ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ބީއެމްއެލްގެ އިތުބާރު ގެއްލޭ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި - ފޮޓޯ: މިހާރު
18 ސެޕްޓެމްބަރ 2024 - 12:18
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ ކަމަށާއި އެ ބޭންކްގެ އިތުބާރު ރައްޔިތުންނަށްޓަކައި ދަމަހައްޓަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއަކީ ވަރަށް ގިނަ އާންމުންނާއި ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށާއި އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަންޖެހޭ ތަނެއް ކަމަށެވެ.
"ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ބީއެމްއެލް އަށް ކުރާ އިތުބާރު ގެއްލިއްޖެ ނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެއް،" މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ރައީސް ވިދާޅުވި އެވެ.
"އެއީ ރައްޔިތުންގެ ބޭންކް."
ކުރީގެ ރައީސް އިބޫ މިހެން ވިދާޅުވިއިރު، ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭ ގޮތުން ނިންމި ނިންމުމާ އެކު، އެއީ ސަރުކާރު ވައްޓާލަން އެ ބޭންކުގެ ތެރެއިން ހިންގަން އުޅުނު ބަޣާވާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުގެ އެހެން އިސް ބޭފުޅުން ވެސް ބޭންކަށް ބޮޑެތި ތުހުމަތު ކުރައްވާފައި ވެ އެވެ.
ބީއެމްއެލްއިން މެދުވެރިކޮށް ބަޣާވާތް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް އެ މައްސަލާގެ ތުހުމަތުގައި އެއްވެސް މީހަކާ ސުވާލުކުރި ކަމެއް ނުވަތަ މީހަކަށް ތުހުމަތެއް ކުރާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލަ ފެންމަތިވި ފަހުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖޭން ބޭރަށް ވަޑައިގެން، އިސްތިއުފާ ވަނީ ހުށަހަޅުއްވައިފަ އެވެ. އޭނާ އެ މަގާމުގައި ހުންނަވާނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.
ސަރުކާރުން އިއްޔެ ވަނީ ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ނަން ފޮނުވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެއް ހާއްސަ ގޮތުން ބާއްވާ ކުންފުނީގެ ގާނޫނަށް ވެސް ސަރުކާރުން ވަނީ އިސްލާހުތަކެއް އިއްޔެ ގެނެސްފަ އެވެ. ގާނޫނު މިހާރު އޮންނަ ގޮތުން ޕަބްލިކް ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް އޮވެ އެވެ. ނަމަވެސް އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު 10 ދުވަހަށް ކުރު ކުރުމަށެވެ.
މަޖިލީހުގެ އިއްޔެ ޖަލްސާގައި، ކުންފުންޏާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް މިދިޔަ މަހު ބޭންކުން ނިންމުމެއް ނިންމިއިރު، އެ ކުންފުނީގެ ގިނަ އިސްވެރިން ރާއްޖޭގައި ނެތް ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެކަން ހިނގިއިރު ބޭންކުގެ އޮޕަރޭޝަންސް ޑިރެކްޓަރާއި ކްރެޑިޓް ކޮންޓްރޯލް މެނޭޖަރު އަދި ރިސްކް މެނޭޖަރުގެ ގޮތުގައި ތިިބި ބިދޭސީން ރާއްޖޭގައި ނެތް ކަމަށާއި ނަމަވެސް އެ ތިން ބޭފުޅުން 15،000 ޑޮލަރުގެ މުސާރައެއް ނަންގަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ "ދިވެހީންގެ ބޭންކް" ގައި ދިވެހިންގެ ކޮންޓްރޯލް ނެތި މިގޮތަށް ހިނގާ ކަމަށް ވާނަމަ، އެއަށް ވުރެ ސީރިއަސް ކަންކަން ކުރިއަށް އޮތް ތަނުގައި ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންވެ، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ހަރުދަނާ ގޮތެއްގައި ހިންގޭނެ ގޮތަކާ މެދު ވިސްނަން ޖެހޭ ކަމަށާއި އަދި މިކަމާ މެދު ފިނޭންސް މިނިސްޓްރީ އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް ވިސްނަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނބޫ
20 September 2024
ރައްޔިތުން އިތުބާރެއް ނުކުރޭ ގައިމުވެސް.
ކަނބިލި
19 September 2024
ރާއްޖޭގެ ތާރީޚުގައި މިގައުމަށް އެންމެ ބޮޑު ގެއްލުންދީފައި މިހާރު ކީކޭ ތިޔަ ކިޔަނީ. ދިވެހިން އަދި ހަނދާންނުނެތޭ ވޯޓު ހޯދަން ހިންގި ޖަރީމާތައް. މުޅި ބައިތުލްމާލާއި ބިންތައް ގާތްމީހުންނަށް ބަހާ ހުސްކޮށް ނުވީތާކަށް ބޭރުގައުމެއްގެ އަޚުވެތިކަމަށް ރާއްޖެ ވައްޓާލި. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގި ޖަރީމާތައް ނުބެލުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް
މުސްތަފާ ކަރީމް
19 September 2024
ސިޔާސީ ނުވާނެ ގޮތަށް ރައްތިތުންނަ ކުއްލި ހަބަރު ނާންނާނެ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް އެއީ.
އިކްރާމް މުހައްމަދު
19 September 2024
ބީއެމްއެލް ތާރީހުގައިވެސް އެއްމެ ސިޔާސީ ކުރި މީހާ މިއީ. ސޯލިހަކީ. ދެން؟
އަމަން މުހައްމަދު
19 September 2024
ބީއެމްއެލް އެއްމެ ބޮޑަށް ސިޔާސީ ކުރި މީހާ މިކަހަލަ ވާހަކަ ދެއްކީމަ ހަމަ ވަރަށް ލަދުވެތި
އަދުހަމް ތައުފީގް
19 September 2024
ރައްޔިތުންގެ އިތުބާރު ގެއްލިފައި ވަނީ ބީއެމްއެލްއަށް. އެ އިތުބާރު ހޯދަން ސަރުކާރުން ކުރާ މަސައްކަތް ބަލައިގަންނަން.
ހަމަދު ސަލީމް
19 September 2024
ނުކުރާނެ. އިތުބާރު ހޯދާނީ.
ޙިޔާލުު
18 September 2024
ބީއެމް އެލް ގެ އާ ސީއީއޯ އަށް ދަންނަވަން އޮތީ އިންޓަނެޓް ބޭންކިން އިތުރަށް ރަނގަޅު ކޮށް ޒަމާނީ ފެންވަރަށް ގެނައުން. ޔޫސާ އިންޓަފޭސް އެހާ ކަމަކު ނުދޭ.
ނާބަ
18 September 2024
ގައުމު ދަރުވާލި މީހަކު ދެން ކޮން އަގައެއް މި ތަޅަނީ
ސވލ
18 September 2024
މާލިއްޔަތަށް ވަންނަންޖެހޭފައިސާ ގޯނިގޯންޏަށް އަޅައިގެން ނަގާނެވަރަކަށް ނަގަންދިއްކޮށްގެން މަޖިލީހުމެންބަރުންގެގާތަށް ދިޔައިމޭ އެތަނުގެ ތަޅުމުގައިބުނިމީހާއާއިއެކު އުޅުނުމީހުން މިއަދުތިބީ މަތިފަޑީގަ. އެމީހުން ތަޅަނީ އަނގައެއްނޫން. އެތިބީ ޢަމަލީގޮތުން ބޭނުންގޮތެއް ހެދޭހިސާބުގަ. ވަރިހަމަދޯ؟ މައްސަލައެއްނުފެންނަނީ ކީއްވެބާ؟
ހާމިދުއަލީ
18 September 2024
މިއަދު ވެރިކަމުގައިހުރީ އެހެން މީހެއް. ވިދާޅުވިގޮތަށް ބީއެމްއެލައަށް ގެއްލުންވާނެކަމެއް ނުކުރައްވާނެ. އެކަމަކު ތިޔަ ވިދާޅުވާން ބޭބުންފުޅުވާ ކަމެއް ނުކުރައްވާފާނެ.