފެންފުށި ރިޒޯޓޭ ނުވަތަ ކ. ނައްޗާފުއްޓޭ ބުނިނަމަ ރަނގަޅުވީސް. ވަރަށް ސަލާމް..
ޢެދުރު އަލީ
02 September 2024
1- ގެއްލިފައި ވަނީ މޫދަށްކަން ކަށަވަރުވެފައި ނުވެ. 2- ތަނަކީ ހިއްކާފައި އޮތް އަދި ރުއްގަސް ނެތް ތަނެކެވެ. ކިހިނެއް މޫދަށްކަން ކަށަވަރުނުވަނީ ؟ ތަނަކީ ހާމައަށް ރުއްގަސް ނެތް ތަނެއް. އަދި 15 މީހުންނަށް ސުވާލު ނުކުރޭ. ފުލުހުން ވާހަކަތަކުން ހާމަވަނީ ފުލުހުންތިބީ ވާނުވާގަކަން
ށެކު
02 September 2024
ކުރިއަށް ރޯނު ލާފަ ރޯނު އެދުރުއަލީ ކިޔާ
ސޯޅަ
02 September 2024
އެންމެފަހުން ތިދަތުރު ދިޔަތޯ ސުވާލު ނުއުފެދޭނެބާ؟
ފައިޞަލް މ
02 September 2024
އެންއެންޑީއެފުން ބައިވެރިވެ ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން ވަނީ ބަލައިފަ އެވެ. އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެން ބެލި އެވެ. މީ ރަނގަޅު އަދަދުތައްތޯ؟ 5000 އަކަފޫޓަކީ ގާތްގަޑަކަށް ކުރީގެ ރާއްޖެތެރޭގެ ގޯއްޗެއްގެ ބޮޑުމިން 3000 އަކަފޫޓް އެއީ މިހާރުގެ ގޯއްޗެއްގެ ބޮޑުމިން
އަފްރާސިޔާބު
02 September 2024
ރަނގަޅަށް ލިޔެފައި އެ އޮތީ. އެ ގޮތަށް ފުލުހުން އެ ބަޔާން ލިއުނީ ބެލި ސަރަހައްދުގެ ބޮޑު މިން އަންގަން. ގޯއްޗެއްގެ ސައިޒޭ ބުނިނަމަ ކަލޭމެން ޖޯކު ޖަހާނެތީ. 50×100=5000 އަކަފޫޓް