މުނިފޫހިފިލުވުން / ވާހަކަ

އީނާސް

(ބުދަ ދުވަހާ ގުޅޭ)

އަހަރެން ތަވީދު ލާނީ ޖީބަށެވެ. އެންމެ ރައްކާތެރި ގޮތަކީ އެއީއެވެ. ގެއަށް ގޮސް އަހަރެން ބޭނުން ތަނަކަށް ލައި ފޮރުވީމައި ނިމުނީއެވެ. އެއްޗެހި ދޮންނަ އިރު މަންމައަށް އެ ފެނުމުގެ ފުރުސަތެއް ވެސް ނޯންނާނެއެވެ. އެ ދުވަހު ލަބީބުގެ ކޮޓަރިން އަހަރެން ނުކުތް ވަގުތު ބައްޕައަށް ފެނުނެވެ.

"ދަރިފުޅު މާ ގިނައިން ތި ތަނަށް ތި ވަންނަނީ ކީއްވެ؟" ބައްޕަ އެހިއެވެ.

ލަބީބަކީ ފަންޑިތަވެރިއެކެވެ. ބައްޕަ އަށް ވެސް އެ ކަން އެނގެއެވެ. އަހަންނަށް އޭރު އަށާރަ އަހަރު ނުފުރެއެވެ. ވީމާއި ބައްޕަގެ އެ ކަންބޮޑުވުން އަހަންނަށް ވިސްނެއެވެ.

"އެއީ އިސްލާމް ލެސަންގެ ބައެއް ތަންތަންކޮޅު ކިޔަން ނޭނގޭތީ އަހާލަން ވެގެން،" އެ ވަގުތު އަހަރެން ހިތަށް އެރި ގޮތަށް ބުނީމެވެ. "އޭނަ ހާދަ މޮޅޭ ބައްޕާ!"

"އާނ! އޭނަ ތި ކަހަލަ ކަންކަމަށް ނިކަން މޮޅުވާނެ،" އެހެން ބުނެފައި ބައްޕަ ދިޔައީއެވެ. "ބައްޕަ ހިޔެއް ނުކުރަން ދަރިފުޅު އިސްލާމް ކިޔަވަން ތިހާ ޝައުގު ހުންނަ ކަމަކަށް."

ޖެހިގެން އައި ދުވަހެވެ. އީނާސް އަންނަ ގަޑި އަށް އަހަރެން ލައިބުރަރީއަށް ދިޔައީމެވެ. އެ ދުވަހު އީނާސް ހުރީ ގަދަ ފެހިކުލައެއްގެ ޕާކިސްތާނު ހެދުމެއް ލައިގެންނެވެ. އެ ހެދުމުގައި އޭނަ ވަރަށް ރީއްޗެވެ. އޭނައަކީ ހިތްހެޔޮ، ރައްޓެހި މިޒާޖުގެ ކުއްޖެކެވެ. އަހަރެން ފެނުމާ އެކު ހިނިތުންވެލިއެވެ. އޭރު ވެސް އަތުގައި ފޮތެއް އޮތެވެ. އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ފިނިވެގެން ދިޔައެވެ. ހީނލަން ވެސް އަހަންނަކަށް ނޭނގުނެވެ.

އަވަހަށް ގޮސް ފޮތް ހަރުގަނޑުން ފޮތެއް ނަގާ ކަމަށް ހެދުނީމެވެ. އަމިއްލަ ނަފުސަށް މުހާތިބުކޮށް ހިތާހިތުން ބުނެވުނެވެ. ތި ކުރީ ކީއްހެއްޔެވެ؟ އެހައި ރީތިކޮށް އޭނަ ހިނިތުންވެލުމުން އެ ފަދައިން ރައްދު ދިން ނަމަ ކިހައި ރަނގަޅު ވީސް ހެއްޔެވެ؟ އަލުން ގޮސް ބެލި އިރު އީނާސް އިނީ މޭޒު ކައިރީގައެވެ. ގާތުގައި އޭނަގެ ރައްޓެހި ކުދިން ވެސް ތިއްބެވެ. ރަނުގެ ފުރުސަތެއް ގެއްލުނީއެވެ. އެކަމަކު ހިތަށް އެރިއެވެ. ލަބީބު ހާދަހާ މޮޅެވެ. ފަޓުލޫނު ޖީބުގައި އަހަރެން އަތް ޖައްސައިލީމެވެ. ތަވީދު އޮތްކަން ޔަގީން ކޮށްލީމެވެ. އެ ދުވަހު ދެން އެންމެ ފަހަރަކު ވެސް އަހަންނާ ދިމާއަކަށް އީނާސް ނުބަލައެވެ. އަހަންނެކޭ ނެތް މީހެކޭ އެއްފަދައެވެ. ކުރިމަތީ ގޮނޑީގައި ވެސް އެތައް އިރަކު އަހަރެން އިނީމެއެވެ. ޖެހިގެން ހުރި ގޮނޑީގައި ވެސް އިނީމެވެ. އީނާސް އަޅައި ވެސް ނުލިއެވެ. ވަރަށް ހިތް މަރުވެގެން އައިސް ލަބީބުއާ ބައްދަލުުކުރީމެވެ. ވީ ގޮތް ކިޔައިދިނީމެވެ.

"އަހަރެން ކުރިން ވެސް ބުނީމެއްނު!" ލަބީބު ބުންޏެވެ. "މުހުސިން ކުރި ހިތްވަރެއް އޮންނާނީ. އޭނަ މަތިން އުދުހިފައެއް ނާންނާނެ. މީ ޖާދުލެއް ނޫނެއްނު!"

"ނެތްތަ މި އަށް ވުރެ ތަންކޮޅެއް ބާރުގަދަ އެއްޗެއް؟" އަހަރެން ބުނީމެވެ.

"ކިތަންމެ ބާރުގަދަ އެއްޗެއް ވެސް ދެވިދާނެ. އެކަމަކު އެ ޖެހޭނީ އުނަގަނޑުގަ ނޫނީ އަތުގަ އަޅަން،" ލަބީބު ބުންޏެވެ. "ކެރޭނެ؟"

"ނުކެރޭނެ!" އަހަރެން ބުނީމެވެ. "އޯކޭ! ދެން މާދަމާ އަނެއްކާ ވެސް މަސައްކަތް ކުރާނީ."

ތަވީދު ގެންގުޅެން ފެށި ފަހުން ޔަގީނުން ވެސް އެއްކަމެއް ވިއެވެ. އަހަރެން ހިތްވަރު ގަދަވި އެވެ. ދެން އީނާސް ދިމާވާ ފަހަރަކުން އަހަރެން ކުރާނެ ކަންތަކާއި ދައްކާނެ ވާހަކަ ސިކުނޑީގައި ރާވައިލާނެހައި ހަކަތަ ލިބުނެވެ. ކުރިން އީނާސް ހިތަށް އަރުވައިލިޔަސް އަހަރެން ހުންނަނީ ފިނިވެފައެވެ. ކަނާތްފަރާތުގައި އޭނަ ހުރިއްޔާ އަހަންނަށް ބެލޭނީ ވައަތްފަރާތަށެވެ. އީނާސްއާ ހަތަރުކަޅި ހަމަކޮށްލަން ހިތަށް އެރުވުމަކީ ވެސް ވަރަށް އުނދަގޫ ކަމެކެވެ.

އަހަރެން ނޯޓެއް ތައްޔާރު ކުރީމެވެ. ބުނަން ބޭނުންވާ ހުރިހައި ވާހަކައެއް ކުރުކޮށް، ފޮނިކޮށް ލިޔެލީމެވެ. އިނގެރޭސިންނެވެ. ވާހަކަ ދައްކަން ފުރުސަތު ނުލިބުނަސް، ކަރުދާސްކޮޅު އޭނަޔާ ދިމާއަށް އެއްލާނެހައި ހިތްވަރު އަހަރެން ހޯދީމެވެ. އެއީ ތަވީދުގެ ޖާދޫއެވެ.

ހަނގުރާމައަކަށް ތައްޔާރުވާހެން ތައްޔާރު ވެގެން، ޖެހިގެން އައި ދުވަހު ލައިބުރަރީއަށް ދިޔައީމެވެ. ހަގީގަތުގައި އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. އެ ނޫން ތަނަކަށް އީނާސްއެއް ނުދެއެވެ. ލައިބުރަރީއަކީ ހަމަހިމޭން ތަނެކެވެ. އީނާސްއަކީ ބަސްމަދު، ބޭކާރު ވާހަކަ ނުދައްކާ ކުއްޖެކެވެ. އަހަރެން ލައިބުރަރީއަށް ވަން އިރު އީނާސްއެއް ނެތެވެ. އަހަރެން ފޮތެއް ހިފައިގެން، އީނާސް އާންމުކޮށް އިންނަ ގޮނޑީގެ ކުރިމަތީ ގޮނޑީގައި އިށީނީމެވެ. ހަމަ އިށީން ތަނައި އީނާސް އައެވެ. އަހަރެން ހިތަށް އެރިއެވެ. އަހަންނަށް ކެރޭނެއެވެ. ފޮތެއްގެ ތެރެއަށް ލާފައި ނަމަވެސް އީނާސް އަށް އެ ކަރުދާސްކޮޅު ދޭނަމެވެ. އީނާސް އައިސް އަހަރެން ކުރިމަތީގައި އިށީނެވެ.

ކަރުދާސްކޮޅު ދޭންދޭން އިންދައި، އެ ދުވަހަށް ކުލަބުގައި ރޭވިފައިވާ ހުރިހައި ކަމެއް ނިމިގެން އެންމެން ތެދުވިއެވެ. އަހަރެން ވެސް ތެދުވީމެވެ. ކަން ދިމާކުރި ގޮތުން، އީނާސް އަނެއްކާ ވެސް އިށީނެވެ. އަހަރެން ވެސް އިށީނީމެވެ. އެހެން އެންމެން ދިޔައެވެ. އެހައި ފުރިހަމަ ފުރުސަތެއް ދުވަހަކު ވެސް ނުލިބެއެވެ. އަހަރެން ހިތަށް އެރިއެވެ. ލަބީބު ބުންޏެވެ. ހީ ވެސް ނުކުރާ ގޮތްގޮތަށް ފުރުސަތު ތަނަވަސް ވާނެއެވެ. އަހަރުމެން ދެ މީހުން އެކަނިވުމުގައި ސަބަބެއް ނޯވެއެއް ނުދާނެއެވެ. އެހެނަސް ދިމާވީ ހިތާމަވެރި ގޮތެކެވެ. ނޯޓު ޖީބުން ނަގާކަށް އަހަންނަކަށް ނުކެރުނެވެ. އީނާސް އަށް ގޮވައިލާކަށް ނުކެރުނެވެ. އެ ދިމާއަށް ބަލައިލާކަށް ވެސް ނުކެރުނެވެ. އަހަރެން އިނީ ގަނޑުވެފައެވެ. ކުރިން އަހަރެން ރޭވި ހުރިހައި އެއްޗެއް ކިއީމެވެ. އެކަކަށް ވެސް ނީވޭ ވަރަށެވެ. އެކި ރާގުރާގަށް އީނާސް އަށް ގޮވީމެވެ. ތައުރީފުކުރީމެވެ. ހިތުގެ ހާލު ބަޔާން ކުރީމެވެ. ލޯބި ހުށައެޅީމެވެ. ހުރިހައި ކަމެއް ހިނގީ އަހަރެންގެ ހިތުގައެވެ. ހިޔާލުގައެވެ. އިރުކޮޅަކުން އީނާސް ނުކުމެގެން ދިޔައެވެ. ތަން ފަޅުވިއެވެ. ވީ ފޫއްސެއް ބުނަން ވެސް ނޭނގުނެވެ. ގެއްލިގެން ދިޔައީ ރަނުގެ ފުރުސަތެކެވެ.

އަހަރެން ލައިބުރަރީން ނުކުތީމެވެ. އެންމެ ރުޅި އައީ އަމިއްލަ ނަފުސު ދެކެއެވެ. އިސް ވެސް އުފުލައި ނުލައި އައި ގޮތަށް ގެއަށް ވަދެފައި އަހަރެން ދިޔައީ ލަބީބު ކޮޓަރިއަށެވެ. ލަބީބު ކޮންމެވެސް ކަމެއް ކުރަން އިނެވެ. "ލަބީބު! އޭތި މަސައްކަތެއް ހަމަ ނުކުރިޔޭ!" އަހަރެން ބުނީމެވެ. "ހެޔޮނުވާނެ ތަންކޮޅެއް ވަރުގަދަ އެއްޗެއް ހަދައިދީބަލަ!"

"ކީއްވެ މަސައްކަތް ނުކުރީ؟" ލަބީބު ބުންޏެވެ. "ތީ ވެސް އާދައިގެ އެއްޗެއް ނޫނޭ! ގައިގަ ނާޅާ، ތި ގޮތަށް ބޭނުންކުރާ، ތިއަށް ވުރެ ވަރުގަދަ އެއްޗެއް ހަދަންޏާ ޖެހޭނީ ޖިންނިއެއް ގެންނަން."

"ޖިންނި ގެނޭ!" އަހަރެން ވަގުތުން ބުނީމެވެ. "އެންމެ ވަރުގަދަ އެއްޗަށް ގޮވާ! އެބަ ޖެހޭ މި ކަން ކުރަން. އެކަތިން ނުވަންޏާ ދޭތި ވެސް ގެނޭ! އަހަންނަށް އޯކޭ!"

"ނޫންނޫންނޫން!" އަހަރެންގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބައިންދަމުން ލަބީބު ބުންޏެވެ.

"ޖިންނިއެއް ގެންނަ ހިސާބަށް ދާން އަދި ކައިރި ވެސް ނުވޭ! ކިހިނެއްތަ މިއަދު ވީ؟ ވީ ގޮތް ކިޔައިދީބަލަ! ދަނޑިވަޅެއްހައި ހިސާބު ވެސް ނުލިބުނީތަ؟"

"ޗާންސް ލިބުނު،" އަހަރެން ބުނީމެވެ. "މިއަދުހާ ރަނގަޅު ޗާންސެއް ދުވަހަކު ވެސް ނުލިބޭ! އެއީ ހަމަ އައިޖައިބެއް ކަހަލަ ގޮތަކަށް ލިބުނު އޯޕަން ޗާންސެއް. އެކަމަކު އަހަރެންގެ އަތެއް ހަރަކާތެއް ނުކުރި. އަނގައެއް ނުހުޅުވުނު. ބުދެއްހެން ގޮނޑީގަ އަހަރެން އިނީ."

"ހޫނ!" ވަރަށް އުފާވެފައި ލަބީބު ބުންޏެވެ. "މި ހުންނަނީ އެއް ފަހަރުން ވާ ކަންތައްތަކެއް ނޫނޭ! މަޑުމަޑުން މި ކަން ވާނީ. ތި ވީ ގޮތް ކިހާ ރަނގަޅު. މިހާރު އެބަ އެނގެއެއްނު ފަންޑިތައިގެ ބާރު. ނޫންތަ؟"

އަހަރެން ވިސްނައިލީމެވެ. ދެކޮޅު ހެދޭކަށް ނެތެވެ. އެހައި މީހުން ގިނަ ތަނެއްގައި، ކުއްލިއަކަށް މީހުން ހުސްވެ އަހަރުމެން ދެ މީހުން ކުރިން އެކަންޏެއް ނުވެއެވެ. އަހަރެން ދައްކާނެ ވާހަކައެއް ދައްކަން މަގު ފަހިވިއެވެ.

"އޯކޭ!" އަހަރެން ބުނީމެވެ. "ފަހަރަކަށް ވުރެ ފަހަރެއް ބާރުގަދަވަމުންތާ އެ ދަނީ ދޯ؟"

"އާނ!" އަހަންނަށް ތާއީދުކުރާ ކަހަލަ ރާގެއްގައި ލަބީބު ބުންޏެވެ. "ހިތްވަރު ކުރޭ! ފަރިތަ ކުރޭ! އަދި ވެސް ބޮޑަށް ތައްޔާރުވޭ! އެނގޭތަ؟ އެއް ފަހަރު ވެސް މުހުސިން އަނގަ ހުޅުވައިލައިފިއްޔާ އެތައް ވާހަކައެއް ދެއްކޭނެ. ފަށަން ހިތްވަރު ކުރަން މި ޖެހެނީ. ހަމަ ކުޑަ ހިތްވަރެއް. ކަމެއް ވެގެންތާ އޭނަ އެ މަޑުކުރީ. އިސްވެ އެ ކަހަލަ ވާހަކަ ދައްކަން އަންހެންކުދިންނަށް ވަރަށް ނުކެރޭނެ. ތީގެން ތި އެނގެނީ، މުހުސިން ދެކެ އޭނަ ކިހާ ލޯބިވާކަން. އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް. ކުރިޔަށް ގެންދޭ!"

"ހުރޭތަ ކިޔަވާފަ ކާންދޭ ކަހަލަ އެއްޗެހި؟" އަހަރެން އެހީމެވެ.

"ހުރެޔޭ! އެކަމަކު އޭގެ ބޭނުމަކީ، އެއްޗެއް ކާންދީގެން ގަދަކަމުން ލޯބިޖެއްސުން،" ލަބީބު ބުންޏެވެ. "އެކަމަކު އޭނަ ކިހާ ލޯބިވާތީ އެ މަޑުކުރީ؟ މުހުސިން ހަމަ އެކަނި އޭނަ އަށް ގޮވައިލި ނަމަ އެ ހިސާބުން ވެސް ފުދުނީސް. އޭނަގެ އަނގައިން ހުރިހައި އެއްޗެއް ކިޔައިދިނީސް. ޔަގީން ކަށަވަރު."

ލަބީބުގެ ވާހަކަތައް އަހަރެން ގަބޫލުކުރީމެވެ. ތަވީދުގެ މައްސަލައެއް ނެތެވެ. މައްސަލައަކީ އަހަންނެވެ. ހަމަ އެ ދުވަހު މަގުމަތިން އީނާސް ފެނުނެވެ. ރޭގަނޑު ފިހާރައެއް ތެރެއިން ވެސް ފެނުނެވެ. ދެ ފަހަރު ވެސް އޭނަ ހުރީ އޭނަގެ މަންމަޔާ އެކުގައެވެ. ނޫން ނަމަ، އަހަންނަށް ކެރުނީހެވެ. އޭގެ ހެއްކަކީ، އޭނަ ކައިރިއަށް ދާން އަހަންނަށް ކެރުނު ކަމެވެ. ކުރީގެ އަހަރެން ނަމަ ދާނީ އޭނަޔާ ދުރަށެވެ.

ޖެހިގެންއައި ދުވަހު، އާ ހިތްވަރަކާ އެކުގައި އަހަރެން ލައިބުރަރީއަށް ދިޔައީމެވެ. އެ ދުވަހު އީނާސްއެއް ނާދެއެވެ. އެ ޝަކުވާ ހިފައިގެން ލަބީބު ގާތަށް ދާން ހިތަށް އެރިއެވެ. އެކަމަކު ލަބީބުގެ ނުވަތަ ތަވީދުގެ ކުށެއް ނެތެވެ. އެހެން ވިސްނައިފައި އެ ވާހަކަ ނުދެއްކީއެވެ. އެކަމަކު ގޭތެރެއިން ލަބީބާ ދިމާވިއެވެ.

"ކޮބާ މިއަދު ކިހިނެއްވީ؟" ސިއްރުސިއްރުން ލަބީބު އެހިއެވެ.

"އޭނަޔާ ދިމައެއް ނުވި،" ވަރަށް މާޔޫސްވެފައި އަހަރެން ބުނީމެވެ. "ނުވެސް އާދޭ!"

"އެ ރަނގަޅުވަނީ." އަހަރެންގެ ކޮނޑުގައި ޖަހައިލާފައި ލަބީބު ބުންޏެވެ.

އަހަރެން ހިތަށް އެރިއެވެ. އީނާސް ނައުމުން ވީ ރަނގަޅަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލު އަހަރެން ކުރީމެވެ.

"މުހުސިނަކަށް ނުވިސްނޭނެ،" ލަބީބު ބުންޏެވެ. "ތަވީދަށް ކޮންމެވެސް އިތުބާރެއް ކޮށްބަލަ! އަތަށް ދީފަ ތި އޮތީ އާދައިގެ އެއްޗެއް ނޫނޭ! ބަލައްޗޭ ދެން ދިމާވާ ފަހަރު ވާ ގޮތް." (ނުނިމޭ)

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީނާސު

15 September 2024

ނޫން. ލޯތްބެއް ނުވޭ. މަށަށް ފެންނަނީ ފިނޑި އެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454