ދުނިޔެ / އިޒްރޭލް

އިޒްރޭލަށް ލުބްނާންގައި އޮތީ އުނދަގުލާއި ނުރައްކާ

އިޒްރޭލާއި ލުބްނާން ގުޅޭ ބޯޑަރު ކައިރިން ހިޒްބުﷲ އިން ދޫކޮށްލާފައިވާ ކަމަށް ބުނާ ތަނެއްގައި އިޒްރޭލު ސިފައިންގެ ބަޔަކު އަރާމުކުރަނީ. -- ފޮޓޯ: އޭއެފްޕީ

14 އޮކްޓޯބަރ 2024 - 05:57

3 comments

ފާއިތުވި 50 އަހަރުގެ ތެރޭގައި ހަތަރުވަނަ ފަހަރަށް ލުބްނާންގެ ދެކުނުގައި އިޒްރޭލުން ދެމުން ގެންދާ އެއްގަމުގެ ހަމަލާތަކުގައި، އިޒްރޭލު ސިފައިންގެ ކުރިމަތީގައި މިފަހަރު ވެސް އޮތީ ގޮވާ ތަކެއްޗާއި ފިލައި ތިބެ ކުއްލި ހަމަލާތައް ދޭނެ ތަންތަނުން ފުރިފައިވާ ގޮންޖެހުން ބޮޑު ސަރަހައްދެކެވެ. މިއީ އިޒްރޭލުގެ ކުރީގެ ޖީލުތަކުގެ ސިފައިން ވެސް ހަނގުރާމަކުރި އަދި ތަޖުރިބާކުރަން ޖެހުނު މައިދާނެކެވެ.

ފަލަސްތީނުގެ ޣައްޒާއަށް އަހަރެއްވަންދެން ހަމަލާ ދިނުމަށް ފަހު، އިޒްރޭލު ސިފައިން މިދިޔަ މަހުގެ 30 ގައި ލުބްނާނަށް އެއްގަމު މަގުން އެރީ ކުރިން ފާހަގަކޮށްފައިވާ ވަކި ތަންތަނަށް ހަމަލާ ދޭން ކަމަށް ބުނެ އެވެ. މިއީ މިދިޔަ އަހަރެއްހާ ދުވަހު އުތުރު އިޒްރޭލަށް ހަމަލާ ދެމުން ދިޔަ ލުބްނާންގެ ހިޒްބުﷲގެ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ބުންޏެވެ.

މި ނިންމުމާ އެކު ހަނގުރާމަ ފުޅާވުމުން ދެން ދިމާވެދާނެ ނުރައްކާތަކާ މެދު ބަހުސްތައް އުފެދުނެވެ. އެއާ އެކު އިޒްރޭލު ސިފައިންނަށް މިހާރު ކުރިމަތިވެފައިވަނީ، ޣައްޒާގައި އާބާދީ ބޮޑު، ހަމަ ބިމުގެ މާހައުލާ ތަފާތު މައިދާނަކާ އެވެ.

ލުބްނާންގައި ހަނގުރާމަކޮށް، 2009 އިން 2013 އަށް އދ. ގެ ސުލްހަ ބެލެހެއްޓުމުގެ މިޝަންގައި ލިއޭޒަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޖޯނަތަން ކޮންރިކަސް ބުނީ މިއީ ވަރަށް ތަފާތު އަދި އެތައް ގުނައެއް ބޮޑު ހަނގުރާމައިގެ މައިދާނެއް ކަމަށެވެ.

އިޒްރޭލު ސިފައިން ލުބްނާންގައި: ލުބްނާންގައި އިޒްރޭލު ސިފައިންނަށް ނުރައްކާ ބޮޑު. -- ފޮޓޯ: އޭއެފްޕީ

"މި ސަރަޙައްދު އޮންނާނީ އެތަނަށް އަރައިގަންނަ ބަޔަކަށް ވަރަށް ގޮންޖެހުން ބޮޑުކޮށް، އަދި ހިޒްބުﷲ ފަދަ ބަޔަކަށް ވަރަށް ފަސޭހަ ގޮތަކަށް،" ކުރީގެ އަސްކަރީ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރި އަދި މިހާރު ވޮޝިންޓަންގެ ކޮންޒަވޭޓިވް ފައުންޑޭޝަން ފޮ ޑިފެންސް އޮފް ޑިމޮކްރަސީސްގައި މަސައްކަތްކުރާ ކޮންރިކަސް އޭއެފްޕީއަށް ބުންޏެވެ.

"މި ސަރަޙައްދުގައި އެންޓި-ޓޭންކް މިސައިލްތަކާއި އައިއީޑީތައް ބޭނުންކޮށްގެން އާންމު އަސްކަރިއްޔާއަކާ ދެކޮޅަށް ހަމަލާދިނުމަށް ބޭނުންކުރެވިދާނެ ގިނަ ގޮތްތަކެއް ހުންނާނެ،" އޭނާ ބުންޏެވެ.

ލުބްނާންގައި އިޒްރޭލުގެ އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި މިރީ އައިސެން، 1978 ގެ އިޒްރޭލު ހަނގުރާމާގައި އޭނާއަށް ފެނުނު ފަރުބަދަތަކާއި ވާދީތަކުގެ ތަޖުރިބާއިން ފެށި އެވެ.

"ބޯޑަރު ހުރަސްކުރުމާ އެކު، ވަރަށް ބޮޑަށް ތިރިއަށް ގޮސް އަނެއްކާ މައްޗަށް ދަތުރުކުރަން ޖެހޭ،" މިހާރު އިޒްރޭލުގެ ރައިކްމަން ޔުނިވަސިޓީގެ އިންސްޓިޓިއުޓް ފޮ ކައުންޓަ ޓެރަރިޒަމްގައި މަސައްކަތްކުރާ އައިސެން އޭއެފްޕީ އަށް ބުންޏެވެ.

"ފޮރުވިގެން ތިބެވޭނެ ބޮޑެތި ހިލަތައް ހުރޭ އަދި ވެހިކަލްތަކުގައި ދުއްވާފައި ނުދެވޭނެ ސަރަހައްދުތަކެއް ވެސް އެބަހުރި. ހިނގާފައި ދިއުން ވެސް ވަރަށް އުނދަގޫ،" އޭނާ ބުންޏެވެ.

ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ހިޒްބުﷲ އިން ފަރުބަދަތަކުގެ ތެރޭގައި ފުންކޮށް ކޮނެ އުނދަގޫ ވިއުގައެއް ގާއިމްކޮށްފައިވެ އެވެ. މި ވިއުގައިގެ ދޮރުތައް ފޮރުވާފައިވަނީ ގެތަކާއި އެހެނިހެން ތަންތަނުގެ ތެރޭގަ އެވެ.

ވާނުވާ ނޭނގޭ ހާލަތެއް

އިޒްރޭލުން ލުބްނާންގައި ކޮށްފައިވާ އެތައް ހަނގުރާމައެއްގެ މަގްސަދަކީ އެ މީހުން ބުނާ ގޮތުގައި އެއްކަމެކެވެ. އެއީ އުތުރު ބޯޑަރުގައި އޮތް ސަލާމަތީ ނުރައްކަލާ ކުރިމަތިލުމެވެ. ނަމަވެސް މި ހަނގުރާމަތަކުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވެ އެވެ.

ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާ ދެކޮޅަށް 1978 ގައި ހިންގި "އޮޕަރޭޝަން ލިޓާނީ" އަށް، ހަތަރު އަހަރު ފަހުން އަނެއްކާވެސް ޕީއެލްއޯ އަށް އަމާޒުކޮށް އިޒްރޭލުން ލުބްނާނަށް އެރި އެވެ. އެ ހަމަލާގެ ނަމަކީ "ޕީސް ފޮ ގަލީލީ" އެވެ.

އެފަހަރު އިޒްރޭލުން ކުޑަ ވަގުތުކޮޅަކަށް ބައިރޫތު އެ މީހުންގެ ފުރިހަމަ ބާރުގެ ދަށުގައި ހިފެހެއްޓި އެވެ. އެކަމަކު އެ އަހަރު ނިމުނުއިރު ގާތްގަނޑަކަށް 20،000 މީހުން ހަމަލާތަކުގައި މަރުވި އެވެ. އަދި އިޒްރޭލު ސިފައިން އެ ގައުމުގެ ދެކުނު ސަރަޙައްދުގައި 18 އަހަރު ވަންދެން ތިއްބެވެ.

ހިޒްބުﷲ އުފެދުނީ މި މުއްދަތުގެ ތެރޭގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ އެހީތެރިކަމާ އެކު އެވެ.

އިޒްރޭލު ސިފައިން ލުބްނާނުން ފައިބައިގެން ދިއުމަށް ފަހު، ހިޒްބުﷲ ބައިވެރިވާ ގިނަ ހަމަލާތަކެއް ދީފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2006 ގައި އަނެއްކާވެސް އެއްގަމުގެ ހަނގުރާމައެއް ފެށުނެވެ.

މިދިޔަ މަހު 27 ގައި ވައިގެ މަގުން ހަމަލާދީ އަވަހާރަކޮށްލި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެފައިވާ ގޮތުގައި އެ ފަހަރުގެ ހަނގުރާމަ އަކީ ބޮޑު ނަސްރެކެވެ. އިޒްރޭލު 160 މީހުން މަރުވި މި ހަނގުރާމަ އަކީ އިޒްރޭލަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިފަވެފައި ވާއިރު މަރުވި މީހުންގެ ތެރޭގައި ގިނައީ ވެސް ސިފައިންނެވެ.

ތިރީސް ތިން ދުވަހުގެ މި ހަނގުރާމައިގައި ލުބްނާނުން 1،200 އެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.

މިފަހަރު އެއްގަމުން އަރައި ހަމަލާ ދޭން ފެށިތާ ގާތްގަނޑަކަށް ދެ ހަފްތާ ވެފައި ވާއިރު އިޒްރޭލުގެ ރަސްމީ އަދަދުތަކަށް ބިނާކޮށް އޭއެފްޕީން އެއްކުރި މައުލޫމާތުން ދައްކާގޮތުގައި އިޒްރޭލު ސިފައިންގެ 14 މީހަކު ވަނީ މަރުވެފަ އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައުދު.

14 October 2024

ﷲ ގެ ދީން މަތިވެރިކުރުމުގަ ގިޔާމަތާ ޖެހެންދެން ބަޔަކު ހައްގު ގޮތުގައި ދެމިތިބޭނެ. މިފެންންނަނީ އެބައިމީހުން އެމީހުންނަށް ﷲ ނަސްރުދެއްވާނެ.

The name is already taken The name is available. Register?

އަލީ1

14 October 2024

ހިޒްބުﷲ ގެ މީހުންނަށް ހަނގުރާމައިގެ ތެރެއަށް ވަދެވެމުން އެދަނީ.އެހެންވެ އިޒްރޭލަށް ލިބޭ ގެއްލުން ބޮޑުވާތަން އެފެންނަނީ.

The name is already taken The name is available. Register?

އަލިފާންފޮށި

14 October 2024

ނުވާނެ، މުސްލިމުން ބައިބައި ނުވެ އޮތް ނަމަ އިޒްރާއީލް އޭ ކިޔޭ މި ޓެރަރިސްޓުން ވުޖޫދުގަވެސް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454