މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ގެއްލުވައިލީ އަހަންނެވެ.

(ބުދަ ދުވަހާ ގުޅޭ)

"މިރޭ ކޯޗު ފޮނުވާނަން ތި ގެއަށް." އެހެން ބުނެފައި ނަބާހާ ފޯނުކަނޑައިލިއެވެ.

އަހަންނަށް ވީ ވަރަށް ހެއްވާ ގޮތެކެވެ. ކޯޗު އަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނާންނާކަށް ވެސް ބޭނުމެއް ނޫނެވެ. ފެންނާކަށް ބޭނުމެއް ނޫނެވެ. ދެކިލަން ވެސް ބޭނުމެވެ. އަހަރެންގެ ހިތް ބުންޏެވެ. ތިޔަށް ކިޔަނީ ލޯތްބެވެ. އަހަންނަށް ވެސް ނޭނގި އަހަރެން ތިޔަ ހަދިޔާކުރީ އެހެން މީހަކަށެވެ. އަހަރެން ބުނީމެވެ. އަހަރެން ކުށްވެރި ނުކުރާށެވެ. ލޯބިން މަހުރޫމުވެފައިވާ އިންސާނަކީމެވެ. ދިރިހުންނަން ޖެހިފައި މި ވަނީ، ކުރަން ބޭނުން ނުވާ އެތައް ކަމެއް ކުރުމުގައެވެ. އުޅެން ޖެހިފައި މި ވަނީ، ޔަގީނުން ވެސް ހިތަށް ހަމަޖެހުމެއް ނުލިބޭނެ ކަހަލަ ގެއެއްގައެވެ. ރުހުމުގެ ލޮލުން ބަލައިލާނެ އެކަކު ވެސް ނެތެވެ. ނުވާތާކަށް، ވަށައިގެންވާ ހަތަރު ފާރު ވެސް ހުރީ އެއާ ދިމާއަށް އަހަރެން ނުބަލާނެ ވަރު ކޮށްފައެވެ. ހިތަށް އެރިއެވެ. ކޮންމެވެސް އެއް ދުވަހަކުން އަހަރެން މަރުވާނެއެވެ. އޭރުން ލުޔެއް ލިބޭނެއެވެ.

ތިމާ އަށް ކަމެއް ބަދަލު ނުކުރެވެންޏާ ދެން ޖެހޭނީ އެ ކަމަކާ މެދު ތިމާ ދެކޭ ގޮތް ބަދަލުކުރާށެވެ. ހިތަށް އެރިއެވެ. ކުރިމަތިލަމާ ހިނގާށެވެ. ބޮޑު ވަރަކަށް ވާނީ ކޮން ކަމެއް ހެއްޔެވެ؟ ކުރިން ވެސް ހަނު ހުރީއެވެ. ދެން ވެސް ހުރެވޭނެއެވެ. އަހަންނަށް އެހީވާން ހުރީ އަހަންނެވެ. ހިތްވަރު ދޭން ވެސް ހުރީ އަހަންނެވެ.

ކޯޗު އަންނާނެ ކަމަށް ބުނި ރެޔަށް އިރުއޮއްސުނީއްސުރެ އަހަރެން ހުރީ މަރުހަބާ ކިޔަން ތައްޔާރު ވެގެންނެވެ. އޮފީހުން ޗުއްޓީ ނެގި ފަހުން އަހަރެން އަބަދު ކަހަލަ ގޮތަކަށް އުޅެނީ ގޭގައެވެ. މޭކަޕެއް ނުކުރަމެވެ. ރީތި ހެދުމެއް ނުލަމެވެ. ދާނެ ތަނެއް ނެތިއްޔާ ޕަރުމަރައި ޗާންޗި ނެގުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ އެކަމަކު ކޯޗު އަންނާނެކަން އެނގޭތީ ލުއި މޭކަޕެއް ކޮށްލެވުނެވެ. ސެންޓު ޖެހުނެވެ. އެ ކަން ފާހަގަވީ މައިދައިތައަށެވެ. ބޮޑުކޮޓަރި އަށް އަހަރެން ނުކުތީއްސުރެ މައިދައިތަ އިރުއިރުކޮޅާ އަހަންނާ ދިމާއަށް ބަލައިލައެވެ. ބުނާ އަޑު އިވޭ ކަހަލައެވެ. ކަލޭ ތިޔަ ވަރަކަށް ނަލަ ހެދިގެން ތި ނުކުތީ ކީއްވެގެން ހެއްޔެވެ؟ ނުބުންޏަސް ހަމަ ބުނި ފަދައެވެ. މައިދައިތަގެ އަޑުން، މަލާމާތުގެ ރާގުގައި، ތަކުރާރުކޮށް އެ ޖުމުލަ އަހަންނަށް އިވިއިވި ހުއްޓެވެ. އަހަރެން އަޅައި ވެސް ނުލަމެވެ. އެއް ތަނެއް ރީތި ކޮށްލައިފައި، އަނެއް ތަނެއް ހަމަޖައްސައިލައިފައި އުޅުނީމެވެ. އެއްތާކު އިށީނދެގެނެއް ނީންނަމެވެ. ފަހަރެއްގައި ވެސް މައިދައިތަ ސުވާލެއް ކޮށްފާނެތީއެވެ. އެ ރެޔަކީ ޒަލަފްގެ އުނދަގޫ އާދަޔާ ހިލާފަށް ބޮޑު ރެޔެކެވެ. އަހަރެން ލައްވައި ނިޔަފަތި ކެނޑުވިއެވެ. ކަންފަތް ސާފުކުރުވިއެވެ. ދަތަށް އެތިކޮޅެއް ވަދެގެންނޭ ކިޔައި ދަތްކޮށްޓުވިއެވެ. ދޭތެރެއަކުން މައިދައިތަ ވެސް ގޮވައިލައެވެ. ފެންތަށްޓެއް ގެނުވައެވެ. ދުފާދަޅު ގެނުވައެވެ. އަހަންނަށް މައްސަލައެއް ނެތެވެ. އަހަރެން ގައިގަ އަޅައި ނުގަންނަހައި ހިނދަކު އަހަރެންގެ ޝަކުވާއެއް ނެތެވެ.

"ދަރިފުޅު ތަނަކަށް ދާންތަ ތި އުޅެނީ؟" އެންމެ ފަހުން ޒަލަފާ ދިމާއަށް މައިދައިތަ ބުންޏެވެ.

"ދެވޭތަ؟" ހިތްހަމަނުޖެހިފައި ޒަލަފް ބުންޏެވެ. "ދެ ކަށިމަތި ބިންދާލާފައެއްނު މީނީ."

"މަންމަ އަށް އެނގޭތަ މީ ސާދަވިލޭރޭކަން،" އަހަންނަށް މަޖުބޫރުވީ އޭގެ ތެރެއަށް ވަންނާށެވެ. "ރަށުގައި އުޅޭ ނަމަ، އަތިރިމަތީގައި ހިނގާލަން ވަރަށް ހިތްފަސޭހަވާނެ. ގިނިހިލަ ވެސް ފެންނާނެ. މި ދުވަސްކޮޅު ދުންތަރިއެއް ފެންނަ ވާހަކަ ވެސް ނޫހުގަ އޮތްކަން ނޭނގެ."

ހަގީގަތުގައި، އެއީ ހަނދުމަހުން ކިތައް ވަނަ ދުވަސް ކަމެއް އަހަންނަކަށް ނޭނގެއެވެ. ދުންތަރީގެ ވާހަކަ ވެސް އަހަރެން ހަދައިލީއެވެ. މައިދައިތަގެ ސަމާލުކަން އަނބުރައިލުމަށް ޓަކައެވެ.

"ދުންތަރިއޭ؟" މައިދައިތަ މަޅީގައި ޖެހުނެވެ. "އެއީ ކޯޗެއް؟ އަހަރެން އަޑުއަހަނީ ފަޖުރުތަރި. ކިޔާނެ އުތުރުތަރި ވެސް. ގަހާތަރި ވެސް. ދުންތަރި އެއީ ކޯޗެއް؟"

އަހަރެން ޖެހި މަޅީގައި އަހަރެން ބެދުނެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. އެ ވަގުތު އެޕާޓުމަންޓުގެ ރަނގަބީލު ޖެހި އަޑުއިވުނެވެ. އަހަރެންގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އެ ތަނުގައި ހުންނަންވީ ކަމެއް، އެތެރެއަށް ވަދެ ފިލަންވީ ކަމެއް ނޭނގުނެވެ. ޔަގީނުން ވެސް ދޮރު ހުޅުވާކަށް އަހަރެން ހަނދާނެއް ނެތެވެ.

