19 ނޮވެމްބަރ 2024 - 11:03
މެންޗެސްޓާ (ނޮވެމްބަރު 19) – މެންޗެސްޓާ ޔުނައިޓެޑް އާ ކޯޗު ރުބެން އަމޯރިމްގެ ފުރަތަމަ ޕްރެކްޓިސް ސެޝަނުގައި 16 އަހަރުގެ ޑިފެންޑަރަކަށް ފުރުސަތު ދީފި އެވެ.
އިނގިރޭސިވިލާތުގައި މަސައްކަތް ކުރުމުގެ ވިސާ ހަމަޖެހިގެން، ޔުނައިޓެޑްގެ ފުރަތަމަ ޕްރެކްޓިސް ސެޝަން އަމޯރިމްގެ ބެލުމުގެދަށުން އިއްޔެ ކުރިއަށް ގެންދިޔަ އެވެ.
ޓީމުގެ ސީނިއާ ކުޅުންތެރިން ގައުމީ ޓީމުގެ މެޗުތަކަށް ހާއްސަވެގެން ތިބުމުން، އޭނާގެ ފުރަތަމަ ޓްރޭނިން ސެޝަން ގެންދަން ޖެހުނީ މަދު ކުޅުންތެރިންތަކަކާ އެކު އެވެ.
ފުރަތަމަ ޕްރެކްޓިސް ސެޝަނަށް އޭނާ ވަނީ ޔުނައިޓެޑްގެ 18 އަހަރުންދަށުގެ ޓީމަށް ކުޅެމުން އަންނަ 16 އަހަރުގެ ޑިފެންޑަރު ގޮޑްވިލް ކުކޮންކީ އަށް ސީނިއާ ޓީމުގެ ޕްރެކްޓިހުން ފުރުސަތު ދީފަ އެވެ. މެންޗެސްޓާ އިވްނިން ޕޯސްޓް އިން ބުނާ ގޮތުގައި މިއީ ކުކޮންކީ އަށް ޔުނައިޓެޑްގެ ސީނިއާ ޓީމުގެ ޕްރެކްޓިހުން ޖާގަ ދިން ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑްގެ ޔޫތު ޑިވެލޮޕްމެންޓް މަރުހަލާގައި ކުކޮންކީ ފާހަގަ ކުރެވިފައި ވަނީ ކުރިމަގުގެ ތަރިއެއްގެ ގޮތުގަ އެވެ. އޭނާގެ ކުޅުމުގެ ސްޓައިލް ވައްތަރީ ވާދަވެރި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލްއާ ކަމަށް އިވްނިންގް ޕޯސްޓުން ބުނެ އެވެ.
ކުކޮންކީ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ސެންޓަ ބެކެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާ އަށް ވައާތު ބެކަށް ވެސް މޮޅަށް ކުޅެވެ އެވެ.
ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޮބީ މައިނޯ ވެސް އަމޯރިމްގެ ފުރަތަމަ ޕްރެކްޓިސް ސެޝަނުގައި ބައިވެރިވި އެވެ. ލިބުނު އަނިޔާ އަކަށް ފަހު އޭނާ ދަނީ މިހާރު ރިކަވަރީ އަށް މަސައްކަތް ކުރަމުންނެވެ.
ޔުނައިޓެޑްގައި އަމޯރިމްގެ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy