ރައީސް މުއިއްޒު މަހިބަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
15 ޑިސެމްބަރ 2024 - 12:07
ރާއްޖޭގައި ވޭޕް މަނާކުރީ ރައްޔިތުންގެ އެކަމަށް އެދުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިއަދުން ފެށިގެން ވަނީ މަނާވެފަ އެވެ.
އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ދުނިޔޭގައި އުފެދޭ ނުބައި ކަންތައް ދިވެހިންގެ ތެރެއަށް ވެސް އައިސްފައިވާ ކަމަށާއި އެކަންކަމުން ސަލާމާތްވާން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ވޭޕު ވިއްކުމަކީ ގާނޫނުން ހުއްދަކޮށްގެން ކުރަމުން އައި ވިޔަފާރިއެއް ކަމަށާއިި އެ ވިޔަފާރި ކުރި ފަރާތްތަކުގެ އެއްވެސް ކުށެއް ނެތް ކަމަށެވެ.
ވޭޕުގެ ވަބާއިން ގައުމު ސަލާމަތްކުރުމަކީ ރައްޔިތުން ކުރަން ބޭނުުންވެފައި ތިބި ކަމެއް ކަމަށާއި ވޭޕް މަނާކޮށް، ފިޔަވަޅު އެޅީ އާ ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަގުސަދުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިސާލަކަށް، ވޭޕްގެ ވަބާ. އަޅުގަނޑަށް އެނގޭ ގާނޫނީ ގޮތުން ހުއްދަ އޮވެގެން ކުރިން [ވޭޕްގެ] ވިޔަފާރި ކުރީ. އެ މީހުންގެ ނެތް ކުށެއް. އެހެން ނަމަވެސް، މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ. އެ ވިޔަފާރި ކުރި މީހުންގެ ކުށެއް ނެތް، އެހެން ނަމަވެސް، ގައުމުގެ ރައްޔިތުން ހާލުގެ ދުލުން އެދެމުން ދިޔައީ މިކަމުން ތިމަންނަމެންގެ ދަރިން ސަލާމަތްކޮށްދޭށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ނިންމީ އެކަން ހުއްޓާލަން."
ކަސްޓަމްސް އިން ހިފެހެއްޓި ވޭޕް ޝިޕްމަންޓެއް.- އެކްސް ފޮޓޯ: ހޯމް މިނިސްޓަރު އިހުސާން
އިޖުތިމާއީ ގޮތުން ރަނގަޅުކުރަން ހުރި ކަންކަން ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޑްރަގުގެ ވަބާއިން ޒުވާނުން ސަލާމާތް ކުރުމަކީ ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. ފަންސާހަކަށް އަގަރުވީ ޑްރަގް މައްސަލަ ހައްލުވާނީ އެކަމުން ނުކުންނަން އަޒުމު ކަނޑައަޅައިގެން މަސައްކަތްކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޑްރަގާ ދެކޮޅު ގާނޫނުތައް ހުރި ނަމަވެސް ގާނޫނުގައި ހުރި ބާގަނޑުތަކުގެ ސަބަބުން ބޭނުންވާ ގޮތަށް އެކަމުން ސަލާމަތްވާން މަސައްކަތް ނުކުރެވޭކަން ރައީސް ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނޑޫ
16 December 2024
ސިންގްރޭޓް މަނާކުރަން ރައްޔިތުން ބޭނުންވޭތޯ ބަލާލިންތަ؟
ވޭޕު ޕާޓޭ
16 December 2024
ރައްޔިތުންގެ އަހުލާގީ މިންގަނޑު ދައްވުމަކީ ވޭޕަށް ބޭއިންސާފުން އަނިޔާވެރި ވަން ލިބޭ ލައިސަންސެއްތަ؟ ރައްޔިތުން ހޭލުންތެރި ނުވުމަކީ ވޭޕުގެ މައްސަލަ އެށްތަ؟
ތެފައާސާ.
16 December 2024
ރައްޔިތުން އެދޭ ބައިވަރު ކަންކަންއެބަހުރި. މިސާލަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހެސްކިޔާފައި އިސްރާފުކޮށްގެން ހާހުން ތިޔަގެންގުޅުއްވާ ސިޔާސީ މީހުންތައް މަދުކުރުމަށްވެސް ރައްޔިތުން އެދޭ...!!
ކަނޑުކޮސްބެ
16 December 2024
އިޒުރައީލު ޕާސްޕޯޓު މަނާނުކުރަނީ ރައްޔިތުން ނޭދޭތީތަ؟
އަޙްމަދު މުޙައްމަދު ޙިސާން
16 December 2024
ދެން އޯކޭ. “ރައްޔިތުން އެދޭތީ” ވޭޕް މަނާ ކޮށްފަ، ސިގިރޭޓް އަގު ބޮޑުކުރީ. ކުރިއަތް އޮތް ޖީލްތަކަށް ރަނގަޅަށް ކުރި ކަމެއްނަމަ ކީއްވެ ނިކޮޓިން ޕެޗް އަދި އެކަހަލަ ޗުއިންގަމް ވެސް އަގުބޮޑު ވީ؟ ނޫނީ ގައުމުގެ އެންމެ ތަނަކުންވެސް ގަންނަން ނުލިބެނީ؟ ބާޒާރުން ހަކުރު/ ތެޔޮ ޕެކެޓެއް 100 ރފ އަށް. ކޮބާ މީގެއިން އެދެވުނު ނޭދެވުނު ކަމެއް؟ ދެން އަތްތިލަބަޑި ޖަހަންވީ؟؟؟؟
ރައްޔިތު މީ
16 December 2024
ދޮގެއް ތީ! މަށެއް ނޭދެން މިކަމަކަށް! -ރައްޔިތެއް
ކަތްދައްތަ
16 December 2024
ރައްޔިތުން އެކަމަށް އެދޭ ކަމެއް މާލިއްޔަތުން ވައްކަން ކުރުން ހުއްޓުވުމާއި ދައުލަތުގެ މުއްސަދިކަން ބޮޑުން ކެއުން ހުއްޓުވުމާއި ޑްރަގް ހުއްޓުވުމާއި ގޭގް ހުއްޓުވުމާއި މީހުން މެރުން ހުއްޓުވުންވެސް. ވޭޕެއް ދަމާލިމީހަކުވެސް މަރުގެ ދިޔައަކަށްވުރެ ނިސްބަތުން ބޮޑުކޮށް ޖޫރިމަނާ ކުރެވޭ ގަވާއިދު ހެދިގޮތަށް ޚިޔާނާތް ތެރިންގެ މަދައު ނެގޭގޮތް ހަދާބަލަ. ރައްޔިތުން ބޮލުގަ ވޭޕާ ދުންފަތާ އަޅުވާނެ ކަމެއްނެތް.
މިއޮތީ
15 December 2024
ރައްޔިތުން ރުހެންޏާ ކޮންމެ ކަމެއްވެސް ކުރަންވީތޯ؟؟ ވެރިމީހާގެވެސް ޒިއްމާތަކެއް ހުންނާނެ. ތަންފީޒު ކުރާ ސިޔާސަތުތަކަކީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ތަންފީޒު ކުރާ ސިޔާސަތުތަކަކަށްވެއްޖެނަމަ އާންމު މަސްލަހަތު ގެއްލޭނެ. ހުރިހާ އެންމެން ރުއްސަން މަސައްކަތް ކުރުމަކީ ހަރުދަނާ ކަމެއް ހުރި ވެރިޔަކު ކަން ކުރާނެ ހަމައެއް ނޫން. ހަމަ އެހެން ބައެއްގެ މިނިވަންކަމާއި ރިޒުގަށް ކަނޑައެޅިގެން ބުރޫއަރާނެ ކަންކަންކުރުމުގެ ކުރިން ރަނގަޅަށް ވިސްނާލަންޖެހޭ.
ދޮޅި ހުސޭނު
15 December 2024
ވޭޕް ކުރުމަކީ މާ ނުރައްކާ ކަމަކީ ތޯ؟؟ ނޫން... އެކަން މަނާކުރުމުގެ ސަބަބަކީ އަސްލު އެއީއެއް ނޫން. ބައެއްގެ މަސްލަހަތު ހިމާޔަތް ކުރަން ސިޔާސީ ބާރުގެ ބޭނުން ކުރީ. ސިގެރޭޓު ވިއްކާ މީހުން މަނިކުފާނަށް ތައުރީފު ކުރިޔަސް ސަނާ ކިޔަސް އެމީހުންގެ މަސްލަހަތު އިސްކޮށް އެމީހުން ރުއްސައިގެން މާ ބޮޑު ސިޔާސީ ފައިދާއެއް ނުކުރާނެ. އެކަމަކު ރައްޔިތުންނަށް މިއަދު ތިއީ ފިނޑި ވެރިއެއް ކަން ވިސްނޭނެ. ބައެއްގެ ހިތުގައި ރައީސްއާ މެދު ނަފުރަތުގެ ހުޅު މިއަދު ރޯވެއްޖެ
ރައްޔިތު.މީހާ
15 December 2024
ސިގިރޭޓު ވިޔަފާރި ކުރާ ރައްޔިތުން ދެއްތޯ