މާލިއްޔަތު ކޮމިޓީ. ތެލުގެ ކޮރަޕްޝަނާ ގުޅޭ މައްސަލައާ ގުޅިގެން އެސްޓީއޯ އެކު ބޭއްވި ބައްދަލުވުން ވަނީ ސިއްރުކޮށްފައި -- ފޮޓޯ: މިހާރު
12 ޑިސެމްބަރ 2024 - 12:50
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ތެލުގެ ކޮރަޕްޝަނާ ގުޅިގެން އެސްޓީއޯއާ އެކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިއަދު މާލިއްޔަތު ކޮމިޓީން ބައްދަލުވުން ބޭއްވީ އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، މަނީ ލޯންޑާކުރި މައްސަލައާ ގުޅޭގޮތުން އެސްޓީއޯގެ އިސް ބޭފުޅުންނާ ބައްދަލު ކުރުމަށެވެ.
އެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެކަމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގައި ވެސް އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.
އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެ ތެޔޮ ވިއްކައިގެން ލިބުނު ފައިސާ ލޯންޑާކުރި މައްސަލާގައި އެ ކުންފުނީގެ 10 މުވައްޒަފެއްގެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ. އަދި އެ މައްސަލާގައި ބައެއް ތަންތަން ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.
މީގެ ކުރިން ވެސް އެފަދަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ފުލުހުން ބުނީ އެމްޕީއެލްއަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ބަޔާންކޮށް، 119 ޑެލިވަރީ އޯޑާއަކަށް އެފްއެސްއެމްއަށް ފައިސާ ދޫކުރުމުން އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ހެކި ވަނީ ލިބިފަ އެވެ.
އޭރު ފުލުހުން ބުނެފައިވާ ގޮތުގައި އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެފްއެސްއެމްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ގުޅިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ތަހުގީގަށް ވަނީ ހޯދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
12 December 2024
މީވެސް ގައުމީ ސަލާމަތަށްހުރި ނުރައްކަލަކަށްވީތަ؟
ބޮކި
12 December 2024
މުޅިންވެސް ސިއްރު ބޯހަލާކު ؟
ސިއްރުކުރުން
12 December 2024
ކަންކަން ސިއްރުކުރުން ނިމުމަކަށް ގެންނަންޖެހޭ. ސިއްރުކުރަންޖެހޭ ވަރު ކަމެއް ކުރާ ބައެއްގެ ހައްގުގައި ވަކާލާތުކުރާނީ އޭގައި ކޮންމެސްވަރެއްގެ ބައިވެރިވުމެއް އޮތް ބައެއް.