މާޒިޔާގެ އާ ކޯޗު ލުއިސްމާ ހެނާންޑޭޒް އޭނާ ވަނީ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެކަޑަމީތަކުގައި މަސައްކަތްކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ޖެނުއަރީ 2025 - 16:07
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެކަޑަމީ ޕްރޮޖެކްޓްތަކުގައި ކުރިން މަސައްކަތް ކުރި ލުއިސްމާ ހެނާންޑޭޒް މާޒިޔާގެ ކޯޗު ކަމަށް ހަމަޖައްސައިފި އެވެ.
ސްޕެއިނަށް ނިސްބަތްވާ ލުއިސްމާ، އެންމެ ފަހުން މަސައްކަތް ކުރީ ލިތުއޭނިއާގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ ބީއީ 1 ގަ އެވެ.
އުމުރުން 52 އަހަރުގެ ކޯޗު ވަނީ އުޒްބެކިސްތާނާއި ކުވައިތުގެ އެންމެ މަތީ ލީގުގައި މަސައްކަތްކޮށްފަ އެވެ.
އުޒްބެކިސްތާންގެ ޕްރޯ ލީގުގެ ކްލަބް، މެޓަލާގް ބީކޭ އާއި ކުވައިތުގެ ޕްރިމިއާ ލީގުގެ ކްލަބް، އަލް ޔަރްމޫކަށް އޭނާ ކޯޗުކޮށްދިނެވެ. ސްޕެއިންގެ ސަރަހައްދީ ލީގުގެ ލަސް ޒޯކަސްގައި ކޯޗުކޮށްދީފައި ވެ އެވެ.
ދެކުނު ކޮރެއާގެ ކޭ ލީގުގެ ކްލަބް ޑީގޫގެ ސީނިއާ ޓީމުގެ މެޗު އެނަލިސްޓް މަގާމު ވެސް އަދާކޮށްފައި ވެ އެވެ. ހަމަ އެދުވަސްވަރު އެ ކްލަބް ރިޒާވް ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.
މާޒިޔާގެ ކޯޗު ކަމަށް ހަމަޖެއްސި ލުއިސްމާ ހެނާންޑޭޒް
މިދިޔަ އަހަރު ކުރީކޮޅު ވިއެޓްނާމްގެ ކޯޗުކަމަށް ފުރުސަތު ހުޅުވާލުމުން އޭނާ ވަނީ އެ މަގާމަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ކޯޗުގެ މަގާމުގެ އިތުރަށް ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ލުއިސްމާ އަކީ ވެސް ތަޖުރިބާކާރު މީހެކެވެ. ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ކުރި އެންމެ ފާހަގަ ކުރެވޭ މަސައްކަތްތަކަކީ ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބް ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެކަޑަމީތަކުގައި ކުރި މަސައްކަތެވެ.
ސްޕެއިންގެ ޓެނެރީފް އައިލެންޑްގައި ބާސެލޯނާއިން ހިންގާ އެކަޑަމީ އާއި އުޒްބެކިސްތާނުގެ ބަކްބާދުގައި ރެއާލުން ހިންގާ އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އޭނާ އަދާކުރި އެވެ.
މާޒިޔާ އަކީ ދެކުނު އޭޝިއާގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.
މާޒިޔާއިން ބިދޭސީ ކޯޗުންގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރީ ޔޫރަޕްގެ ބަލަކަން ސަރަހައްދަށް ނިސްބަތްވާ ކޯޗުންނެވެ. ލުއިސްމާ އަކީ އެ ސަރަހައްދު ބޭރުން މާޒިޔާއާ ހަވާލުވާ ފުރަތަމަ ކޯޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީއްކުރަން
15 January 2025
ލީގެއް ނެތްތަނެއްގަ ކީއްކުރާކޯޗެއް. ވާދަކުރާނެ ޓީމެއްނެތް.
ކޯޗެކޭ
15 January 2025
ކޯޗުގެނެދް ބަހައްޓާ. ކުޅޭނެ ލީގެއް ކުޅޭނެ މެޗެއްނެތް. ހީހީ ހަލާކު މިވަނީ!!