މުނިފޫހިފިލުވުން / ވާހަކަ

އީނާސް

(އާދިއްތަ ދުވަހާ ގުޅޭ)

"ދެން ކޮބާ މައްސަލައަކީ؟" ހައިރާންވެފައި ލަބީބު އެހިއެވެ.

"އަހަންނަކަށް ނުކެރެޔޭ އޭނަޔާ ވާހަކަ ދައްކާކަށް،" އަހަރެން ތެދަށް ބުނީމެވެ. "ވާހަކަ ދައްކަން ކީއްކުރަން؟ ބަލާލާކަށް ވެސް ނުކެރޭ! އޭނަ ފެންނަ އިރަށް އަހަރެން ފާޑަކަށް ގަނޑުވަނީ."

ލަބީބު ބޯ ކަހައިލިއެވެ. ބުނާ ކަހަލައެވެ. މި ޖެހުނީ ވަރުގަދަ ކަމަކާއެވެ.

"ތީ އެއްވެސް ކަމެއް ނޫން! އަހަރެން ތި ކަން ހަމައަކަށް އަޅުވައިލަދީފާނަން." އަހަރެންގެ ބުރަކަށީގައި ފިރުމައިލަމުން ލަބީބު ބުންޏެވެ. "އެ ކަމާ ނުވިސްނާ ކިޔެވުމަށް ސަމާލުކަންދީ!"

އެހެން ބުނެގެން ފުދިދާނެހެން ލަބީބަށް ހީވާ ނަމަ އެއީ ކުށްހީ އެކެވެ. އަހަރެންގެ ހާލަތު އެ އަށް ވުރެ ނާޒުކެވެ.

"ކިހިނެއް ހަދަން ތި އުޅެނީ؟" އަހަރެން އެހީމެވެ. "ޖިންނިއެއް ގެންނަނީ؟ އަހަރެން ޖިންނިއަކަށް ރެޑީވާންވީތަ؟"

"ނޫންނޫން!" ވަރަށް ހަމަޖެހިލާފައި ލަބީބު ބުންޏެވެ. "މީ ޖިންނިއެއް ގެންނަ ވަރުގެ ކަމެއް ނޫނެއްނު!"

ޖިންނި ގެންނަން ޖެހޭ ހާލަތުތައް ލަބީބު ވަރަށް ދިގުކޮށް އަހަންނަށް ކިޔައިދިނެވެ. ގެންނަން ނުޖެހޭނެ ހާލަތުތައް ވެސް ކިޔައިދިނެވެ. އޭނަ ބޭނުންވީ އެ ކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަހަންނަށް ދޭށެވެ. ކުރިން ހިނގި ހާދިސާއެއް ވެސް ލަބީބު ހަނދާން ކޮށްދިނެވެ. އަހަރެންގެ އިތުބާރު ހޯދުމަށް ޓަކައިއެވެ. އެއީ ކުރީ ދަތުރުވަރެއްގައި ދިމާވި ހާދިސާއެކެވެ. އެ ދުވަހު އަހަރެން ގޭގެ ދޮރުމަތީގައި ހުއްޓައި ލަބީބު ހޯދަން މީހަކު އައެވެ. އެ މީހާ ގޮވައިގެން ލަބީބުގެ ކޮޓަރި ދައްކަން ދިޔައީ އަހަންނެވެ. ލަބީބު ކިޔައިދިން ގޮތުގައި އޭނަގެ ނަމަކީ މާޖިދެވެ. މާޖިދު އައީ މާޖިދުގެ ދަރިފުޅު ޖިންނި އަވަލަވައިގެން ދަރިފުޅަށް ފަންޑިތައެއް ހައްދަން ވެގެންނެވެ. މާޖިދު ބުނި ގޮތުގައި، އެހެން ފަންޑިތަވެރިއެއްގެ އެހީ ހޯދަން ވެސް މާޖިދު ދިޔައެވެ. އެ ފަންޑިތަވެރިޔާ ބެލި ގޮތަކަށް ބަލައިފައި ބުނީ، ވަރަށް ވަރުގަދަ ޖިންނިއެއްގެ އަތްދަށުގައި ދަރިފުޅު ހައްޔަރު ވެފައިވާ ކަމަށެވެ. ދަރިފުޅު ސަލާމަތްކުރަން މުސްލިމު ޖިންނީންގެ ބޮޑު ލަޝްކަރެއް ގެންނަން ޖެހޭ ކަމަށެވެ. ވަރަށް ބޮޑު ހަނގުރާމައެއް ވެސް ކުރަން ޖެހޭ ކަމަށެވެ. މާޖިދު ހުރީ އެ ކަން ކުރާ ގޮތަށެވެ. އެހެން ނަމަވެސް އެ ފަންޑިތަވެރިޔާ ކިއީ މާޖިދަށް ފޯރާ ވަރުގެ އަގެއް ނޫނެވެ. މައްސަލައަކީ އެއީއެވެ. ލަބީބު ކައިރި އަށް މާޖިދު އަންނަން ޖެހުނު ސަބަބަކީ ވެސް އެއީއެވެ. ދަރިފުޅަށް ވެގެންއުޅޭ ގޮތް ލަބީބު އޮޅުންފިލުވިއެވެ. ލަބީބަށް ކަށަވަރު ކުރެވުނު ގޮތުގައި، މާޖިދުގެ ދަރިފުޅު ސަލާމަތް ކުރެވޭނެއެވެ. ލަބީބު އަގެއް ނުވެސް ކިޔައެވެ. މާޖިދަށް ފެނުނު އެއްޗެއް ދޭން ދޫކޮށްލީއެވެ. ވާހަކަ އެ ހިސާބަށް ދިޔުމުން އަހަންނަކަށް ނީނދެވުނެވެ.

"އެކަމަކު އެހާ ބޮޑު ފަންޑިތައަކަށް އަގެއް ނުކިއީ ކީއްވެ؟" އަހަރެން އެހީމެވެ.

"އާނ! އެޔޭ މީގެ އެންމެ މޮޅު ތަންކޮޅަކީ،" ހިނި އައިސްފައި ލަބީބު ބުންޏެވެ. "މާޖިދުގެ ދަރިފުޅު ހުރީ ޖިންނި މޮޔަވެފައެއް ނޫނޭ! ވަރަށް ގިނަ މީހުން އަންނާނެ ޖިންނި މޮޔަވެގެންނޭ ކިޔާފަ ފަންޑިތަ ހަދުވަން. އެކަމަކު ގިނަވާނީ ނަފުސާނީ ކަންކަން. ޖިންނިއަކާ އެއްވެސް ގުޅުމެއް ނޯންނާނެ. މާޖިދުގެ ދަރިފުޅަށް ދިމާވެގެން އުޅުނީ، އަންހެންކުދިންގެ މައްސަރު ދުވަސްވަރާ ގުޅުން ހުރި ކަމެއް."

ލަބީބު ވަރަށް ދިގުކޮށް އެ މައްސަލަ އޮޅުން ފިލުވައިދިނެވެ. އަހަންނަކީ އޭރު ސައިންސް ކިޔަވާ ކުއްޖަކަށް ވީތީ، ލަބީބު ދެއްކި ވާހަކަތައް ގަބޫލުކުރަން ވަރަށް ފަސޭހަވިއެވެ. ހަގީގީ މައްސަލަޔާ ޖިންނިއަކާ ގުޅުމެއް ނެތެވެ.

"މައްސަލައަކީ، މާޖިދުގެ ދަރިފުޅު ވެސް ދެކެނީ ޖިންނި ފަރާތުގެ ކަމެއް ކަމަށް،" ލަބީބު ބުންޏެވެ. "އެ މުޅި އާއިލާ ވެސް ގަބޫލުކުރަނީ އެ ގޮތަށް. އެހެންވީމަ އަހަރެން އެބަ ޖެހޭ ޖިންނިއަކާ ހަނގުރާމަކުރަން."

ލަބީބު ބުނި ގޮތުގައި، ފަންޑިތަ ހަދައިދޭން ލަބީބު ދާނެ ދުވަސް ބުނެފައި މާޖިދު ފޮނުވައިލީއެވެ. އެ އަށް ފަހު ލަބީބު ގެނައީ ލަބީބުގެ އެކުވެރިއެކެވެ. ހަދަންވީ ގޮތް އޭނައަށް ކިޔައިދީފައި، ޖެހިގެން އައި ދުވަހުގެ ރޭ ލަބީބު ދިޔައީ މާޖިދުގެ ދަރިފުޅަށް ފަންޑިތަ ހަދައިދޭށެވެ. އެއީ ހަނދުވަރު ރީތި ރެޔެކެވެ. މާޖިދުގެ ގެއަށް ގޮސް މާޖިދުގެ ދަރިފުޅާ ލަބީބު ވާހަކަ ދެއްކިއެވެ. އެތައް ވާހަކައެއް ދެއްކުމަށް ފަހު، އެ ކުއްޖާ ޖިންނި މޮޔަވެފައިވާ ކަމަށް ލަބީބު ވެސް ނިންމިއެވެ. މުޅި އާއިލާގެ ކުރިމަތީގައެވެ. ލަބީބު ބުނި ގޮތުގައި، މާޖިދު ކުރިން ވާހަކަ ދެއްކި ފަންޑިތަވެރިޔާ ބުނީ ތެދެކެވެ. މުސްލިމު ޖިންނީންގެ ފައުޖެއް ގެނެސް ހަނގުރާމަ ކޮށްގެން މެނުވީ މާޖިދުގެ ދަރިފުޅު ސަލާމަތެއް ނުކުރެވޭނެއެވެ. ލަބީބު އެދުނީ ގޯތި ތެރޭގައި، އުޑު ފެންނަ ހިސާބުގައި ގޮނޑިއެއް ބަހައްޓާފައި، އެ ގޮނޑީގައި ދަރިފުޅު ބޭންދުމަށެވެ.

ލަބީބު އެދުނު ގޮތަށް އެ މީހުން ކަންތައް ކުރިއެވެ. ދަރިފުޅު ގެނެސް ބެއިންދިއެވެ. އާއިލާ އެންމެން ކުޅިބަލަން ތިއްބެވެ. ފަންޑިތަ ހަދަން ފެށުމުގެ ކުރިން ލަބީބު އެންމެނަށް އިންޒާރެއް ދިނެވެ. އެއްވެސް މީހަކު ވާހަކަ ނުދެއްކުމަށާއި، ޖިންނީންގެ ފައުޖެއް ލަބީބު ގެންނާނެ ކަމެވެ. އެކަކަށް ވެސް ޖިންނީން ނުފެންނާނެ ކަމާއި ހަނގުރާމަ ފެށުމުން އޭގެ އަސަރު ފޯރާނެ ކަމާއި ހެކިތައް ލޮލަށް ފެންނާނެ ކަމެވެ. ލަބީބު ކިޔަވަން ފެށިއެވެ. އެތައް އިރެއް ވަންދެން ކިޔެވިއެވެ. އެންމެން ތިބީ ލަބީބު ބުނި ހެކިތަކަށް ބަލަބަލައެވެ. ކިޔަވައި ނިމުމަށް ފަހު، ޖިންނި ރޯކޮށްލި ވާހަކަ ލަބީބު ބުންޏެވެ. ދުމުގެ އަސަރު ފެންނާނެ ކަމާއި އެކަކު ވެސް ހުރި ފިޔަވަޅުމަތިން ގުޑައިނުލުމަށް ލަބީބު އަމުރު ކުރިއެވެ. އިރުކޮޅެއް ނުވެ، ޖެހިގެން ހުރި ގެއިން ދުންއަރާ ތަން ފެންނަން ފެށިއެވެ. އާއިލާގެ އެއްބައެއްގެ މޫނުމަތިން ބިރުވެރިކަން، އަނެއް ބައެއްގެ މޫނުމަތިން އުފާވެރިކަން ފާޅުވެ، މާޖިދުގެ ދަރިފުޅު ވެސް ވަގުތުން ރަނގަޅުވިއެވެ. އެ ކުއްޖާ އަށް ވެފައިހުރި އުނދަގޫތައް ފިލައި، ލުއިވިއެވެ.

