މުނިފޫހިފިލުވުން / ވާހަކަ

އީނާސް

ރީތި މީހަކު ފެނުމުން ހިތް ނިކަން ބާރަށް ތެޅިގަންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ މޫނު ބަލާ ހިތުން މަރުވާ ވަރު ވިޔަސް، ބަލައިލަން ނުކެރެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަންނަށް އެކަނި ވާ ގޮތެއް ހެއްޔެވެ؟ އަހަންނަކީ މަޑުމައިތިރި، ބަސްމަދު ޒުވާން ފިރިހެނެކެވެ. އަހަންނަށް އެންމެ އުނދަގޫ ކަމަކީ، އިސްވެ ވާހަކަ ދެއްކުމެވެ. ކުލާހުގައި އިންނަ އިރު، ޓީޗަރު ސުވާލެއް ކޮށްފާނެތީ އަހަރެން އިންނަނީ އެންމެ ފަހަތު ބަރީގައެވެ. ކުލާސް ކުއްޖަކު ލާނެތް ކަމެއް ކޮށްގެން، އެ ކަން ކުރި ކުއްޖާ ނޭނގިގެން ކުލާސް ހުރިހައި ކުދިން ކޮޅަށް ބަހައްޓާ ދުވަހު ވެސް އަހަރެން ގެއަށް ފޮނުވައިލައެވެ. އެ ފަދަ އެއްވެސް ކަމެއް ކުރަން އަހަންނަށް ނުކެރޭނެކަން ޓީޗަރަށް ޔަގީން ވާތީއެވެ. އެ ފަދަ ކޮންމެ ދުވަހަކު އަހަރެން ގެއަށް އަންނަނީ ވަރަށް އުފަލުންނެވެ. އެކަމަކު އަހަރެންގެ ނުކެރުމަކީ، ކޮންމެ ފަހަރަކު އުފަލަކަށް ނުވެއެވެ.

ލޯތްބަކީ ކޯޗެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެއީ އަހަރެންގެ ޒުވާން އުމުރާ ބީރައްޓެހި ކަމެކެވެ. އަހަންނަށް އެނގެނީ އީނާސް ކިހައި ރީތިކަމެވެ. އޭނަޔާ ވާހަކަ ދައްކަން އަހަރެން ކިހައި ބޭނުންވާކަމެވެ. އޭނަ ކައިރީގައި އިނުމުން އަހަރެން ހިތްހަމެޖޭކަމެވެ. އޭނަގެ ފަން އިސްތަށިގަނޑު އެ ދުވާ، އަޖައިބެއް ކަހަލަ މީރު ވަސް ކިހައި އަރާމުކަމެވެ. އޭނަ ވާހަކަ ނުދައްކާތީ އަހަރެންނަށް ކިހައި އުނދަގޫވާކަމެވެ. ހިތަށް އަރައެވެ. އެއް ފަހަރު ވެސް އަހަންނަށް އީނާސް ގޮވައިލާނެ ނަމައެވެ. ކަމަކު ކިޔާނެ ނަމައެވެ. ކޮންމެވެސް ގަދަފަދަ ބާރަކުން، އަހަންނާއި އީނާސްގެ ދެމެދުގައިވާ ބިއްލޫރި ފާރު ފުނޑުފުނޑުކޮށްލަދޭނެ ނަމައެވެ. އަހަރެންގެ ހިތްވަރު ގަދަކުރަން ހެދޭނެ ފަންޑިތައެއް އޮންނަ ނަމައެވެ.

ޖިންނީންނަކީ އުޅޭ އެއްޗެއްހެއްޔެވެ؟ ފަންޑިތައާއި ސިހުރުގެ ތަފާތަކީ ކޮބައިހެއްޔެވެ؟ ސިހުރުވެރިން ހަގީގަތުގައި ވެސް ޖިންނި ގެންގުޅޭ ހެއްޔެވެ؟ ސިހުރުވެރިން ބުނާ ގޮތް ޖިންނިން ހަދާހެއްޔެވެ؟ އަހަންނަކީ އެ ފަދަ ސުވާލުތައް ހިތުގައި އުފައްދައި، އޭގެ ޖަވާބު ހޯދަން ބޭނުންވާ ޒުވާނެކެވެ. ހަމަ އެންމެ ބޭނުމަކަށް ޓަކައިއެވެ. ހިތާމައަކީ، ކޮންމެކޮންމެ މީހެއް ކައިރީގައި އެ ސުވާލުއަހަން އަހަންނަށް ނުކެރުމެވެ. އެކަކު ފިޔަވައެވެ.

އަހަންނަކީ ކިޔަވާ ކުއްޖަކީމެވެ. އުޅުނީ މަޖީދިއްޔާގައެވެ. ދުވަސްވަރަކީ، އިންޖީނުލީ އުޅަނދު މާލޭގައި މަދު، ބައިސްކަލު ގިނަ ދުވަސްވަރެކެވެ. މުނިފޫހިފިލުވަން ކުރާ ކަމަކީ ބައިސްކަލުބުރުޖެހުމާއި ލައިބުރަރީއަށް ގޮސް ފޮތްކިޔުމެވެ. ގޭގައި މޮނޮޕޮލީ ކުޅުމާއި ސްނޭކު އެންޑް ލެޑަރ ކުޅުމެވެ. ފުއްޕާހަމަށް ގޭސްއެޅުމާއި މޫދަށް ދިޔުމެވެ. ފުޓުބޯޅަ ކުޅެން ވެސް ދަމެވެ. އެހެނަސް، އަހަރެންގެ ހިތްހަމައެއް ނުޖެހެއެވެ. ހިތުގައި ފާޑެއްގެ ހުސްކަމެއް އޮވެއެވެ. އަބަދު ވެސް އިންތިޒާރުކުރެވެނީ އީނާސް ވާހަކަ ދައްކާނެ ދުވަހަކަށެވެ.

އަހަރެންގެ ގެއަކީ، ދަތުރުވަރުގައި މީހުން އައިސް މަޑުކުރުން އާންމު ގެއެކެވެ. ގޭގައި މެހުމާނަކު ނޫޅޭ ދުވަސްވަރެއް ނާދެއެވެ. ބައެއް ފަހަރު އާއިލާ އެކުގައި ވެސް ރަށްރަށުން މީހުން އައިސް، އެތައް ދުވަހަކު ގޭގައި ތިބެއެވެ. އަހަރެންގެ ބައްޕައަކީ ހިތްހެޔޮ، ދީލަތި މީހެކެވެ. ހުންނާނެ ދުވަހަކު ގޭގައި ހުރެފައި ދާ އިރު ވެސް މީހެއްގެ އަތަކުން އުޖޫރައެއް ނުނަގައެވެ. ކެއުންބުއިމާއި ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިތުރުން، ރަށަށް ފުރާ އިރު ބައްޕަ ހަދިޔާ ވެސް ދެއެވެ. އެ ދުވަސްވަރު އެއީ މާލޭގައި އާންމު ކަމެކެވެ. ރާއްޖޭގައި ހެދޭ މޭވާ، ތަރުކާރީ އާއި ރާއްޖޭގައި ހަދާ ފާޑުފާޑުގެ ކާއެއްޗެހި އަހަރެންގެ ގެއިން ހުސް ނުވެ ލިބެން ހުރެއެވެ. ރިހާކުރާއި ދިޔާހަކުރާއި ބޮނޑި އާއި މެޓާގަނޑު ވެސް ހަމަ އެ ފަދައެވެ. ގޭގައި ކުޑަ ފިހާރައެއް ހުޅުވަން ބައްޕަ ނިންމީ، އަހަރުމެންނަށް ނުކެވޭ ވަރަށް އެ ފަދަ ސާމާނު ގިނަވާތީއެވެ. ފަހުން ވިޔަފާރި ފުޅާވެ، އިތުރު މުދާ ގެނެސް، ހިސާބުގަނޑުގެ ނަން މަޝްހޫރު ފިހާރަޔަކަށް އަހަރުމެންގެ ފިހާރަ ވިއެވެ. ފިހާރައިން ވިޔަފާރި ކޮށްލުމަށް ޓަކައި ދުރު ރަށްރަށުން މީހުން އަންނަން ފެށިއެވެ. އަހަރެންގެ ކަޅާއިހުދު ހުވަފެނުގައި ކުލަޖެހެން ފެށީ އެ ހިސާބުންނެވެ.

