އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ރިޔާސީ އިންތިހާބުގެ ފަހުން އޭނާއަށް ހުކުމްކުރަން ކޯޓުން ވަނީ ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
08 ސެޕްޓެމްބަރ 2024 - 06:34
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ، ކުށްތަކަށް އަދަބު ކަނޑައަޅައި ހުކުމްކުރުން އިންތިހާބުގެ ފަހަށް ތާވަލްކޮށް ފަސްކޮށްފި އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސްއާ ވަރަށް ވާދަވެރި ކެމްޕޭނެއްގައި އުޅުއްވާ ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕަށް މިއީ ލިބިވަޑައިގަތް ބޮޑު ހިތްހަމަޖެހުމެކެވެ.
ޓްރަމްޕަށް ސާބިތުވެފައިވަނީ އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރެއްވި އިރު ކެމްޕެއިން ތެރޭ އޭނާއާ ދެކޮޅު ވާހަކަތަަކެއް ހުއްޓުވަން ކެމްޕެއިން ފައިސާއިން ހަރަދުކޮށް އެކަމާ ގުޅޭ ލިޔެކިޔުންތަކާއި ހިސާބުތައް އޮޅުވާލި މައްސަލައިގެ ދައުވާ އެވެ. ބަރަހަނާ ފިލްމު ކުޅޭ މީހެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކު ބޭއްވި ނަހަމަ ގުޅުމުގެ ވާހަކަ އޭނާ ދައްކަފާނެތީ ޓްރަމްޕް އޭނާގެ ވަކީލް މެދުވެރިކޮށް ޑެނިލިއަލްސް އަށް ކެމްޕެއިން ފައިސާއިން 130،000 ޑޮލަރު ދިންކަން އޮތީ ސާބިތުވެފަ އެވެ.
މި ދައުވާގެ އަދަބު ކަނޑައެޅުން މި މަހުގެ 18 އަށް ތާވަލްކޮށްފައި އޮތަސް ހުކުރު ދުވަހު ފަނޑިޔާރު ނިންމެވީ ނޮވެމްބަރު މަހުގެ 26 އަށް މިކަން ފަސްކުރުމަށެވެ. އެެއީ ނޮވެމްބަރު 5 ގައި އޮންނަ އިންތިހާބުގެ ތިން ހަފްތާ ފަހެވެ. މިއީ ޓްރަމްޕުގެ ވަކީލުން ވެސް އެދިވަޑައިގަތް ގޮތެވެ.
"މިއީ ކޯޓުން ނިންމި އާދައިގެ ކަމެއް ނޫން. މިއީ ކޯޓުން ގަބޫލުކުރާ ގޮތުގައި މިކަމުގައި އެންމެ އިންސާފުވެރި ގޮތް،" ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ޓްރަމްޕް ވަނީ މި ދައުވާތައް ބާތިލްކުރަން ޖެހޭ ކަމަށް އަނެއްކާވެސް ވިދާޅުވެފަ އެވެ.
ކޯޓުގެ މި ނިންމުން އައިސްފައި މި ވަނީ ޓްރަމްޕާއި ކަމަލާގެ ރިޔާސީ ބަހުސް މި އަންގާރަ ދުވަހަށް ތާވަލްކޮށް އެކަމުގެ ފޯރި އާއި ވާދަވެރިކަން ވަރަށް ބޮޑުވެފައިވާ ވަގުތެއްގަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާނިި
08 September 2024
ދިވެހިރައްޔިތުންނޭ. އެމެރިކާގެ އިންސާފު ފެނޭތަ؟