މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ގެއްލުވައިލީ އަހަންނެވެ.

(އާދިއްތަ ދުވަހާ ގުޅޭ)

"ކުޅިދައްކާލާނަން މި ފަހަރު." ޒަލަފް ބުންޏެވެ.

އަހަރެން ކުރިމަތީގައި އޮތީ ދެ ގޮތެވެ. އެއް ގޮތަކީ، ޒަލަފް ކޮށްފާނެ ކަންކަމާ މެދު ވިސްނަން ހޭލާ އޮތުމެވެ. ނިދަން ލިބުނު ވަގުތުކޮޅު ވެސް ހާސްވެގެން ހިތް ނުތަނަވަސް ކުރުމެވެ. އަނެއް ގޮތަކީ، ހިތަށް ހަމަޖެހުން ލިބޭނެ ކަމެއް ކުރުމެވެ. ޒިކުރު ކުރުމެވެ. ނުތަނަވަސްކަން ކުޑަކޮށްދެއްވާތޯ ދުއާކުރުމެވެ. ދުއާއަކީ ވަރަށް ވަރުގަދަ ހަތިޔާރެކޭ ބުނާ އަޑުއަހަމެވެ. އެ އިން ފިކުރުތައް ކޮށައި ކުދި ކުރެވޭނެ އެވެ. ހާސްކަން ފަޅައި ފޮތި ކުރެވޭނެއެވެ. އެހެން ނޫނަސް، އަހަންނަށް އޮތީ ދުއާކުރުން ނޫން އެހެން ކޮން ގޮތެއް ހެއްޔެވެ؟ ތިމާ ދެކެ އެންމެ ފޫހިވާ މީހާއާ އެކުގައި ނިދަން މަޖުބޫރުވުމަކީ ކިހައި ވޭން ހުރި ކަމެއް ކަން އެނގޭނީ އެ ފަދަ މީހަކަށް އެކަންޏެވެ. އެ ރޭ ހުވަފެނުން އަހަރެން މީހަކާ ކައިވެނި ކުރީމެވެ.

ހޭލިއިރު އަހަރެންގެ ސިކުނޑި އަށް ލުއިވެއްޖެއެވެ. ކުރިން ހުރި ހާސްކަން ފިލައިފިއެވެ. ވިސްނެނީ ހުވަފެނާ ދޭތެރޭގައެވެ. ކުރިޔަށް އޮތް އިމުތިހާނާ ދޭތެރެއަކު ނޫނެވެ. އަހަންނަށް ފެނުނު ހުވަފެނުގައި ހަމަނުޖެހޭ އެތައް ކަމެއް ހުއްޓެވެ. އެއީ ވެސް ނަސީބެކެވެ. ހުވަފެނާ ދޭތެރޭގައި ވިސްނެނީ އެހެންވެއެވެ. އަހަރެން ރަންކިއީ ލޯތްބަށެވެ. އަހަރުމެން ނިދީ ފިނޮޅެއްގައެވެ. ކޮޓަރިއެއް، އެނދެއް ނުވަތަ ފޮންފޮދެއްހައި ހިސާބު ވެސް އެ ތާކު ނެތެވެ. ތިރީގައި ވެލިގަނޑެވެ. މަތީގައި އުޑެވެ. ވަށައިގެން ކަނޑެވެ. އިވެމުންދިޔައީ ސިކުނޑި އަށް ނާނާއެއް ފަދަ ރާގަކަށް ފިރިމީހާ ތައުރީފުކުރާ އަޑެވެ. އޭނަ ބުންޏެވެ. އަހަންނަކީ އޭނަގެ ނަސީބެވެ. އަހަރެންގެ ފިރިއަކަށްވުން އެއީ އޭނަގެ އެންމެ ބޮޑު އުފަލެވެ. އެ ދޮންވެލި ތަންމަތީގައި އޮވެލުން އެއީ އޭނައަށް ލިބުނު ޝަރަފެކެވެ. އަހަރެން ހިތަށް އެރިއެވެ. އަންހެނަކަށް ދެން އިތުރު އެއްޗެއް ބޭނުންވޭ ހެއްޔެވެ؟

ދީމާގެ ބަދަލުގައި ޒަލަފް ވެސް އަހަންނަށް ދިމް ކިޔަން ފެށިއެވެ. މަލާމާތުގެ ރާގެއްގައެވެ. ޒަލަފަށް ހީވާ ކަހަލައެވެ. އެ ކުރެވެނީ އިތުރު އަނިޔާއެކެވެ. ނޫނެކެވެ. އޭނަ އަށް ނުވިސްނެނީއެވެ. އެ ނަމުން ގޮވައިލާ ކޮންމެ ފަހަރަކު އަހަންނަށް އިވެނީ އެހެން މީހެއްގެ އަޑެވެ. ހަނދާން އާކޮށްދެނީ ފެނުނު ފޮނި ހުވަފެނެވެ.

ހިތަށް އަރަނީ މިހެންނެވެ. އެ ކައިވެނި ކުރެވިއްޖެއްޔާ އަހަރެންގެ ދިރިއުޅުން ހާދަ އުފާވެރިވާނެއެވެ. އަހަރެން އޮފީހުން ޗުއްޓީ ނަގައިގެން ގޭގައި މަޑުކުރީ މި ދުވަސް އަޔަނުދޭން ވެގެންނެވެ. އެހެން ހިތަށް އެރިޔަ ނުދޭންވެގެންނެވެ. އާނއެކެވެ. ކުށް ކުރެވުނީ އަހަންނަށެވެ. ހިތަށް ހަމަޖެހުން ލިބޭތޯ އަހަރެންނަށް ދުއާކުރެވުނީއެވެ.

"ކޮބާ މިއަދު ކޮން އިރަކުން އެ ތަނަށް ދަނީ؟" ހެނދުނު ސައިބޯން ތިބެފައި މައިދައިތަ އެހިއެވެ. "އަހަރެން ވެސް ދާނަން އިނގޭ! ކުޑަކޮށް ފައިގަ ރިއްސާތީ މި އުޅެނީ."

ހިނިގަނޑު އޮއްބައިލައިގެން ރޮށި ފިހަން އަހަރެން ހުރީމެވެ. ހިތަށް އެރިއެވެ. މީހުން ބުނަނީ ތެދެކެވެ. އުމުރަކީ ނަންބަރެކެވެ. ހިތެއް މުސްކުޅިއެއް ނުވާނެއެވެ.

"އުހުނ! މަންމަ ދާނެކަމެއް ނެތް،" ޒަލަފް ބުނި އަޑުއިވުނެވެ. "ތަނެއްގަ ފައި ޖެހުނީތަ؟ މީގެ ކުރިން ނުބުނޭ ތަދުވާ ވާހަކައެއް."

"ކުރިން ތަދެއް ނުވެޔޭ!" މައިދައިތަ ބުންޏެވެ. "މިއަދު ނިދައި ހޭލިއިރު މި ކަމެއް މި ވީ. މީ ހައިރާންވާ ވަރުގެ ކަމެއް ނޫނޭ! ކޮންމެ މީހަކަށް ވެސް މިހެން ވެދާނެ. ދޯ ދަރިފުޅާ؟"

އެހައި ލޯބިން އަހަންނަށް ދަރިފުޅާއޭ ކިޔާފައި މައިދައިތަ ގޮވައިލި ދުވަހެއް އަހަރެން ހަނދާނެއް ނެތެވެ. ވީމާ، ވަގުތުން އެއްބަސްވީމެވެ.

"އާނ މަންމާ!" ހޫނު ރޮށްޓެއް ގެނެސް މައިދައިތަ ތަށީގައި ބާއްވަމުން އަހަރެން ބުނީމެވެ. "ފަޔަށް ތަދެއް އަރަން ވަކި ވަގުތެއް އޮވޭތަ ދޯ؟ އަހަންނަށް ފެންނަނީ މަންމަ ވެސް ދާން."

"ކަމެއް ވި ނަމަ ހަމަ ދާންވީ! އެކަމަކު ކުޅިބަލަން ދާނެ ކަމެއް ނެތެއްނު!" ހިތްހަމަނުޖެހިފައި ޒަލަފް ބުންޏެވެ. "ދިމް ލައްވާ ތެޔޮކޮޅެއް ހާކާލާ! ރަނގަޅުވެދާނެ."

"ދަރިފުޅަށް ވަކި ކޮން ކަމެއް ވީ؟" މައިދައިތަ ސުވާލު ކުރިއެވެ. "ހަމަ ރަނގަޅަށް ހުރި މީހެއްނު ތީ! ކަންނެތްކަން ނޫން އެހެން ދެން ކޮން ކަމެއް؟ ބޮޑުސިންގާ ފިރިހެނެއް. އަނބިމީހާ ދިނީމަ ކައިގެންބޮއިގެން މި އުޅެވެނީ."

މައިދައިތަ އާއި ޒަލަފްގެ ދެބަސްވުން ހޫނުވަމުންދިޔަ އިރު އަހަރެން ބަނޑަށް ހީނލަހީނލާ ހުރީމެވެ. އެންމެ ފަހުން މައިދައިތަ ދޫކޮށްލިއެވެ. ދޫކޮށްލީކީ ނޫނެވެ. ޖަވާބު ހުސްވީއެވެ. އެ ވަގުތު އަހަންނަށް މެސެޖެއް އައެވެ. ކޯޗުގެ މެސެޖެކެވެ. މެސެޖުގައި އޭނަ އެދިފައި އޮތީ ޒަލަފްގެ ފޯނު ނަންބަރު ފޮނުވުމަށެވެ.

ކީއްކުރަންތޯ އަހަން ހިތަށް އެރިއެވެ. ޒަލަފްއަކީ ކިހައި ފެންވަރެއްގެ މީހެއް ކަން ބުނެދޭން ވެސް ހިތަށް އެރިއެވެ. މެސެޖެއް ލިޔަން ވެސް ފެށީމެވެ. ފަހުން މެސެޖު އެކުގައި ފުހެލާފައި ޒަލަފްގެ ފޯނު ނަންބަރު ފޮނުވީމެވެ. ކޯޗުގެ ތަޖުރިބާ ހުންނާނެ ކަމާއި އެކި މިޒާޖުގެ މީހުންނާ ކުރިމަތިލާން ކޯޗަށް އެނގޭނެ ކަމަށް ނިންމައިފައެވެ.

ފަހުން ޒަލަފަށް ފޯނެއް އައެވެ. ހީވަނީ ކޯޗުގެ ފޯނެއް ހެންނެވެ. ދެއްކި ވާހަކަ އަޑުއަހަން ވަރަށް މަސައްކަތް ކުރީމެވެ. އެހެނަސް، ޓީވީގެ އަޑު ގަދަކަމުން އަހަންނަށް އެ ކަން ކާމިޔާބެއް ނުވިއެވެ. ވީ ގޮތް އަހަންނަށް އެނގުނީ ނަބާހާގެ ފަރާތުންނެވެ. "ހަސްބަންޑް އެބަ ހުރިތަ ކައިރީގަ؟" ނަބާހާ ގުޅައިފައި ފުރަތަމަ ވެސް އެހީ އެހެންނެވެ.

"ނެތް،" އަހަރެން ބުނީމެވެ. "ކިހިނެއްތަ ވީ؟ އަހަންނަށް ކޯޗު ގުޅާފަ ބުނި ޒަލަފްގެ ނަންބަރު ފޮނުވާށޭ! ޒަލަފަށް ކޯޗު ގުޅި ކަން ވެސް އެނގޭ! އެކަމަކު.."

"އެ ވާހަކަ ދައްކާށޭ މި ގުޅީ،" ނަބާހާ ބުންޏެވެ. "ޒަލަފް ހާދަ އެހެން ކަހަލައޭ ދޯ؟ ދީމާ ވެސް ބުނޭ ޒަލަފަކީ ފާޑެއްގެ މީހެކޭ އެކަމަކު އެހައި..."

ނަބާހާ އެ ހިސާބަށް ބުނެފައި ހުއްޓައިލިއެވެ.

"ގޮތްކުޑައޭ ބުނަން ނުކެރިގެންތަ ތި އުޅެނީ؟" އަހަރެން ނަބާހާ އަށް އެހީތެރިވީމެވެ.

"އާނ އެހެން ބުނަން ނުކެރިގެން މި އުޅެނީ،" އެހެން ބުނެފައި ނަބާހާ ޗޮކެއް ކެނޑިއެވެ. "ކޯޗަށް އެއްފަހަރުން ޒަލަފްގެ ގޮތް އެނގިއްޖެ! އެހެންވެ، ދީމާ ސަލާމަތް ކުރަން ވެގެން ކޯޗު އުޅުނީ ކޮންމެ ދުވަހަކު ވެސް ޒަލަފް ބަލާ އަންނަން. ސައިކުގަ ވެސް ޒަލަފަށް ދެވޭނެތާ! އެކަމަކު އަޅެ ހަމަ އެއްބަހެއް ނުވިޔޭ!"

"ނުވާނެ!" ޔަގީންކަމާ އެކުގައި އަހަރެން ބުނީމެވެ. "ޑްރާމާ އަދި ކިރިޔާ އެ ފެށެނީ. އަހަންނަށް ހެޔޮ! ނުގަނޭ ބިރެއް. ކޯޗަށް ޒަލަފްގެ ގޮތް އެނގިއްޖޭ ބުނީމަ މިހާރު ދެން އެއްވެސް ހެޑޭކެއް ނެތް. އެކަމަކު ދުރުދުރުން ކޯޗު ގާތުގަ ބުނެލާފަ ބާއްވާތި ޒަލަފް އަޅުވާ ކިޔާފާނޭ! ކިޔާފާނޭއެއް ނޫން ކިޔާނެ. އެ ކަމަށް އޭނަ އެ ރެޑީވަނީ."

"ބުންޏޭ ތިހެން،" ނަބާހާ ބުންޏެވެ. "އެކަމަކު ކޯޗު ބުނީ އޭގެ ސަބަބުން ދީމާ އާއި ކޯޗުގެ ފްރެންޑްޝިޕަށް އެއްވެސް ބަދަލެއް ނާންނާނޯ. ދީމާ ގާތުގަ ވެސް އެ ވާހަކަ ބުނެލާފަ ބާއްވައްޗޯ!"

އަހަންނާއި ކޯޗުގެ ވިސްނުން ފުށުއަރާ ހިސާބަކީ އެއީއެވެ. ނަބާހާ ގާތަކު އެ ވާހަކައެއް ނުބުނަމެވެ. ކިތަންމެ ރައްޓެއްސަސް ނުބުނެވޭ ވާހަކަ ހުންނާނެއެވެ. އެކުވެރިކަމުގެ އިން ފަހަނައަޅައި، ލޯބީގެ ދޮރުގައި ކޯޗު ޓަކި ދިންތާ ކިތަންމެ ދުވަހެކެވެ. ރައްްޓެއްސެއްގެ ނަޒަރަކުން ދެނެއް ކޯޗަކަށް ނުބެލޭނެއެވެ. އެ ގުޅުން މާ ވަރުގަދަ ވެއްޖެއެވެ. އަހަރެން އެ ކަން ހާމަނުކުރުން އެއީ މުޅީން އެހެން ކަމެކެވެ. ދީނުގައި އެއްފަހަރާ ދެ ފިރިން ހުއްދައެއް ނޫނެވެ. ހަމަ އެހެންމެ، ހުވަފެން ބެލުން ހަރާމެއް ވެސް ނޫނެވެ.

ފުރަތަމަ ދުވަހު ކަސްރަތު ކުރަން ދިޔައީ ޓެކުސީގައެވެ. ދިޔަ މަގުމަތީގައި ޒަލަފް އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން އެތައް ވާހަކައެއް ފެށީމެވެ. އެއްވެސް ވާހަކައެއް ކުރިޔަށްދާ ގޮތެއް ނުވިއެވެ. ދިޔައީ މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނަށެވެ. މަޖީދީ މަގުގެ ކޮޅަށް ކާރު މަޑުކުރުމުގެ ކުރިން އަހަންނަށް ކޯޗު ފެނުނެވެ. އޭނަ ހުރީ ދިގު ސޯޓެއް ލައި، އަވި އައިނެއް އަޅައިގެންނެވެ. ތެމޭ ގޮތަށް ތައްޔާރު ވެގެންނެވެ. އެ ސޯޓާއި އެ ޓީޝާޓުގައި ކޯޗު ފެންނަ ގޮތް ވަކީން ތަފާތެވެ. ހިތްގައިމެވެ. ފޯނުން ފޮޓޯއެއް ނަގަން ބޭނުން ވެސް ވިއެވެ. ނުކެރުނީއެވެ. ހިތަށް އެރިއެވެ. ފަހުން ދަނޑިވަޅު ލިބޭނެއެވެ. ކާރުން ފައިބަންވީ ވަގުތު ޖެހުނެވެ. ޒަލަފަކަށް ނުފެއިބުނެވެ. ހަމަ ކުއްލިއަކަށް އެ ކަން އުނދަގޫވީއެވެ. ކޯޗު އައެވެ. ޒަަލަފަށް އެހީވާން އުޅުނެވެ. ޒަލަފް ބޭނުންވީ އަހަރެން އެހީވާށެވެ. ކާރުން ފޭބުނު ކަމަށްވީ، އެ މަންޒަރު ފެންނަ މީހަކު ލަދުގަންނަ ވަރަށް އަހަރެންގެ ގައިގައި އޮޅުލައިގަނެގެންނެވެ. އަހަންނަށް ޒަލަފް ވަރަށް ބަރެވެ. އަދި އެ ގޮތަށް ކާރުން ނެރެން ވަރަށް އުނދަގޫވިއެވެ. ހިތެއް އޮތް މީހަކަށް އެ މަންޒަރު ބަލާކަށް ކުޅަދާނައެއް ވެސް ނުވާނެއެވެ. ކޯޗަށް ވެސް ވީ އެެހެންނެވެ. އެކަމަކު ކޯޗުގެ އެއްވެސް އެހީތެރިކަމެއް ޒަލަފް ގަބޫލެއް ނުކުރިއެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. އެއީ ކޮން ބޭނުމަކު ޒަލަފް ކުރި ކަމެއްކަމެއް ނުވެސް ވިސްނުނެވެ.

ދިޔަރެހުގައި ޒަލަފް ބައިންދައިގެން ބައެއް ކަސްރަތު ކުރުވަން ކޯޗު މަސައްކަތް ކުރިއެވެ. ހަމަ އެއް ކަމެއް ވެސް ވާ ކަމަކަށް ޒަލަފް ނެހެދިއެވެ. ހިތްވަރު ކުރާ ކަަމަށް ހެދުނެވެ. އެހެނަސް، އެހީވާން އަހަރެން ހުންނަން ޖެހެއެވެ. އަހަރެން ތެންމައިލިއެވެ. ދޭތެރެއަކުން އަހަރެންގެ ބުރުގާގައި އެލިގަނެގެން ބުރުގާ ނައްޓައިލައެވެ. އެއީ ހަމަ ގަސްތުގައި ޒަލަފް ކުރާ ކަމެކެވެ. އަހަރެން އަވަސް އަވަހަށް ބުރުގާ ރީތި ކޮށްލަނީއެވެ. ޒަލަފްގެ ހަމަ އެކަނި ބޭނުމަކީ އަހަރެން ލަދުގެންނެވުމެވެ. ފަލީހަތް ކުރުމެވެ. ކަސްރަތު ކޮށްގެން ރަނގަޅު ވުމެއް ނޫނެވެ. އެ ހިސާބުން ވެސް ނިމުނީކީ ނޫނެވެ.

"އޭ ކޯޗު! އަހަރެން އަންހެނުންގެ އައުރަ ނުބަލައްޗޭ!" އެއް ފަހަރު އެހެން ވެސް ޒަލަފް ބުންޏެވެ.

"އެހެންވެގެންނޭ ސަންގްލާސް އަޅައިގެން މިހިރީ." ކޯޗު ދިނީ ފިނި ޖަވާބެކެވެ.

ކޯޗު ބޭނުންވި ގޮތަށް ހަމަ އެއްކަމެއް ވެސް ޒަަލަފް ނުކުރިއެވެ. ޒަލަފް ހިތުން އެ ޑުރާމާ ކާމިޔާބުވިއެވެ. ގެއަށް އަންނަން ޓެކުސީއަށް އަރައި، ކާރު ދުއްވައިލުމާ އެކު ޒަލަފް ހޭން ފެށިއެވެ. އަހަރެން ވަރަށް ފޫހިވިއެވެ. އެހައިމެ ދެރަ ވެސް ވިއެވެ.

"ހުންނާނީ ހޭއަރާފަ،" ޒަލަފް ބުންޏެވެ. "މާ މޮޅު ކޯޗަކަށް ވެގެން ބުނެފިއެއްނު ރަނގަޅު ކުރާނަމޭ! ކުރެވިއްޖެއްނު! މިހާރު އެ ކަލޭގެ ހިތަށް އަރާނެ މި ކަމާ ހަވާލުވެވުނު މޮޔަ." "އޭނަ ހިތަކަށް ނާރާނެ ތިހެނެއް." ބޭއިހުތިޔާރުގައި އަހަންނަށް ބުނެވުނެވެ. (ނުނިމޭ)

12 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޏާއްކޯ

24 October 2024

ބިންމާ މި ޒަލަފްގެ ކަންތައްތައް ސަހަލަ ގޮތަކަށް ނިންމާފަ ނޫނީ މިވާހަކަ ނިންމާލައިގެން ނުވާނެ. މުޅި ވާހަކަ ހަޑި ނުކުރާތި ތާކުންތާކު ނުޖެހޭ ނިންމުމެއް ގެނެސްގެން

The name is already taken The name is available. Register?

ކޯޗު

23 October 2024

ނޭންގޭކަަމަށް ހަދާފަ ޒަލަފް މުދަށްވައްޓާލާ ދިމް. އެއަށްފަހު ތިކަމުން ސަލާމަތްވޭ

The name is already taken The name is available. Register?

މޮޔަތަ

23 October 2024

ޒަލަފް ގެންދަންވީ ގުރައިދޫއަށް

The name is already taken The name is available. Register?

ޏާއްކޯ

24 October 2024

އެތާ ތިބޭ ނުކުޅެދޭ މީހުންނަށްވެސް ތުރާލަކަށް ވާނީ މިވަރުގެ މީހެއް

The name is already taken The name is available. Register?

ކޯޗް

23 October 2024

އެއްޗަކުން ވީއްލާލަބަލަ އޭރަށް ހުންނާނީ ހޭއަރާފަ ތިޔަ ޒަލަފަކަށް.

The name is already taken The name is available. Register?

2024

23 October 2024

ދިމް ތިކަމުން ސަލާމަތްވޭ.... މަ ✌️

The name is already taken The name is available. Register?

ދޫމްސ

23 October 2024

މި ޒަލަފް ނުވޭ ފިރިހެނަކަށްވެސް..ހާދަ ރަ... ދެން. އަހަރެން މީ ދިމް ނަމަ ހޭ އަރުވާލާނަން

The name is already taken The name is available. Register?

ސަނައްޓޭ

23 October 2024

މަ ބުނީ ތެމިގެންތަ ކާރަށްވެސް އެރީ. މިގައުމުގަ ނޫޅޭނެ ތެތާ ހުއްޓާ ކާރަށް އަރުވާނެ މީހެއް

The name is already taken The name is available. Register?

ފޫހިބެ

23 October 2024

ބައްޔެއް މިއޮތީ ޖެހިފަ ހާދަފޫހި މީހާގަނޑެކޭ. އަންނަކަށް ވެއްޖާ ޖެހޭތަ ޖަހާބެރަކަށް ނަށަން

The name is already taken The name is available. Register?

ސަސި

23 October 2024

ހުވަފެން ބެލުން ހަރާމެއް ވެސް ނޫނެވެ. އެކަމު ހުވަފެނުން ހެލަން އެބަޖެހޭތާ

The name is already taken The name is available. Register?

ނަބާހާ

23 October 2024

މި ނިމޭއިރު ތި ޒަލަފް ވާކޮށްލާފަ އެކަނި ކޮޓަރި އެއްގަ ބޭއްވީމަ ބިންމާ އަށް ކަމެއްވީކަމަށް ވާނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454