ލަބީބަކީ ވަރަށް ގިނައިން އަހަރެންގެ ގެއަށް އަންނަ، މެދު އުމުރުގެ މީހެކެވެ. ކޮންމެ އަހަރަކު ވެސް ވަކި މޫސުމަކާ ދިމާކޮށް މާލެ އަންނަން ލަބީބަށް ޖެހެއެވެ. އެއީ ފުޓުބޯޅަ މޫސުމެވެ. ދިވެހިންގެ ތެރޭގައި، މޮޅު ކުޅުންތެރިންނަށް ވާން ރެޔާއި ދުވާލު މަސައްކަތްކުރާ މީހުން އުޅެއެވެ. މަޝްހޫރު ކުޅުންތެރިން އުފެދޭ ވެސް މެ އެވެ. އެކަމަކު، އަހަރުގެ ބޮޑު މުބާރާތާ ކުރިމަތިލާ އިރު ގިނަ ޓީމުތަކަށް ހިތްވަރު ލިބެނީ ފަންޑިތައިގެ އެހީޔާ އެކުގައެވެ. އެ ކަން ވެފައި އޮންނަނީ، ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް އެނގޭ ބޮޑު ސިއްރަކަށެވެ.

ލަބީބަކީ ފަންޑިތަވެރިއެކެވެ. ކުޅަދާނަ މީހެކެވެ. ނުވަތަ ހެއްވާ މީހެކެވެ. ބައްދަލުވާ ދެ ޓީމަށް ވެސް އޭނަ ފަންޑިތަ ހަދައިދެއެވެ. މޮޅުވެއްޖެއްޔާ އެއީ ފަންޑިތައިގެ ބާރެވެ. ބަލިވެއްޖެއްޔާ އެއީ ކޮންމެވެސް މީހެއްގެ މައްސަލައެކެވެ. ޓީމުތަކަށް ލަބީބު ފަންޑިތަ ހަދައިދޭ އިރު، އަހަރެން ލަބީބުގެ ފޫބުޑުން ދުރަކަށް ނުދަމެވެ. އޭނަ ކުރާ ކަންތައް ބަލާހިތްވާތީއެވެ. އަހަރެންގެ އަމިއްލަ މަގުސަދެއް އޮތީމައެވެ. ލަބީބު ކުރާ އެއްވެސް ކަމެއްގެ ތަފުސީލެއް އަހަންނަކަށް ކިޔައެއް ނުދޭނެއެވެ. އޭނަ ކުރާ ކަމެއް ކުރާނީއެވެ. އަހަރެން ބަލަން އިންނަނީއެވެ. އެހެން އިންނަ އިރު، ހިތުގައި އުފެދޭ ސުވާލުތައް އަހަރެން ދުލާ ހަމައަށް ގެންނަމެވެ. އޭނަގެ ފޮތްތައް ބަލަމެވެ. ލިޔެފައި ހުންނަ އެއްޗެއް ކިޔަން އެނގޭތީއެއް ނޫނެވެ. ލަބީބު ގެންގުޅޭނީ އުރުދޫ ބަހުން ހުންނަ ފޮތްތަކެވެ. އެއިން އެންމެ އަކުރެއް ވެސް އަހަންނަކަށް ނޭނގެއެވެ. ފޮތް ހޭވިޔަސް ލަބީބު އަޅައި ނުލަނީ އެހެންވެއެވެ. އެއީ ހިންދީ ފިލްމުގެ ނުފޫޒު ރާއްޖޭގައި ވަރަށް ބޮޑު ދުވަސްވަރެކެވެ. ފިލްމުގައި ކިޔާ އެއްޗެހި އަހަންނަށް ވެސް އޮޅުންފިލައެވެ. ވީމައި، ފޮތުން ވެސް ލަބީބު އެއްޗެއް ކިޔައިދީފިއްޔާ އަހަންނަށް އޭގެ މާނަ އެނގެއެވެ.

ލަބީބު ގެންގުޅެނީ މުސްކުޅި ފޮތްފޮތެވެ. ގަނޑުތައް ހުންނަނީ ރަތްވެ، ކުލަ މަރުވެފައެވެ. އެކިއެކި ނިޝާންތަކާއި ކުރެހުންތައް ވެސް އޭގައި ހުރެއެވެ. އެއްދުވަހަކު، ރަތް އަކުރުން ލިޔެފައިވާ ގަނޑެއް އަހަންނަށް ފެނުނެވެ.

"އޭ މީ ކޯޗެއް؟" އަހަރެން އެހީމެވެ. "ކީއްވެ ރަތްކުލައިން މިހިރީ؟"

"ތީ ވަރަށް ވަރުގަދަ އެއްޗެއް،" ލަބީބު ޖަވާބު ދިނެވެ. "ޖިންނީންގެ ތެރޭގަ އުޅޭނެ މާރިދާ، އިފުރީތު ވެސް. ތީ އިފުރީތެއް އަތުލައިގަންނާނެ ގޮތް. ވަރަށް ނުރައްކާތެރި ފަންޑިތައެއް ތީ. އެހެންވެ ރަތްކުލައިން އެހެރީ."

އަހަރެންގެ ޝައުގުވެރިކަން އިންތިހާއަށް އިތުރުވިއެވެ.

"ލަބީބު ދުވަހަކު ވެސް އިފުރީތެއް ގެނައިންތަ؟" އަހަރެން އެހީމެވެ.

"ނުޖެހޭނެ އެ ކަހަލަ ކަންތައް ކުރާކަށް،" ވަރަށް ހަމަޖެހިލާފައި ލަބީބު ބުންޏެވެ. "އަހަރެން ކައިރިއަށް މި އަންނަ ނުވަދިހަ ނުވަ ޕަސަންޓު މީހުންނަކަށް ނުޖެހޭނެ އަސްލު ފަންޑިތައެއް ހަދައިދޭކަށް ވެސް. ކުޑަ ކެއްސެއް ދިނީމަ ހިތްހަމަޖެހިގެން އެ މީހުން ހިނގައިދާނެ. ހުރިހާ ވެސް އެއްޗަކީ އިތުބާރު. އަހަރެން ކައިރިއަށް އަންނަ މީހުން އަހަންނަށް ވަރަށް އިތުބާރު ކުރާނެ. ދެން އޮންނާނީ އަހަރެންގެ ދެއްކުންތެރިކަން. އުކުޅުތައް."

ލަބީބު ހުޅުވައިލަދިން ދޮރުން އަހަރެން އެތެރެއަށް ދެމިގަތީމެވެ.

"މިހާ ތަނަށް ކޮންޓުރޯލުކުރި އެންމެ ވަރުގަދަ ޖިންނިޔާ ބެހޭ ގޮތުން އަހަންނަށް ކިޔައިދީބަލަ!" އަހަރެން އެދުނީމެވެ. "ކިހިނެއް އެ ޖިންނި ގެނައީ؟ ކީއްކުރަން ގެނައީ؟ ގެނެއްސަ ކިހިނެއް ދެން ހެދީ؟"

