20 ނޮވެމްބަރ 2024 - 06:39
(އާދިއްތަ ދުވަހާ ގުޅޭ)
އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. އެކަމަކު އެހެން ބުނެފިއްޔާ ނަބާހާ ވަރަށް ހިތްހަމަނުޖެހޭނެތީ އެހެން ނުބުނީއެވެ. ކޮންމެ ގޮތެއް ވިޔަސް، އަހަރެންގެ ފިރިމީހާއާ ދޭތެރޭ އަހަރެން ދެކޭ ގޮތަކަށް ނަބާހާއެއް ނުދެކޭނެއެވެ. ނަބާހާއަށް ޒަލަފް ވާނީ ދުރުހިލޭ މީހަކަށެވެ. އެ ދެމެދުގައި އެއްވެސް ލޯތްބެއް، ކުލުނެއް ނޯންނާނެއެވެ. އަހަންނަށް ޒަލަފްއަކީ އެތައް އަހަރަކުއް ސުރެ އިނދެގެން އުޅޭ ފިރިމީހާއެވެ. އޭނަ ދެކެ އަހަރެން ކިހައި ލޯބިވާކަން އަހަރެން ނޫން މީހަކަށް ނޭނގޭނެއެވެ.
"ދީމާ އަދިވެސް އޭނަ ދެކެ ވަރަށް ލޯބިވޭ ދޯ؟" ނަބާހާ އެހިއެވެ.
އާނއެކޭ ބުނާ ހިތްވެއެވެ. ބުނެގެން ނަބާހާ ރުޅިއަރުވާ ހިތެއްނުވެއެވެ. އަހަރެން އެކަނިވި ދުވަހު އަހަންނަށް އެހީވި ހަމަ އެކަނި މީހަކީ ނަބާހާއެވެ. އެހެންވެ، އެއްޗެއް ނުބުނެ ހުރީއެވެ.
"ހިނގާ ގެއަށް ދަމާ!" ހިނިތުންވެލާފައި ނަބާހާ ބުންޏެވެ. "ދީމާއަށް އެހީވާން އަހަރެން އައީ. އަހަރެން ބޭނުމެއް ނޫން ދީމާ ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް. ހިނގާ ގެއަށް ދަމާ!"
"ރުޅިއެއް ނާންނާނަން؟" އަހަރެން އެހީމެވެ.
"ލޯބިވާ މީހެއް ދެކެ ކިހިނެއް ރުޅި އަންނާނީ؟" ނަބާހާ ބުންޏެވެ.
"ދީމާ މިހާރު ނޭނގެ ހަނދާން ހުންނާނެ ކަމެއް. އެކަމަކު އެއްދުވަހަކު އަހަރެން ވަރަށް ދެރަވެފަ އިންދާ ދީމާ އައިސް އަހަރެން ގޮވައިގެން ސަޔަށް ދިޔައީމެއްނު! ވަރަށް ވިއްސާރަ ދުވަހެއް އެއީ. އޮފީސް ކައިރީގަ ހުރި ކެފޭއަކަށް އަހަރުމެން ދިޔައީ. ދެވުނު އިރު ތިބީ ތެމިފަ. އަހަރެން ބުނިން ބިޓާ މައްސަލަ ޖެހިގެނޭ މި އުޅެނީ. ދީމާއަށް އެނގޭނެ އެއީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއްކަން. އެކަމަކު އަހަރެން ލޯބިވެޔޭ ބުނީމަ ދީމާ ދަސްކޮށްދިނީ ލޯބިވާ މީހެއް ދެކެ ރުޅިނާންނަން ހަދާނެ ގޮތް. ފްރެންޑުން ކަންތައް ކުރަން ޖެހޭނީ އެހެން. އައިޑިޔާ ދެވިދާނެ. ނަސޭހަތް ވެސް ދެވިދާނެ. އެކަމަކު ފްރެންޑަށް ސަޕޯޓު ދޭން ޖެހޭނެ. އަހަރެން ހަމަ ހެޕީ."
ނަބާހާ އެހެން ބުނި ނަމަވެސް، އޭނަ ފެންކަޅިވި ތަން އަހަރެން ދުށީމެވެ.
"އެކަމަކު ނަބާގެ ލޯ ހެޕީއެއް ނޫން." އަހަރެން ބުނީމެެވެ.
ނަބާހާ ވަގުތުން ލޯ ފުހެލިއެވެ. ލޯ ދެކެ ރުޅި އައިސްގެން ފުހެލާ ކަހަލަ ގޮތަކަށެވެ.
"ހިތަށް އަރަނީ ދީމާ އަލުން ނުފެނިދާނޭ،" ކުރެހިފައިވާ އަޑަކުން ނަބާހާ ބުންޏެވެ.
"އަހަންނަށް އެނގޭ ޒަލަފް ދެކެ ދީމާ ކިހާ ލޯބިވާކަން. ދީމާއަށް ވެސް އެނގެންވާނެ ދީމާ ދެކެ ޒަލަފް ކިހާ ލޯބި ނުވާކަން. ކޮންމެ ފަދަ ކަމެއް ވެސް އޭނަ ކޮށްފާނެ. އަހަންނަށް އެނގޭ ދީމާ ދެން ބުނާނީ ކީކޭކަން. ޒަލަފް އަނިޔާއެއް ނުކުރެޔޭ! އަހަރުމެން ދެ މީހުން އަނިޔާ މާނަކުރާ ގޮތް ވަރަށް ތަފާތު. ހިނގާ ގެއަށް ދަމާ! ޓެކްސީއަކަށް ގުޅަން؟"
ގޮތެއް ނިންމަން އަހަންނަށް ވަރަށް އުނދަގޫވިއެވެ. އަނެއްކާ ވެސް ޒަލަފްގެ މެސެޖެއް އައެވެ.
"އާދޭ ގެއަށް. ޕްލީޒް!" ޒަލަފް އެދިފައި އޮތެވެ.
އެ މެސެޖު ނަބާހާއަށް ދައްކައިލުމުން އޭނަ ނުވެސް ބެލިއެވެ.
"ޑިވޯސް ފޯމު ނުލިޔަސް، ގެއަށް ދިޔުން ތަންކޮޅެއް ލަސްކޮށްލުން ކިހިނެއް ވާނެ؟" ނަބާހާ އެހިއެވެ.
"އޭނަ ކިހާ ލޯބިވޭތޯ ބަލައިލަން މީ ކިހާ ރަނގަޅު ޗާންސެއް؟
ހިނގާބަލަ އޭނައަށް ވިސްނައިދެމާ ދީމާ ނެތީމަ ދެން ވާނެ ގޮތް. ލާރިއެއް ނުލިބޭނެ. އެހީވާނެ މީހަކު ނުހުންނާނެ. މަންމަ ބެލޭނެ ގޮތެއް ވެސް ނޯންނާނެ. އޭރުންތާ އޭނައަށް ދީމާ ކޮށްދޭ ކަންތައް އެޕްރިޝިއޭޓް ކުރެވޭނީ. މާ ގިނަ ދުވަހެއް ނޫނޭ! ތިން ދުވަސް. ތިން ދުވަހު މި ތާ މަޑުކޮށްލަމާ ހިނގާ! މީ ޑެއިލީ ރެންޓު ދައްކާ ތަނެއް. ނުކުންނަންވީމަ ނުކުންނަންވީ."
އަހަންނަށް އެ ގޮތް ވަރަށް ކަމުދިޔައެވެ. ވީމާ، އެއްޗެހި ބަހައްޓާފައި އަހަރުމެން ދިޔައީ ސައިބޯށެވެ. ސައިދިނީ ނަބާހާއެވެ. ސައިބޯން ތިބި އިރު ވެސް ޒަލަފްގެ މެސެޖަކަށް ފަހު މެސެޖެއް އާދެއެވެ. މާފަށް އެދި، އާދޭސްކޮށް، ވައުދުވެފައިވާ މެސެޖުތަކެވެ. ކުރިން އުޅުނު ގޮތަށް އޭނަ ނޫޅޭނެ ކަމެވެ. ރަނގަޅު ވާން އޭނަ މަސައްކަތް ކުރާނެ ކަމެވެ. ރަނގަޅު ވުމުން ވަޒީފާއެއް ހޯދާނެ ވާހަކައެވެ. އަހަރެން އެންމެ ބޭނުންވި ކަންތަކަށް ވެސް އޭނަ ރުހުނެވެ. އެއީ އަހަރެން އޮފީހުން ކެނޑުމެވެ. ވަޒީފާ އަދާކުރުން ހުއްޓައިލުމެވެ. އެ ކަމަކަށް އަހަރެން އާދޭސްކުރާތާ ވީ ދުވަހެއް އަހަންނަކަށް ވެސް ނޭނގެއެވެ. ހައްތަހައި ވެސް އަހަރެން އުފާވާނެ ކަހަލަ ވާހަކައެވެ. ހުރިހައި މެސެޖެއް ނަބާހާއަށް ދެއްކީމެވެ. ދެކޮޅަށް އެއްޗެއް ބުނުމުގެ ބަދަލުގައި ނަބާހާ ދެނީ އެއް ޖަވާބެކެވެ.
"ސަޅި!" ނަބާހާ ބުނެލައެވެ.
ސައިބޮއިގެން އަހަރުމެން އޭޓީއެމްއަކަށް ގޮސް އަހަރެންގެ އެކައުންޓުގައި ހުރި ވަރު ބެލީމެވެ. ތިރީސް ފަސް ހާހަކަށް ރުފިޔާ ހުއްޓެވެ. އެއްވެސް ދައްޗެއް ނެތި، ހިތްހަމަޖެހިލައިގެން އަހަންނަށް އުޅެވޭނެއެވެ. ތެދަށް ބުނާ ނަމަ، އަހަންނަށް ހަމަނޭވާލެވުނީ އެ ހިސާބުންނެވެ. ދެން، ޒަލަފް ހުރީ ސައިބޮއިގެންތޯ ބަލައިލާ ހިތްވިއެވެ. ހާލު އަހައިލާ ހިތް ވެސް ވިއެވެ. ނަބާހާގެ ހިޔާލު ވެސް ހޯދީމެވެ.
"ބަލައިލުން މައްސަލައެއް ނެތް،" ނަބާހާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"އެކަމަކު އަހަރެން ނަމަ ނުބަލާނަން. އަމިއްލަ ގޭގަ އެ އުޅެނީ. އާއިލާގެ މީހުން އެބަ ތިބި. އަނެއްކޮޅުން، އޭނަ އިސްލާހު ކުރަން ބޭނުމިއްޔާ އޭނަ އެބަ ޖެހޭ ދީމާ ގެއްލިދާނެތީ ބިރު ވެސް ގަންނަން. ނޫންތަ؟"
އަހަންނަށް އެ ހިޔާލު ވެސް ކަމުދިޔައެވެ.
"ދީމާ ތަންކޮޅެއް ގަދަކޮށްލައިގެން ހުރީމަ ދޯ މިހާރު ތި އަންނަ ކަހަލަ ސަޅި މެސެޖުތައް އަންނާނީ ވެސް،" ނަބާހާ ބުންޏެވެ. "މިހާރު އެބަ ހީވެއެއްނު ދީމާއަކީ ވެސް ފިސާރި މީހެކޭ."
އެ ގޮތް ވެސް އަހަންނަށް ވަރަށް ކަމުދިޔައެވެ.
"އެކަމަކު ކޯޗު ފަކީރު ދެން ހިޔެއް ނުވޭ ޒަލަފަށް ހެލްޕް ކޮށްދޭނެހެނެއް،" ނަބާހާ ކަންބޮޑުވެފައި ބުންޏެވެ.
"އެ ސޮރު ވަރަށް ހިތުގަޖެހިފަ ހުރީ."
އެ ކަން އަހަންނަށް ވަރަށް ބޮޑުވިއެވެ. ކޯޗުގެ އެހީ ލިބިގެން ޒަލަފް ރަނގަޅު ވާން އަހަރެން ވަރަށް ބޭނުމެވެ.
"ބުނެދީބަލަ އެ ކަން ކޮށްދޭށޭ!" އަހަރެން އެދުނީމެވެ.
ނަބާހާ ވަގުތުން ގުޅިއެވެ. ކޯޗު ފޯނެއް ނުނެގިއެވެ. ހިތަށް އެރިއެވެ. އަހަންނެއް ނުގުޅާނަމެވެ. ޒަލަފް ރަނގަޅު ކޮށްދޭން ކޯޗު އޮތީ ވައުދުވެފައެވެ. އަހަރެން ދެން އެ ކަމާ އުޅޭކަށް ނުޖެހޭނެއެވެ. އަހަރެން ކޮޓަރިއަށް އައި ތަނައި ކޯޗު ގުޅިއެވެ. އޭރު ނަބާހާ ވެސް ކައިރީގައި ހުއްޓެވެ. އަހަރެން ފޯނު ދައްކައިލީމެވެ. ނަބާހާ އެދުނީ ފޯނަށް ޖަވާބު ދޭށެވެ. އަހަރެން ދެ ހިޔާލުގައި ހުއްޓައި ފޯނު ކެނޑުނެވެ.
މެންދުރު ޒަލަފްގެ ބޭބެ ގުޅިއެވެ. އަހަރެން ފޯނެއް ނުނަގަމެވެ. އޭގެ ދިހަ މިނިޓެއްހައި އިރު ފަހުން ސަމީރާ ގުޅިއެވެ. އެއީ ޒަލަފްގެ ދައްތައެވެ. ފޯނު ނަގައިފި ނަމަ، އަހަރެން އުޅޭ ތަން އަހައިފާނެއެވެ. އަހައިފިއްޔާ ނުބުނެއެއް އަހަންނަކަށް ނުކެރޭނެއެވެ. މައްސަލައަކީ އެއީ އެވެ. އެކަމަކު ދައްތަ ވަރަށް ހެވެވެ. ޒަލަފްގެ ފަރާތުން އަހަންނާ ދިމާއަށް އައި ކިތަންމެ ރޯޅިއެއް ދައްތަ މަތަކޮށްދީފައި އެބަ ހުއްޓެވެ. ވީމާ، ފޯނު ނުނަގައެއް ވެސް ނުކެރުނެވެ.
"ހަލޯ ދައްތާ!" އަހަރެން ފޯނު ނަގައިފައި ބުނީމެވެ.
"ކިހިނެއް ހަދައިގެން ތި އުޅެނީ؟" ސަމީރާ އެހިއެވެ.
"ކެތްނުވީމަ ނުކުތީ!" އަހަރެން ބުނީމެވެ. "ވަރަށް ކެތްކޮށްފީމެއްނު! ކިހިނެއްތަ އޭނަ؟"
"ދެން އެބަ އުޅޭ!" ސަމީރާ ބުންޏެވެ. "ނުވެސް ކައި. ކޯޗު ކިހިނެއްތަ ހަދައިގެން އެ އުޅެނީ. ނުވެސް އާދޭ! ފޯނެއް ނުނަގާ! އެހެން ހެދީމަ ކިހާ ސަކަރާތް ވާނެ. ދީމާ ދިޔަކަން އެނގުނީމަ މަންމަ ވަރަށް ދެރަވެފަ ހުންނަނީ. ނުގުޅާތަ؟"
"ނުގުޅާ!" އަހަރެން ބުނީމެވެ. "ބުނާ ގޮތް ނަހަދަންޏާ ކޯޗެއްް ވެސް ނާންނާނެ ދައްތާ! އޭނައަކީ ނުލާހިކު ބިޒީ މީހެއް. ޒަލަފް ވެސް ވެއްޖެ ދޯ ގޮތް ދޫކުރަން. ނުކައި ކިހިނެއް އުޅޭނީ؟ ދައްތަ އެ ކަމާ އުޅެބަލަ!"
"ތިހެން ބުނާ އިރު ވެސް ދީމާއަށް އެނގޭނެ ވާނެ ގޮތް،" ސަމީރާ ބުންޏެވެ. "ކޮން ތާކު ތި އުޅެނީ؟"
ކޮށްފާނެ ކަމަށް އަހަރެން ބިރުގަތް ސުވާލު ދައްތަ އެހިއެވެ. ދެން ހިތަށް އެރިއެވެ. ފޯނު ނުނެގުނު ނަމައެވެ.
"ރައްޓެއްސަކު ހަމަޖައްސައިދިން ރޫމެއްގަ މި ހުންނަނީ،" އަހަރެން ދޮގެއް ނަހަދަމެވެ. "އެޕާޓުމަންޓެއްގަ ހުރި ރޫމެއް ވެސް މިހާރު އޯކޭވެފަ އޮތީ. އެ ތަނަށް ބަދަލުވާން ވެސް އެބަ ވިސްނަން. އޯކޭ ދައްތާ! މި ވަގުތު އިހަށް ބާއްވަނީ. ފަހުން ގުޅާނަން."
އަހަރެން އަވަހަށް ފޯނު ކަނޑައިލީމެވެ. ހިތަށް އެރިއެވެ. ޒަލަފަކަށް ނުގުޅާނަމެވެ. އެކަމަކު މެސެޖެއް ފޮނުވައިލަންވީއެވެ. ކޮންމެ ގޮތެއް ވިޔަސް ޒަލަފަކީ އަހަރެންގެ ފިރިމީހާއެވެ. މެސެޖުގައި އަހަރެން ލިޔުނީމެވެ.
ވަރަށް ހަނދާންވެއެވެ. އެ ތަންކޮޅު ފުހެލީމެވެ. އަނެއްކާ ލިޔުނީމެވެ. އަހަރެން ދެކެ ލޯބިވޭ ހެއްޔެވެ؟ އަނެއްކާ ވެސް ފުހެލީމެވެ. އެ ވަގުތު ކޯޗު ގުޅިއެވެ. ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް އެ ފޯނު ނެގީމެވެ.
"އައްސަލާމްއަލައިކުމް!" ދުވަހަކު ވެސް ނުފަށާ ގޮތަކަށް ކޯޗު ފެށިއެވެ.
އަހަރެން ސަލާން ބަލައިގަތީމެވެ. ހިތަށް އެރިއެވެ. މާފަށް އެދެންވީއެވެ.
"ނަބާ ބުނި ދިމް ބުންޏޭ ގުޅާލަ ބަލާށޭ!" ކޯޗު ބުންޏެވެ.
އަހަންނެއް އެހެނެއް ނުބުނަމެވެ. އެކަމަކު ނަބާހާ އެ ކުރީ ގޯސްކަމެއް ނޫނެވެ. ދެމެދުގައި ޖެހިފައިވާ ކުނި ފިލުވަން ފުރަތަމަ ކުރަންޖެހޭ ކަންތައް ކުރެވޭނީ އަހަންނަށޭ ހިތަށްއެރިއެވެ.
"ސޮރީ!" އަހަރެން ބުނީމެވެ.
"ޔަގީންތަ ސޮރީކަން؟" ސަމާސާ ރާގެއްގައި ކޯޗު އެހިއެވެ. "ރަތްމަހަކާ ދިމާއަށް ވެސް މީހަކު އެ ވަރަކަށް ނުބަވާނެ. އެހެންވީމަ، އެބަ ޖެހޭ ސޮރީކަން ސާބިތުކޮށްދޭން."
"ކިހިނެއް؟" އަހަރެން އެހީމެވެ.
"ތި ތަނުން ނުކުމެފަ، ލެފްޓަށް ހިނގައިގެންފަ، ބަރާބަރު ފޯޓީ ޓޫ ފިޔަވަޅު އަޅާ އިރު، ވައަތްފަރާތުގަ ހުންނާނެ ސާބިތު ކިޔާ ކޮފީޝޮޕެއް. އެއީ ދޮގެއް. އެހެނެއް ނޫން ކިޔާނީ. އެކަމަކު ހުންނާނެ ތަނެއް. ވަންނަ އިރު އެ ތަނުގަ އިންނާނެ ނިކަމެތި އަޅުގަނޑު. ކޮފީއެއް ބޯލީމަ އެ ސާބިތުވީ."
އަހަރެން ހީނގެންފައި ފޯނުކަނޑައިލީމެވެ. އެ ވަގުތު ޒަލަފް ގުޅިއެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ފޯނު ނުނަގައެއް އަހަންނަކަށް ނީނދެވުނެވެ.
"ހަލޯ!" އަހަރެން ބުނީމެވެ.
"ކޮން ތާކު ތިހިރީ؟" އާދޭހުގެ ރާގެއްގައި ޒަލަފް އެހިއެވެ. (ނުނިމޭ)
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނި ހަކުރު
21 November 2024
އަހަރެންމީ މިވާހަކަ ފެށިގެން ކިޔަމުން އަންނަ މީހެއް، ތިޔަ ބުނާ ރަގަޅު ކުލުނުހުރި ދައްތައެއް ޒަލަފް އާއިލާގައި އުޅޭކަމެއް ނޭންގެ،.. މިހާކަ މިހާރު ކުޑަކޮށް ފޫހި. ހީވާގޮތުން ތިޔަ ގެއިން ނިކުންނަށް ދެމި ހާސަރާ ދުވަސް ތި ގެޔަށް ގޮސް ދީމާ މަރުވާން ވެސް ނަގާނެ..
ޏާއްކޮ
20 November 2024
ހެޔޮނުވާނެ އެ ޒަލަފް ގަނޑު ކައިރިއަށް ދީމާ ނުފޮނުވާތި. ދެން އަތު ޖެހިއްޖެއްޔާ ހަދާނެ ގޮތެއް ވެސް ނޭނގެ. ނަބާހާ އެބުނީ ރަނގަޅަށް
މީޔޫ
20 November 2024
ވަރަށް ގިނަ މީހުންނަށް ގެޓު ނުވޭ މި ވާގޮތް. ޒަލަފް އަކީ ނާސެސިސްޓެއް. ދީމާއަކީ ވިކްޓިމްއެއް. ވަރަށް އުނދަގޫ ވާނެ ސަލާމަތްވާން! ހާއްސަކޮށް އެހާ ގިނަ އަހަރު އެއްކޮށް އުޅުނީމަ.
ނީން
20 November 2024
މަ މިހާރު ވާހަކަ ނުކިޔަން، ފޫހިވާނެދޯ. ކޮމެންޓްސް ކިޔާލީމަ އެބަ އިނގޭ ވާނުވާ
ނަބާޙާ
20 November 2024
ދީމާވެސް މިހާރު ބޭނުންވަނީ ޒަލަފް އަތުން ބޮޑިއެއްބޯން.. އެހެންވީމާ ޒަލަފްކައިރިއަށް ދީމާ ގެންދޭ ބޮޑިބޯން..
ޑރ.ޒިމް
20 November 2024
ބިންމާ ތިވާހަކަ ތެރެއަށް އަހަރެން ވައްދަބަލަ.. ނަބާހާ ފިރިހިން ކޮއްކޮއެއްގެ ގޮތުގައި.. ހިތުގެ އެންމެ ހިމަނާރަށްވެސް ފަރުވާދޭ ޑރ އެއްގެ ގޮތުގައި.. އަހަންނަށް ދީމާދީފައި ތިވާހަކަ ނިންމާލަ.. ކޯޗަކީވެސް ރަޑެއް.. ޒަލަފްއަށްވެސް ކަމެއްކުރާކަށް ނުކެރުނު.. މަނަމަ މިހާރު ނުބައި އިންޖެކްޝަނެއް ޖަހާފައި ނަމަވެސް ޒަލަފް ވާހަކައިން ގެއްލުވާލާނަން..
ސުލް
20 November 2024
ކިޔާހިތްވެސް ކެނޑިއްޖެ. އެކަމަކު ނުކިޔާވެސް މަށަށް ނުހުރެވޭނެ. ހާދަ ދެރަ ވަޑާމެކޭ މިޖެހުނީ ދޯ
ދަލޭކަ ދައިތަ
20 November 2024
ތިއަކަށް ނުކިޔާނެ ލޯތްބޭ. ކިތަންމެ ވަރުގަދަ ލޯތްބެއްވެވުނަސް ހިތުގައި އެޅޭ ކޮންމެ ކޫރުމަކީ ވެވުނު ލޯބި ފަޑުވާނެކަމެއް. ދީމާގެ ސައިކޯ ކަމެއްނެތްނަމަ އިތުރު ކޫރުމެއް އެޅޭނެ ޖާގަވެސް ނުހުންނާނެހާވަރަށް ކޫރުން އެޅިފައި ހުންނާނީ. އެންމެ ކެތްކުރާ އަނެހުނުންވެސް ކެތްކުރަނީ ދަރިންކޮޅު ބޮޑުވަންދެން. އެވީ އަންހެނުން ހަމަ އިސްކޮޅަށް ތެދުވެލަން.
ތެފައާސާ.
20 November 2024
"ކޮން ތާކު ތިހިރީ؟" އާދޭހުގެ ރާގެއްގައި ޒަލަފް އެހިއެވެ. މިހިރީ ސޯޝަލް ސެންޓަރުގައި، އަހަރު ފުރޭ ޖަލްސާގައި. އަހަރެން ދޮގެއް ހަދާލީމެވެ. ހަމަ އެވަގުތު ޓިވީއިން އިވުނު ވާހަކަކޮޅަކުން އަހަރެންނަށް ބަޔާންކުރަން ނޭގޭފަދަ ހިއްވަރަކާއި ބާރެއް ލިބުނުވެ. "މިކަމުގައި އަހަރެން ނެތިން މި ނިންމުން ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ބުނަނީ، ބަދަލެއް ނުކުރާނަމޭ". އަޑަށް ބާރުލާފައި ޒަލަަފްއަށް ގޮންޖަހަމުން އަހަރެން ބުނީމެވެ. (ނުނިމޭ)
ޒިވާނާ
20 November 2024
ހައްހައްހައްހާ... ވަރަށް މަޖާ ކޮމެންޓެއް
މަހާލާ
20 November 2024
އެބައުޅޭ މިބައުޅޭއަކުން މިއަދުގެ ބައި ނިމިއްޖެ. ދީމާމީ ހާދަ ފިނޑި އަންހެނެކޭދޯ...