ޕެނަމާ ކެނަލް އިން ބޯޓެއް ދަތުރުކޮށްފައި އަންނަނީ: މިތަން އަތުލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައި. -- ފޮޓޯ: އޭއެފްޕީ
23 ޖެނުއަރީ 2025 - 06:49
ޕެނަމާ ކެނަލް އަކީ އެމެރިކާއިން ދިން ހަދިޔާއެއް ނޫން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަށް ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ރައްދު ދެއްވައިފި އެވެ.
"ޓްރަމްޕް ދެއްކެވި ހުރިހާ ވާހަކައަކާ އަޅުގަނޑުމެން ދެކޮޅުހަދަން. ފުރަތަމަ ސަބަބަކީ އެއީ ދޮގެއް ކަމަށް ވާތީ. ދެވަނަ ސަބަބަކީ ޕެނަމާ ކެނަލް އަކީ ޕެނަމާއަށް ނިސްބަތްވާ ކެނަލްއަކަށް ވާތީ އާއި އަދިވެސް ޕެނަމާއަށް ނިސްބަތްވާ ތަނަކަށް ވާތީ،" ސްވިޓްޒަލޭންޑްގެ ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޕެނަލެއްގައި މުލީނޯ ވިދާޅުވި އެވެ.
"ޕެނަމާ ކެނަލް އަކީ އެމެރިކާއިން ދޫކޮށްލި ތަނެއް ނޫން، އެއީ އެމެރިކާގެ ހަދިޔާއެއް ވެސް ނޫން."
ޓްރަމްޕް ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި އަދި އޭގެ ކުރިން ވެސް ތުހުމަތުކުރެއްވި ގޮތުގައި ޕެނަމާ ކެނަލްގެ ކޮންޓްރޯލް މިހާރު އޮތީ އެ ސަރަހައްދަށް ނުފޫޒު ގަދަކުރަމުންދާ ޗައިނާއަށެވެ.
"އެމެރިކާއިން އެތަން ދިނީ ޗައިނާއަކަށް ނޫން. ދިނީ ޕެނަމާ އަށް. އެހެންވެ އެތަން އަނބުރާ އަތުލާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއިން ބިނާކޮށް 1914 ވަނަ އަހަރު ހުޅުވި މި ކެނަލް އެމެރިކާއިން ބިނާކުރި ނަމަވެސް އޭގެ 20 އަހަރު ކުރިން ސޮއިކޮށްފައިވާ މުއާހަދާތަކުގެ ދަށުން ޑިސެމްބަރު 31، 1999 ގައި އެތަން ޕެނަމާއާ ހަވާލުކުރި އެވެ.
ޓްރަމްޕްދެއްކެވި ވާހަކަތަކާ ގުޅިގެން ޕެނަމާއިން ވަނީ، އދ.ގެ ޗާޓަރުގައި އެއްވެސް މެމްބަރަކަށް އެހެން މެމްބަރެއްގެ ސަރަހައްދީ ސިޔާދަތީ ބާރާއި ސިޔާސީ މިނިވަންކަމަށް ބިރު ދައްކައި ބާރުގެ ބޭނުންކުރުން މަނާކޮށްފައި އޮންނަކަން ފާހަގަކޮށް ޝަކުވާކޮށްފަ އެވެ.
ޗައިނާއިން ވެސް ވަނީ އެ ގައުމުން ޕެނަމާ ކެނަލްގެ އެއްވެސް ކަަމަކަށް ނުފޫޒު ނުފޯރުވާ ކަމަށް ބުނެފަ އެވެ.
ރައީސް މުލީނޯ ވިދާޅުވީ ޓްރަމްޕް "ދައްކަވާ ބާވަތުގެ ވާހަތަކުން" ޕެނަމާ ހާސްނުވާނެ ކަމަށާއި ބިރު ވެސް ނުގަންނަ ކަމަށް ވިދާޅުވެ ދެކޮޅުވެރިކަމާ އެކު ރައްދު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
24 January 2025
މުޅި ދުނިޔެއަކީ އެމެރިކާ ކަމުގައި ޓުރަމްޕަށް ހީވާ ހީވުމަކީ އޮޅުމެއްކަމަަށް ޓުރަމްޕަަށް އަންގައިދޭން އެބަޖެހޭ. ޓުރަމްޕު ހިތްހަމަނުޖެހޭގޮތަށް ހިނގާ ކޮންމެކަމެއް ޓުރަމްޕް ބޭނުންވާގޮތަކަަށް ބަދަލެއްވެސް ނުކުރެވޭނެ.
ހަހަހަހަ ހެހެހެހެ
23 January 2025
މިފަހަރު ތިޔަތަން އަތުލާނެ
ޖުމްހޫރީ
23 January 2025
ސަޅި، ޕެނަމާ ކެނެލް ގަ ރިބަނެއް ޖަހާފަ ޑޮނާލްޑް އާ ހަވާލު ކޮށަލަވާ.