"އަހަރެން ނުޖެހޭ ވަރުގަދަ ޖިންނިއެއް ކޮންޓުރޯލު ކުރާކަށް،" ލަބީބު ފޮތް ލައްޕައިލަމުން ބުންޏެވެ. "ހީވެދާނެ ފުޓުބޯޅައިގެ ކޮންމެވެސް ކަމެއް ކުރުވާށޭ ވަރުގަދަ ޖިންނިން ގެންނަން ޖެހެނީ. ނޫން! ކުޅިވަރަކާ އެއްވެސް ގުޅުމެއް ނެތް. މިހާ ތަނަށް އަހަރެން އެންމެ ވަރުގަދަ ޖިންނިއެއް ގެނެސްގެން ކުރުވަން ޖެހުނު ކަމަކީ، އަންހެނަކާ ފިރިހެނެއް ރައްޓެހި ކުރުވުން."

އަހަންނަށް ހީވީ ގޯލަށް ބޯޅަ ޖެހުނު ހެންނެވެ. ވަރަށް ގަޔާވެފައި އެނދަށް އަރައި ދެފައިވަށްކޮށްލީމެވެ. "އެހެންތަ؟" އަހަރެން ބުނީމެވެ. "އެ ވެސް ކުރެވިދާނެ ކަމެއްތަ؟"

"އާނ! އެއީ ކުރެވިދާނެ ކަމެއް،" ލަބީބު ބުންޏެވެ. "އެއްވެސް ކަމެއް ނޫން."

"ދެން ކީއްވެ ހުރިހާ އެންމެން ފަންޑިތަ ނަހަދަނީ؟" އަހަރެން އެހީމެވެ.

"ތިއެއް ނޭނގެ،" ލަބީބު ބުންޏެވެ. "ވެދާނެ އެ ކަހަލަ ވާހަކަ ދައްކަން ބައެއް މީހުން ޖެހިލުން ވަނީ ކަމަށް. ނޫނީ، ފަންޑިތަ ހަދައިގެން އޭގަ އެ ބުނާ ކަންކަން ކުރަން އުނދަގޫވާ މީހުން ވެސް ތިބެދާނެ."

އެ ދުވަސްވަރަކީ ލައިބުރަރީގައި ކުލަބެއް ހުޅުވި ދުވަސްކޮޅެވެ. އަހަންނަކީ ވެސް އެ ކުލަބުގެ މެންބަރެކެވެ. އީނާސް ވެސް މެއެވެ. ތެދަށް ބުނާ ނަމަ، އެ ކުލަބުގައި އަހަރެން ބައިވެރިވީ ވެސް އީނާސް ފެންނާނެތީއެވެ. ފަންޑިތައެއް ހަދަން ޖެހުނަސް، އެއީ އަހަންނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

"ދެންމެ ބުނީމެއްނު އެންމެ ވަރުގަދަ ޖިންނި ގެންނަން ޖެހުނީ ދެ މީހުން ރައްޓެހި ކުރުވާށޭ،" އަހަރެން ބުނީމެވެ. "އެ ކަން ވިތަ؟"

"އާނ! ޔަގީން ކަށަވަރެއްނު!" އެއީ އެއްވެސް ކަމެއް ނޫނޭ ބުނާ ކަހަލަ ރާގަކަށް ލަބީބު ބުންޏެވެ.

"އަސްލު ވެސް؟" އަހަންނަށް އެހުނެވެ. "ހަމަ ފަންޑިތައިގެ ބާރުން؟"

"އާނއެކޭ!" ލަބީބު ޖަވާބު ދިނެވެ. "ކީއްވެގެން ތި ވަރަށް ތި އަހަނީ؟"

އަހަރެން ހިތަށް އެރިއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. ވަކި ހިސާބަކަށް ދިޔުމުން ޖެހޭނީ ކެރޭށެވެ. "މަ ވެސް ބޭނުން ތީތި ހަދަން،" ހިތްވަރު ކޮށްލާފައި އަހަރެން ބުނީމެވެ. "އެކަމަކު ބައްޕައަށް ނާންގައްޗޭ!" ލަބީބު އިރުކޮޅެއް ވަންދެން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އަހަންނަކީ ގޭގެ ވެރިމީހާގެ ދަރިފުޅެވެ. އަހަރެން ބުނާ ކަމެއް ކޮށްދޭން އޭނަ ބޭނުމެވެ. އެކަމަކު އަހަރެން ބޭނުންވީ ފަންޑިތައެކެވެ. މައްސަލައަކީ އެއީއެވެ.

"އެއީ ކީއްވެ ފަންޑިތައެއް ހަދަން ތި ނިންމީ؟" ލަބީބު އެހިއެވެ. "މުހުސިން ނުޖެހޭނެ ފަންޑިތައެއް ހަދާކަށް. ތީ ނުލާހިކު ނަލަ، ބަސްއަހާ ކުއްޖެއް. ތި ކަހަލަ ކުދިން ނުޖެހޭނެ ފަންޑިތައިގެ އެހީ ހޯދާކަށް." "ނޫނެކޭ! ޖެހޭތީއެއްނު މި ބުނީ،" އަހަރެން ބުނީމެވެ. "އަހަންނަކަށް ނެތޭ އެހެން ގޮތެއް."

އަނެއްކާ ވެސް ލަބީބު ވިސްނައިލިއެވެ.

"އެއީ މާ ދުރުގަ ހުރި ކުއްޖަކީތަ؟" ލަބީބު ސުވާލުކުރިއެވެ. "އޭނަ ނޫނެކޭ ބުނީތަ؟ އޭނަގެ މައިންބަފައިން ނޫނެކޭ ބުނީތަ؟ މުހުސިންގެ މައިންބަފައިން މާ ނުރުހޭ ކުއްޖަކީތަ؟"

"އުހުނ! ތީން އެއްވެސް ކަމެއް ނުވޭ!" އަހަރެން ބުނީމެވެ. "ކޮންމެ ދުވަހަކު އޭނަ ދިމާ ވެސް ވޭ!" "ދެން ކޮބާ މައްސަލައަކީ؟" ހައިރާންވެފައި ލަބީބު އެހިއެވެ. (ނުނިމޭ)

11 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަކިންތަ

11 September 2024

ތީ ކާކު ޕޮޓޯއެއް؟

The name is already taken The name is available. Register?

ސަންތީ

10 September 2024

ލަބީބު ކުރާހާ ސުވާލަކަށް އަހަރެން ޖަވާބުދޭކަށް ނެތީމެވެ. އަހަރެންމީ ލަބީބުގެ އަނގަތަ؟ މުހުސިނު ބުންޏެވެ. ފަންޑިތައެކޭ ކިޔާފައި ހަންޑިސޮރުގޭ ބިތަށްރީފި އައްޑިހަ ފޯލި ގުއިރީފި. މިވާހަކަ ރީތިތަ؟ މުހުސިނު ކުރަކި އަޑަކުން އަހާލިއެވެ. ލަބީބު ދިޔައީ ފަޅައިގެންނެވެ. ގޭ ކުޑަދޮރުން ފުންމާލީ ބައްޕަގެ ކާރުމައްޗަށެވެ. އެވަގުތު ކާރުތެރޭގައި ބައްޕަ އިންނެވިކަމެއް ލަބީބުއަކަށް ރޭކާވެސް ނުލިއެވެ.

The name is already taken The name is available. Register?

މަޖީދީ

08 September 2024

ބިންމާ، މަޖީދިއްޔާގަ ނޫޅޭ އަންހެންކުދިންނެއް ބިންމާ ތި ލިޔާ ޒަމާނަކު. ދެނޯ!

The name is already taken The name is available. Register?

ޞޯލިހު

09 September 2024

އޭނަ ނުބުނޭ މަޖީދިއްޔާގަ އުޅުނެކޭ

The name is already taken The name is available. Register?

އިހުސާނ

08 September 2024

ފޮޓޯއިން އެފެންނަ އަންހެންކުއްޖާ ވަރަށް ރީތި. މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ދެކެބަލަ. އެކަލާނގެ އިންސާނާ ހައްދަވާފައިވަނީ އެންމެ ރިވެތި ސިފައިގަ. އަދި ކޮބާ މިއަދު ރަނގަޅަށް އުޅެފިނަމަ ސުވަރުގޭގައި އަދި އެއަށްވުރެ މާ ރީތި ޙޫރަލްޢީނުން ލިބޭނެ. މާތްﷲ އަށް ތަޤުވާވެރިވޭ. ޢިއްފަތްތެރިވެ ފަރުދާވޭ. ﷲ ގެ އިންތަކުގައި ދިރިއުޅެވޭތޯ ބަލާ.

The name is already taken The name is available. Register?

ތަންޓޫ

08 September 2024

ލަބީބު މާ ފޮނިކަނޑާނެ ކަމެއްނެތް. ކުރަން އެނގެންޏާމު އެސޮރަށް އެކަން ކޮށްދީ. އަދި މަވެސް ބޭނުން އެކަހަލަ ރީތި ކުއްޖެއް ހޯދަން. ލަބީބޫ.... މަވެސް ބޭނުން. މަވެސް. އަޅެ ޕުލީޒުުުުުުުުުުުު

The name is already taken The name is available. Register?

2024

08 September 2024

ޔޭ މަ ☝️ ބޮއިހަލަކި 8.25

The name is already taken The name is available. Register?

ހަހަހަހަހަހަ

08 September 2024

ހުމްމް. ތިޔޮތީ އާ ކުކުޅަކަށް ގާ ބިހެއް އެޅިފަ

The name is already taken The name is available. Register?

އަރާމަގު ދޮންކަމަނަ

08 September 2024

އޯ ލަލަލާ.. މިއޮތީ އެއްކަލަ ބިންމާބެގެ ފޭވަރިޓް ސްޓައިލްގެ ވާހަކަ.. 90ގެ އަހަރުތަކުގެ ތެރެއިން އަހަރެއް+މާލޭގެ އޭރުގެ ދިރިއުޅުން+ލޯބި+ފަންޑިތަ ސިހުރު.. ހަމަ ފައްކާ ބިންމާބެ ސްޓައިލް.. ދެން ތިއަށް ލޮނާ އަސޭމިރުހާ މަސާލާ އަޅާފަ ރަހަ ހެޔޮވަރު ކުރީމަ އެ ނިމުނީ..

The name is already taken The name is available. Register?

ޔައީސް

08 September 2024

ނަދީމް ކައިރިއަށް ދޭ ބަލަ ޒަމާނީ ވާހަކަ އަޑުއަހަން. އަހަރެންނަށް ހަމަ ދެ ވަނަ އެއް ނެތް ބިންމާބޭގެ ވާހަކަތަށް. އެހާވެސް ފުރިހަމަ ރީތިވެފަ ސިފަކުރުންތަށްވެސް އެހާ މޮޅު. ވަރަށް އަވަހަށް ބިރުވެރި ދިގުވާހަކައެއް ބޭނުން

The name is already taken The name is available. Register?

އަރާމަގު ދޮންކަމަނަ

09 September 2024

ބަލަ ކަމަނަައަށްވެސް ކަމުދެއޭ ބިންމާބެގެ ވާހަކަތައް.. ވާހަކަ ހަޑިއެކޭ ނުބުނަމެއްނު.. މި ބުނީ މީ ކްލެސިކް ބިންމާބެ ސްޓައިލްއޭ.. ބިންމާބެ އިޒް ދަ ބެސްޓް.. ނަދީމްގެ ވާހަކަތައްވެސް ރީތި ކަމަނައަށް.. ޔައީސް ހަމަޖެހިބަލަ.. އަދި ނުވެއޭ ނަދީމް ކައިރިއަށް ފޮނުވާ ވަރެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454