އިޒްރޭލުން ދިން ހަމަލާއެއްގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ތެރެއިން، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
20 ނޮވެމްބަރ 2024 - 06:53
އިޒްރޭލުން ލުބްނާނަށް ދެމުން ގެންދާ ހަމަލާތަކުގައި ދެ މަސް ދުވަސް ތެރޭ 200 އަށްވުރެ ގިނަ ކުދިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑާ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި ކުދިން މަރުވެފައިވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އިހުތިޔާރު އޮތް މީހުންގެ ސަބަބުން ކަމަށެވެ.
"މިދިޔަ ތިން މަހު ކޮންމެ ދުވަހަކު އެވްރެޖްކޮށް ތިން ކުދިން ހަމަލާތަކުގައި މަރުވި،" އޭނާ ވިދާޅުވި އެވެ.
"އިތުރު އެތައް ބަޔަކު ޒަހަމްވެ ބިރުވެރިކަމުގެ ތެރޭގައި އުޅެން ޖެހިފައިވޭ."
އެލްޑާ ވިދާޅުވީ ދެ މަސް ދުވަހުގެ ތެރޭގައި 1،100 އަށް ވުރެ ގިނަ ކުޑަކުދިން ޒަހަމްވެފައިވާ ކަމަށެވެ.
އިޒްރޭލުން ލުބްނާނަށް ހަމަލާދޭން ފެށީ ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދޭން ފެށުމާ އެކު ބަދަލު ހިފުމަށް ލުބްނާންގެ ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާދޭން ފެށުމުންނެވެ.
ސެޕްޓެމްބަރު މަހުން ފެށިގެން އިޒްރޭލުން ލުބްނާންގައި ބޮމުގެ ހަމަލާތައް އާންމު ގޮތެއްގައި ދެމުން ގެންދަނީ ހިޒްބުﷲގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކުގަ އެވެ. އެކަމަކު އެ ނޫން ހިސާބުތަކަށް ވެސް ވަރުގަދަ ހަމަލާތައް ދެ އެވެ.
އިޒްރޭލަށް ހިޒްބުﷲ އިން ދޭ ހަމަލާތަކާ އެކު ކުރިމަތިލުންތައް ފެށި ފަހުން ލުބުނާނުގައި މިހާތަނަށް 3،510 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި އެންމެ ގިނަ މީހުން މަރުވެފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy