ބޮޑުތަކުރުފާނު މަގުގައި ޕާކް ކޮށްފައި ހުރި އުޅަނދުތަކެއް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
19 ޑިސެމްބަރ 2024 - 18:30
މާލެ ސަރަހައްދުގެ ބޮޑެތި މަގުތަކުގައި ނުގަވައިދުން ވެހިކަލް ޕާކްކުރުމުގެ މައްސަލަ ބޮޑުވުމުން އުޅަނދުތައް ޓޯ ކުރަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މާލޭގެ ބައެއް މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދުތަކަށް، ހާއްސަކޮށް ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާ ކަމަށެވެ.
- ބޮޑުތަކުރުފާނު މަގު
- މަޖީދީ މަގު
- އަމީނީ މަގު
- ސޯސަން މަގު
- އޯކިޑު މަގު
- އަމީރު އަހުމަދު މަގު
ނުގަވައިދުން ޕާކު ކުރާ މައްސަލަ ބޮއްސުންލައި މިދިޔަ މާޗް މަހު ވެސް ޕޮލިހުން ވަނީ އުޅަނދުތައް ޓޯ ކުރަން ފަށައިފަ އެވެ.
އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅި އަޅަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުންނެވެ.
އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. ގައިވާ ގޮތުން އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެ އެވެ.
އަދި އެ މީހާގެ ހާއްސަ އުޅަނދުތައް ފިޔަވައި އެނޫން އުޅަނދުތައް، އެތަނުން ނަގައި އެހެން ތަނަކަށް ގެންދިއުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.
އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.
މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ ފަހުން މާލޭގެ މަގުތައް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ޕާކިންގެ މައްސަލަ ވަނީ ބޮއްސުންލައިގެން ގޮސްފަ އެވެ. ބޮޑުތަކުރުފާނު މަގަކީ ޕާކް ކުރުން މަނާ މަގެއް ނަމަވެސް، އެ މަގުގެ ދެ ފަރާތުގައި ވެސް ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިވާއިރު، މަގުގައި ދުއްވާ މީހުންނަށް ވެސް އޭގެ ސަބަބުން ވަނީ ދަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިބިޔާން
20 December 2024
މަގިތައް ޓްރެފިކް ޖެހުން ކުޑަވާނެ މިހެން ހަދައިގެން. ހަމަ އެތައް އިރަކު އެބަތިބޭ ޕާކްކޮށް މަގު ބާރު ބޮޑުވާއިރުވެސް
ފައިޒަމް
20 December 2024
ބަޔަކަށް ހީވެދާމެ މީ ކުޑަ ކަމެކޭ. އަސްލު މީ ކުރަން ލަސްވެސް ވެއްޖެ ކަމެއް.
މޫމިން މުހައްމަދު
20 December 2024
އަމީނީ މަގުގަވެސް ހުރޭ ދެކޮޅުގަ ޕާކް ކޮށްފަ. އަބަދު ތޮއްޖެހިފަ. ހަމަ ޓޯކުރަންވީ
ރޯމަރު
20 December 2024
ސަރުކާރުން ގޯތި ކަންތައް ހިންދާލަން ބޮޑު ސުރުހީ އަޅަންފެށީ. ވެހިކަލް ޓޯކުރާ ވާހަކަ ޔާއި މަސާޖުޕާލާ ރެއިޑު ކުރުން ދެން ހެޑުލައިނުގަ އޮންނާނީ.
މަގުމަތީގަރާޖު
20 December 2024
އަމިއްލަ ދުއްވާއެއްޗެހި ގެންގުޅެންވާނީ އެތަކެތި ގަންނާނެ ފައިސާއާއި ބާއްވާނެ ގަރާޖާއި ޓެކްސްދައްކާނެ ތަނަވަސްކަން ހުންނަމީހުން. ބައެއްމީހުންނަށް ހީވާކަހަލަ ތިމަންނަ ކާރެއްގަތީމައި އޭތިބާއްވާނެތަން ދައްކަންޖެހޭނީ ސަރުކާރުންނޭ. ބަލަގަ އެހެންޏާ އަހަރެން ގަނެފައި މިހިރަ ދޮންނަމެޝިން ބަހައްޓާނެތަނެއްވެސް ސަރުކާރުން ދައްކަންޖެހޭނެއޭ. ދެންބުނާނެ އަހަރީފީ ދައްކަމޭ. އެއީ މަގުތައް ހަލާކުކުރާތީ މަރާތުކޮށް ބަލަހައްޓަން ނަގާއެއްޗެއް.
ޑރ ވާންޗޯ
19 December 2024
މީދެން ކިހާދެރަކަމެއް، މަގުގެ އެއްފަރާތުގަ ޕާކުކުރީމަ ޓޯކުރާތީވެ ރަނގަޅަކަށް މަގުމެދުގަ ޕާކުކޮށްލީ. އެންމެ 2 ގަޑިއިރުތެރޭގަ ތިޓޯކޮށްލީ........
ފަޒުލް
19 December 2024
މާލޭ ސިޓީގަ އެއްގަވައިދެއް ދަމަހައްޓާ! ހިޔާ ފުލެޓްތައް ވަށައިގެން ނުގަވައިދަށް ހުރިހާ ފަރާތަކުން ޕާކު ކޮށްފަ! ކާރު ޓޯކުރަނީ ނަމަ މާލޭ ސިޓީގަ އެއްގަވައިދެއްގެ މަތިން ޓޯކުރޭ.
ޒީރޯ
19 December 2024
މާލެ ފުރެމުންދަނީ ގިނައިން އެއްވެސް ކޮންޓްރޯލެއް ނެތި ފްރީކޮށް ހުއްދަ ދެމުންދާ ސައކަލު ތަކުން. މިއީވާ ހެއްވާ ކަމެއް. ޓްރާންްސްޕޯޓަށް ހީވާކަހަލަ ސައކަލުން މާލެ ނުފުރޭނެޔޭ. ކޮންމެ 4 ސައިކަލަކީ ކާރެއްގެ ޖާގަ
ސިޔާދު ހަސަމް
19 December 2024
މީ ކޮންމެ ބަޔަކު ކުރިޔަސް ރަނގަޅު ކަމެއް. ފުރިހަމަޔަށް ތާއިދު
ބަބްސް
20 December 2024
ކަމެއް ކުރަންޏާ ފުރިހަމައަށް ކުރޭ. ބައިކުޅަބައި ކުރީމަ ކަމަކުނުދޭ ... ކަންމަތީ ބަހައްޓާ ސައިކަލްތަށްވެސް ނަގާ ... ހިންގާ މީހުންގެ ހައްޤުތަށްވެސް ކަށަވަރުކޮއްދީ ...
ހައިސަމް އަލީ
19 December 2024
ވަރަށް އުފާވެއްޖެ. ދަރި ބަލާ ދާއިރު މުޅި މަގު އިންނަނީ ބްލޮކް ވެފަ