މީހަކު ސިނގިރޭޓް ބޮނީ: ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގައި އިސްތިއުމާލު ކުރުމަކީ މިހާރު ވެސް މަނާ ކަމެއް-- މިހާރު ފޮޓޯ
05 ޑިސެމްބަރ 2024 - 16:11
ކެފޭ/ރެސްޓޯރެެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ނޯންނަ ސަރަހައްދުތަކުގައި އެކަން ކުރާ ނަމަ އެ ތަނެއްގެ ވިޔަފާރި ހުއްދަ ބާތިލް ކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މީގެ 14 އަހަރު ކުރިން އޮގަސްޓް 2010 ގައި އަމަލު ކުރަން ފެށި އެ ގާނޫނު ބުނާ ގޮތުން، މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެކަމަކު، ގާނޫނުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ފަހަކަށް އައިސް އެކަން ތަންފީޒެއް ނުކުރެ އެވެ.
ހެލްތް މިނިސްޓްރީން މިއަދު ބެއްވި ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ ނާޒިމާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ބައިވެރިވަނީ .-- ފޮޓޯ: މިނިސްޓްރީ
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި "މިހާރު" އިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ތަންފީޒީ ކަންކަމަކީ އެންމެ ރަނގަޅަށް ނުވާ ކަންކަން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެއީ ހަމައެކަނި ވިޔަފާރިކުރާ ފަރާތްތަކުން ރަނގަޅު ކުރަން ހުރި ކަންކަން ނޫން ކަމަށާއި އާންމު މީހާ ވެސް އެ ކަންކަމަށް އަމަލު ކުރަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ ކުރިން ވިޔަފާރިތަކަށް ފިޔަވަޅު ނޭޅި ނަމަވެސް މިހާރު އިސްލާހު ކުރަން ހުށަހަޅާފައިވާ ގާނޫނުން އިތުރު ބާރުތަކެއް މިނިސްޓްރީ އަށް ލިބިފައިވާތީ އެކަމަށް ފިޔަވަޅު އަޅައި، އިތުރު ހައްލުތަކެއް ހޯދޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"އެއީ އެ ތަންތަން ހިންގާ ފަރާތްތައް ޒިންމާ އެބަކުރެވޭ. އެ ވަގުތު އެތަން މެނޭޖުކުރާ މީހުންގެ އިތުރުން ތަނުގެ ވެރިފަރާތް ވެސް ޒިންމާ ކުރެވޭ ގޮތަށް މި ފަހަރުގެ ގާނޫނަށް އެބައިން ބަދަލެއް އައިސްފައި،" އޭނާ ވިދާޅުވި އެވެ.
މަނާ ތަނެއްގައި އަދި ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލު ކުުރުމުން ގާނޫނުގައި މިހާރު ވެސް ބަޔާން ކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ބާރު މިނިސްޓްރީ އަށް އާ އިސްލާހުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިނގިރޭޓް ފޮއްޓެއްގައި ސިއްހަތުގެ އިންޒާރު ދީފައި-- މިހާރު ފޮޓޯ
އޭގެ އިތުރުން އެފަދަ ހާލަތެއްގައި ޖޫރިމަނާ ކުރުމުން ނުދައްކައިފި ނަމަ އަޅާނެ ފިޔަވަޅު ވެސް އަލަށް ގެންނަ ބަދަލުގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެއީ މިސާލަކަށް ހެލްތުން އެ ތަނަށް [ކެފޭ/ރެސްޓޯރެންޓް ނުވަތަ ވިޔަފާރި] ދޫކޮށްފައި ހުންނަ ހުއްދަ ބާތިލް ކުރުމުގެ ފުރުސަތު އެބައޮތް މިހާރު ގާނޫނުން އަދި އޭގެ އިތުރުން އެ ވަރުން ވެސް އެތަން އިސްލާހު ނުވެއްޖެ ނަމަ އެ ތަނަށް ދޫކޮށްފައި އޮތް ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވައި ވަކި ހިސާބަކުން ބާތިލް ވެސް ކުރުމުގެ ފުރުސަތު އެބައޮތް،" ހަސަން ވިދާޅުވި އެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ވިދާޅުވީ އެ ކަމަކީ އެންމެން ގުޅިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ.
ސަރުކާރުން ވަނީ މިދިޔަ މަހުގެ 15 އިން ފެށިގެން ރާއް ޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފަ އެވެ. އަދި މި މަހު 15 އިން ފެށިގެން ރާއްޖޭގައި އެ ތަކެތި ބޭނުންކުރުން މަނާވާނެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު ތަންފީޒުކުރުމާއި އެ ގާނޫނު މިހާރަށް ވުރެ ހަރުކަށި ކުރުމަށް ބަދަލުތައް ގެންނަން ވަނީ ނިންމައިފަ އެވެ. މިގޮތުން، ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކުން ޑިޔުޓީ ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުު
07 December 2024
ވަރަށް ކުއްލި ކުއްލިއަށް ކަންތަށް ފަށާ ސަރުކާރެއް މީ. އެއްވެސް ޕްލޭނެއްނެތި. މިސާލަކަށް، ޓެކްސީ އަގު ކޮންޓްރޯލް ކުރާށޭ ކިޔާފަ ކުއްލިއަކަށް ފޮނު ތަކެއް އެރުވި މީގެ ދުވަސްކޮޅެއްކުރިން. މަހެއްނުވަނީސް ހަމަކުރިން އޮތްގޮތަށް. އެއަރޕޯޓުން ލާހިކައެއްނޫން ހަމަ އަގުގަ ޓެްސީއެއް ހޯދަން. ޑަރައިވަރުން ބޭނުން ގޮތެއް ހަދަނީ. ހަރާންފަދަ ބަލަން ތިބޭ އޮފިޝަލުންނަށް ވާ އެއްވެސް ކަމެއް.
އަހްމަދުު
07 December 2024
ހީވާކަހަލަ މިސަރުކާރުން ވިޔަފާރިތަކަށް ޖެއްސުންކުރާހެން. އެއްމެ ފުރަތަމަ ޖެހިގަތީ ޓޫރިޒަމް އިންޑަސްޓްރީއާއި - ހުރިހާ ޓެކްސް އެއް ކުއްލިއަކަށް ބޮޑުކޮށް. އެއަށް ފަހު އެކަށީގެންވާ ވަރަށް ވުރެން ބޮޑު އަދަދެއްގެ ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުން. ދެން މިހާރު ފެއްޓީ ކުދި ހޮޓާ / ކެފޭތަކަށް ބިރު ދައްކަން. އެއްމެނަށްވެސް އިނގޭ ކެފޭ / ކަޑަ ތަކުގަ ސިނގަރޭޓް ބޮނީ ކޮންބައެއްކަން. އެމީހުންނާ ވާހަކަ ނުދެއްކޭނެކަން. ދެން ހޮޓާ ހުއްދަ ކެންސަލް ކުރުން ފެއަރ ތޯ.
ަައަލިތައްކާނު
06 December 2024
ތިކަން ކުރެވިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު. ކޮފީއެއް ބޯލަން ބައެއް ތަންތަނަށް ވަދެވޭވަރެއްނޫން. އެމީހުން ނުކުމެގެން ދާއިރު ސިނގިރޭޓު އަޅިއާ، ފިލްޓަރުބުރިތަކުން މޭޒުކައިރިފުރިފަ. ފުޑް ކޯޓުތަކަކީ އެކަމުގަ އަރާހުރި ތަންތަން. ކިތަންމެ ވަރަކަށް ބުޔަސް އަޅައެއް ނުލާ
ކަނބިލި
06 December 2024
ކަންކަމެއް ހައްލެއް ނުވާނެ ހަރުކަށި އަމުރު ނެރެގެން. މި ސަރުކާރަކީ ރައްޔިތުންނާ ބީރައްޓެހި ސަރުކާރެއް. ހާލަތާއި ކަންކަމުގެ ދެކޮޅެއް ނުބަލައި. ބާރުއޮތީމާ ކަންކުރަން އުޅެނީ. ދެން ނިންމާ ކޮންމެ ކަމެއްގެ ސަބަބުން ރައްޔިތުން ބިކަވެ ވިޔަފާރިތައް ހަލާކުވަނީ
ކޮރަލް
06 December 2024
މީގެ 14 އަހަރު ކުރިން ގާނޫނު ބުނާ ގޮތުން، މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ 500ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ރިޕޯޓް ކުރަން މިޖެހެނީ ފުލުހުންނަށެވެ. ސިނގިރޭޓް ބޯން ޔުނީފޯމް ގަ މި އިންނަނީ ފުލުސް މީހާ އެވެ. ސިވިލް ސާވިސް މީހަކަށް މަހަކު 5 ހާސް ރުފިޔާ ދީގެން ބިދޭސީން ހިންގާ ވިޔަފާރި ތަކުން ސިނގިރޭޓް އާއްމު ކޮށް ވަކީން ވިއްކަ އެވެ. އެމީހުން ފުލުހުންނާ ގޭންގް ތައް ދެކެ ބިރެއް ނުގަނެ އެވެ. ހަމަ ޖައްސަނީ ފައިސާ ދީގެންނެވެ.
ޙާލި
06 December 2024
އެއަރޕޯޓުގެ ކުރީގެ ޓަވަރުކައީގަ ހިންގާނެ ކުޑަ ކެފޭ އެއް.... ބޮޑު އަކުރުން ލިޔެފަ އިންނާނެ ދުންފަތުގެ އިސްތިއުމާލުނުކުރޭވެނެ ބޯޑު. ޢެކަމަކު ސެކުއިރިޓީން ވެސް ބޮނީ ... ޢެއެއް މިއެއްނުބަލާ.... ބޮއިހަލާކު
ވަކީލްް
06 December 2024
ފުރަތަމަ މިހާރު އޮތް ގާނޫނާއި ގަވާއިދު ތަންފީޒު ކޮށްބަލަ ނިކަން. މަޖީދީ މަގުން ހިގާފަ ދާއިރު އެދަނީ ސިގިރޭޓް ބޮމުން. ނުވަތަ އެތިބެނީ ޕޭމަންޓުމަތީ އެހެންމީހުންގެ ގަޔަޡް ދުން ބުރުވަން. އަދި ސައިކަލު ދުއްވަމުންނާއި ފަހަތުގައި އިނދެ އެބަބޯ. މިކަން ނުހުއްޓުވޭ ބަޔަކަށް ކޮންކަމެއް ދެންވާނީ.
ހުޅުމާލެއިން
06 December 2024
ހުޅުމާލޭ ނިރޮޅުމަގުގައި ތިކަހަލަ ތަންތަން އެބަހުރި. ހުއްދަ ބާޠިލުވޭތޯ ބަލަން އެބަތިބިން.
ފަހަތުން
06 December 2024
ހާދަވަރަކަށް ސިގިރޭޓް ފަހަތުން ދުވާ ސަރުކާރެކޭމީ. ކަމެއް ކުރަން ނޭނގެންނާ ފައިބާ. އަދިވެސް ހުސްފޮނި އަނގަ ތަޅަނީ
ދެރަނުވޭ
06 December 2024
އެއި އެންމެންގެ ރައްކާތެރި ކަމަށް އެޅޭ ފިޔަވަޅެއް .. އެއި ވެރިކަން ކުރަން އެނގުން
ރައްޔިތު ބެއްޔާ
06 December 2024
މަނާ ތަނުގައި ސިގިރެޓު ބޮނީ ވެރި ފަރާތުންތޯ ! ކަސްޓަމަރަކު ކެފޭ ބަންދު ކުރަން ބޭނުމިއްޔާ ދުމެއް ޖަހާލީ ކެފޭ ބަންދު ! ހާދަ ގަދަ އޭ ! ތި ކަން ތި ގޮތަކަށް ނުވާނެ ! ދެން ހަމަ ވާހަކަ އެއް ދައްކާލަނީ !