ވިޔަފާރި / ދިރާގު

ރާއްޖޭގެ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މާދަމާ އޮންނާނެ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މިދިޔަ އަހަރުގެ ދުވުންތެރިން ރޭހުގައި ދުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

24 އޮކްޓޯބަރ 2024 - 12:13

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މާދަމާ އޮންނާނެ އެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ބާއްވާ މި ދުވުމުގެ ފުރަތަމަ ދަންފަޅި އޮންނާނީ ފަތިހު 5 އިން ހެނދުނު 9 އަށެވެ. މި ގަޑީގައި ކުރިއަށް ދާނީ މިދިޔަ އަހަރު އަލަށް ތައާރަފްކުރި ހާފް މެރަތަން އާއި 10ކޭގެ ދުވުމެވެ. ދެ ވަނަ ދަންފަޅި އޮންނާނީ ހަވީރު 4 އިން 6 އަށެވެ. މި ދަންފަޅީގައި 5ކޭ ދުވުމުގައި ބައިވެރިވާ ހުރިހާ އުމުރުފުރައެއްގެ ހުރިހާ ކެޓަގަރީއެއްގެ ބައިވެރިން ދުވާނެ އެވެ. މި އަހަރު އަލަށް ތައާރަފް ކުރި އޮފީސް އަދި ރިސޯޓް ކެޓަގަރީގެ ދުވުން ވެސް އޮންނާނީ މި ދަންފަޅީގަ އެވެ.

ދުވުން ކުރިއަށް ދާ ވަގުތުގައި ދުވާ ރޫޓުގެ މަގުތައް ފުލުހުން ބަންދު ކުރާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މިދިޔަ އަހަރުގެ ދުވުންތެރިން ރޭހުގައި ދުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހަވީރުގަޑީގެ ދަންފަޅީގައި މި ދުވުމުގެ ފޯރި އިތުރުކުރަން ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ. ދުވުން ކުރިއަށް ދާ ވަގުތުގައި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން ދިރާގުން ވަނީ ވިމެން އެންޓްރަޕްރިނިއާސް އެސޯސިއޭޝަން މޯލްޑިވްސް (ވިއަމް) އާ ޕާޓްނާޝިޕެއް ގާއިމްކޮށްފަ އެވެ.

މި ޕާޓްނާޝިޕުގެ ދަށުން، ގޭގައި އުފައްދާ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ޝޯކޭސްކޮށް ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް މަޖާ ގޭމުތަކެއް ވެސް ކުރިއަށް ދާނެ އެވެ. މި ހަރަކާތްތައް ކުރިއަށް ދާނީ ސެންޓްރަލް ޕާކުގަ އެވެ.

ދިރާގު ރޯޑް ރޭހާއި ގުޅުވައިގެން މާދަމާ ރޭ 8:30 އިން 11 އަށް ހާއްސަ ގޭމިން މުބާރާތެއް ވެސް އޮންނާނެ އެވެ. މި މުބާރާތް އޮންނަ ގަޑީގައި އެތަނަށް ދާ ފަރާތްތަކަށް ރަޖިސްޓްރީވެ، މުބާރާތުގައި ބައިވެރިވެވޭނެ އެވެ. މި މުބާރާތުގައި ރޮކެޓް ލީގާއި އީއޭއެފްސީ އަދި ކިންގް އޮފް ދަ ހިލް މުބާރާތް އޮންނާނެ އެވެ. ކޮންމެ މުބާރާތަކުން ވެސް އެންމެ މޮޅު ތިން ގޭމަރުންނަށް ފައިސާގެ އިނާމެއް ލިބޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މިދިޔަ އަހަރުގެ ދުވުންތެރިން ރޭހުގައި ދުވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރާ އެކު ކުރިއަށް ގެންދާ ދުވުމެކެވެ. މި ދުވުމުގައި މި އަހަރު ވެސް 12 ޖަމްއިއްޔާއަކުން ބައިވެރިވެ އެވެ. އަދި މީގެ ތެރެއިން އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމްއިއްޔާ ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން ކޮންމެ ރެޖިސްޓްރޭޝަނަކުން 100ރ. އާއި ސްޕެޝަލް ބިބްތަކުގެ ފައިސާ ވެސް ޖަމްއިއްޔާތަކަށް ދޭއިރު، ދުވުން ކުރިއަށް ދާއިރު ޖަމްއިއްޔާތަކުގެ ސްޓޯލުތައް، ސެންޓްރަލް ޕާކުގައި ހުންނާނެ އެވެ.

ދިރާގު ރޯޑް ރޭހުގެ ކޮންމެ ކެޓަގަރީއަކުން އަންހެން އެންމެ މޮޅު ތިން ދުވުންތެރިންނާއި ފިރިހެން އެންމެ މޮޅު ދުވުންތެރިން ހޮވާނެ އެވެ.

މި ދުވުމުގެ ހާފް މެރަތަންގެ އެއް ވަނަ އަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. އަދި ދެ ވަނަ އަށް 15،000ރ. ހުށަހަޅަފައިވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 10،000ރ. އެވެ.

މި ދުވުމުގެ 10ކޭ އަދި 5ކޭ އޯޕަން ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅާފައިވަނީ 10،000ރ. އެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 6000ރ. އެވެ.

މި ދުވުމުގެ ސްކޫލްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން މަތީގެ ކެޓަގަރީގެ އެއް ވަނަ އަށް ހުށަހަޅަފައި ވަނީ 5،000ރ. އެވެ. އަދި ކެޓަގަރީތަކުގެ ދެވަނަ އަށް 3000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 1،000ރ. އެވެ. އަދި އަލަށް ހުޅުވި ރިސޯޓު/އޮފީސް ޓީމުތަކުގެ ޗެމްޕިއަން ޓީމަކަށް 10،000ރ. ހުށަހަޅާފައި ވާއިރު، ރަނާއަޕްއަށް ހުށަހަޅާފައި ވަނީ 8،000ރ. އެވެ. އަދި ސެކަންޑް ރަނާއަޕްއަކަށް ހުށަހަޅާފައިވަނީ 6،000ރ. އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގައި ލިސްޓުކޮށް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ އަދި ވޯލްޑް އެތްލެޓިކްސް ސެޓިފައިޑް ރޫޓެއް ހިމެނޭ ދުވުމެކެވެ.

ދިރާގުން މި ދުވުން ބާއްވަން ފެށީ 2007 ވަނަ އަހަރު އެވެ. މިއީ މި ދުވުން ބާއްވާ 15 ވަނަ އަހަރެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454