މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ގެއްލުވައިލީ އަހަންނެވެ

(އާދިއްތަ ދުވަހާ ގުޅޭ)

"އަހަންނަށް މާފުނުކުރާތި!" ކުރެހިފައިވާ އަޑަކުން ޒަލަފް ބުންޏެވެ. "މި ކަހަލަ މީހުންނަށް މާފު ހައްގެއް ނުވާނެ."

އަހަރެން ހިތަށް އެރިއެވެ. މީހުން ބަދަލު ނުވާނެއޭ އެ ބުނާ ވާހަކައަކީ ތެދެއް ނޫނެވެ. އަހަރެން ކުރިމަތީގައި ހުރީ އޭގެ ދިރިހުރި މިސާލެކެވެ. ޒަލަފަށް ބަދަލެއް އަތުވެއްޖެއެވެ. އެ ހިތުގެ އަނދިރި ކަނެއްގައި އަހަންނަށް ޓަކައި ލޯބީގެ ހުޅުކޮޅެއް ރޯވެއްޖެއެވެ. އަހަރެން ބޭނުންވީ ޒަލަފް ގާތުގައި ހުރި މީހާ ފޮނުވައިލާށެވެ. އެހެނަސް، އޭނައަށް އޯޑަރު އައިސްފައި އޮތީ ގެޔާ ހަމައަށް ޒަލަފް ގެންދިޔުމަށެވެ. އަހަރެން ޖެހުނީ އަހަންނަކީ ޒަލަފްގެ ކާކުކަން ވެސް ބުނެދޭށެވެ. އެ ހިސާބުން، ޒަލަފްއާ ވެސް ވާހަކަ ދައްކައިފައި، ކޯޗަށް އޭނަ ގުޅިއެވެ. ދެއްކި ވާހަކައެއް ދެއްކީ ތަންކޮޅެއް ދުރަށް ގޮހެވެ.

"އޯކޭ!" އޭނަ އައިސް އެހެން ބުނެފައި ދިޔައެވެ.

ކުރިން ފަދައިން ޒަލަފް އަތުލަފި ކުރާކަށް، އަތުގައި ހިފާއްޓާކަށް ވެސް ނުޖެހެއެވެ. ރީތިކޮށް ކޮޅަށް ހުއްޓެވެ. ކުޑަކޮށް އެއް ފަރާތަކަށް އޮރިއެވެ.

"ހިނގާ ގެއަށް ދަމާ!" އަހަރެން ބުނީމެވެ.

"ކީއްކުރަން ތި އައީ؟" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ޒަލަފް އެހިއެވެ.

"އަހަންނަކީ ވަރަށް ނުލަފާ މީހެއް. ޖޮބެއް ނެތް. ވައިފަށް ލިބޭ ހުރިހާ ލާރިއެއް ތަޅާބުރުއްސާ ފިރިއެއް. ކޮން ކަމެއް ދީމާއަށް ނުކުރަނީ؟"

އަހަންނާ ވާހަކަ ދައްކަމުން ޒަލަފް ގޮސް ފެންމާގަނޑު ދަށަށް ވަދެ ގަޔަށް ފެން އަޅަން ފެށިއެވެ. ކުރިޔަށް ވުރެ ތަންކޮޅެއް ފަރިތަކޮށް ހުރިހައި ކަމެއް ޒަލަފަށް ކުރެވެއެވެ.

"އަހަރެން ތިހެނެއް ނުބުނަމެއްނު! އެހެން ނޫނަސް، އެކައުންޓުގަ އެބަ ހުރި ތިރީސް ފަސް ހާސް ރުފިޔާ،" އަހަރެން ބުނީމެވެ. "އަހަންނަށް ގޯސްކޮށް ކަންތައް ކުރެވޭހެން ޒަލަފްއަށް ހީވަންޏާ، ދެން އެހެން ނަހަދަންވީނު."

އަހަންނާ ދިމާއަށް ޒަލަފް ބަލައިލީ، އެ ފަދަ ފުރުސަތެއް އެބަ އޮތްހޭ ބުނާ ކަހަލަ ގޮތަކަށެވެ. މާގަނޑުން އޮހުނު ފެންތައް ޒަލަފްގެ އިސްތަށިގަނޑުން މޫނަށް ފައިބަފައިބައި ހުއްޓެވެ. އެއީ ކުރިން ވަރަށް ގާތުން އަހަންނަށް ފެނިފައިވާ މަންޒަރެކެވެ. ބަލާހިތްވާ، ރީތި މަންޒަރެކެވެ.

"އަހަރެން ނުވާނެ ރަނގަޅެއް،" ޒަލަފް ބުންޏެވެ. "ދީމާ ވެސް ދެން އަހަރެން ދެކެ ލޯތްބެއް ނުވާނެ."

"މަސައްކަތް ކުރީމަ ކޮންމެ މީހަކަށް ވެސް ރަނގަޅުވެވޭނެ،" އަހަރެން ބުނީމެވެ. "ލޯބިވާތީއެއްނު އަލުން ގެއަށް ދިއައީ. އެކަމަކު ޒަލަފް އުޅުނީ އަހަރެން މޫނުގަ ކަޓަރު އަޅަން. އަދި ވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ! ތީ އެހާ ނުލަފާ މީހެއް ނޫނެއްނު! އަހަރެން ދެރަވާ ކަހަލަ ކަންތައް ޒަލަފް ކުރޭ! ރުޅި އަންނަ ކަންތަކާ، ފޫހިވާ ކަންތައް ވެސް ކުރޭ! އެކަމަކު ދުވަހަކު ވެސް އަހަރެން ގަޔަކު ނުޖަހަމެއްނު! ދެން ކަޓަރު..."

"އަހަރެން އުޅުނީ ދީމާ ބިރުގަންނަވާލަން." އިސްޖަހައިލަމުން، މަޑުމަޑުން ޒަލަފް ބުންޏެވެ.

އެހެން ވެދާނެއެވެ. ފުރަތަމަ ވެސް އަހަރެން ހިތަށް އެރީ އެހެންނެވެ. އިސްޖަހާލައިގެން އިރުކޮޅަކު ހުރެފައި، ދެން އިސްއުފުލައިލި އިރު އޭނަ ހުރީ ފެންކަޅިވެފައެވެ. އެއީ މާގަނޑުން އޮހުނު ފެނެއް ނޫނެވެ. ފުލޯކު ކަރުނައެއް ވެސް ނޫނެވެ. އެ ކަރުނައިން އަހަންނަށް މާނަކުރެވުނީ، ކުރެވުނު ކުށަށް ޒަލަފް އިއުތިރާފުވާ ކަމެވެ.

"ކީއްކުރަން އެ ކަހަލަ ކަންތައްކުރަނީ؟" ވަރަށް މަޑުމަޑުން އަހަރެން ބުނީމެވެ. "އެ ވަރުން ނުވެގެން ދަރިފުޅާ ދިމާއަށް ކީކޭ ބުނީ؟ އެ ކަހަލަ ކަންތައް ކުރީމަ އެންމެން ކުރިމަތީގަ ޒަލަފްގެ އަގޭ އެ ވެއްޓެނީ. ކީއްކުރަންތަ އެ ކަހަލަ ކަންތައް ކުރަނީ؟"

"ކުރާނެއްނު!" ރޮވިފައި ޒަލަފް ބުންޏެވެ. "އަހަންނަށް މި ހާލު ޖައްސާފަ، ދީމާ ގޮސް އެ ކޯޗާ އެއްކޮށް އެ ގޮތް މި ގޮތަށް އުޅުނީމަ އަހަރެން ކިހާ ދެރަވާ ކަމެއް ދީމާއަކަށް ނޭނގޭތަ؟ އަހަރެންގެ އަންހެނުން، އަހަރެންގެ މަގަތުގަ އޮވެފަ އެހެން ފިރިހެނަކަށް ގޮވާ އަޑު އިވުނީމަ ހާދަ ދެރަވެޔޭ ދީމާ! އަހަރެންގެ ވެސް ހިތެކޭ އޮންނަނީ."

އަހަރެން ހިތަށް އެރިއެވެ. އެއީ ހަމަ ތެދެކެވެ. ކުށް ކުރެވުނީ އަހަންނަށެވެ. ޒަލަފަށް އެ ހާލު ޖެއްސީ އަހަންނެއް ނޫނޭ އެއް ހާސް ފަހަރު ވެސް އަހަންނަށް ބުނެވިދާނެއެވެ. އޭގެ ބަދަލުގައި އަހަރެން ބޭނުންވީ އަހަންނަށް ކުރެވުނު ކުށަށް މާފަށްއެދޭށެވެ.

"ސޮރީ!" އަހަރެން ބުނީމެވެ.

"ކުރިން ވެސް ތިހެން ބުނި ނަމަ މިހެން ވާކަށް ނުޖެހުނީސް،" ޒަލަފް ބުންޏެވެ. "ވަރަށް އުފާވެއްޖެ ސޮރީ ބުނީމަ. އަހަންނަކީ ގޯސް މީހެއް ނޫން، އެކަމަކު ގޯސްކޮށް ކަންތައް ކުރާ މީހުންނަށް އަހަރެންނަށް ވެސް ކަންތައް ކުރެވޭނީ ގޯސްކޮށް. ވިސްނާލަބަލަ! ދީމާޔާ މެރީ ކޮށްގެން އުޅެމުން ހިލޭ އަންހެނަކަށް، ލޮލުގެ ކުޑަކޮޅުން ވެސް އަހަރެން ބަލައިލިތަ؟ ނޯންނާނެ ބަލާފައެއް. އަހަރެންގެ ރަނގަޅު ސިފަތައް ދީމާ ނިކަން ގުނާލަބަލަ! މަދެއް ނުވާނެ."

ދަބަހުން ތުވާލި ނަގައިގެން ޒަލަފް ގައި ހިއްކަން ފެށިއެވެ. އެންމެ ފުރިހަމަކޮށެއް ނޫނެވެ. އެހީވާން އަހަންނަށް އުޅެވުނެވެ. ޒަލަފް އެ ކަން ހުއްޓުވިއެވެ.

"އެނގެޔޭ!" އަހަރެން އެއްބަސްވީމެވެ. "އެހެންވެއެއްނު މި އައީ. ގެނޭ އެކައުންޓު ނަންބަރު."

ހައިރާންވެފައި އަހަންނާ ދިމާއަށް ޒަލަފް ބަލައިލިއެވެ. ހީވާ ކަހަލައެވެ. އަހަންނަށް އަނެއްކާ ވެސް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެއެވެ.

"ތި ވަރަށް އަހަރެން ފަލީހަތް ކުރަން ހެޔޮނުވާނެ ދީމާ!" ދެރަވެފައި ޒަލަފް ބުންޏެވެ. "ލާރިޔާ ހެދި އަހަރެން މަރުދަންޖެހޭ ނަމަ، ކޭޝްކާޑުގަ ނުހިފާ ހުރީސްތަ؟ ހާދަހާ ބޮޑު މަލާމާތެކޭ ތި ކުރީ."

އެހެން ބުނެފައި، ދަބަހަށް ތުވާލި ލައިފައި، ޓީޝާޓެއް ލައިގެން ޒަލަފް ހިނގައިގަތެވެ. އަހަރެން ހިތަށް އެރިއެވެ. ތެދެކެވެ. ވިސްނައިނުލައި އަހަންނަށް މި ބުނެވުނީ ކީކޭ ހެއްޔެވެ؟ އަހަރެން ހާދަހާ މޮޔައެވެ.

"މަޑުކޮށްބަލަ!" ފަހަތުން ހިނގައިގަންނަމުން އަހަރެން ބުނީމެވެ.

"އަހަރެންގެ ފަހަތުން ނައިއްޔާ ރަނގަޅު ވާނީ،" ނުހުއްޓި، ކުޑަ ކޮރެއް ޖަހަމުން، ހިނގަމުން ޒަލަފް ބުންޏެވެ.

"އަހަންނަކީ އަނބިމީހާގެ ލާރިޔާ ހެދި މޮޔަވެފަހުންނަ މީހެއް. މި ކަހަލަ މީހަކާ ވައި ވެސް ނޭޅުނިއްޔާ ރަނގަޅު ވާނީ. ދީމާ ގޮސް ކޯޓަށް ފޯމުލާ! ފުރަތަމަ ދުވަހު ވަރި ކޮށްދޭނަން."

އަހަރެން ހީކުރީ އަހަރެން ވަރި ނުކުރަން ޒަލަފް ވަރަށް ގިނަ ކުޅިވަރުތައް ކުޅޭނެ ކަމަށެވެ. އެހެނެއް ވެސް ނުވިއެވެ. ޒަލަފް ހުރީ ވަރިކުރަން ތައްޔާރަށެވެ. އެހައި ހިސާބުން އަހަރެންގެ ނިޔަތް އަރައިރުންވާން ފެށިއެވެ.

"އަހަރެން ވަރިވާން ބޭނުންނުވެއްޖެއްޔާ ޔޯ؟" އަހަރެން ބުނީމެވެ.

ޒަލަފް ހުއްޓުނެވެ. ފަސްއެނބުރިފައި އަހަންނާ ދިމާއަށް ބަލައިލިއެވެ.

"ވަރަށް ލޯބިވާ މީހަކު ދީމާއަށް މިހާރު ލިބިއްޖެއްނު!" ޒަލަފް ބުންޏެވެ. "ދެން އަހަރެން ހަނދާން ނައްތާލާ! އަހަރުމެންގެ ދަރިފުޅާ، ދީމާގެ ރައްޓެހިން ވެސް އެ ނަސޭހަތް މިހާރު ދީފަކަން ނޭނގެ އޮންނާނީ. މި ގޮލާ މިހެން އުޅެ މަރުވެގެން ހިނގައިދާނެ. އަޅައިލާނެ ކަމެއް ނެތް."

ޒަލަފް ގޮސް ޓެކްސީއަކަށް އެރިއެވެ. އަހަރެން ހީކުރީ، އަހަރެން ފެނުމުން ޒަލަފް އުޅޭނީ އަހަރެން ގައިގަ ތަތްކޮށްލަންކަމަށެވެ. އަހަރެންގެ ކޭޝް ކާޑަށް ޒަލަފް ކަޅި އަޅާނެކަމަށެވެ. އެއިން އެއްވެސް ކަމެއް ނުވުމުން އެކަނިވެރިކަމާއި ނިކަމެތިކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ހިތަށް އެރިއެވެ. އަހަރެން ހީކުރިހައި މުހިންމު މީހަކަށް އަހަންނެއް ނުވިއެވެ. ޒަލަފްއަކީ، މީހުން ހީކުރާ ވަރަށް ވުރެ މާ ހަރުދަނާ މީހެކެވެ.

ބޭނުންވާ ބައެއް އެއްޗެހި ގަނެލައިގެން ފިހާރައަކުން ނުކުތީމެވެ. އެއީ، އަހަރެން އުޅޭ ގެއާ ކައިރީގައި ހުރި ފިހާރައެކެވެ. އެ ވަގުތު، ސައިކަލެއްގެ ފަހަތުގައި ޒަލަފް އަންނަނިކޮށް ދުށީމެވެ. އަހަރެން ފެނުމުން ކައިރިއަށް މަޑުކޮށްފައި ސައިކަލުން ފޭބިއެވެ. ސައިކަލު ދުއްވަން އިނީ އަހަރެން ދަންނަ މީހެއް ނޫނެވެ.

"ވަދޭ!" ސައިކަލުގައި އިން މީހާއަށް ޒަލަފް ބުންޏެވެ. "މި ދަނީ."

އެ މީހާ ދިޔުމުން އަހަންނަށް ހިނިތުންވެލިއެވެ.

"ޝޮޕިން ކޮށްލަނީ؟" ޒަލަފް ބުންޏެވެ. "އަހަންނަށް މިއަދު ގޯސް އެއްޗެއް ބުނެވުނު ނަމަ ސޮރީ އިނގޭ!"

ޒަލަފްގެ ޓީޝާޓުން ތަތްމުޑުވަހެއް އަހަންނަށް ދުވިއެވެ. އެއް ގޮތަކީ އެ ޓީޝާޓު ނުދޮވެ އޮތުމެވެ. އަނެއް ގޮތަކީ، ދޮވެފައި އެތެރޭގައި ހިއްކަން އަޅާފައި ހުރުމެވެ. އެހެންޏާ ޒަލަފްގެ ގައިން ދުވާނީ ސެންޓުވަހެވެ. އެހެނަސް، ފައިސާގެ ވާހަކަ ދައްކައިގެން ކުށްވެރި ވެފައި އޮތުމުން، ސެންޓުފުޅި ހުސްވީހޭ އަހާކަށް ނުކެރުނެވެ.

"ރައްޓެހިންނާ އެއްކޮށް ކޮފީބޮނީ ދޯ؟" އަހަރެން ބުނީމެވެ. "އަހަރެންނަކަށް އިންވައިޓެއް ނުކުރާނަންތަ؟"

"ކުރިޔަސް ނާންނާނެއްނު! އަހަރެންގެ ނުލަފާ ކަމުންނެއްނު ގެއިން ނުކުތީ ވެސް،" ޒަލަފް ބުންޏެވެ. "ފޯމު ލައިފިން؟"

"ދެން އަހަރެން ގެއަށް ގެންދެބަލަ!" އަހަރެން ބުނީމެވެ. "ކީއްވެތަ އަބަދު ފޯމުގެ ވާހަކަ ތި ދައްކަނީ؟ ތީ ގޭތެރޭގަ އުޅޭ އިރު ލާ ޓީޝާޓެއްނު! ކީއްވެ ތި ލައިގެން ބޭރުގަ ތި އުޅެނީ؟"

ޒަލަފް ހިނިތުންވެލިއެވެ. އެއީ މާނައިން ފުރިގެންވީ ހިނިތުންވުމެކެވެ. ބުނާ ކަހަލައެވެ. އަހަރެން އުޅޭ ހާލު އެންމެ ރަނގަޅަށް އެނގޭ މީހާ ދައްކާ ވާހަކަ ބަލައިބަލާށެވެ.

"މާދަމާ ރޭ މީ ކޮން ރެޔެއްކަން އެނގޭ ދޯ؟" ޒަލަފް ސުވާލުކުރިއެވެ.

އަހަންނަކަށް ނޭނގެއެވެ. ހަނދާން ކޮށްކޮށް ވެސް ނުވިސްނުނެވެ. އަހަރުމެން ދެ މީހުން ކުރެ އެކެއްގެ ވެސް އުފަންދުވަހެއް ނޫނެވެ. ކައިވެންޏާ ގުޅުން ހުރި ދުވަހެއް ވެސް ނޫނެވެ.

"ނޭނގޭނެ!" ޒަލަފް ބުންޏެވެ. "އަހަރެން އެންމެ ލޯބިވާ މީހާ ފުރަތަމަ ފެނުނު ރޭ!"

އަހަރެންގެ ގަނޑުފެނުގެ ހިތަށް ހޫނު ވައިރޯޅިއެއް ޖެހުނު ކަހަލައެވެ.

"ސެލެބްރޭޓް ކޮށްލަން ބޭނުން،" އެހެން ބުނި އިރު ޒަލަފް ފެންކަޅިވެއްޖެއެވެ.

"ފަހު ފަހަރަށް. އިންތިޒާރުކުރާނަން. ޑިވޯސް ފޯމު ހިފައިގެން އަންނާތި!"

ޒަލަފް ދިޔައެވެ. ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. ފޮޅެމުންދިޔަ ރީތި މަލެއްގެ ފިޔަތައް، ފަހު ޖުމުލައިން ވަކިވެގެން ވިހާލިވެގެން ދިޔައީއެވެ. އެ ކަމާ ދެރަވެގެން، ކޮޓަރިއަށް އައިސް މޮޅިސާލު ލައިގެން އޮއްވައި ދަރިފުޅު ގުޅިއެވެ. އަހަރެންގެ އަޑު އިވޭ އިރަށް، އޭނައަށް ޝައްކުވިއެވެ.

"މަންމަ ރޮނީތަ؟" ހައިފާ އެހިއެވެ.

ދަރިފުޅަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވީ ގޮތް ކިޔައިދިނީމެވެ.

"ފޯމު ކަންތަކާ އަހަރެން ވެސް މި ގުޅީ!" ދަރިފުޅު ބުންޏެވެ. "މި ދަނީ ފޯމު ހިފައިގެން."

އެ ފޯނުކޯލު ހަމަ ނިމުނު ތަނާ ޒަލަފްގެ ދައްތަ ސަމީރާ ގުޅިއެވެ. އަހަރެންގެ ފައި ދަށުން ބިންގަނޑު ދަމައިގަތެވެ. (ނުނިމޭ)

18 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 45%
icon wow icon wow 27%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްނޯވީ

04 December 2024

ކޭޝް ކާޑް ދޭން ގޮސް ނަބާހާއާ ދެމީހުން ހިތްކިއީ ދޯ.. ދީމާ ވަރިކުރަން ތިއުޅެނީ؟؟

The name is already taken The name is available. Register?

ސޭކު

04 December 2024

ތިކަހަލަ ސޭކު ދީމާ ހަމަ އުޅޭ.. ވަރަށް ފޫހިވޭ

The name is already taken The name is available. Register?

ޝީ ލާ

04 December 2024

ދީމާ ހިލިހިލާ ޖަހަން ޖެހޭ ހިސާބަށް ގޮސް މިއޮތީ. ނޫނީ ރުޤްޔާ ކުރަންވީ.

The name is already taken The name is available. Register?

ނަބާޙާ

04 December 2024

ޔަޤީން.. މިރޭ ބަނޑުބޮޑުކޮއްލާފައި ދޫކޮއްލާނީ.. އޭރުން އަނެއްކާ ވެސް ހައްޔަރެއްގައި ބޭންދުނީ އެ..

The name is already taken The name is available. Register?

ޛޑޫޑޑޏޑޏޑ

04 December 2024

ގޭސްލައިޓިންގ އަށް ހޭލުންތެރިކުރުމަށް ވެސް މިއަށްވުރެ ރީތިކޮސް މި ޥާހަކަ ގެނެސްދީބަލަ.. ހެޔޮ ނުވާނެ ބިންމާ

The name is already taken The name is available. Register?

ޏައިނާ

04 December 2024

ހިފަހައްޓަބަހައްޓާފަ ހިތުގެ އޮޕަރޭޝަނެއްކޮށްގެންވެސް އެބަޖެހޭ މިދީމާގެ ހިތް ބަދަލުކުރަން. ދީމާއާހެދި މަ މުޅިން ހަލާކުވެއްޖެ ވިސްނާ ވިސްނާ. ބިންމާ ހެޔޮނުވާނެ މުޅި ފަހްތާ ވިސްނެނީ ދީމާއަށް ޒަލަފް ދެން ދީފާނެ ލަގާއަކަށް. އަމިއްލަ ދިރިއުޅުމާމެދު ނުވިސްނާ ވަރަށް ދީމާއާމެދު ވިސްނޭ.

The name is already taken The name is available. Register?

ސުލް

04 December 2024

މިއޮތީވާ ކަމެއް.. ހަމަ ދެކޮޅަށް ދެމޭ އިލާސްޓިކް ގަނޑެކޭ ދީމާގެ ހިތެކޭ ނެތް ވަކި ތަފާތެއް. މޮޔަވެފަ އެހެރީ ދީމާ. ތިބުނާ ތާކަށް ގޮއްސިއްޔާ މަ ނިކަން ރުޅި އަންނާނެ. ފުރަތަމަ ފެނުނު ދުވަސް ފާހަގަކުރާ ހިތުން ތަ ޒަލަފް އެއުޅެނީ؟ ފަސޭހަ ރަހުމަތެއްގަ އޭނަގެ ޒަވިގަނޑުން ސަލާމަތް ވިޔަ ނުދޭން އެއުޅެނީ!!!!

The name is already taken The name is available. Register?

ފާތިނ

04 December 2024

ވަރަށް ބުއްދި ޤަބޫލު ނުކުރެވޭ، އެއްވެސް ލޯތްބެއް އިޙްތިރާމެއް ނުކޮށް އުޅުނު، ދީނުގަ ފިރިމީހާއާ މަތިކޮށްފައިވާ ޒިންމާތައްވެސް އަމިއްލަ އަށްނަގައިގެން، ނުވިތާކަށް އަނބިމީހާ އަޅުވެތިވެސް ކޮށްގެން އުޅުނު ފިރިއަކުދެކެ، ފޫހިނުވެ، ތިހާ ލޯބިން ހަމަ ބުއްދީގެ އިންސާނަކު ނުއުޅޭނެ، އެއީ އިންސާނުންނަކީ އެހާމެ އަވަހަށް ފޫހިވާ ބައެއްވިއްޔަ، އަހަރެން މީ ހުތުރު އަންހެނެއް ފިރިމީހާ ލޯބިން އިިނަސް ފަހުން އުޅޭފާޑުން ފޫހިވެ، ދަރިން ބޮޑުވުމުން އަވަހަށް ސަލާމަތްވީ

The name is already taken The name is available. Register?

ދަބަރު

04 December 2024

މީހަގީގަތެއްނޫން. ޚިޔާލީ ވާހަކައެއް. ހަމަބޭނުންހާގޮތަކަށް ލިޔަންވީ. ކިޔާމީހުނަށް ކަމުދާނެކަމަށް ފެންހާ ގޮތަކަށް.

The name is already taken The name is available. Register?

އަހަރެން

04 December 2024

ހަގީގީ ލޯބިވާ ފިރިއަކު ޒަލަފު ކަންތައްކުރި އިހާނަތިގޮތަކަށް ދީމާއާއިދޭތެރޭ ކަންތައް ނުކުރާނެ! ދީމާ ތިވަރަށް ޒަލަފުދެކެ ލޯބިވާނަމަ ގެއިން ނުކުމެގެންވެސް ނުދާނެ! މިހާރު ދެމީހުން ދެމީހުނަށް ހާދަ ލޯތްބެކޭ ތިވަނީ! ތިހާ ލޯބިވަންޏާ ރަންނަމާރިއެއް ލޯރަތްބެއެކޭ ނުކިޔާ ދީމާ ވީހާލެއްގަވާން ޒަލަފުކާރީގާ ހުރީމާ އެވީނޫންތަ! ދެން މިހާރު ފަހުޕާޓުއިން ޒަލަފު މަރުވީހަބަރުކަންނޭގޭ ލިބޭނީ! ވާހަކައިގަ ވެސް މިތިބެނީ ހުސް މޮޔައިން ވެދާނެ ލިޔމހގެ ހުރި އުނިކަމަކަކަށްވެސް

The name is already taken The name is available. Register?

ކާންޔޭ

04 December 2024

އެންމެ މޮޔަ މީހާ ކޮންމީހާ....ދީމާ.. ތިޔަ ސެލެބްރޭޓެއް ކުރަން ގޮސް ބޮލަށް ތެޔޮއަރައިގެން އަނެއްކާ މޮޔަ ނުވާތި. ހެޔޮވަރު ވަރުގެ ލަޑެއް ބޮއެގެން މި ދީމާ ހޭވެރިކަން ވާނީ. މިއޮތީ ވާ ކަމެއް ސަހާދެއް މިބުނީ. މަގޭވެސް މިހާރު މޮޔަވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454