މާޒިޔާގެ އާ ކޯޗު ލުއިސްމާ ހެނާންޑޭޒް: އޭނާ ބުނީ ޕްރެކްޓިސް ކުރަން އޮތް ދަނޑު މިއަށްވުރެ ރަނގަޅު ވާން ޖެހޭނެ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ޖެނުއަރީ 2025 - 11:18
ފުޓްބޯޅައިން ކުރިއަށްދާން ބޭނުންނަމަ، ރާއްޖޭގެ ވަސީލަތްތައް މިއަށްވުރެ ހަރުދަނާ ވާން ޖެހޭނެ ކަމަށް މާޒިޔާގެ އާ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
އޭނާގެ ކޯޗުކަމުގެދަށުން މާޒިޔާއިން ވަނީ މިދިޔަ ހަފުތާގައި އެފްއޭއެމްގެ ޓާފް ދަނޑުގައި ޕްރެކްޓިސް ފަށާފަ އެވެ. އޭނާ ބުނީ އެފްއޭއެމްގެ އެ ދެ ދަނޑަކީ ރަނގަޅު ފުޓްބޯޅައެއް ކުޅެން ޕްރެކްޓިސް ކުރާއިރު އެންމެ އެކަށީގެންވާ ވަސީލަތެއް ނޫން ކަމަށެވެ.
"އަހަރެން އުއްމީދު ކުރަން ވީ އެންމެ އަވަހަކަށް އެތަނުގެ ވިނަ ގަނޑު ބަދަލު ކުރާނެ ކަމަށް،" ކުވައިތާއި އުޒްބެކިސްތާނުގެ ލީގުގައި ވެސް ކުރިން މަސައްކަތް ކުރި ކޯޗު ބުންޏެވެ.
އެކަމަކު މާޒިޔާގެ ކޯޗުކަމާ ހަވާލުވާން ރާއްޖެ އައުމުގެ ކުރިން ވެސް އެކަންކަމާ ގުޅޭ މައުލޫމާތުތައް ލިފައިވާ ކަމަށް ލުއިސްމާ ބުންޏެވެ.
މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒޭރު (ވ) އާއި އެ ޓީމުގެ ހެޑް ކޯޗު ލުއިސްމާ ހެންނާޑޭޒް --- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިތަނަށް އައުމުގެ ކުރިން ވެސް އެކަންކަން އެނގިފައި އޮތީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ލީގުގެ ފެންވަރު މައްޗަށް ޖެއްސުމަކީ ހަމައެކަނި މާޒިޔާގެ ޒިންމާއެއް ނޫން ކަމަށެވެ. އެފްއޭއެމާއި ފުޓްބޯޅައިގެ އެހެން ހިއްސާދާރުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ލިތުއޭނިއާގެ ދެވަނަ ޑިވިޝަނުގައި މިދިޔަ އަހަރު މަސައްކަތް ކުރި ތަޖުރިބާކާރު ބުންޏެވެ.
"ފުޓްބޯޅަ ރަނގަޅު ކުރަން ބޭނުމިއްޔާ ރަނގަޅު ވަގުތުގައި ރަނގަޅު އިންވެސްޓް ކުރަން ޖެހޭ. އަހަރެމެން އަހަރެމެންގެ މަސައްކަތް ކުރާނަން. ކޯޗުންގެ ހައިސިއްޔަތުން ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު މަތިކުރަން އަހަރެމެން މަސައްކަތް ކުރާނަން،" ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެކަޑަމީތަކުގައި ކުރިން ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި ލުއިސްމާ ބުންޏެވެ.
ވިއެޓްނާމްގެ ކޯޗުކަމަށް މިދިޔަ އަހަރު ޝައުގުވެރިކަން ފާޅު ކުރި ލުއިސްމާ ބުނީ ފުޓްބޯޅައިން ކުރިއަށް ދިއުމަށް ރާއްޖެއަށް ވެސް އޮތީ ތިން ފޯމިއުލާ ކަމަށެވެ. އެއީ ވަސީލަތްތައް ރަނގަޅު ކުރުމާއި ރަނގަޅު އޮނިގަނޑަކަށް ފުޓްބޯޅަ ހިންގުމުގެ އިތުރަށް އެކަޑަމީތައް ހަރުދަނާ ކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy