މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ގެއްލުވައިލީ އަހަންނެވެ.

(ބުދަ ދުވަހާ ގުޅޭ)

"މީ ކާކު ކުޑައެއް؟" ޒަލަފް ސުވާލުކުރިއެވެ.

"އަހަރެން އޮފީހުން ނުކުތް ތަނާ ވާރޭ ވެހިގަތީ،" އަހަރެން ކިޔައިދޭން ފެށީމެވެ. "ވެހިގަތީމަ އަހަރެން ވަނީ ފިހާރަޔަކަށް. އޭރު ވެސް ޒަލަފް މަންމަ އިރުއިރުކޮޅާ ގުޅާ ލަސްވެގެން. އެ ފިހާރަޔަކު ކުޑައެއް ނެތް.."

"މީ ކާކު ކުޑައެއްހޭ؟" އަހަރެންގެ ހާސަރު ދިގުވެގެން ޒަލަފް ސުވާލު ތަކުރާރު ކުރިއެވެ.

"ކޯޗުގެ،" އަހަރެން ބުނީމެވެ. "އެ ވާހަކައޭ މި ކިޔައިދެނީ. އަހަރެން..."

އެ ހިސާބުން ޒަލަފް ކޮޓަރި އަށް ވަދެފައި ދޮރު ލެއްޕިއެވެ. އެއްޗެހި ކިއި ނަމަވެސް، އެ އަށް ވުރެ އަހަންނަށް ރަނގަޅު ވީހެވެ. އަހަރެން ބޭނުންވީ ޒަލަފްގެ ހިތުގައި އޮތް އެއްޗެއް އެނގޭށެވެ. އެހެނަސް ދެނެއް ނޭނގޭނެއެވެ. ޒަލަފްއަކީ ބޯހަރު މީހެކެވެ. އެހައި ބޯހަރުކަން ކުރިން އެނގުނު ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ ދެން އެ ކަމާ ހިތާމަ ކުރުމުގެ ބޭނުމެއް ނެތެވެ. ކައިވެނީގެ ކުރިން ކޮންމެ މީހަކު ވެސް އެ މީހެއްގެ "އައިބުތައް" ފޮރުވާނެއެވެ. އެ ކަމުުގައި އަހަންނެއް ވެސް އިސްތިސްނާއެއް ނުވެއެވެ.

ކޯޗަށް ކުޑަ ރައްދު ކުރާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ. އޭނަ އަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. އެ އޮއިވަރުގައި އަހަރެން ހައްޔަރު ވެދާނެތީއެވެ. އެ ރީތި ބަގީޗާ އަށް ވަދެފައި، ނުކުންނަން އަހަރެން ހަނދާން ނެތިދާނެތީއެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. މޫދު ކުލާސް ހުއްޓުނުކަން އެއީ އަހަރެންގެ ނަސީބެވެ. އެ ކުލާސް ކުރިޔަށް ގެންދިޔަ ނަމަ، އެ މޫދަށް އަހަރެންގެ ހިތް ގެނބުނީހެވެ. ކޯޗަށް ރައްދު ކޮށްދޭން އެދި ނަބާހާއާ ކުޑަ ހަވާލުކޮށްފައި އަހަރެން ސަލާމަތްވީމެވެ. ޖިސްމާނީ ގޮތުން އަހަރެންނަށް ކުރެވޭނީ އެ ވަރެވެ. ނަފުސާނީ ގޮތުން ހައްތަހާ ވީ ގާތެވެ.

ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް، ހުވަފެނުން ކޯޗު ބައްދަލުކުރަން ފެށިއެވެ. މީހަކު ބުނެފާނެއެވެ. އެހެން ވަނީ އަހަރެންގެ ސިކުނޑީގައި އަބަދާއަބަދު ކޯޗުގެ ފިކުރުތައް އެނބުރޭތީއެވެ. ނޫނެކެވެ. ޒަލަފް އާއި އަހަރެންގެ މައިދައިތަ އެއްވާނެއްގައި އަހަރެންގެ ދުނިޔެ ދެ ފަރާތުން ފިއްތަމުންދާ އިރު، އެހެން ކަމަކާ ވިސްނަން ލިބޭނީ ކޮން ވަގުތެއް ހެއްޔެވެ؟ ނުކުރާ ކުށަކަށް އަހަންނަށް އަދަބު ދޭން ޒަލަފް އަތުކުރި އޮޅައިލި އިރު، މައިދައިތަ ހިފަން އުޅެނީ ކޮން ކުށެއްގެ ބަދަލެއް ކަމެއް ނުވެސް އެނގެއެވެ. އެހެނަސް، އެނގޭ ކަމެއް އެބަ އޮތެވެ. ދުވާލުދާ ހަތަރުދަމު އަހަރެންގެ ސިކުނޑި އަށް ފިތިބާރުވާ ހާސްކަމުން ދަންވަރު އަހަރެން ސަލާމަތްވެއެވެ. ރީތިރީތި ހުވަފެނަކުންނެވެ. ބުނެފައި ކުރުކޮށްލަމެވެ. އެއީ އަހަންނަށް ކުރެވޭ އަދަބު ނުލިބޭނެ ކުށެކެވެ.

ޒަލަފް ބޭހެއް ނުކައެވެ. ކަސްރަތެއް ނުކުރެއެވެ. ފިޒިޔޯހަދާކަށް ވެސް ނުދިޔައެވެ. އިންތިހާ އަށް ކަންނެތީއެވެ. ނުވަތަ އަހަރެން އިމުތިހާން ކޮށްލަން ބޭނުންވީއެވެ. ކުރަން ވެއްޖެއްޔާ ޒަލަފް އަށް ނުކުރެވޭ ކަމެއް ނޯވެއެވެ. ގޭގެ އެއް ފަންގިފިލާ އިން އަނެއް ފަންގިފިލާ އަށް، މީހެއްގެ އެއްވެސް އެހީއެއް ނެތި ދެވެއެވެ. ސިޑިން ވެސް އެރެއެވެ. ނުކުރަން ވެއްޖެއްޔާ ކުރެވޭ އެއްވެސް ކަމެއް ވެސް ނޯވެއެވެ.

"ދީމާ!" ޒަލަފް ގޮވައިލި އަޑުއިވުނެވެ.

އަހަރެން ހުރީ ފިޔާ ތެއްލާށެވެ. ފިޔައަކީ ފަސޭހައިން އަނދާ އެއްޗެކެވެ. ހިތަށް އެރިއެވެ. ނިންމާލައިފައި ދިޔަޔަސް ލަހެއް ނުވާނެއެވެ. ދެން އިވުނީ ކުރިޔަށް ވުރެ ބާރަށް ގޮވައިލި އަޑެވެ. އުނދުން ނިއްވާލައި، ތެލި އެހެން އުނދުނެއްގައި ބަހައްޓައިފައި ދިޔައީމެވެ. ޒަލަފް އިނީ އެނދު ފަޑީގައި ލެނގިލައިގެން، ދެ ފައި ދަމައިލައިގެންނެވެ.

"އަޅެ އެއްފަހަރު ގޮވައިލީމަ އަންނަން އާދަކޮށްބަލަ!" ވަރަށް ފޫހިވެގެން ބުނާ ކަހަލަ ރާގެއްގައި ޒަލަފް ބުންޏެވެ. "އަހަރެން މަރުވީމަ ދީމާ ބޭނުން ވަރަކަށް ފްރީ ޓައިމް ލިބޭނޭ! އެ ކަމަށް ވަރަށް ރެޑީވެެގެން ދޯ ތި ހުންނަނީ؟"

"ކިހިނެއް ހަދަންވީ؟" އަހަރެން އެހީމެވެ.

"އަހަރެންގެ ފޯނު ގެނެސްދީފާނަން؟" ޒަލަފް އެދުނެވެ.

"ކޮބާ ފޯނު؟" ވަށައިގެން ހޯދައިލަމުން އަހަރެން ބުނީމެވެ.

"ފަޓުލޫނު ޖީބުގަ." ޒަލަފް ބުންޏެވެ.

