26 ޖެނުއަރީ 2025 - 06:33
(ބުދަ ދުވަހާ ގުޅޭ)
"އަހަރެން ބޭނުމެއް ނޫން ތޫބާ ދެރަކުރާކަށް." ރާއިދު އެ ހިސާބުން ތޫބާ ހުއްޓުވިއެވެ.
ތޫބާ ބޭނުންވީ އެ ގޮތެވެ. އެ ރޭވުން ކާމިޔާބުނުވި ނަމަ، އެހެން ގޮތަކުން ނަމަވެސް ރާއިދު ލައްވައި އެހެން ބުނުވަން ތޫބާ ހުރީ މާ ކުރިއްސުރެ ތައްޔާރު ވެގެންނެވެ. ލިބުނު ދަނޑިވަޅުގައި އެހެން އުކުޅެއް ވެސް ތޫބާ ބޭނުންކުރިއެވެ.
"އެއްވެސް މީހަކަށް ނޭނގޭނެ ލައިފެއް ފެށޭނީ ކާކާ އެއްކޮށްކަމެއް،" ގިސްލަމުން ތޫބާ ބުންޏެވެ. "އަހަންނަށް ވެސް މީހުންނާ ދިމާވާނެ. ރާއިދަށް ވެސް ލައިފްގަ ހުންނާނެ މީހުންނާ ދިމާވެފަ. މެރީ ނުކޮށްފާނެ އެކަމަކު ލޯބިވާ މީހުންނާ ދިމާވެފަ ހުންނާނެކަން ޔަގީން."
ރާއިދު ހިތަށް އެރިއެވެ. އެއީ ތެދެކެވެ. ރާއިދަށް ފުރަތަމަ ދިމާވީ ނަޖާތެވެ. ތަންކޮޅެއް ލަސްވި ނަމަ ނަޖާތާ ކައިވެނި ވެސް ކުރެވުނީހެވެ. އެއީ މައްސަލައެއް ނޫނެވެ. ކުށެއް ވެސް ނޫނެވެ.
"ލައިފްގަ ކުރެވޭ ބޭޑް އެކްސްޕީރިއަންސް ކޮންމެ މީހަކު ވެސް ބޭނުންވާނީ ހަނދާން ނައްތާލަން،" ތޫބާ މަޑުމަޑުން ބުންޏެވެ.
"ފެންނަ ކޮންމެ މީހަކަށް، އިރުއިރުކޮޅާ ކިޔައިދޭކަށް ބޭނުމެއް ނުވާނެ. އެކަމަކު ރާއިދަށް ކިޔައިދޭން އުޅެނިކޮށް ތި އެނގުނީ. ރާއިދަށް އަހަންނަށް ޓްރަސްޓު ނުކުރެވެންޏާ އަހަންނަށް އޯކޭ ރުޅިވިޔަސް. އެކަމަކު އަހަންނަށް ރާއިދު ވަރަށް މިސްވާނެ."
ތޫބާ އެހެން ބުނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފައެވެ. ފުމެންޖެހޭ ގޮށްތަކަށް ފުމެ، ކުރަހަންޖެހޭ އަކަތައް ވެސް ކުރަހައިފައެވެ. އަނދިރީގައި ބަހައްޓާފައި ހުރި ރާއިދަކަށް އެއިން އެކައްޗެއް ވެސް ނޭނގެއެވެ.
"މިހާރު ބުނެފީމެއްނު ދެން ތި ވާހަކަ ހުއްޓާލާށޭ!" ރާއިދު އަނެއްކާ ވެސް ބުންޏެވެ. "ސަޕްރައިޒެއް ދެންތަ؟ މިރޭ އަހަރެން މަންމަ ކައިރީގަ ބުނާނަން އަހަރެން ތޫބާއާ މެރީކުރަން ބޭނުމޭ!"
ހިތުގެ އަޑިން ތޫބާ ވަރަށް އުފާވިއެވެ. ބޭރުފުށުން ދެއްކީ ހިތާމައެވެ. ކުލައެއް ނެތް ކަރުނައިން ރާއިދުގެ ހިތް ލޯބިން ތެންމައި ފޯކޮށްލެވޭނެކަން ތޫބާއަށް ރަނގަޅަށް އެނގެއެވެ. އެއީ ތޫބާ އަލަށް ކުރާ ކަމެއް ނޫނެވެ.
"ރާއިދުގެ ފެމެލީ ނޭނގެއެއްނު އޯކޭ ވާނެ ކަމެއް،" ތޫބާ ވަރަށް ދެރަވެފައި ބުންޏެވެ. "ކުރިން މެރީކޮށްފަ، ކިޑެއް ވެސް ހުރި މީހަކާ.."
"ތޫބާއާ މެރީ ނުކުރެވިއްޖެއްޔާ އެކަކާ ވެސް އަހަރެން މެރީއެއް ނުކުރާނަން،" ރާއިދު ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "މަންމަ އޯކޭވާނެ. ބައްޕައަކަށް ނޯންނާނެ އެހެން ޗޮއިސްއެއް."
ސަލްވާ އިނީ ހައިރާން ވެގެން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ. ތޫބާއަކީ ސަލްވާ ދަންނަ ކުއްޖެކެވެ. އެ ކަން އެނގުނީ ރާއިދު ފޮޓޯ ދެއްކުމުންނެވެ. ރާއިދަށް ވުރެ ތޫބާ ދޮށިވާނެކަން ވެސް ސަލްވާއަށް ޔަގީނެވެ. ތޫބާގެ އާއިލާއާ ބެހޭ ގޮތުން އަރައިފައި ހުރީ ސަލްވާގެ ކަންފަތަށް ފަސޭހަ އަޑުތަކެއް ނޫނެވެ. ކުރިން މީހަކާ އިނދެފައި ހުރި ކުއްޖަކާ ރާއިދު އަލަށް އިންނާކަށް ސަލްވާ ހިތްހަމައެއް ނުޖެހެއެވެ. ތޫބާގެ ދަރިއަކު ހުރުމަކީ ދެވަނަ މައްސަލައެވެ. އަނެއް ކޮޅުން ރާއިދަކީ ނަޖާތު ނޫން ކުއްޖަކާ ނީންނަން ހުރި މީހެކެެވެ. އެހެނަސް، ރާއިދު ހުރީ ކުޑަކޮށް ވެސް ދޫދޭ ގޮތަކަށް ނޫނެވެ.
"ނަޖޫއަކީ މިހާރު ޕާސްޓް،" ވަރަށް ފަސޭހައިން ރާއިދު ބުނެލިއެވެ. "ދެން އެ ޗެޕްޓަރ ކްލޯސް ކޮށްލާ!"
"މަންމަމެން ދަންނަ، އެހާ ރަނގަޅު ކުއްޖަކު..." ސަލްވާއަށް ބުނެވުނީ އެ ހިސާބަށެވެ.
"މަންމާ!" ރާއިދު ބުނެލިއެވެ. "ތޫބާގެ ވާހަކަ ދައްކާށޭ ބުނެފީމެއްނު!"
"ތޫބާގެ ވާހަކަ ވެސް ދެއްކިދާނެ،" ސަލްވާ މަސައްކަތްކުރީ ދަރިފުޅަށް ވިސްނައިދެވޭތޯ އެވެ. "ހިނގާ ބަލަމާ ކުރިން މީހަކާ އިނދެފަ ހުރުން އެއީ މައްސަލައެއް ނޫން ކަމަށް. އެކަމަކު ދަރިއަކު ހުރީމަ ކުރީގެ ފިރިމީހާޔާ އޮންނަ ގުޅުމެއް ނުކެނޑޭނޭ ދަރިފުޅާ! އިރުއިރުކޮޅާ އެ ކުއްޖާއާ ބައްދަލުކުރަން ބައްޕަ އަންނާނެ."
"ކިޑް ހުންނަނީ ބައްޕަ ކައިރީގައޭ މަންމާ!" ރާއިދު ބުންޏެވެ. "އެ ނުވާނެ އިޝޫއަކަށް."
"ދަރިފުޅަށް އެނގޭތަ.." އެ ހިސާބަށް ބުނެފައި ސަލްވާ ހުއްޓައިލިއެވެ.
ރާއިދު އިންތިޒާރުކުރީ މަންމަ އެ ޖުމުލަ ފުރިހަމަކުރާނެ ވަގުތަކަށެވެ. އެ ކަމެއް ނުވިއެވެ. ސަލްވާ ބުނަން އުޅުނު ވާހަކަ ނުބުނީ، ރާއިދުގެ ދުލުން އެ ވާހަކަ ތޫބާއާ ހަމައަށް ހިނގައިދާނެތީއެވެ. އެހެން ވެއްޖެ ނަމަ، އަންބެއްގެ ބަދަލުގައި ގެއަށް އަންނާނީ ނަގޫރޯޅިއެކެވެ. ރޫޅި، ފުނޑުފުނޑު ވެގެންދަނީ ސަލްވާގެ އާއިލާއެވެ. އެހެން ވާކަށް ސަލްވާ ބޭނުމެއް ނޫނެވެ.
