މުނިފޫހިފިލުވުން / ވާހަކަ

އަހަރުމެން ހެދި ފަންޑިތަ

(އާދިއްތަ ދުވަހާ ގުޅޭ)

"އެއީ ކަލޭ ހެދި ފަންޑިތައެއްނު!" އަހަންނަށް ވުރެ ރުޅިއައިސްފައި ނަސީމު ބުންޏެވެ.

"ކަލެއެއްނު އެ އައިޑިޔާ ދިނީ؟" އަހަރެން ބުނީމެވެ. "އަހަރެން ދިން ހުރިހާ އައިޑިޔާއެއް ކެންސަލު ކޮށްފަ ކަލޭ ބުނީ ހިނގާށޭ ފަންޑިތައެއް ހަދަމާ! ހަނދާންކޮށްބަލަ!"

"ރަނގަޅޭ! އެކަމަކު ކަލެއެއްނު އޭތި ލިޔުނީ،" ނަސީމު މަސައްކަތްކުރީ އަހަރެންގެ ބޮލުގަ އަޅުވާށެވެ. "ވަޅިޔާ، ސްކަލްއާ، ދޮންތަގެ ނަން ޖަހަން ބުނީ ވެސް ކަލޭ!"

"އެކަމަކު ބޮޑުބައި ލިޔުނީ ކަލެއެއްނު!" އަހަރެން ވެސް ދުލެއް ނުކުރަމެވެ. "ޑޭޓް ޖެހީ ވެސް ކަލޭ! އަހަރެން ނުބުނަން ޑޭޓެއް ޖަހާކަށް. ފަންޑިތައަކީ އަހަރެން ދުވަހަކު ވެސް ހެދި އެއްޗެއް ނޫން، ދަންނަ އެއްޗެއް ނޫން، ހަދަން ބޭނުންވި އެއްޗެއް ވެސް ނޫން. ލުބާ މަންމަގެ ނަން އިންގްލިޝްއިން ޖަހާ، އެ ވަރުން ނުވެގެން އަރަބިން ވެސް ޖެހި. ކަލެއެއްނު އަރަބިން ނަން ޖަހަން އެނގޭތީ އެ ކަން ވެސް މާ މޮޅު ކަމަކަށް ވެގެން އުޅެނީ."

ނަސީމު އެއްޗެއް ނުބުނެ، އިސްޖަހާލައިގެން ވިސްނަން އިނެވެ.

"މަ ވެސް ހިޔެއް ނުކުރަން އެ ފަންޑިތަ މިހާ ސަޅިކޮށް މަސައްކަތް ކުރާނެ ކަމަކަށް،" ނަސީމު ބުންޏެވެ. "އެކަމަކު މިހާރު މި އޮތީ ކޮށްފަ. ސުވާލަކީ ދެން ކިހިނެއްހޭ ހަދާނީ؟ ދޮންތަ އަސްލު ވެސް އެ ދުވަހު މަރުވެއްޖެއްޔާޔޯ؟ ކޮން ޑޭޓެއްތަ އަހަރެން ޖެހީ؟"

"ކަލޭ ތީ ޑޭޓް ޖެހި މީހާ،" ތަންކޮޅެއް ބާރަށް އަހަރެން ބުނީމެވެ. "ކަލޭ ހަނދާން ނެތް އިރު މަ ކިހިނެއް ހަނދާން ހުންނާނީ؟"

އަހަރުމެން އަސްލަކަށް ބެލީ ލޯޑް އޮފް ދަ ރިންގްސް ވާހަކަ ފޮތެވެ. އޭގައި ހުރި "އެލްވިޝް" ބަހުރުވައިގެ އަކުރުތަކެވެ. ނިޝާންތަކާއި އަކަތަކެވެ. އެލްވިޝް ރަނގަޅަށް އެނގޭ މީހަކު ބަލައިފި ނަމަ، އަހަރުމެންގެ ނަންތައް ވެސް އޭގައި ހުރިކަން އެނގޭނެއެވެ. ލުބާނާގެ ގޭގެ ކުރެހުމަކާއި މަގުގައި އެ ގެ ހުންނަ ހިސާބު ވެސް ކުރެހީމެވެ. އެއީ ތިން ގަޑިއެއްހައި އިރުގެ މަސައްކަތެވެ. ބަލާ މީހަކު ހިތަށް އަރާނެއެވެ. އެ ފަންޑިތަ ހަދާފައި އެހެރީ ގެ ވެސް ފަޅުކޮށްލާށެވެ. ނަސީމު ސޯފާއިން ތެދުވިއެވެ. އަނެއްކާ އިށީނެވެ. އަނެއްކާ ތެދުވިއެވެ.

"ކަލޭ މައިތިރިވެބަލަ!" އަހަރެން ބުނީމެވެ.

"ކިހިނެއްތަ މައިތިރިވާނީ؟" ނަސީމު ބުންޏެވެ. "މަންމައަށް އެނގިއްޖެއްޔާ.."

"ކޯޗެއް މަންމައަށް އެނގިއްޖެއްޔާ؟" އެތެރެއިން ނަސީމުގެ މަންމަ ބުނި އަޑުއިވުނެވެ.

އަހަރެން ދުވެފައި އެ ގެއިން ނުކުތީމެވެ. ދެން ވީ ގޮތެއް، ނަސީމު ދެއްކި ވާހަކައެއް އަހަންނަކަށް ނޭނގެއެވެ. އެ ދުވަހަކު އަހަންނަކަށް ނުވެސް ކެވުނެވެ. ހުންނަނީ ފާޑަކަށް މޭބޮޑުވެފައެވެ. ހިތަށްއެރިއެވެ. ކޮންމެ ވަގުތަކު ވެސް ލުބާނާ އަށް ހުރިހައި ކަމެއް ފަޅާއަރައިފާނެއެވެ. އަހަންނާ ގުޅުން ކެނޑިދާނެއެވެ. އަހަރެން ހޯދަން ޕޮލިހުން ގެއަށް އަތުވެދާނެއެވެ. އަހަންނަށް ހީވަނީ އަހަރުމެންނަށް އަސްލު ފަންޑިތައެއް ހެދުނީހެންނެވެ. އޭގެ އަދަބު ލިބޭނެ ހެންނެވެ. ޖަލަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އިރުކޮޅަކުން އަންހެން ކޮއްކޮ އަށް އެ ކަން އެނގިއްޖެއެވެ. އޭނަ އާއި ލުބާނާއަކީ ދެ އެކުވެރިންނެވެ. ކޮއްކޮގެ ފަރާތުން މަންމަ އަށް އެ ކަން އެނގިއްޖެއެވެ.

"އެހެރީ މީހުން ކުރާ ނުލަފާ ކަންތައް،" ރޭގަނޑު ކާމޭޒުގެ އެންމެ ހޫނު މައުލޫއަކަށް މަންމަ ހެދީ އެ މައުލޫއެވެ. "މި ގެއަށް ވެސް މީހުން ހާދަ ސިހުރެއް ހެދިޔޭ! ފާޑުފާޑުގެ އެއްޗެހި ގޭތެރެއިން ފެނުނު. ފަސް ތަނުން ބަނދެފަ ހުންނަ ގަބުރު ގޮތަށް ހަދާފަ، ތިނޯސް ހަރާފަ ހުންނަ ސޫރަޔާ، ކަށިމަލާ، ކެޔޮދަޅިޔާ ލައްކަ ސާމާނު ފެނުނު. އަހަރެން ހިތަށް އަރާ ސިހުރުވެރިންގެ އަތްވާވާނެ ނަމައޭ!"

އަހަރެން ކޮށި އެރިއެވެ. މަންމަ ދިން ފެންތަށީގައި ތުންޖެހީމެވެ.

"އެ ސިހުރުހެދި މީހަކު މިހާރު ވެސް ހޯދިދާނެ." މަންމަ ބުންޏެވެ.

އަނެއްކާ އަހަރެން ކޮށި އެރިއެވެ. އެ ހިސާބުން އެ ތަނުން ތެދުވެގެން ދިޔައީމެވެ. ރޭގަނޑު ނަސީމު އައެވެ. އޭނަގެ މޫނު ފެނުމާ އެކު އަހަރެން ހިތަށް އެރިއެވެ. ލާހިކު ޚަބަރެއް ނުދޭނެއެވެ.

"ވަރަށް ސަކަރާތް ވެއްޖެ!" ކޮޓަރިއަށް ވަދެފައި އޭނަ ބުންޏެވެ. "ދޮންތަ އެބަ އުޅޭ ފަންޑިތަ ހަދާ މީހަކު ގެނެސްގެން. ހިނގާބަލަ ކިހިނެއްތޯ ހަދަނީ ބަލަން."

"ކިހިނެއް އެ ގެއަށް ވަންނާނީ؟" އަހަރެން ބުނީމެވެ. "މި ގަޑީގަ އަހަރުމެންނެއް ނުވައްދާނެއްނު!"

"ބޭރު ގަސްތަކު ތެރޭގަ ޖައްސާލައިގެން ތިބޭނީ،" ނަސީމު ބުންޏެވެ. "ދޮންތައަކަށް ނޭނގޭނެއްނު. ނުވެސް ނުކުންނާނެ. އެކަމަކު އަހަރުމެންގެ ނަން ބުނެފިއްޔާ ވަގުތުން ޖެހޭނެ ނައްޓާލަން."

އެއްކޮޅުން ރޭގަނޑެކެވެ. އަނެއްކޮޅުން ލުބާނާ ހީކުރަނީ އެ ކަމެއް ކުރީ ނަސީމުގެ މަންމަ ކަމަށެވެ. ނަސީމު ގާތުގައި އަހަރެން އެ ވާހަކައެއް ނުބުނަމެވެ. ނަސީމުއާ ހަތަރުކަޅި ހަމަކުރާކަށް ލުބާނާއަކަށް ފަސޭހައެއް ނުވާނެއެވެ. އެކަމަކު ނަސީމު އެކަނިކޮށެއް ވެސް ނުލެވޭނެއެވެ. އެ ސަކަރާތެއް ޖެހީ އަހަރުމެން ދެމީހުން ވެގެންނެވެ. ބޯކަހަމުން ކަހަމުން އަހަރެން ދިޔައީމެވެ. މަޑުމަޑުން ލުބާނާގެ ގެއަށް ވަނީމެވެ. ގޯތި ތެރޭގައި ލުބާނާ އެކަނިމާއެކަނި ދެކޮޅަށް ހިނގައިލަހިނގައިލާ ހުއްޓެވެ. ނަސީމު ފެނުމާ އެކު ލުބާނާގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަސީމަކަށް އެ ކަން ފާހަގައެއް ނުވިއެވެ.

"ކޮބާ ކިހިނެއްވީ؟" ނަސީމު އެހިއެވެ.

ދޭނެ ޖަވާބެއް ލުބާނާއަކަށް ނޭނގުނެވެ. ލުބާނާ ހިތަށް އަރާނެ އެއްޗެއް އަހަންނަށް އިހުސާސް ކުރެވުނެވެ. ފަންޑިތަހެދިމީހާގެ ދަރިފުޅު އައިސް ކޮން ސުވާލެއް ކުރާކަށް ހެއްޔެވެ؟

"މީހުން އެ ކަހަލަ ކަންތައް ކުރަނީ ކީއްވެބާ؟" އަހަންނަށް ބަލައިލަމުން ލުބާނާ ބުންޏެވެ.

އަހަރެން ހިތަށް އެރިއެވެ. ތިހެން ތި އެހެނީ ކާކު ކައިރީގައިކަން އެނގޭ ހެއްޔެވެ؟ އެއީ ވަރަށް އެހެން ކަހަލަ މާހައުލެކެވެ. ކޮންމެ މީހަކު ވެސް އަނެކަކު ބަހައްޓާފައި ހުރީ އަނދިރީގައެވެ. އަހަރެން ހުރީ ހުރިހައި ކަމަަކަށް ތައްޔާރު ވެގެންނެވެ. ލުބާނާ އާއި އަހަރެންގެ ލޯބީގައި ނިމުމުގެ ސިއްކަ ޖަހަން ޖެހުނަސް، އެ ކަމަށް ވެސް އަހަރެން ތައްޔާރެވެ. އިރުކޮޅަކުން ލުބާނާ އަށް މަންމަ ގޮވައިލިއެވެ. އޭނަ އެތެރެއަށް ވަނެވެ. ބައިގަޑި އިރު ވިއެވެ. ގަޑި އިރު ދެ ގަޑި އިރަށް ބަދަލުވިއެވެ. ދައްކާނެ ވާހަކައެއް ނޭނގިފައި އަހަރުމެން ތިބީމެވެ. ކުއްލިއަކަށް މީހަކު ނުކުތެވެ. އަހަރުމެން ނުވެސް ދަންނަ މީހެކެވެ. އަހަރުމެންގެ މޫނަަށް ބަލައިލުމަށް ފަހު އޭނަ ދޮރާށިން ނުކުތެވެ. އެއީ ފަންޑިތަހަދާ މީހާއެވެ. ދެން ފެނުނީ ލުބާނާ ނުކުތްތަނެވެ.

"ކިހިނެއްވީ؟ ކީކޯ ބުނީ؟" އަހަރުމެން އެހީމެވެ.

"އޭނަ ބުނީ މި ގެއަށް ވަރަށް ވަރުގަދަ ފަންޑިތައެއް ހަދާފަޔޯ ހުރީ!" ވަރަށް ބިރުގެންފައި ލުބާނާ ބުންޏެވެ.

އަހަންނާއި ނަސީމު އެކަކު އަނެކަކުގެ މޫނަށް ބަލައިލީމެވެ. އެއީ ދޮގެކޭ ބުނަން އަހަރުމެން ދެމީހުން ވެސް ބޭނުންވިއެވެ.

"ހެދި މީހަކު ހަދާފަހުރީ މަންމަގެ ދުވަސް ދުއްވާލާށޯ!" ލުބާނާ އިސްޖަހާލައިގެން ހުރެ ބުންޏެވެ. "މަންމަ އަށް ސަލާމަތް ވެސް ނުވެވޭ ވަރުގެ، ވަރުގަދަ އެއްޗެކޯ ހަދާފަ އޮތީ! އޭނަ ބުނި ގޮތަށް މި ބުނީ. އޭނަ އަށް ނާދެވުނު ނަމަ، ވަކި ދުވަހެއްގަ، ވަކި ގަޑިއެއްގަ މަންމަ ހަމަ މަރޯވާނީ. ނަސީބެކޯ އޭނަ އަށް އާދެވުނުކަން. އޭނަ ގޭގެ އެތައްމިތަން ބެލި. އެއްވެސް އެއްޗެއް ނުއެއް ފެނުނު. އެކަމަކު ފާޑެއްގެ ފެނެއް އަޅާފަ އެ ދިޔައީ. މަންމަގެ ނަސީބޯ އެ ފަންޑިތަ ފެނުނުކަން."

އަހަރެން ހިތަށް އެރިއެވެ. ނުފެންނަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރުމެން ބޭނުންވީ ލުބާނާ މަންމަ އަށް އޭތި ފެންނާށެވެ. އެއީ ދައްކަން ބޭއްވި އެއްޗެކެވެ. ވަޅުނުލީ ވެސް އެހެންވެއެވެ.

"އަސްލު މަންމަ އެކަންޏެއް ވެސް ނޫނޯ!" ލުބާނާ ކިޔައިދިނެވެ. "ހެދި މީހަކު ހަދާފަ އޮތީ ގޭގެ އެންމެން މަރާލާފަ ގެ ވެސް ފަޅުކޮށްލާށޯ! ކާކުހޯ އެ ކަހަލަ އެއްޗެއް ހަދާނީ؟ މަންމަ ބުނީ އެ ވާނީ.. ބޭބެގެ މަންމަ ހެދި އެއްޗަކަށޯ!"

ނަސީމުގެ މޫނުމަތީގައި ހީވީ މީހަކު އެތިފަހަރެއް ޖެހިހެންނެވެ.

"މަންމަ އެ ކަހަލަ ކަމެއް ނުކުރާނެ،" ޔަގީންކަމާ އެކުގައި ނަސީމު ބުންޏެވެ. "ހަންރެޑް ޕަސަންޓް."

"އެކަމަކު އެ މީހާ ވެސް އެ ބުނީތާ ދޯ ގޭގެ އެންމެން ދުއްވާލާށޭ ފަންޑިތަހަދާފަ ހުރީ،" ވަރަށް ދެރަވެފައި ލުބާނާ ބުންޏެވެ. "ފެންނާނެ މަންމަ އަށް ވެފަ ހުރި ވަރު. މަރުނުވާކަން ދޯ؟"

ހަގީގަތް ވަރަށް ސާފެވެ. ކަން ކުރި މީހުން ތިބީ އެ ތަނުގައެވެ. އެއީ އަސްލު އެއްޗެއް ވެސް ނޫނެވެ. މަޖަލަކަށް ހެދި އެއްޗެކެވެ. މައްސަލައަކީ ފަންޑިތަހަދަން ގެނައި މީހާއެވެ. އޭނަ ހެދި ދޮގާއި މަކަރެވެ. ހިތާމައަކީ، އަހަރުމެން ދެމީހުން ކުރެ އެކަކަށް ވެސް އެ ވާހަކަ ދެއްކެން ނެތުމެވެ.

"އަހަންނަކަށް ނުވިސްނޭ ލުބާ މަންމަ ތިހާ ސީރިޔަސް ވާންޖެހޭ ސަބަބެއް،" ނަސީމަށް ބުނެވޭ ވަރަށް ބުންޏެވެ. "އެ ހަމަ ވީދާލާފަ އެއްލާލީމަ ނިމުނީނު. އޭނަ އެއަށް ކިހިނެއް ހެދީ؟"

"އޭނަ ބުނީ ވަރަށް ރަނގަޅަށޯ ނައްތާލަން ޖެހޭނީ،" ލުބާނާ ބުންޏެވެ. "އެހެން ކިޔާފަ، ކޮންމެވެސް އެއްޗެއް ކިޔަވާފަ، އެ ރޯކޮށްލީ. ސިހުރު ބާތިލުކޮށްލީޔޯ ބުނީ. ދެން އޯކޭވާނޯ! ހަމަ އެހެން ބުނާ އިރަށް މަންމަ ބުނެފި، މިހާރު ވެސް ލުއިވާން ފަށައިފިޔޯ! ހީވަނީ ހަމަ މެޖިކެއްހެން. މަންމަ ކުރިން ހުރީ ފާޑަކަށް ހުދުވެފަ، އަނަރޫފަ ވެފަ ވިއްޔަ! ވަރަށް މޮޅު މީހެއްކަން ނޭނގެ މަންމަ އެ ގެނައީ. އެނގޭތަ؟ ކުރިން މަންމަ އަށް އެނދުން ނުވެސް ތެދުވެވެއެއްނު! ތިން ހަފުތާ ވެއްޖެ ޖޮބަށް ނުދާތާ ވެސް. މިހާރު ހިނގާލާފަ ބަދިގޭގަ އެބަ އުޅޭ! ހަމަ އެއްކޮށް ނޯމަލް ވެއްޖެ!"

އަހަންނަށް އަނެއްކާ ވެސް ބަލައިލެވުނީ ނަސީމަށެވެ.

"ހިނގާ ދެން ދަމާ! ތި ކަން ވެސް ތި ނިމުނީނު." އަހަރެން ބުނީމެވެ.

އަހަރުމެން ނުކުމެގެން ގޮސް ވަނީ ނަސީމުގެ ގެއަށެވެ.

"އޭ! އެހެންވީމަ ކަލެއަށް ހަމަ އަސްލު ފަންޑިތައެއްތަ އެ ހެދުނީ؟" އަހަރެން އެހީމެވެ. "ނޫނީ އެހެން މީހަކު ވެސް ފަންޑިތައެއް ހެދީބާ؟"

"އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް،" ނަސީމު ބުންޏެވެ. "ދެން ކިހިނެއް ހަދާނީ؟"

"ހުރިހާ ކަމެއް ހަނދާން ނައްތާލާނީ!" އަހަރެން ބުނީމެވެ. "ދޮންތަ މަރެއް ނުވޭ! އެއްކޮށް ރަނގަޅުވެއްޖެ! އަހަރުމެންގެ ހެޑޭކު ވެސް ދިޔައީ. މީގެން މި އެނގުނު އެއްޗަކީ، ފަންޑިތަހަދާ މީހުން ކިހާ ފޭކްކަން."

އަދި އަދަށްދާންދެން ވެސް އެއީ އަހަރުމެން ހެދި "ފަންޑިތައެއް" ކަމެއް ލުބާނާއަކަށް ނޭނގޭނެއެވެ. މިއީ، ހަގީގީ ހާދިސާއެކެވެ. (ނިމުނީ)

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުބުނާ

05 September 2024

މިހާރު މަށަށް އެނގި ސާފުވެއްޖެ ހުރިހާ އެއްޗެއް. މިއޮއްހާދުވަހު މަ މިހުރީ ނޭންގުމެއްގެ ތެރޭގައި..

The name is already taken The name is available. Register?

ލުބާނާ

04 September 2024

ނަސީމު ކަލޭ ރަނގަޅު އިނގޭ

The name is already taken The name is available. Register?

2024

04 September 2024

ޔޭ މަ ☝️ބޮއިހަލަކި 7.12

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454