އަހަރެން ގޮސް އަލަމާރި ހުޅުވައިލީމެވެ. ހިތަށް އެރިއެވެ. ފޯނާ އެކުގައި ފަޓުލޫނު ކޮނޑުގައި އެޅުވޭ އިރު ނޭނގި ހުންނާނެ ހެއްޔެވެ؟ ކޮނޑުގައި އެޅުވީމައި ފަޓުލޫނު ސޮހިގެން ނުވެއްޓިއެއް ވެސް ނުހުންނާނެއެވެ.

"ލައިގެން މިހިރަ ފަޓުލޫނު ޖީބުގަ." ޒަލަފް ބުންޏެވެ.

އަހަންނަށް ބަލައިލެވުނީ ޒަލަފްގެ މޫނަށެވެ. ޒަލަފް ވެސް ކަޅިޖަހައި ނުލައި އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ބުނާ ކަހަލައެވެ. ކަލެ އަށް ނުކުޅަދާނަވާ ވަރަށް އަހަރެން ޖެއްސުން ކުރާނަމެވެ. އެހެނަސް ޒަލަފަށް ނުވިސްނެނީއެވެ. ހެނދުނު އަހަރެން ހޭލަނީ، ރޭގަނޑު އޮށޯތް ހިތަކާއިގެނެއް ނޫނެވެ. އަހަރެން ހިނިތުންވެލީމެވެ. އެނދު ކައިރިއަށް ޖެހިލައިފައި ޒަލަފްގެ ޖީބުން ފޯނު ނަގާފައި ޒަލަފަށް ދިއްކޮށްލީމެވެ. އޭނަ ފޯނަކު ނުހިފިއެވެ.

"އަހަރެން ދެކެ މިހާރު ވަރަށް ފޫހިވޭ ދޯ؟" ޒަލަފް އެހިއެވެ. "އިށީނދެބަލަ!"

"އެއީ ކީއްވެ ފޫހިވާންވީ؟" އިށީންނަމުން އަހަރެން ބުނީމެވެ.

"މީ އެވަރުގެ ކަމެއް ނޫނެއްނު! ކޮންމެ މީހަކު ވެސް ޖެހޭނެ އަނެކަކަށް ލިބޭ އުފަލާ ހިތާމައިގަ ވެސް ބައިވެރިވާން. އިންސާނުން ބަލިވާނެ. ބޭސްކޮށްގެން ރަނގަޅު ވެސް ވާނެ. އަހަންނަކަށް ނޭނގެ ޒަލަފް ވިސްނާ ގޮތެއް. އަހަރެން ވިސްނާ ގޮތް ބުނަން؟

އަހަންނަކަށް ޒަލަފް ޖެއްސުމެއް ނުކުރާނެ. ރަނގަޅަށްތަ މި ބުނެވުނީ؟"

"ނުބައި،" ފޯނު ޖަހައިގަންނަމުން ޒަލަފް ބުންޏެވެ. "ކަނޑައެޅިގެން ނުބައި. އަހަރެން ހަމަ ބޭނުން ބަދަލު ހިފަން. އަހަރެން ކޮއްމަސްބުރިއަކަށް ހަދާލި މީހާ އަށް އަދަބު ލިބެން ޖެހޭނެ."

ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ބަލަހައްޓައިގެން އިނީމެވެ.

"ތި ބަލާ ގޮތުން ހީވަނީ އަހަރެންނަށް ވުރެ ނުބައި މީހަކު ނެތްހެން،" ހައިރާންވެފައި ޒަލަފް ބުންޏެވެ.

"ދީމާ ކިހާ މަކަރުވެރިކޮށް އަހަންނަށް މި ލަނޑުދިނީ. އަހަރެން ވަރަށް ފާޅުގަ ދޯ މި ބުނަނީ ބަދަލުހިފާނަމޭ

ރުޅި ވެސް އަރުވާނަން. ޖެއްސުން ވެސް ކުރާނަން."

"އަހަރެން ކެތްކުރާނަން،" ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތި އަހަރެން ބުނީމެވެ.

