ދިވެހި ޔޫތު ލީގުގެ 16 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ: ވެލެންސިއާ
26 ޖެނުއަރީ 2025 - 15:56
ދިވެހި ޔޫތު ލީގުގެ 16 އަހަރުންދަށުގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާއިން ހޯދައިފި އެވެ. ތިން އުމުރުފުރައަކަށް ކުރިއަށްގެންދާ މުބާރާތުގައި މިހާރު ވަނީ ޗެމްޕިއަންކަން ހޯދި ތިން ޓީމު ވެސް ކަށަވަރު ވެފަ އެވެ.
ހަފުތާއެއް ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވަނީ 12 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ އުމުރުފުރާގެ ލީގު ވެސް މިހާރު ވަނީ ނިމިފަ އެވެ.
ސޯޅަ އަހަރުންދަށުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ނިސްބަތްވާ ވެލެންސިއާއިން ދިވެހި ޔޫތު ލީގުގެ ތަށި ހޯދީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ހަ މެޗު އެ ހުރިހާ މެޗެއް ކާމިޔާބު ކުރި އެވެ. އެ އުމުރުފުރާގެ ލީގުގައި އެ ޓީމުގެ ފަހު މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ތާވަލުގެ ދެވަނައިގައި އޮތީ މާޒިޔާ އެވެ. އެ ޓީމުން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. ވެލެންސިއާ އާއި މާޒިޔާއާ ދެމެދު އޮތީ ހަ ޕޮއިންޓްގެ ފަރަގެވެ.
މުބާރާތުގެ 14 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދީ ޓީސީ ސްޕޯޓްސްއިންނެވެ. އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދީ މެޗަކުން ވެސް ބަލި ނުވެ އެވެ. ދެ މެޗުން އެއްވަރުވި އިރު 18 ޕޮއިންޓް ހޯދި އެވެ.
ލީގުގެ ދެވަނަ ހޯދީ ވިކްޓަރީ ސްޕޯޓްސް ކަލްބެވެ. އެޑްވެންޗާ އެކަޑަމީގެ ފަރާތުން ވިކްޓަރީގެ ނަމުގައި ވާދަކުރާ ޓީމު ވެސް އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެކަމަކު އެ ޓީމު ތިން މެޗުން އެއްވަރުވި އެވެ. ޓީސީ ލީގު ޗެމްޕިއަންކަން ހޯދީ އެންމެ ޕޮއިންޓެއްގެ ފަރަގަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެލޭ
26 January 2025
ދިވެހި ޔޫތު ލީގުގެ 16 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ ޓީމަށް މަރުހަބާ!. ބޯޅަ ތިރިކޮއްލައިގެން ތިކުޅޭ ކުޅޭ ވަރަށް ހިތް ގައިމު.