29 ސެޕްޓެމްބަރ 2024 - 04:06
ލަންޑަން (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ފަހަތުން އަރައި 4-2 އިން ބްރައިޓަން ބަލިކުރި މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖަހައިގެން ކޯލް ޕާމާ، ލީގުގައި ރެކޯޑެއް ހަދައިފި އެވެ.
މިއީ އިނގިރޭސި ޕްރިމިއާ ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ކުޅުންތެރިއަކު ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އުމުރުން 22 އަހަރުގެ ޕާމާ ވަނީ ނުވަ މިނިޓާއި 48 ސިކުންތުން ހެޓްރިކް ފުރިހަމަކޮށް، ޖުމްލަ 19 މިނިނޓާއި 57 ސިކުންތު ތެރޭ ހަތަރު ގޯލު ހަމަކޮށްފަ އެވެ.
ހަތް ވަނަ މިނިޓުގައި ޖޯޖީނިއޯ ރަޓާ ބްރައިޓަން އަށް ލީޑު ނަގައިދީފައި ވަނިކޮށް، ޕާމާ އެއްވަރު ކޮށްދިނީ 21 ވަނަ މިނިޓުގައި ނިކޮލަސް ޖެކްސަން ދިން ޕާހަކުންނެވެ. އޭގެ ފަހުން ޖޭޑަން ސަންޗޯ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓިއަކުން ޗެލްސީ އަށް ލީޑު ނަގައިދިން އިރު، ހެޓްރިކް ފުރިހަމަ ކުރީ ހިލޭޖެހުމަކުންނެވެ.
ޕާމާގެ ހެޓްރިކާ އެކު ކާލޯސް ބަ ލޭބާ ބްރައިޓަން އަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް ޕާމާ ވަނީ އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ހަތަރުވަނަ ގޯލު ޖަހައިފަ އެވެ.
މި މެޗުގައި ޕާމާ އާއި ޖެކްސަން އަދި ނޮނީ މަޑުއެކޭއަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައިވެ އެވެ. މީގެ އިތުރުން ޕާމާ އާއި ސަންޗޯ އަދި މާކް ކުކުރެޔާ ޖެހި ތިން ގޯލެއް، އޮފްސައިޑް ވެގެން ބަލައިގަނެފައެއް ނުވެ އެވެ.
"އޭނާ [ޕާމާ] އަކީ މީގެ ތިން ހަތަރު އަހަރު ކުރިން ވެސް އަހަރެންނަށް ފެނުނު ކުއްޖާ. އޭނާއަކީ ޕްރިމިއާ ލީގުގައި މިވަގުތު އެންމެ މޮޅު ކުޅުންތެރިޔާ. އެކަމު އޭނާއަކީ އަބަދުވެސް ވަރަށް ހިތްތިރި ކުޅުންތެރިއެއް،" މެންޗެސްޓާ ސިޓީގެ އެކަޑަމީގައި ވެސް ޕާމާ އަށް އިރުޝާދު ދިން ޗެލްސީގެ މިހާރުގެ ކޯޗު އެންޒޯ މަރެސްކާ ބުންޏެވެ.
"އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިހާރު ފުޓްބޯޅައިގައި ޒުވާން ކުޅުންތެރިން ވަރަށް އަވަހަށް ބަދަލުވޭ. އެކަމު ކޯލް [ޕާމާ] ހުރީ ހަމަ އެ ގޮތުގައި. ގޯލު ޖެހުމާ އެސިސްޓް ކުރުމާ، މި ކަންކަމަށް ބަދަލެއް ނާދޭ."
މިއީ، ޕާމާ ލީގުގައި ކާމިޔާބު ކުރި ތިން ވަނަ ހެޓްރިކެވެ. މިދިޔަ ސީޒަންގައި ޗެލްސީއަށް ބަދަލުވެ، އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ކޮޅަށް ވެސް ސްޓެމްފޯޑް ބްރިޖުގައި ހެޓްރިކް ހަދައިފަ އެވެ.
މީގެ ކުރިން ޗެލްސީ އަށް ކުޅެމުން، ޖިމީ ފްލޮއިޑް ހެޒްލްބެންކް އާއި ފްރޭންކް ލަމްޕާޑް ވެސް ވަނީ ލީގުގައި ތިން ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓިޒެންސް
29 September 2024
ތީ ވައިގަޑެއް ޗެލްޝިޓް