"ކީކޭ މަންމަ ބުނަން ތި އުޅުނީ؟" ރާއިދު އެހިއެވެ.
"ދެން އަޅާނުލާ!" ސަލްވާ ބުންޏެވެ. "މަންމަ މި ރޭ ބައްޕަޔާ ވާހަކަ ދައްކާނަން. ވަރަށް އުނދަގޫވާނެ ބައްޕަ އެއްބަސް ކުރުވަން. މަންމަ ބަލާނަން އެއްބަސްކުރުވޭތޯ. އެކަމަކު، ބައްޕަ ނޫނެކޭ ބުނެފިއްޔާ މަންމަ ވެސް ނިންމާނީ ހަމަ އެހެން."
ރާއިދު ވިސްނައިލިއެވެ. ބައްޕަ އެއްބަސްނުވާނެހެން ރާއިދަށް ވަރަށް ހީވެއެވެ. ހާޝިމް ގެއަށް އައި އިރު ސަލްވާގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ.
"ކިހިނެއްވީ؟" ހާޝިމް އެހިއެވެ.
އެ ވަގުތު ރާއިދު ގެއަކު ނެތެވެ. އެހެން ނަމަވެސް، ކޮޓަރިއަށް ވަދެވެންދެން ސަލްވާ އެއްޗެއް ނުބުނެ އިނެވެ. ދައްކަންޖެހޭ ވާހަކައިގެ ގޮތުންނެވެ.
"އަހަރުމެންގެ ދަރި ބޭނުންވެއްޖެ މީހަކާ އިންނަން." ކޮޓަރީގެ ދޮރު ލައްޕައިފައި ސަލްވާ ބުންޏެވެ.
"އެ ކަމާ އުފަލެއްނު ވާންވީ،" ވަރަށް ހަމަޖެހިލާފައި ހާޝިމް ބުންޏެވެ. "ހާމިދާގެ ދަރިފުޅު ދޯ؟"
ހާޝިމްގެ ހިތުގައި އެ ޝައްކު އުފެދުނީ ކިހިނެއް ކަމެއް ސަލްވާއަކަށް ނޭނގެއެވެ. އެހެނަސް، އޭގެ ސަބަބުން ސަލްވާގެ ހިތަކަށް ލުޔެއް ނުވިއެވެ. ރާއިދު އިންނަން އުޅޭ ކުއްޖާގެ ނަން ބުނަން ސަލްވާ ޖެހުނީ އިތުރު ހިތްވަރެއްލާށެވެ.
"އަހަރެން ވެސް ބޭނުންވީ ތިހެން ވާން،" ސަލްވާ ބުންޏެވެ. "ރާއިދު ވެސް އެހެން ކިއީ. ނަޖޫ އެއްބަސް ވެސް ވެއްޖެ! އެކަމަކު ޓަސްލާފަ މިއަދު ބުނެފި... ތޫބާޔާއޭ އިންނާނީ. އެއްކަލަ އާދަންމަނިކުގެ ދަރިފުޅު."
ސަލްވާ އާއި ހާޝިމް ދަންނަނީ، ތޫބާއަށް ވުރެ ތޫބާގެ އާއިލާއެވެ. ތޫބާގެ ބައްޕައެވެ. އާދަންމަނިކާ ބެހޭ ގޮތުން އަރާފައި ވަނީ ރީތި އަޑެއް ނޫނެވެ.
"ނުވާނެ އެހެނެއް،" ހައިރާން ވެފައި ހާޝިމަށް ބުނެވުނެވެ. "އެއީ ކާކު ރާއިދު އިންނަން؟ ފީކަޅާ ބައެއް އެއީ. އެ ތޫބާ ކުރިން އިން މީހާޔާ އެއްކޮށް ވެސް ނޫޅެވުނު."
"ނޫޅެވޭނެއްނު!" ޖެހިލުމެއް ނެތި ސަލްވާ ބުންޏެވެ. "ސިހުރު ހަދައިގެންނޭ އިނީ! ކާކަށް އެ ކަން ނޭނގެނީ؟
ބޭނުމެއް ނޫން މިހެން ބުނާކަށް އެކަމަކު އަހަންނަށް ކަށަވަރު ރާއިދަށް ވެސް ސިހުރު ހަދާފަ ހުންނާނީ. މި ގެއަށް އައިސް މި ގޭ އެންމެނަށް ވެސް ސިހުރު ހަދާނެ. ޔަގީން ކަށަވަރު. ރާއިދަކީ ނަޖޫއާ ނީނދެވިއްޖެއްޔާ ހުސްހަށިބަޔަށޭ ހުންނާނީ ބުނި ކުއްޖެކޭ! ޓަސްލާފަ މިހާރު އެ ތޫބާއަކަށް ގޮސް ހުސްވެފަ."
"ތި ތޫބާއަކާ އިންނާކަށް އަހަރެން ގަބޫލެއް ނޫން." ހާޝިމް ވަގުތުން ނިންމިއެވެ.
"އަހަރެން ވެސް ގަބޫލެއް ނޫން،" ސަލްވާ ވެސް ހަމަ އެ ރާގުގައި ބުންޏެވެ. "އެކަމަކު ސިހުރުގެ ވާހަކަ ރާއިދަށް އެނގިއްޖެއްޔާ ގޯހުން ގޯހަށް ދާނީ. އޭނަ ގޮސް އެ ވާހަކަ ބުނާ އިރަށް ދެން ނޭނގެ އަހަރުމެންގެ ދަރިއަށް ކޯޗެއް ކަމެއް ކާންދޭނީ. އެހެން ނުބުނެ ދުރުކުރަންޖެހޭނީ. މި ޖެހުނީ ވަރުގަދަ ކަމަކާ!"
ރާއިދަކީ، މައިންބަފައިންގެ ރުހުމާ ދެކޮޅަށް އެއްވެސް ކަމެއް ކުރި ކުއްޖެއް ނޫނެވެ. ނަޖާތުއާ އިންނަން ފާޅުގައި މަސައްކަތް ފެށީ ވެސް މަންމަ ރުހުނީމައެވެ. އެހެންކަމުން، ތޫބާގެ ކައިވެންޏަށް މައިންބަފައިން ނުގަބޫލުވުމުން ރާއިދުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ދެން ހަދާނެ ގޮތެއް ނޭނގި، އެ ވާހަކަ ތޫބާ ގާތުގައި ބުނާނެ ގޮތަކާ މެދު ރާއިދު ވިސްނަން ފެށިއެވެ. ތޫބާގެ ދަޅައިގައި ޖެހި ރާއިދުގެ ދެލޯ ހުރީ އަނދިރިވެފައެވެ. އެއް އޮފީހެއްގައި އުޅޭތީ، ކޮންމެ ދުވަހަކު ރާއިދު އާއި ތޫބާ ދިމާވެއެވެ. ކައިވެނީގެ އެއްވެސް ވާހަކައެއް ރާއިދު ނުދައްކައެވެ. ބުނާނެ މޮޅު ގޮތެއް ވިސްނެންދެން ލަސްކޮށްލައިގެން ހުރީއެވެ. އެހެން އުޅެނިކޮށް ތޫބާއަށް ޝައްކުވާން ފެށިއެވެ. ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރާއިދު އެހެން ވާހަކައެއް ފަށާތީއެވެ. ތޫބާ ކުރީ މޮޅު ސުވާލެކެވެ.
"ރާއިދު ބޭނުމެއް ނޫން ދޯ އަހަންނާ މެރީ ކުރާކަށް؟" ތޫބާ އެހިއެވެ.
ހަގީގަތް ހާމަކުރަން ރާއިދު ފަސްޖެހުނެވެ. ދެން ބުނާނެ އެއްޗެއް ނޭނގުނެވެ.
"އަހަންނަށް ހީވެއްޖޭ!" ރުޅި އައުމުގެ ބަދަލުގައި ތޫބާ ދެރަވި ކަމަށް ހެދުނެވެ. "ރާއިދު އަހަރެން ދެކެ ލޯތްބެއް ނުވޭ!"
"ތިހެން ނުބުނޭ ތޫބާ!" އާދޭހާ އެކުގައި ރާއިދު އެދުނެވެ. "ކޮންމެ އެއްޗެއް ބުންޏަސް ތިހެން ބުނެގެން ނުވާނެ. ތޫބާއާ މެރީ ނުކުރެވިއްޖެއްޔާ އަހަރެން ހުންނާނީ ސިންގަލްކޮށް. ތޫބާ ކިތަންމެ ބައިވަރު މީހުނަކާ އިނަސް، ކިތަންމެ ކުދިންނެއް ތިއްބަސް އަހަންނަށް ހެޔޮ. މި ބުނީނު ހެވޭ!"
"އޯ އެހެންތަ؟" ތޫބާ ބުނެލިއެވެ. "އެއީ ދޯ މައްސަލައަކީ؟ އަހަރެން ބުނީމެއްނު އޯކޭއެއް ނުވާނޭ!"
ރާއިދަކަށް ދެން ވެސް އެ ސަބަބު ގަބޫލެއް ނުކުރެވުނެވެ. ތޫބާ ވަރަށް ބުއްދިވެރިއެވެ. ރާއިދުގެ މައިންބަފައިންނާ ދެކޮޅަށް ތެދުވަން ހިތްވަރު ދިނުމުގެ ބަދަލުގައި ތޫބާ އަމިއްލައަށް ނިކަމެތިވީއެވެ. ހަތިޔާރަކަށް ބޭނުންކުރީ ކަރުނައެވެ. އޭގެ ސަބަބުން ރާއިދަށް ހިތްވަރު ލިބޭނެކަން ތޫބާއަށް ރަނގަޅަށް އެނގެއެވެ.
"އަޅާނުލާ!" ކަރުނަ އޮހޮރަމުން ތޫބާ ބުންޏެވެ. "ފެމެލީ ބުނާ ގޮތް ހަދަން ވާނެ. އަހަންނަށް ވުރެ ފެމެލީ މާ އިންޕޯޓަންޓް ވާނެ. އަހަންނަށް އެނގޭ އަހަރެންގެ ޕާސްޓް އަބަދު ވެސް އަހަރެންގެ ފަހަތުން އަންނާނެކަން. އެހެން ނޫނަސް ރާއިދުގެ ޗައިލްޑްހޫޑް ސްވީޓްހާޓަކީ ނަޖޫއެއްނު! އަހަންނަށް އެނގޭ އެ ކަން. އަހަރެންގެ އެންމެ ކްލޯސް ފްރެންޑަކީ ކަރުނަ. ކުރިން ވެސް މިހާރު ވެސް.. ވިޝް ޔޫ ދަ ބެސްޓް!"
ފަރުވާތެރިކަމާ އެކު ތޫބާ ބޭނުންކުރި ލަފުޒުތައް، ކަށިތަކެއް ފަދައިން ރާއިދުގެ ހިތަށް ހެރުނެވެ. ހިލިގެންދިޔައީ ލޭ އެކަންޏެއް ނޫނެވެ. ޖޯޝް ވެސްމެއެވެ. ކަރުނައިން ރާއިދު ބަލިކަށިކޮށްލުމަށް ފަހު، ސިހުރުގެ ވާތައް ފުރައި، މަކުނުވާގަނޑެއްގައި ޝިކާރައެއް ހައްޔަރުކޮށްލާހެން ރާއިދު ހައްޔަރު ކޮށްލިއެވެ. ގެއަށް އައިސް ރާއިދު އެނދުގައި އޮށޯތް ގޮތަށް ނުވެސް ނުތެދުވިއެވެ. އޮފީހަކަށް ނުދިޔައެވެ. ފެނެއް ނުވަރައެވެ. ކާން ވެސް އެއްބަސް ނުވިއެވެ. ތޫބާގެ ބައްޕަ ހަދައިދިން ސިހުރު ހަގީގަތުގައި ވެސް ތަތްކޮށްފައި ހުރީ، ފައިދިގުމަކުނެއް ފުރާފައި ހުރި މަކުނުވާގަނޑެއްގައެވެ. އެއީ މަރުގެ އެތިފަހަރެކެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާޝޯހު
26 January 2025
ވާހަކަ ވަރަށް ރީތި
ރެހެންދިގޮމާފުޅު
26 January 2025
މިއީ ހާދަ ވަރުގަދަ ސިހުރެއް، ތޫބާ މިހާ މޮޅިއްޔާ ގައުމެއްގެ ވެރިކަން ވެސް ކޮއްފާނެ، ހަމަ ހީވަނީ ދަ ލިޓިލް މާމެއިޑު ކާޓޫނުގަ އުޅޭ ބޯވަހެން. މާބޮޑަށޭ ހަގީގަތާ އެއްވައްތަރީ