"އެ ދޮރު ހުޅުވަބަލަ!" މައިދައިތަ ބުންޏެވެ. "އަޑެއް ނީވޭތަ؟"

ހިތުވިންދާ އެއްވަރަށް ފިޔަވަޅު އަޅަމުން ގޮސް އަހަރެން ދޮރު ހުޅުވައިލީމެވެ. ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ކޯޗެވެ. އޭނަ ލައިގެން ހުރީ ހުދު ޓީޝާޓެކެވެ. ނޫކުލައިގެ ޖިންސެކެވެ. ހީވަނީ ދެންމެ ފެންވަރައިގެން ނުކުތްހެންނެވެ. ވަރަށް މީރުވަސްދުވާ ސެންޓެއް އަހަރެންގެ ހިއްސުތަކާ ކުޅެލިއެވެ.

"ހަލޯ!" އަންހެން އަޑަކުން ގޮވައިލި އަޑު އަހަންނަށް އިވުނެވެ.

ނަބާހާ ވެސް ހުރި ކަން އަހަރެންނަށް އެނގުނީ އެ ވަގުތުއެވެ.

"ގޮވައިގެން މި އައީ،" ނަބާހާ ބުންޏެވެ. "ވަންނަމާ!"

އަހަރެން ބޮޑަށް ދޮރު ހުޅުވައިލީމެވެ. ޓީވީ ބަލަން އިން ޒަލަފް އެއް ފަހަރު ކޯޗަށް ބަލައިލިއެވެ. މައިދައިތަގެ ލޮލުގައި ކޯޗު އަޅައިގަތް ގޮތަށް ދެނެއް ނުއެއް ނެއްޓުނެވެ. ވާނީ ވެސް އެހެންނެވެ. ކޯޗުގެ ސިފަ އާއި ހަރަކާތްތަކުގައި ގޮތެއް ހުރެއެވެ. އިށީނދެ ހަމަޖެހުމުން އަހަރެން އެންމެން އެންމެނަށް ތައާރަފުކޮށްދިނީމެވެ. އެއީ ކޯޗުކަން ޔަގީންވުމުން ޒަލަފްގެ ތުންފަތަށް ނުބައި ހިނިތުންވުމެއް ވެރިވިއެވެ. ވަގުތުން ޓީވީ ނިއްވައިލިއެވެ.

"އެއީ ކީއްވެ ޓީވީ ނިއްވައިލީ؟" މައިދައިތަ ނުރުހިފައި ބުންޏެވެ.

ޒަލަފް ޓީވީ ހުޅުވައިފައި އަޑު މަޑުކޮށްލިއެވެ.

"މީ ދޯ ދީމާ މާ މަޝްހޫރުކުރާ ކޯޗަކީ؟" ޒަލަފް އެ ދޮގު ހެދި އިރު ހީވަނީ އެއީ ތެދެއް ހެންނެވެ. "ކޯޗު އަޅެ ބުނެބަލަ! ދީމާ އަށް ފަތަން އެނގޭތަ؟"

"އަހަންނަށް ވެސް ފަތަން ދަސްކޮށްދޭންވީނު؟" މައިދައިތަ އެދުނެވެ. "ކޮން އިރަކު ކުލާސް އޮންނަނީ؟"

ކުލާސް އޮންނަ ގަޑިތައް ކޯޗު ކިޔައިދިނެވެ. މައިދައިތަ އުމުރުގެ މީހުންނަށް ވަކި ކުލާސްތަކެއް އޮންނަ ކަމާއި، އޮންނަ ދުވަސްތަކާއި، ބައިވެރީންގެ އަދަދު ވެސް ބުންޏެވެ. ޒަލަފް އަނެއްކާ ވެސް، ކުރިން ކުރި ސުވާލުކުރިއެވެ.

"އަހަރެން މޫދަށް އެރޭ އިރަށް އަކުނިވަޔަށް ދަމާނެ،" މައިދައިތަގެ ސުވާލުތައް މާ ގިނައެވެ. "އެއީ ކީއްވެގެންތަ؟ ކިހާ ދުވަހަކުން އަހަންނަށް ފަތަންދަސް ވާނެހެން ހީވޭ؟ ފަތަން ދަސްނުވި މީހަކާ ދިމާވިތަ؟" "މަންމަ ދެން ދާންވީނު ނިދަން." ޒަލަފް އެދުނެވެ.

ވަރަށް ހިތްހަމަނުޖެހިފައި، ނަގުލުން ބަޑި އަޅަމުން މައިދައިތަ ގޮސް ކޮޓަރިއަށް ވަނެވެ. މައްސަލަ ފިނިކުރަން ކޯޗު ހިނިތުން ވެލިއެވެ.

"ކީކޭތަ އަހަރެން ބުނީ؟ އާނ! އަހަރެން ބުނީ ދީމާ އަށް ރަނގަޅަށް ފަތަން އެނގޭހޭ؟" ޒަލަފް އެހިއެވެ.

"އަސްލު ދީމާ ނުވެސް ޖެހޭ ދޯ ފަތާ ކުލާހަށް ދާކަށް؟"

ކޯޗު ގެނައީ އަހަރެންނާ ބެހޭ މައުލޫމާތުތަކެއް ހޯދާކަށް ނޫނެވެ. އެހެނަސް، އަހަރެން އިނީ ތައްޔާރު ވެގެންނެވެ. އެހެން ނޫން ނަމަ ކޮޓަރި އަށް ދާނެތާ ކިތަންމެ އިރެކެވެ.

"ޒަލަފް މިހާރު ކިހިނެއް؟" ނަބާހާ ވަރަށް އޯގާތެރިކަމާ އެކުގައި އެހިއެވެ. "ބުނީމެއްނު އެކްސަސައިޒް ކުރަން..."

"އަހަރެން ކޯޗާއޭ މި ވާހަކަ ދައްކަނީ." ނަބާހާއާ ދިމާއަށް ޒަލަފް ބުންޏެވެ.

"ދިމް ދިޔައީ ފަތަން ދަސްކުރާކަށް ނޫނޭ ދޯ ދިމް،" ކޯޗު ޖަވާބުދޭން ފެށިއެވެ. "އެއީ މޫދު ކުލާހެއް. އޭގެ ބޭނުމަކީ..."

"ދީމާ ވަރަށް ބަރުތަ؟" ޒަލަފް އެހިއެވެ. "މޫދުކުލާހުގަ ނިކަން ހިފައި އޮޅުލާ ހަދާނެއްނު! އެހެންވެ މި އަހާލީ!"

ކޯޗު ގެނައުމުގައި ޒަލަފްގެ ކެހިވެރި ރޭވުމެއް އޮންނާނެކަން އަހަންނަށް އެނގެއެވެ. ޒަލަފަކީ ގޮތްކުޑަ މީހެއްކަން ވެސް އެނގެއެވެ. އެކަމަކު، އެހައި ގޮތްކުޑަވާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. ކޯޗާ ދިމާއަށް ނުބަލަން އިސްޖަހާލައިގެން، ލޯމަރާލައިގެން އަހަރެން އިނީމެވެ. އިށީނދެގެން ތިބި ގޮތުން، އަހަރެންގެ މޫނު ރަނގަޅަށް ފެންނާނީ ކޯޗަށެވެ.

"އަނެއްހެން އެއްޗެކޭ ހީނުކުރައްޗޭ!" ވަރަށް މާތްވެފައި ޒަލަފް ބުންޏެވެ. "ބުނަން މި އުޅެނީ ދީމާ ކޮންމެހެން މޫދުކުލާހަކަށް ދާކަށެއް ނުޖެހޭ ނޫންހޭ! އެހާ ފަލައެއް ނޫނެއް ނޫންހޭ!"

"އޮފްކޯޒް!" ކޯޗު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އަހަރެން ވަރަށް ޕްރޮފެޝަނަލްކޮށް ތި ސުވާލު ނަގާނީ. ދިމްގެ ހުންނާނީ އެވްރެޖް ވެއިޓެއް ކަމަށް ބަލަމާ ހިނގާ! ކުލާހުގެ އެންމެން ވެސް ވަރަށް ދުރުދުރުގަ ތިބޭނީ. އަހަންނަކަށް އަސްލު ނޭނގޭނެ އެކަކުގެ ވެސް ބަރުދަނެއް. ކުލާހުގެ އަސްލު ބޭނުމަކީ ހިކުމެއް ވެސް ނޫން. ފިޓްކޮށް ތިބުން. މިސާލަކަށް ބުނަންޏާ ޒަލަފް! ނުލާހިކު ފިޓްކޮށެއްނު ތިހިރީ. އެކަމަކު މިހާރު ވަކި ކަހަލަ ކަސްރަތުތަކެއް އެބަ ބޭނުންވޭތާ!"

"އަހަންނަކަށް ހިޔެއް ނުވޭ އެކަކަށް ވެސް އަހަރެން ރަނގަޅު ކުރެވޭނެހެނެއް،" ޒަލަފްގެ ވައަތުން ކަނާއަތް ދަމައިލަމުން ބުންޏެވެ. "ވަރަށް ތަޖުރިބާ ހުރި މީހަކަށް މި ކަން ކުރެވޭނީ. އަންހެންވެރިން އެއްކޮށްގެން މޫދުގަ ފެންކުޅިކުޅޭ މީހުންނަކަށް މި ކަހަލަ ކަންކަމެއް ނުވާނެ. މާފުކުރާތި! އަހަރެން ނުބުނަން ތީ އެ ކަހަލަ މީހެކޭއެއް."

"އިރާދަކުރެއްވިއްޔާ އަހަރެން ޒަލަފް ރަނގަޅު ކުރާނަން،" ކޯޗު ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ.

"ވަރަށް ގެރެންޓީއާ އެކީގަ މި ބުނަނީ. ޓްރައި ކޮށްލަމާ!"

ޒަލަފް އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ކޯޗާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެ އަށް ފަހު ނަބާހާ އާއި އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރުމެން އެންމެ ކުރިމަތީގައި ޒަލަފް އިންކާރު ކުރާނެއެވެ. ކިހައި ކެރޭކަން ދައްކައިލުމަށް ޓަކައެވެ.

"ޔަގީންތަ؟" ޒަލަފް ބުނެލިއެވެ. "ކެތްވާނެ؟"

"މާދަމާ ހަވީރު ފަހެއް ޖަހާއިރު،" ކޯޗު ތެދުވަމުން ބުންޏެވެ. "ދިމް އަށް އެނގޭނެ ދާންވީ ތަން."

ބަލިމީހަކާއި ޑަކުޓަރަކު އަލަށް ބައްދަލުވާ ފަހަރު ލައްކަ ގިނަ ސުވާލުކުރާނެއެވެ. އެ އިން އެއްވެސް ސުވާލެއް ނުކޮށް ކޯޗު ދިޔައީއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އިނީމައެވެ. އަހަރެން ފަލީހަތް ކުރަން ޒަލަފް އަށް އިތުރު ފުރުސަތު ދޭން ކޯޗު ބޭނުން ނުވީއެވެ. އަހަންނަށް ޔަގީނެވެ. އެ އިން އެނގެނީ ކޯޗުގެ ހުރި ތަޖުރިބާ އާއި ފެންވަރެވެ. އަހަރެން ދެރަވީ، ދެވަނަ ފަހަރު ކޯޗު އައުމުން ވެސް އެއްޗެއް ނުދެވުނީމައެވެ. ދޭނެ އެއްޗެހި ހުއްޓައި ވެސް މެއެވެ.

އެ ރޭ ނިދަން އޮށޯވެފައި އާ ތަސްބީހައެއް ޒަލަފް ކިޔަން ފެށިއެވެ.

"ދިމް.. ދިމް.. ދިމް!" ތިން ފަހަރު އެހެން ބުނެފައި ޒަލަފް ހޭން ފެށިއެވެ. "ހާދަހާ ލޯބި ނަމެކޭ މި ކިޔަނީ ވެސް ދޯ؟ މީތާ ވިދާގުގުރާ އިރު ވެސް މޫދުކުލާހަށް ދީމާ މި ދާ ކަމަކީ. ނަސީބެއް ހުއްޓުވުނުކަން."

އަހަރެން ދެ ތުންފަތް ތަޅުލާފައި ތަޅުދަނޑި ކުޑަދޮރުން ބޭރަށް އެއްލައިލީމެވެ.

"ކުޅިދައްކާލާނަން މި ފަހަރު." ޒަލަފް ބުންޏެވެ. (ނުނިމޭ)

4 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 8%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޗު

20 October 2024

ދިމް ޒަލަފްކައިރިން ވަރިވެގެން މޫދުކުލާހަށް އާދޭ. އިނދެގެން އުޅެން ހެޔޮވާވަރުގެ މީހެއްނޫންތި ޒަލަފްއަކީ. ބޭންކުއެކައުންޓުވެސް ސަލާމަތް ކުރެވުނީ މައިޓަށް ކައްކައިދޭންޖެހޭ ބަތްތެލިން ވެސް ސަލާމަތްވީ

The name is already taken The name is available. Register?

ދިމްދިމް

20 October 2024

ރަނގަޅު ބޮނޑިޔެއްދީފައި ތިޔަސޮރު މައިތިރިކޮށްލަބަލަ ކޯޗު.

The name is already taken The name is available. Register?

2024

20 October 2024

ޔޭ މަ ☝️8.30... ކޮންކުޅިއެއް ދެއްކޭނީ ދިމް ބުންޏެވެ.... ބޮއިހަލަކި

The name is already taken The name is available. Register?

ބައްޔެއް

20 October 2024

ހެޔޮނުވާނެ ބަވާލަބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454