"އަހަރެން ޒަލަފަށް ލަނޑެއް ނުދެން. ﷲ ދެނެވޮޑިގެންވާނެ އެ ކަން. އަހަރެން ހިތުގަ ޖެއްސީމަ ޒަލަފް ހިތްހަމަޖެހެންޏާ މިހިރީ އަހަރެން. އަހަރެންގެ މުޅި ހަށިގަނޑު އަހަރެންގެ ފިރިމީހާޔާ ހަވާލު."

އަހަރެން އެހެން ބުނުމުން ޒަލަފަށް ކޮންމެވެސް އެއްޗެއް ވިސްނުނުހެން ހީވިއެވެ. އެހެނަސް އެއީ ކުށްހީއެކެވެ.

"ނުހިނގޭ މީހުން ގެންގުޅެއެއްނު ފާޑެއްގެ އެއްޗެއް،" ޒަލަފް ބުންޏެވެ. "އޭތި ޖައްސަމުން ޖައްސަމުން އެ މީހުން ހިނގާނީ. ދީމާ ހަދާނީ އޭގެ އެއްޗަކަށް. ވަރަށް ފަސޭހައެއްނު ދޯ ކެތްކުރާނަމޭ ބުނެލަން. ބަލާލާނަން ކިހާ ކެތެއް ކުރެވޭތޯ! ނުކުމޭ މި ތަނުން. މުޅި ތަނުން ދުވަނީ ފިޔާވަސް."

އަހަރެން މަޑުމަޑުން ތެދުވީމެވެ. އެ ވަގުތު އެހެން ވަހެއް ދުވިހެން އަހަންނަށް ހީވިއެވެ. ބަލައިލި އިރު ޒަލަފް ތަންމައްޗަށް ކުޑަކަމުދިޔައީއެވެ. ގަބޫލުކުރަން ދަތިވެފައި އަހަންނަށް ބަލައިލެވުނީ ޒަލަފްގެ މޫނަށެވެ. ޒަލަފް އަޑުގެ ކޮޅަށް ހޭން ފެށިއެވެ.

"ޓެސްޓު ނަންބަރ ވަން!" ޒަލަފް ބުނެލިއެވެ.

ގޭގެ ހަތަރު ފާރުން އެތެރެ އަހަންނަށް ޖަލަކަށް ބަދަލުކުރުމުގެ މަސައްކަތް ޒަލަފް ފެށިއެވެ. ކުލަލާ ބަޔަކު ގެނެސްގެން ކަޅުފެހި ކުލަ ލިއެވެ. އެ ކުލައަކީ، އަހަރެންގެ ބޮލަށް އުނދަގޫވާ، އަނދިރި ކުލައެކެވެ. ޒަލަފް އަށް އެ ކަން އެނގޭނެއެވެ. ހަރަދު ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، އެހައި ބޮޑު ހަރަދެއް ކުރާކަށް ޒަލަފް ޖެހިލުމެއް ނުވިއެވެ. ދޮރުތަކުގައި ލީ އޮރެންޖު ކުލައެވެ. އެ ދެ ކުލަ ގުޅޭނީ ކިހިނެއްހެއްޔެވެ؟ ޓީވީން އަޑުގަދަކޮށް ލަވަޖަހަން ފެށިއެވެ. އެއީ އަހަންނަށް ވުރެ ބޮަޑަށް ޒަލަފަށް އުނދަގޫވާ ކަމެކެވެ. އޭނަ އަށް ކެތްކުރެވެންޏާ އަހަންނަށް ނުކުރެވޭންވީ ކީއްވެ ހެއްޔެވެ؟

