ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހްމަދު އާދަމް: އެ އެސޯސިއޭޝަންގެ މައްސަލައެއް ވަނީ އޭސީސީ އަށް ހުށަހަޅާފަ --- ފޮޓޯ: އެމްބީއޭ
30 ޑިސެމްބަރ 2024 - 09:39
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ފައިސާއާ ގުޅޭ މައްސަލައެއް އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން އެ މައްސަލަ ބަލައިގެންފި އެވެ.
އެމްބީއޭއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ތަހުމަތުކޮށް އޭސީސީ އަށް ހުށަހެޅީ ބާސްކެޓްބޯޅައިގައި ހަރަކާތްތެރިވާ އަމިއްލަ މީހަކު، ނޮވެމްބަރު 4 ގަ އެވެ.
އޭގެ ތެރެއިން އޭސީސީން ބަލައިގަތީ ފައިސާއާ ގުޅޭ މައްސަލަ އެވެ. އެމްބީއޭއަށް ތުހުމަތުކޮށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ އޮޅުވާލައިގެން އެއް ބާވަތެއްގެ ދެ ކަމަކަށް ސްޕޯޓްސް މިނިސްޓްރީން ދެ ފަހަރު ފައިސާ ހޯދާފައިވާ ކަމަށެވެ.
އެ އަހަރުގެ ގައުމީ މުބާރާތަށް ދައުވަތު ދީގެން ގެނައި ކަމަށް ބުނާ ސްރީ ލަންކާގެ ދެ ކްލަބްގެ އެކޮމެޑޭޝަނާއި ކެއުމުގެ ހަރަދުތައް ހަމަޖައްސަން 11 ޑިސެމްބަރު 2022 ގައި ސްޕޯޓްސް މިނިސްޓްރީން 1،95371.40ރ. ހޯދާފައިވާކަން އެ އަހަރުގެ އަހަރީ ރިޕޯޓުން އެނގެން އެބައޮތް ކަމަށް، އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ނަމަވެސް އެ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ގައުމީ މުބާރާތުގައި ބޭރުގެ އެއްވެސް ޓީމެއް ވާދަކޮށްފައެއް ނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ޖެހިގެން އައި ޖެނުއަރީ 2023 ގައި ބޭއްވި ޒާހިރު ނަސީރު މެމޯރިއަލް އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރި ސްރީ ލަންކާގެ ދެ ޓީމުގެ ހުރުމާއި ކެއުމުގެ ހަރަދު ހަމަޖައްސަން 1،95371.40ރ. ސްޕޯޓްސް މިނިސްޓްރީން، 8 ޖަނަވަރީ 2023 ގައި ހޯދާފައިވާކަން އެމްބީއޭގެ މާލީ ރިޕޯޓުން އެނގޭ ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަކީ ބޭރުގެ ޓީމެއް ވާދަ ނުކުރާ ގައުމީ މުބާރާތަށް ހާއްސަކޮށް އެ ހަރަދުތައް ހަމަޖައްސަންކަމަށް ބުނެ ސަރުކާރުން ފައިސާ ހޯދުމަކީ އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ތެރެއަށް ވަންނަ ކަމެއް ކަމަށެވެ.
އެމްބީއޭ އަށް ކުރާ ތުހުމަތުތައް އެ އެސޯސިއޭޝަނުން ދޮގު ކުރެ އެވެ. ޖެނަރަލް ސެކްރެޓަރީ ވިޝާމް ރަޝީދު (ވިޒުއްޕެ) ވިދާޅުވީ އެއްވެސް އިރެއްގައި ގައުމީ މުބާރާތަށް ބޭރުގެ ޓީމެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ގައުމީ މުބާރާތަށް އެފަދަ ހަރަދެއް ކުރުމަށް އެއްވެސް ފަރާތަކުން ފައިސާ ހޯދާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިފާހަގަ ކުރި އަދަދު ދިމާވޭ އިންވިޓޭޝަނަލް ކަޕަށް ގެނައި ލަންކާގެ ދެ ޓީމަށް ކުރި ހަރަދާ. ގައުމީ މުބާރާތަކަށް ބޭރުގެ ޓީމެއް ނުގެންނަން. އަދި ގައުމީ މުބާރާތަށް ތިކަމާ ގުޅުވައި ފައިސާއެއް ވެސް ނުހޯދަން،" ވިޝާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަހަހަ
30 December 2024
ތި ތަނުގެ ވެރިއަކަށް ތިހިރީ ވަގެއް.
ޙެރީ
30 December 2024
ތީވަކި ބަޔެއްގެ ތަރިކަ މުދާގަނޑެއް. ނެޝަނަލް ޓީމްގެ ކޯޗުންދާނީ މުއްްސަނދި ސްކޫލްތަކަށް ކޯޗްކޮށްދޭން. ގައުމީ ޓީމްގެ ސިލެކްޝަން ހަދާއިރު އެކޯޗުންނަށް ކަމުދާނީ އެސްކޫލްތަކުގެ ކުދިން. ޢެކަމަކު ގައުމީ ޓީމްގެ މޮޅެތި ކުޅުންތެރިންތިބި ޓީމްތައް އެންމެ ފަހުންއޮތް ޖޫނިއަރ ޗެމްޕިއަންޝިޕްގައިވެސް ޗޮކުން ދިޔަަައީ.
ބެލެނިވެރުން
30 December 2024
ތީ ވަކިބައެއްގެ ތަނެކޭ ،
ބެލެނިވެރިން
30 December 2024
ލަންކާގެ ޓީމެއް މިހާރު ނުވެސް އަންނާނެ ދޯ ސުޕުން ވެސް ފޮނުވާލާއިފި
ކަލްނީ
30 December 2024
ކުރުގޮތަކަށް ބުނާނަމަ މުޅިގައުމުގަ ކޮރަޕްޝަން..
ޏަނާ
31 December 2024
ކޮރަޕްޝަނާ ދެކޮޅަށް ފާރަވެރިވާނެ ނިޒާމްތައް ހަރުދަނާނުކޮށް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ! އަދި ތި އެސޯސިއޭޝަންތަކަކީ މުޅި ރާއްޖެ ޝާމިލްވާންޖެހޭ އެސޯސިއޭޝަންތަކެއް!