ސިނގިރެޓް ފިލްޓަރުތަކެއް މަގުމަތިން ނަގައި ސާފުކުރަނީ: ޔޫކޭ އިން ވަނީ އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓުވަން މަސައްކަތް ފަށާފައި.
06 ނޮވެމްބަރ 2024 - 05:43
ސިއްހީ ހިދުމަތަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކުރުމަށް އިނގިރޭސި ވިލާތުން ފަށާފައިވާ މަސައްކަތުގައި "ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް" އުފެއްދުމުގެ މަގްސަދުގައި އެކުލަވާލި ބިލް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
"ޓޮބޭކޯ އެންޑް ވޭޕްސް ބިލް" ގައިވާ ގޮތުން ޖެނުއަރީ 1، 2009 ގެ ފަހުން އުފަންވާ ކޮންމެ މީހަކަށް ވެސް، ދުންފަތުގެ ބާވަތްތައް ގަނެވޭ ގާނޫނީ އުމުރު މަޑުމަޑުން މަތިކުރަމުން ގޮސް ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނީ ގޮތުން މަނާވާނެ އެވެ. މި ކަންކަން ހިމަނައިގެން، ޔޫކޭގައި ކުރިން އޮތް ކޮންޒަވެޓިވް ސަރުކާރުން ވެސް ބިލެއް ހުށަހެޅި އެވެ.
މި ބިލް ފާސްކުރުމުގެ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލީ ކުރީގެ ބޮޑުވަޒީރު ރިޝީ ސުނަކް މި އަހަރުގެ ކުރީކޮޅު އާންމު އިންތިހާބަށް ގޮވާލެއްވުމާ އެކުގަ އެވެ.
ނަމަވެސް ބޮޑުވަޒީރު ކެއިރް ސްޓާމާގެ އާ ލޭބާ ސަރުކާރުން ވަނީ އެ ހުށަހެޅުންތައް އަލުން ކުރިއަށް ގެންދަން ނިންމައިފަ އެވެ.
މި ބިލުގައި ވޭޕް އިޝްތިހާރާއި ސްޕޮންސާޝިޕްގެ އިތުރުން ކުޑަކުދިންނާއި ޒުވާނުން މި ތަކެއްޗަށް ޝައުގުވެރިވާ ގޮތަށް އީ-ސިނގިރޭޓާއި އޭގެ ފްލޭވާތައް ޑިސްޕްލޭކުރުމާއި ޕެކޭޖް ކުރުން މަނާވާނެ އެވެ.
މި ބިލް ތައާރަފްކޮށްފައި މި ވަނީ ޑިސްޕޮސަބްލް ވޭޕް މި އަންނަ އަހަރުން ފެށިގެން މަނާކުރުމަށް ވަކި ގާނޫނެއް ހަދަން ނިންމާފައި ވަނިކޮށެވެ.
މީގެ އިތުރުން ކުޑަކުދިން ކުޅޭ ތަންތަނާއި ހޮސްޕިޓަލްތަކުގެ ބޭރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މިހާރު މަނާކޮށްފައި އޮތް މުއްދަތު އިތުރުކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
"މިއީ އާންމު ސިއްހަތުގެ ގާނޫނެއްގެ ބިންގާ. އޭގެ މާނައަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ފުރަތަމަ ޖީލް އަޅުގަނޑުމެން އުފައްދަން ފެށުން. އެހެންވީމަ މިއަދު މި ގައުމުގައި ބޮޑުވަމުން އަންނަ ކުދިންނަށް ދުވަހަކުވެސް، ގާނޫނީ ގޮތުން ވެސް ސިނގިރޭޓް ނުގަނެވޭނެ،" ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އިންގްލެންޑްގެ ޕަބްތަކުގެ ބޭރުގައި އޮންނަ ހުސް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ނުކުރާނެ ކަމަށެވެ.
މި ޕްލޭން އޯގަސްޓް މަހު ލީކުވުމާ އެކު އޭގައި ހުރި ކަންކަމާ ގުޅިގެން ޕަބްތަކާއި ރެސްޓޯރަންޓްތަކުގެ އިންޑަސްޓްރީން ވަނީ ޝަކުވާކޮށްފަ އެވެ.
އިންގްލެންޑް، ވޭލްސް އަދި ނޮދަން އަޔަލެންޑުގައި 2007 ވަނަ އަހަރު ވަނީ ބަންދުކޮށް ހުންނަ އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފަ އެވެ. އޭގެ ކުރިން 2006 ވަނަ އަހަރު ސްކޮޓްލެންޑުގައި ވެސް ވަނީ މިގޮތަށް ނިންމައިފަ އެވެ.
އެކްޝަން އޮން ސްމޯކިން އެންޑް ހެލްތް ޗެރިޓީން ބުނެފައިވާ ގޮތުގައި އިންގްލެންޑުގައި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރިތާ އަހަރެއް ފަހުން، ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މިންވަރު 2.4 ޕަސެންޓް ދަށްވެ، ދައުލަތުގެ ހަރަދުގައި ހިންގާ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށް އެތައް މިލިއަން ޕައުންޑެއް ސަލާމަތްކުރެވިފައިވެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
09 November 2024
ދުންފަތޭ ކިޔައި އެއްވެސް ހަމައެއް ލަމައެއް ނެތި ރައްޔިތުން ފެލާލާފައި މަޖިލީހުން ބޮޑު މުސާރަ ނަގައިގެން ރައްޔިތުން ކުރިމަތީ މަޖިލިސް މެންބަރުން ސިގިރޭޓް ބުއިންވަނީ ސަރުކާރުން ރައްޔިތުން ފެލާލާ ކަމަށެވެ.
ވޮޗްމޭން
06 November 2024
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ގާނޫނަށް ގެންނަން ވަރަށް މުހިންމު މާއްދާއެއް ދުންފަތުގެ އެއްވެސް ބާވަތެއް ހޯލްސޭލް ވިޔަފާރިއަކުން ރީޓޭލް ކަސްޓަމަރުންނަށް ޑެލިވަރީ ކުރުން މަނާކުރުން. އަދި ހޯލްސޭލް ވިޔަފާރިތަކުން ބިދޭސީންނަށް ދުންފަތުގެ ބާއްވައްތައް ވިއްކުން މަނާކޮށް ވިއްކާއިރު ރީޓޭލް ވިޔަފާރި ހުއްދަ ފަރާތްތަކަށް ވިއްކުން. މިހާރުވެސް މި ފިހާރަތައް ދޮށުގައި ކިއުދަމާލައިގެން އެތިބީ ބިދޭސީން.
ބަބްސް
06 November 2024
ރާއްޖޭގައި މަނައެއް ނުކުރާނެ އެންމެބޮޑު އެއްސަބަބަކީ ނަގާ ބޮޑުޑިޔުޓީއިން ބަޖެޓް ފޫބައްދަން ޖެހޭތީ.
1181
06 November 2024
އެމީހުންވެސް މިސާލަކަށް ބެލީ ރާއްޖެތަ؟
އަޖައިބު...
06 November 2024
މިގައުމުގައި ބަޔަކު ކިޔަނީ ތިއެއްމަނާކޮށްފިއްޔާ މިނިވަންކަން ގެއްލި ޑިމޮކްރެސީ ފަހަތައްދަނިޔޯ.