ތައިލެންޑުގެ ހައިވޭއެއްގައި ހިނގި އެކްސިޑެންޓަށްފަހު ރޯވެ، އެއްކޮށް އަނދާފައިވާ ސްކޫލް ބަހުގެ އެތެރޭގައި ފުލުހަކު ހަރަކާތއތެރިވަނީ: އެ ބަހުން ދަތުރުކުރި 38 މީހުންގެ ތެރެއިން 23 މީހަކު ވަނީ މަރުވެފައި. --ފޮޓޯ: އޭއެފްޕީ
02 އޮކްޓޯބަރ 2024 - 07:46
ތައިލެންޑުގައި ސްކޫލް ބަހެއްގައި ރޯވެ، މިހާތަނަށް 23 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ވެރިރަށް ބެންގްކޮކްގެ އުތުރުގައި ސްކޫލްގެ ފީލްޑް ޓްރިޕެއްގައި ދަތުރުކުރި އެ ބަހުގައި ޖުމްލަ 38 މީހުން ދަތުރުކުރި ކަމަށާއި، އޭގެތެރޭގައި ހަ ޓީޗަރުން ވެސް ހިމެނޭ ކަމަށެވެ.
އެކަމަކު ހަށިގަނޑުތައް އެއްކޮށް އަނދާފައިވާތީ، ޓީޗަރުންނާއި ދަރިވަރުން ވަކިކުރަން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ސަލާމަތްވި ކުދިންގެ މޫނާއި، ގައިގެ ބޮޑު ބައެއް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ބަހުގައި ރޯވީ، ޓަޔަރެއް ފަޅައިގެން ގޮސް، ހައިވޭގައި ހުރި ބެރިކޭޑެއްގައި ޖެހިގެން ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެކްސިޑެންޓު ހިނގުމާ އެކު ބަސް ދުއްވަން އިން ޑްރައިވަރު ފިލާފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އުތުރު ޕްރޮވިންސްގެ އުތައި ތާނީގެ ވަޓް ކާއޯ ފްރާޔާ ސަންގްކްރަމް ސްކޫލުގެ ފީލްޑް ޓްރީޕެއްގައި މި ބަސް ދަތުރުކުރަމުން ދިޔައީ ބެންކޮކްގެ އުތުރުގެ ސައިންސް މިއުޒިއަމަށް ދިޔުމަށެވެ.
ތައިލެންޑަކީ ދުނިޔޭގައި އެންމެ އެކްސިޑެންޓް ގިނަ، މަގުމަތީގެ ރައްކާތެރިކަން އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން، ތައިލެންޑުގައި ކޮންމެ އަހަރަކު 20،000 އަށް ވުރެ ގިނަ މީހުން މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވެ އެވެ. އެއީ އެވަރެޖުކޮށް ދުވާލަކަށް 50 މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy