މަޖިލީހުގެ ޖަލްސާއެއްގައި މީކައިލް ބައިވެރިވެވަޑައިގަންނަވަނީ: މަޖިލީހުގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް އޭނާ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ވަނީ ބޭރުކޮށްލާފައި --- ފޮޓޯ/މަޖިލިސް
20 ނޮވެމްބަރ 2024 - 14:37
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކި ކުރުމާ މެދު ގޮތެއް ނިންމުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ޕާޓީ ބަދަލުކުރާ މެމްބަރުންނާއި އަމިއްލަ ގޮތުން އިންތިހާބުވުމަށްފަހު ޕާޓީތަކާ ގުޅޭ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފަ އެވެ. އެ ބިލްގެ ބަހުސް ނިންމުމަށްފަހު މުޅި މަޖިލިސް ކޮމެޓީއަށް ވަނީ ގޮސްފަ އެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަދަލުގައި މީކާއިލް ހުށަހެޅުއްވީ މަޖިލިސް މެމްބަރަކު ޕާޓީން ވަކިކުރާ ހާލަތުގައި، އޭނާ މެމްބަރުކަމުގެ މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މެދުގައި ވޯޓެއް ނަގަންޖެހޭ ގޮތަށެެވެ.
މީގެ އިތުރުން މެމްބަރަކު މަގާމުން ވަކިކުރުމަށް އެ މެމްބަރަކު އިންތިހާބުކޮށްފައިވާ ދާއިރާއަކަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ، އެކަން މަޖިލީހުން ބެލުމަށްފަހު އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ވެސް އެ މެމްބަރަކު މަގާމުން ވަކި ކުރެވިދާނެ ކަމަށް މީކާއިލް ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައި ބުނީ ސިޓީތައް ފިޔަވައި އެހެން ދާއިރާތަކުން މެމްބަރަކު ވަކިކުރަން ޕެޓިޝަން ހުށަހަޅަން ޖެހޭނީ ވޯޓު ދެވޭ އާބާދީގެ 25 ޕަސެންޓު މީހުންގެ ސޮޔާއެކު ކަމަށެވެ. އަދި މާލެ އާއި ސިޓީތަކުގެ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން ވަކިކުރަން ހުށަހަޅާއިރު ވޯޓު ދެވޭ އާބާދީގެ 15 ޕަސެންޓު މީހުންގެ ސޮއިކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.
މީކާއިލްގެ އިސްލާހުގައި ވަނީ އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް ދާއިރާގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އެ ވަގުތުން ފެށިގެން އެ މެމްބަރަކު މެމްބަރުކަމުން ވަކިވާނެ އެވެ. އަދި އެ މެމްބަރަކު ވަކިކުރުމަށް ނުފެންނަ ކަމަށް އަޣުލަބިއްޔަތުން ލިބިއްޖެނަމަ ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތުގައި އެ މެމްބަރަކު ހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރެއްގެ ގޮތުގައި ކަމަށް އެ އިސްލާހުގައިވެ އެވެ.
ނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުންގެ ތެރެއިން 68 މެމްބަރުން ވޯޓު ދެއްވީ އެ އިސްލާހު ބޭރުކޮށްލުމަށެވެ. އެއަށް ތާއިދު ކުރެއްވީ 12 މެމްބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރަވެއްޖެ
21 November 2024
ސަރުކާރުގެ ބިލަށްވުރެ މިބިލު އަހަންނަށްވެސް ކަމުދޭ. އެކަމަކު ވިސްނާލަންޖެހޭ މީނާވެސް ނިމިދިޔަ ދައުރުގަ މިމީހުންގެ އަޣުލަބިއްޔަތު އޮވެ މިކަމާ ނޫޅެ މިއަދު މިކަން މިކުރަނީ ޕީއެންސީ އިން ބަލައި ނުގަންނާނެކަން ކަނޑައެޅި އެނގި ހުރެ އެކަން ދައްކަން ޖައްސާ ޕަބްލިސިޓީ ސްޓަންޓެއް ގޮތުގަ ކަން. މެޖޯރިޓީ އޮތް ބަޔަކު ބޭނުންވާނީ ސަރުކާރުން އެހުށަހެޅި ގޮތަށް ފާސްކޮށް އެމީހުންގެ މެޖޯރިޓީ ދަމަހައްޓަން. މިޔަކީ އެއްވެސް ބަޔަކު ރައްޔިތުންގެ ލާބައަށް ކުރާ ކަމެއްނޫން.
ބސބޒ
20 November 2024
މިއަދު މިމީހުނގެ ދެފުއްފެނޭނު. އާރަާއިބާރު ހުރިއިރު ނުކޮށްފަ މިއަދު އަނގަހުޅުވާތީ ބަލަންތިބޭ މީހުންވެސް ލަނދުން ބޯފަޅައިގެންދާވަރުވޭ. ފޭލްވެފައި ތިބި ބަޔެއް
ގާއިދްް
20 November 2024
މިހާރު މި ގެންނަ އިސްލާހުގަ އޮތްގޮތަށް ފާސްކުރަންވީ. ރައްޔިތުން އޮތީ މި މަޖިލިހަށާއި ރައީސް އަށް އެމީހުންގެ ގޮތް ނިންމާފަ. އެކަން ބަދަލުކުރަން މަސައްކަތް ކުރަން ތިއުޅެނީ ކައެމެންގެ އަމިއްލަ އެޖެންޑާއަށް.
މާނުު
20 November 2024
މީކާއީލް އަޅެ ވަގުތު އޮއްވާ ކީއްވެހޭ ތިކަން ނުކުރީ. އޭރު ރައްޔިތުން ނެތީތަ؟ އެމީހުންނަށް އޭރު އަޅާލަން ނުޖެހެނީތަ؟
ސައުދް
20 November 2024
މީކާއީލް ވައްދާ އެއްވެސް އިސްލާހެއް ބަލައިގަންނާނެ ކަމެއް. ނެތް. ސީދާ ފައްޔާޒު ބުނިއްޔާ ބުނި ކަމެއް ބުނި ގޮތަކަށް ކޮށްގެން އުޅޭ މީހެއް. ރައްޔިތުންނަށް ފައިދާވާ ކަމެއް ކޮށްދެވޭ މީހެއް ނޫން
ޙިމްޔާ
20 November 2024
މީކާއިލް އަކީ ވެސް ފެއިލްވެފައި ހުރި މީހެއްް.
1181
20 November 2024
އެންމެ ރަނގަޅުގޮތަކީ ހަމަ ޕާޓީ ބަދަލުކުރުމުން/ކަނޑާލުމުން މެންބަރުކަމުން ވަކިވާގޮތަށް އޮތުން. ޕާޓީ ބަދަލުކުރިޔަސް ދާއިރާގެ ރައްޔިތުންގެ ތާއީދު މެންބަރަށް އޮތިއްޔާ 2 ވަނަ ފަހަރަށްްވެސް ކުރިމަތި ލައިގެން ހޮވޭނެ. ވަކި ކުރަން ވަކި އިންތިހާބެއް ބާއްވާފަ އާ މެންބަރަކު އިންތިހާބުކުރަން އަނެއްކާ އެހެން އިންތިހާބެއް ބާއްވާނަމަ އިންތިހާބުތައްބޭއްވުމަށް ކުރެވޭ ހަރަދު ބޮޑުވާނީ.
ޗާގޯސް
20 November 2024
ބަލަ އަހަރެމެން މިއުޅެނީ ރާއްޖޭގެ ސަރަހައްދައް ޗާގޯސް ލާން. އަނެއްކާ އެކަމައް ހުރަސްއަޅަންތޯ ތިޔައުޅުއްވަނީ
ބާބް
20 November 2024
ކަލޭމެންނަށް ސުޕަރމެޖޯރިޓީ އޮތް 5 އަހަރު ދުވަހު ތިގޮތަށް ހުށަހަޅައިގެން ފާސްނުކުރީ ކީއްވެހޭ މީކާއީލް؟
1828
20 November 2024
ހުށަހެޅުމަކީ ވަރަށް ރަނގަޅު ހުށަހެޅުމެއް. ސުވާލަކީ ނިމިދިޔަ ދައުރުގައި ތިޔަފަދަ ހުށަހެޅުމެއް މަނިކުފާނު ހުށަނޭޅުއްވީ ކީއްވެ ތޯ؟