ހެނދުނު އަހަރެން ހޭލާ އިރު ނުވަތަ އޮފީހުން އަންނަ އިރު، ފާހާނައިގެ އިސްކުރެއް ދޫކޮށްލާފައި ހުރެދާނެއެވެ. އެކި ފާޑުފާޑުގެ ކޫސަނި އެއްޗެހި އަހަރެން ލައްވައި ކައްކުވާފައި އޭނަ ކަނީ އެއިން އެތިކޮޅެކެވެ. ދުވާލަކު ދެ ފަހަރު އަންނައުނު ބަދަލުކުރެއެވެ. އެ ހުރިހައި ކަމަކާ އެކުގައި ވެސް އެއް ކަމެއް ދޫކޮށްލާފައި އޮންނާތީ އަހަރެން ޝުކުރު ކުރަމެވެ. އެއީ އަހަރެން ވަޒީފާގައި ދެމިހުރުމެވެ. އެ ކަން މަނައެއް ނުކުރެއެވެ. ސަބަބެއް އޮތީމައި ކަމަށް ވެސް ވެދާނެއެވެ. އަހަރެން އޮފީހުން ކަނޑާލައިފިއްޔާ ފައިސާގެ ދޮރު ބަންދުވީއެވެ.

އަހަރެން ވަޒީފާ އަދާކުރާ އޮފީހަކީ، އެކި ކަންކަމުގައި ރަށްރަށަށް ދަތުރުތައް ކުރަންޖެހޭ އޮފީހެކެވެ. ކޮންމެ މަހަކު ވެސް ކޮންމެވެސް ރަށަކަށް ދަތުރެއް އޮވެއެވެ. އަހަރެން ނުދަނީއެވެ. އެކި ބަހަނާ ދައްކައިގެން ރެކެނީއެވެ. އެއީ މައްސަލައަކަށް ނުވެއެވެ. ސަބަބަކީ، އެ ފަދަ ދަތުރުތަކަށް އިތުރު އިނާޔަތް ލިބޭތީއެވެ. ދާން ބޭނުން އެތައް މުވައްޒަފުންނެއް ތިބޭތީއެވެ.

އެއް ފަހަރަކު ދިޔަ ދަތުރެއްގައި، މޫސުން ގޯސްވެ ލާންޗު ބަންޑުން ޖަހައިލިއެވެ. އޮފީހުން ދިޔަ މުވައްޒަފު ނިޔާވިއެވެ. އެ ހިސާބުން އާ އުސޫލެއް ތައާރަފުވިއެވެ. އެންމެން ފަތަން ދަސްކޮށްދޭ ތަމުރީނު ހަދައި، ސެޓުފިކެޓެއް ހާސިލުކުރަން ޖެހުނެވެ. އަހަންނަށް ކޮންމެވެސް ވަރަކަށް ފަތަން އެނގެއެވެ. އެހެނަސް ސެޓުފިކެޓެއް ނެތެވެ. ވީމާ އޮފީހުގައި އުޅެން ބޭނުން ނަމަ އެ ސެޓުފިކެޓު ހާސިލު ކުރަން ޖެހެއެވެ. އެ އަށް ވުރެ ވެސް ބޮޑު މައްސަލައަކަށްވީ، ފަތަން ދަސްކޮށްދޭން އަންނަ ކޯޗެވެ.

އަހަރެން ވަރަށް ވިސްނީމެވެ. ސެޓުފިކެޓު ނުހޯދައިފިއްޔާ ވަޒީފާ އިން ކަނޑައިލާނެ ކަމަށް ބުނެ ބިރު ދެއްކުމުން، އެ ކޯސް ހަދަން ޒަލަފް ޖެހޭނީ އަހަރެން ފޮނުވާށެވެ. އެކަމަކު އެ ކޯޗު ފެންނަ ހިސާބަށް ދާނެހައި ހިތްވަރެއް އަހަރެންގެ ނެތެވެ. ހަފުތާއަކު އެތައް ރެޔަކު ހުވަފެނުން ފެންނަ މީހަކާ، ހަގީގަތުގައި ބައްދަލުކުރާނީ ކިހިނެއް ހެއްޔެވެ؟ ހަތަރުކަޅި ހަމަކުރާނީ ކިހިނެއްހެއްޔެވެ؟ ނުބުނަންވާ އެއްޗެއް އަހަންނަށް ބުނެވިދާނެއެވެ. ހަޔާތުގެ ވަރަށް ނާޒުކު ފައްތަރެއްގައި ހުރި އަންހެނަކީމެވެ. ފިރިމީހާގެ ލޯބި ނުލިބޭ އަންބަކީމެވެ. އެ ހުރިހައި ކަމަކަށް ވުރެ ވެސް ބޮޑަށް އިންސާނަކީމެވެ. ފައި ކައްސައިލަފާނެތީ އަހަރެން ބިރުގަނެއެވެ. އަހަންނަށް ވިސްނުނު އެންމެ ބުއްދިވެރި ގޮތަކީ، އެ ދުވަސްކޮޅު އޮފީހުން ޗުއްޓީ ނެގުމެވެ. ސައުވީސް ގަޑިއިރު ގޭގައި ހައްޔަރުވުމެވެ. ނަސީބު ދިމާކުރީ ވަރަށް ރަނގަޅަށެވެ.

"ދީމާ އޮފީހުން ޗުއްޓީ ނަގާ!" ޒަލަފް އިސްވެ އެދުނެވެ.

ޒަލަފް ހިތުން އެއީ އަހަރެންގެ ފައިގައި އެޅުވުނު ކަސްތަޅެކެވެ. ދެވުނު އިތުރު ދެރައެކެވެ. އަހަރެން ވަގުތުން އެއްބަސްވީމެވެ. އެހެން ނަމަވެސް، ތަގުދީރަކީ ކާކަށް ބަދަލުކުރެވޭ އެއްޗެއް ހެއްޔެވެ؟ ކަންތައް ވެގެން ދިޔައީ އެންމެ ހީނުކުރާ ގޮތަށެވެ. (ނުނިމޭ)

6 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެރަ

14 October 2024

އެންމެ ކުރިއްސުރެ މާލޭ މީހުން ރާއްޖެތެރެ މީހުނަށް ނުބައިކަމަށް ވިސްނިފަ އޮންނަނީ މިކަހަލަ ކަންތައް ހިގާތީ ކަންނޭގެ. ޢަހަރެން ކޯސް ހަދަން މާލެ އައިސްވެސް އެންމެ ބިރުގަތީ އޮޅިގެން މާލެކުއްޖަކާ އިދެވިދާނެތީ، ގޭދޮށު އަންހެނަކު މަލޭމީހަކާ އިދެ ޗުއްޓީއަށް ރަށަށް އައިސް މަންމަ ގާތު އެވާހަކަތައް ކިޔާ އަޑުއިވިއިވި، މާލޭ މީހުންނަކީ ފައިސާގެ އަޅުން، އަހަރުމެންނަކީ މުރާލި ކުލީގެ އަޅުން

The name is already taken The name is available. Register?

ސުހާނީ

13 October 2024

ބިންމާ....ތިޔަ ދީމާ ބޮލުގެ ނަޓުތައް ތަންކޮޅެއް ބާރު ކޮށްލަބަ. މާލޭ މީހަކަށް ނުވިޔަސް ތިހާ ކަނޑުކޮސް ވާކަށް ނުވާނެ.

The name is already taken The name is available. Register?

ބޮޑު ނޮހޯ އެންނު

13 October 2024

ކިހާ ބޮޑު ކަމެއްތަ މީދެން. ދެން ދޫކޮށްލާފަ ދިޔައިމަވެސް ބުނާނެ ކޮއްމަސްބުރިއަކަށް ވީމަ ގޮސްފިއޭ. މީކީ ހަމަ ސީދާ ނާސިސިސްޓިކް މީހެެއް. އެމީހުންނަކަށް ނޭނގޭނެ އަނެއް މީހާގެ އިހުސާސްތަކެއް. ދީމާ ހެޔޮ ނުވާނެ ތިކަމުން ސަލާމަތްވެބަލަ. މިހާރު ބީޕީ މަތިވެއްޖޭ....

The name is already taken The name is available. Register?

2024

13 October 2024

ޔޭ މަ ☝️ 8.28 ބޮއިހަލަކި

The name is already taken The name is available. Register?

އ‫ިބިލީސް

13 October 2024

މ‫ީވެސް ހަމަ މީހުންތާ!

The name is already taken The name is available. Register?

ސަސި

13 October 2024

ކޮބާތަ އަހަރުމެންގެ ލޯބިލޯބި މައިދާތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454