ދުނިޔެ / އިންޑިއާ

ގޮތް ނޭނގޭ "ބައްޔަކުން" އިންޑިއާގައި 17 މީހަކު މަރުވުމުން ތަހުގީގުުކުރަނީ

މި މަހުގެ 16 ވަނަ ދުވަހު ކަޝްމީރުގެ އަނަންތުނާގްއަށް ބޯކޮށް ސްނޯ ފައިބަމުން ދާއިރު ބަޔަކު ހިނގާފައި ދަނީ: ކަޝްމީރުގައި، ގޮތް ނޭނގޭ ބައްޔަކުން 17 މީހަކު މަރުވި މައްސަލައެއް ދަނީ ބަލަމުން. -- ފޮޓޯ: އޭއެފްޕީ

26 ޖެނުއަރީ 2025 - 06:55

ޖައްމޫ އާއި ކަޝްމީރުގެ އިންޑިއާއިން ކޮންޓްރޯލްކުރާ ސަރަހައްދުގައި، ގޮތް ނޭނގޭ ބައްޔަކުން 17 މީހަކު މަރުވުމުން ތަހުގީގެއް ފަށައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ޖައްމޫގެ ރާޖްއުރީ ސަރަހައްދުގެ އެކަހެރި އަވަށެއް ކަމަށްވާ ބަދާލްގައި 17 މީހަކު މި ބަލިކަމުގައި މަރުވެފައި ވާއިރު އޭގެ ތެރޭގައި 13 ކުޑަ ކުދިން ހިމެނެ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަފުތާގެ ކުރީކޮޅުން ފެށިގެން އެ އަވަށަކީ "ކޮންޓެއިންމަންޓް ޒޯން" އެއްގެ ގޮތުގައި ކަނޑައަޅައި، ގާތްގަނޑަކަށް 230 މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ.

ރާޖްއުރީގެ ގަވަމަންޓް މެޑިކަލް ކޮލެޖުގެ ވެރިޔާ އަމަރްޖީތު ސިންގް ބާޓިއާ ވިދާޅުވި ގޮތުގައި މަރުވި އެންމެންގެ ސިކުނޑިއަށާއި ނާރުތަކުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

"ސިއްހީ ކުއްލި ނުރައްލުގެ ހާލަތާ ހެދި، ފިނި މޫސުމުގެ ޗުއްޓީތައް ވެސް ވަނީ ކެންސަލްކޮށްފައި،" ބާޓިއާއާ ހަވާލާދީ ޕީޓީއައި އިން ބުންޏެވެ.

މަރުވި އެންމެން ވެސް ނިސްބަތްވަނީ އާއިލީ ގޮތުން ގުޅުން އޮންނަ ތިން އާއިލާއަކަށެވެ.

ފެޑެރަލް ސަރުކާރުން މިކަމާ ގުޅިގެން ތަހުގީގެއް ފަށާފައި ވާއިރު ހެލްތު މިނިސްޓަރު ޖިތެންދުރަ ސިންގް ވިދާޅުވީ ތަހުގީގުގެ ކުރީކޮޅު، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މީހުން މަރުވެފައިވަނީ އެއްވެސް އިންފެކްޝަނެއް، ވައިރަހެއް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން ނޫން ކަމަށެވެ. މިކަން ދިމާވެފައިވަނީ ވިހައެއްގެ ސަބަބުން ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވިހަ މާއްދާތައް ޓެސްޓުކުރުމުގެ ސިލްސިލާއެއް ކުރިއަށް އެބަދޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް އަވަހަށް މިކަމަށް ހައްލެއް ލިބޭނެ. މިއީ މީހަކު ނުވަތަ ބަޔަކު ގަސްތުގައި، ނުރަނގަޅު ނިޔަތެއްގައި ކޮށްފައިވާ ކަމެއްގެ ނަތީޖާ ކަމަށްވާ ނަމަ އެކަމަށް ވެސް ތަހުގީގުގައި ބަލާނެ،" ސިންގް ޕީޓީއައި އަށް ވިދާޅުވި އެވެ.

އެހެން މެޑިކަލް ހާދިސާއެއްގައި، ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޕޫނޭގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ވަރަށް މަދުން ނޫނީ ނުފެންނަ ނާރުގެ ބައްޔެއްގެ 73 ކޭސް ފެނިފައިވާ ކަމަށް ބުނެފަ އެވެ.

މިއީ ގުއިލެން-ބާރޭ ސިންޑްރޯމް (ޖީބީއެސް) ކިޔާ ސިއްހީ މައްސަލައެކެވެ. މިކަން ދިމާވި މީހުންގެ ތެރޭގައި ހިމެނެނީ 26 އަންހެނުން ކަމަށާއި އޭގެ ތެރެއިން 14 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލަކާ ހަވާލާދީ ޕީޓީއައި އިން ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ޖީބީއެސްގައި މީހާގެ ދިފާއީ ނިޒާމުން ޕެރިފެރަލް ނާރުތަކަށް ހަމަލާ ދެ އެވެ. މި ސިންޑްރޯމްގެ ސަބަބުން، މަސްތަކުގެ ހަރަކާތް ކޮންޓްރޯލްކުރާ ނާރުތަކަށް އަސަރުކޮށް، މަސްތައް ބަލިކަށިވެ، އަތާއި ފައިގެ އިހުސާސްތައް ކެނޑި، ބަލި ޖެހިފައިވާ މީހުންނަށް އެއްޗެހި ދިރުވުމަށާއި ނޭވާލާން އުނދަގޫވެ އެވެ. -- އޭއެފްޕީ

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454