ކަރާޗީ އެއާޕޯޓު ކައިރީގައި އޮންނަ ހައިވޭ މަތީގައި އޮތް ތެޔޮ އުފުލާ ބައުޒަރެއް ގޮއްވާއިލުމުގެ ހަމަލާގައި އަލިފާން ރޯވެފައިވާ ވެހިކަލެއް. --ފޮޓޯ: އޭއެފްޕީ
07 އޮކްޓޯބަރ 2024 - 09:49
ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގެ އެއާޕޯޓު ކައިރީގައި ތެޔޮ ބައުޒަރެއް ގޮއްވައިލި ހަމަލާގައި ޗައިނާގެ ދެ މީހަކު މަރުވެއްޖެ އެވެ.
އެ ތެޔޮ އުފުލާ ޓޭންކަރު ގޮއްވާލާފައިވަނީ، ކަރާޗީ އެއާޕޯޓަށް ދާން އޮންނަ ހައިވޭ މަތިންނެވެ.
ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް ބަލޮޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ މި ހަމަލާގެ ޒިންމާ ނަގައިފަ އެވެ. އަދި މި ހަމަލާ ދިނީ ކަރާޗީ އެއާޕޯޓުން ދަތުރުކުރަމުންދިޔަ ޗައިނާގެ އިންޖިނިއަރުންނާއި އިންވެސްޓަރުންގެ ވަފުދަކަށް އަމާޒުކޮށް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ޕާކިސްތާނުގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާގެ އެހީގައި ހިންގާ ޕޯޓް ގާސިމް ޕަވާ ޕްރޮޖެކްޓުގެ އިސް އޮފިޝަލުންގެ ވަފުދަކަށް އަމާޒުކޮށް ދިން މި ޓެރަރިސްޓު ހަމަލާގައި، އެ ވަފުދުގައި ހިމެނޭ މީހުންގެ ތެރެއިން ޗައިނާ ދެ މީހަކު މަރުވެފައިވާ ކަމަށެވެ.
އެ ހަމަލާގައި، ޗައިނާގެ އިތުރު އޮފިޝަލަކާއި ގިނަ ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އެމްބަސީން ބުންޏެވެ.
މި ހަމަލާ ފުރިހަމައަށް ތަހުގީގުކޮށް، ހައްގު އަދަބު ދިނުމުގެ އިތުރުން، ޕާކިސްތާނުގައި ތިބި ޗައިނާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް އެމްބަސީން ވަނީ ޕާކިސްތާނުގެ ސަރުކާރަށް ގޮވާލައިފަ އެވެ.
ބީއެލްއޭ އަކީ ޕާކިސްތާނުގެ އެންމެ ބޮޑު އަދި އެންމެ ފަގީރު ސަރަހައްދު ކަމަށްވާ ބަލޮޗިސްތާން ޕްރޮވިންސްގައި ވަކި ވެރިކަމެއް ހިންގައި، ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ.
އެ ޖަމާއަތުން ދަނީ، އެ ސަރަހައްދުގެ ވަޒަންވެރިންނަށް ހައްގު ހިއްސާ ބޭރުގެ އިންވެސްޓަރުން ނުދޭ ކަމަށް ބުނެ، ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެކްޓްފައިންޑިންގ
09 October 2024
އެމެރިކާ ފަހަތުގަ އޮވެގެން ކުރުވާ ކަންކަން. މައްސަލައަކީ މުސްލިމުން މިކަހަލަ ކަންކަމުގަ ހެއްލޭތީ.