"ފަންޑިތަ ނިމުނީ. ކުއްޖާ ވެސް ރަނގަޅުވީ." ލަބީބު ބުންޏެވެ.

"ކިހިނެއް އަސްލު އެ ވީ؟" އަހަރެން އެހީމެވެ.

"އަހަރެންގެ ރައްޓެހިމީހާ، ކުރީ ބައިގަ އެ ގޭގަ ބެހެއްޓީ،" ލަބީބު ބުންޏެވެ. "ނަސީބަކުން އެއީ ގަސް ބޯ، ފަޅުގެއެއް. އެ ތަނުގަ ހުރި ފަތްތަކެއްގަ ރޯކޮށްލާ، އެންމެނަށް ދުން ފެނި، ކުއްޖާ ވެސް ރަނގަޅުވީ. އެއީ ވީ ގޮތަކީ. ހަމަ ނަފުސާނީ ކަމެއް. ޖިންނިއެއް އެކައްޗެއް ވެސް އެއަކު ނެތް."

އޭގެ އިތުރަށް ވެސް ލަބީބު ވަރަށް ގިނަ ސިއްރުތައް ކިޔައިދިނެވެ. ރަށުގައި އަލަށް ގެއެއް ހަދަންޏާ، ކޮންމެވެސް ގޮތަކުން އެ ގޭގެ ކޮންމެވެސް ތަނެއްގައި ލަބީބު އެއްޗެއް ވަޅުލައެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ބުހުތާނު އެއްޗެކެވެ. ލަބީބު އެކި ފަހަރު ލަނީ އެކި ކަހަލަ އެއްޗިއްސެވެ. ބައެއް ފަހަރު، ފަނަރަ އަހަރު ފަހުން ވެސް އޭގެ ބޭނުން ޖެހެއެވެ. މީހަކު އައިސް، ތިމަންނަމެންގެ ގެއަށް ފަންޑިތަ ހަދާފަ އެބަ ހުއްޓޭ ބުނެފާނެއެވެ. އެއީ ފަންޑިތައިގެ ކަމެއް ނޫނޭ ލަބީބު ބުންޏަސް އެކަކު ވެސް ގަބޫލެއް ނުކުރެއެވެ. ލަބީބު ގޮސް ގެއަށް ވަދެފައި، އެ ދިމާ ކޮނެފައި، ލަބީބު ކުރިން ވަޅުލި އެތި ނަގައި ދައްކަނީއެވެ. އެއީ ގެ ހެދި އިރު ކޮންމެވެސް މީހަކު ވަޅުލި އެއްޗެކޭ ބުނަނީއެވެ. އެންމެން ކުރިމަތީގައި، މޮޅު ގޮތަކަށް އެ އެއްޗެއް ނައްތައި ލަނީއެވެ. އެ ހިސާބުން ނިމުނީއެވެ. ސިހުރު ބާތިލުވީއެވެ. ކަމެއް ޖެހިފައި ހުރި މީހަކު ވިއްޔާ ވަގުތުން ރަނގަޅު ވެސް ވެއެވެ.

"ހުސް މަކަރެއްނު ތި ހަދަނީ؟" އަހަރެން ބުނީމެވެ.

"އެޔެއްނު މި ބުނާ ވާހަކައަކީ،" ލަބީބު ބުންޏެވެ. "ޖިންނިއެއް ގެންނަން ޖެހޭނީ ހާލަކުން ފަހަރަކު. ސަތޭކައަކުން އެންމެ ޕަސަންޓެއް. ޖިންނި ނުގެނެސް އެ ކަމެއް ރަނގަޅު ކުރެވެންޏާ ކޮބާ އޭގަ މައްސަލައަކީ؟ އެ މީހާ ރަނގަޅުވޭ! ހުރިހާ އެންމެން ހިތްހަމަޖެހޭ! އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ! އަހަރެން މި ކަމަށް އުޖޫރައެއް ނުނަގަމޭ! މީހަކު އެއްޗެއް ދީފިއްޔާ ދިނީ. އަސްލު ފަންޑިތައެއް ހަދަން ވަރަށް ނުވެސް ނުޖެހޭނެ."

ފަންޑިތައަކީ ހަދަން ނުޖެހޭ އެއްޗެއްކަން ސާބިތު ކޮށްދޭން ލަބީބު އެތައް ވާހަކައެއް ކިޔައިދިނެވެ. އަހަރެން އެ ގޮތް ގަބޫލު ކުރާނެ ކަމަށެވެ. އެހެނެއް ނުވިއެވެ.

"ދެން ކޮބާ މަގޭ ކަންތައް؟" އަހަރެން އެހީމެވެ. "އަހަންނަށް ގައިމު ވެސް ފަންޑިތައެއް ހަދަން އެބަ ޖެހެއެއްނު!"

ލަބީބަށް ގޮތް ހުސްވިއެވެ. އިންކާރުކުރާކަށް ނުކެރުނެވެ.

"މާދަމާ އާދޭ!" ލަބީބު ބުންޏެވެ. "އަހަރެން ބަހައްޓާނަން އެއްޗެއް ތައްޔާރުކޮށްލާފަ. އޭރުން މާ ބޮޑު ކަމަކަށް ނުވެ ތި ކަން ހަމަޖެހިދާނެ. އެއްފަހަރުން ޓަސް."

އަހަރެން ވަރަށް އުފަލުން ދިޔައީމެވެ. ހިތަށް އެރިއެވެ. ލަބީބަކީ މޮޅު މީހެކެވެ. މި ފަހަރު އަހަންނަށް އީނާސް ލިބޭނެއެވެ. ޖެހިގެން އައި ދުވަހު ސުކޫލު ނިންމާފައި، ތެޅެމުންފޮޅެމުން ލަބީބުގެ ކޮޓަރިއަށް ވަނީމެވެ. "ކޮބާ؟" އަހަރެން ބުނީމެވެ. "މި އައީ. ރެޑީވެއްޖެ؟"

"އާނ! ރެޑީވެއްޖެ!" ވަތްގަނޑެއް ހުޅުވައިލަމުން ލަބީބު ބުންޏެވެ. "މިއޮތީ!"

ލަބީބު ދިނީ، އުނަގަނޑުގައި ނުވަތަ އަތުގެ މުލައްދަނޑީގައި އައްސައިލެވޭ ގޮތަށް ހަދާފައިވާ ތަވީދެކެވެ. "އަހަރެން ތިއެއް ނާޅާނަން،" ހީނގެންފައި ވަގުތުން އަހަރެން ބުނީމެވެ. "ގަމީސް ބަދަލުކުރަން އުޅެނިކޮށް މަންމައަށް ފެނިއްޖެއްޔާޔޯ؟ މޫދަށް އެރޭ ތަނާ ރައްޓެއްސަކަށް ފެނިއްޖެއްޔާޔޯ؟"

"ނޭޅިޔަސް މައްސަލައެއް ނެތޭ!" ވަރަށް ހަމަޖެހިލާފައި ލަބީބު ބުންޏެވެ. "ރަނގަޅު ވާނެ ޖީބުގަ އޮތަސް. ގައިގަ ޖެހިފައެއްނު އޮންނާނީ. ކޮންމެހެން ގައިގަ އަޅާކަށް ނުޖެހޭނެ."

އަހަރެން އޭގައި ހިފީމެވެ. އެކަމަކު ހިތުގައި ވަރުގަދަ ސުވާލެއް އުފެދުނެވެ.

"ދެން ކިހިނެއް ވާނީ؟" އަހަރެން ބުނީމެވެ. "ހުރިހާ އަންހެންކުދިން އަހަންނާ ހެދި މޮޔަވާނީތަ؟"

"އެ ކަހަލަ ކަމެއް ނުވާނެ،" ޔަގީންކަމާ އެކުގައި ލަބީބު ބުންޏެވެ. "ފުރަތަމަ މި ހަދަނީ އާދައިގެ އެއްޗެއް. ރައްޓެހިވާން ބޭނުންވާ ކުއްޖާއާ ވާހަކަ ދައްކަން ލިބޭ ފުރުސަތު މީގެން ތަނަވަސް ކޮށްދޭނެ. ހީ ވެސް ނުކުރާ ތަންތަނުން، ހީ ވެސް ނުކުރާ ގޮތްގޮތަށް ދެ މީހުން ދިމާވާނެ. ދެން މީގަ އޮންނާނީ މުހުސިންގެ ހިތްވަރު. ވަރަށް ކެރިގެން ޖެހޭނެ އެ ކުއްޖާޔާ ވާހަކަ ދައްކަން. އޭރުން މީތި މަސައްކަތް ކުރާނީ. ފަންޑިތަޔަކަށް ވެސް ކުރެވޭނީ ވަކި ވަރެއްތާ ދޯ؟"

"މި ތަވީދު އޮންނަން ޖެހޭނީ މުށުތެރޭގަތަ؟" އަހަރެން ކަށަވަރު ކުރީމެވެ.

"މުށުގަ އޮންނާކަށް ނުޖެހޭނެ. ކަރުގަ އޮންނާކަށް ވެސް ނުޖެހޭނެ،" ލަބީބު ބުންޏެވެ. "ރަނގަޅުވާނެ ޖީބުގަ އޮތަސް. އެކަމަކު، ގައިގަ ޖެހިފަ އޮންނަން ޖެހޭނީ."

އަހަރެން ހިތަށްއެރިއެވެ. އަހަރެން ތަވީދު ލާނީ ޖީބަށެވެ. (ނުނިމޭ)

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިއްތަ

13 September 2024

ލަބީބު މުހުސިނަށް ވެސް އެދިނީ ފޭކެއް...

The name is already taken The name is available. Register?

ރާކެއްޓު

11 September 2024

ތި ތަވީދު އަޅައިގެން ބޭރަށް ނުކުތީމަ ފެންނަ ކޮންމެ އަންހެނަކުވެސް މުހުސިނުގެ ފަހަތުން ދުވާނެ. ދެން މުހުސިނު ކިހިނެއްބާ ހަދާނީ. މުހުސިނު ހޯދަން އެގެއަށްވެސް ރަށު ހުރިހާ އަންހެންކުދިން ދާންފަށާނެ. ހުރިހާ ކަމެއް އެހިސާބުން ފަޅާއަރާނެ. ލަބީބު ތިދިނީ ރަނގަޅު ލޮޓިއެއްތާ.

The name is already taken The name is available. Register?

ޖަލީލީ

11 September 2024

ފަންޑިތައާއި ސިހުރަކީ މަކަރާއި އޮޅުވާލުންތަށް ގިނަ އެއްޗެއް. މި ވާހަކައިގައި ބުނާ ފަދައިން ހާލަތުގެ ނާޖާއިސް ފައިދާ ސިހުރުވެރިން ނަގާ

The name is already taken The name is available. Register?

އީނާސު

11 September 2024

މިކަހަލަ ފިނޑިންނާ ހެދި ސިހުރުވެރިން މުއްސަނދި ވަނީ. މަށެއް ނޫޅެން ފިނޑިންނާ ވާހަކަ ދައްކާކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454