މިއަދު އިންޒާރު ލިބުނު ވިސްތާރާ އެއާލައިންގެ ބޯޓެއް: މި ހަފްތާގައި ވަނީ އިންޑިއާގެ 12 ފްލައިޓަކަށް އިންޒާރު ދީފައި. -- ފޮޓޯ: މިހާރު
17 އޮކްޓޯބަރ 2024 - 12:34
އިންޑިއާގެ އެއާލައިންތަކަށް ދޮގު އިންޒާރު ދިނުން އާންމުވެފައި ވާއިރު މިއަދު ޖަރުމަނުން އައި ފްލައިޓަކަށް ވެސް އިންޒާރު ދީފި އެވެ.
މި ހަފްތާގައި އިންޑިއާގެ އެކި އެއާލައިންތަކަށް ދިން ބޮމުގެ ދޮގު އިންޒާރުތަކުގެ އަދަދު 12 އަށްވުރެ ގިނަ އެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީތަކުން ވަނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އިންޑިއާގެ ވިސްތާރާ އެއަލައިނުން މިއަދު ބުނީ އެއާލައިނަށް އިންޒާރު ދިނީ ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކަމަށާއި އެކަމަކު ކަނޑައަޅާފައިވާ ގޮތަށް ދަތުރުކޮށް އޭގެ މަންޒިލް ކަމަށްވާ މުމްބާއީގައި ބޯޓު ޖައްސާފައިވާ ކަމަށެވެ.
"ސަލާމަތީ ކަންކަން ބަލަހައްޓާ އެޖެންސީތަކާ ގުޅިގެން އަޅުގަނޑުމެން ކޮންމެހެން ބަލަންޖެހޭ ކަންކަން ކަށަވަރުކުރުމުގެ މަސައްކަތް ދާނީ ކުރަމުން،" ވިސްތާރާއިން ނެރުނު ބަޔާނުގައިވެ އެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ބުދަ ދުވަހުގެ ރޭ ވިދާޅުވި ގޮތުގައި ތިން ފްލައިޓަކަށް ބޮމު އިންޒާރު ދިން މައްސަލައެއްގައި "ކުޑަކުއްޖަކު" ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި ހުރަސްތައް ކުރިމަތިކުރުވި އެހެން އެންމެން ވެސް ދެނެގަނެ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ" ކަމަށް ނައިޑޫ ވިދާޅުވި އެވެ.
އިންޒާރު ލިބުނު ފްލައިޓްތަކުގެ ތެރޭގައި އަންގާރަ ދުވަހު ނިއު ދިއްލީން ޝިކާގޯއަށް ދިޔަ އެއާ އިންޑިއާ މަތިންދާބޯޓެއް ހިމެނެ އެވެ. އެ މަތިންދާބޯޓު ކުއްލި ހާލަތުގައި ކެނެޑާގައި ޖައްސަން ޖެހުނެވެ. ހަމަ އެ ދުވަހު، އެއާ އިންޑިއާ އެކްސްޕްރެސް މަތިންދާބޯޓެއް ސިންގަޕޫރުން ފައިޓަ ޖެޓްތައް ފޮނުވައިގެން އެކްކޯޓްކުރަން ޖެހުނެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy