ބީއެމްއެލްގެ މުވައްޒަފުންގެ ތެރެއިން ދިގު މުއްދަތަށް ހިދުމަތް ކުރުމުގެ އެވޯޑް ލިބުނު މުވައްޒަފުން: ބީއެމްއެލްއިން އެފަދަ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑް ދެމުން ގެންދޭ --- ފޮޓޯ/މިހާރު
31 އޮކްޓޯބަރ 2024 - 11:15
ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށް ދިން މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސާވިސް އެވޯޑް ދީފި އެވެ.
ރޭ ބޭއްވި ހަފްލާގައި ވަނީ އެ ބޭންކަށް 15 އަހަރާއި 20 އަހަރާއި 25 އަހަރާއި 30 އަހަރާއި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްފަ އެވެ.
ބޭންކަށް 35 އަހަރު ހިދުމަތް ކުރުމުގެ ހާއްސަ އެވޯޑް ލިބުނީ ސްވިފްޓް ސާވިސް މެނޭޖަ، އަމްޝޫދާ ނައީމާއި ކަސްޓަމަ ސާވިސް މެނޭޖާ އައިމިނަތު ނަސީމާއި ޗެކް ޕްރޮސެސިންގެ މެނޭޖަ އާއިޝަތު ޝާދުނާއަށެވެ.
އޭގެ އިތުރުން ކަސްޓަމާ ސާވިސް އޮފިސަރު ފާތިމަތު ހުސެއިނާއި އޭޖެންޓް ބޭންކިންގެ މެނޭޖަރު ފާތިމަތު މުހައްމަދާއި ޗީފް ކޮމްޕްލަޔަންސް އޮފިސަރު މަރިޔަމް ހަމީދަށް ވަނީ 30 އަހަރުގެ މުއްދަތަކަށް ބޭންކަށް ހިދުމަތް ކުރުމުގެ އެވޯޑް ދީފަ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވަނީ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުން މަސައްކަތަށް ދިން އަހައްމިއްޔަތާއި ވަޒީފާގައި ވަފާތެރިކަމާއެކު ދެމިތިބި ކަމަށްޓަކައި އެކަމުގެ އަގު ވަޒަންކޮށް، ޝުކުރު އަދާ ކުރައްވައިފަ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ބޭންކެވެ. ބޭންކުގައި މިވަގުތު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ 99 ޕަސެންޓަށް ވުރެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ދިވެހިންނެވެ.
ބޭންކުގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތާއި މަސައްކަތަށް ބޭނުންވާ ތަމްރީނު ދިނުމާއި އިންސާނީ ހުނަރު ތަރައްގީ ކުރުމާއި ވަޒީފާގެ ކުރިއެރުންތައް ފޯރުކޮށްދެ އެވެ. ބޭންކުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްޓާފް އެވޯޑް އަދި ލޯންގް ސާވިސް އެވޯޑް ފަދަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy